އިންސާނީ ޙައްޤުތަކަކީ، ޤަނޫނުތަކެއްގައި ލިޔެގެން އެކަނި ކަށަވަރުކޮށްދެވޭނޭ އެއްޗެއް ނޫންކަމަށާއި، އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި، އިންސާނީ ކަރާމާތަށް އިޙްތިރާމްކުރުމުގެ އުޞޫލުތައް ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރޭގައި އަށަގަންނުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޙަފްލާގައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހިޔުމަން ރައިޓްސް ކޮމިޝަނުން ކުރަމުންގެންދާ ބުރަ މަސައްކަތްތައް ސަރުކާރުން ފާހަގަކުރައްވާ ކަމުގައި ވިދާޅުވެ، އެކަންކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމިޝަންގެ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނޭ ޔަޤިންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވާ އުޞޫލުތަކަކީ ދައުލަތުން ބަލައިގަންނަ އުޞޫލުތަކެއްކަމަށާއި، އަދި އެ އުޞޫލުތައް ނެގެހެއްޓުމުގެ ކަންކަން ސަރުކާރުން ކުރާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖެއަކީ މުސްލިމް ދައުލަތަކަށްވީތީ، ބައިނަލްއަޤްވާމީ މައިދާނުގައި ޤަބޫލުކުރާ ހުރިހާ މިނިވަންކަމެއް ރާއްޖޭގައި ދެވެން ނޯންނާނެކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ސިޔާސާތުތަކާއި އުޞޫލުތައް ބިނާކުރެވެންވާނީ، އިސްލާމްދީނުގައި އެކަންކަމަށް ކަނޑައަޅާފައިވާ އިންތަކުގެ ތެރެއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ބާރުގަދަ ޤައުމުތަކުން، އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، ދުނިޔޭގެ ބައެއް ހިސާބުތަކުގައި ދިރިހުރުމުގެ ޙައްޤުތަކުން މަޙުރޫމްވާ މީހުންގެ ޙާލު އެފަދަ ޤައުމުތަކަށް ނުފެންނަ ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އެންމެ ފުރިހަމަ މިސާލަކީ ފަލަސްޠީނުގެ ޙާލަތުކަމަށާއި، ފަލަސްޠީނުގެ މައްސަލައިގައި ފާސްކުރެވިފައިވާ އ.ދ. ގެ ޤަރާރުތައް މަދުނުވާނޭކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ މުޖްތަޢުގެ ހަވާސާގައި ތިބި ފަރާތްތައް މުޖްތަމަޢުގެ ހަވާސާއިން ނެރެ، މުޖްތަމަޢުގައި އެ ފަރާތްތަކަށް ޙައްޤު މަޤާމު ހޯދައިދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާނޭ ޚިދުމަތްތަކާއި، އަދި އެފަރާތްތަކުގެ ތަޢުލީމާއި، ޞިއްޙީ ފަރުވާއާއި، އަދި ތަމްރީނުތަކުގެ ދާއިރާއަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނޭ ދާއިރާތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ މިދިޔަ 2 އަހަރު މި ދާއިރާއިން އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި، ކުރިޔަށް އޮތްތާނގައި މިމަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދަވާނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމް ދިނުން ފުޅާކުރައްވާނޭ ކަމަށާއި، އަދި އެކުދިންނަށް މަސައްކަތް ދަސްކޮށްދީ، އާމްދަނީ ހޯދުމުގެ މަގުފަހިކުރުމުގެ ގޮތުން ކްރާފްޓްސް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މުޖްތަމަޢުގައި ޚާއްޞަ އަޅާލުމެއް ދޭންޖެހިފައިވާ އަނެއް ބަޔަކީ އަންހެނުންކަން ފާހަގަ ކުރައްވައި، އަންހެނުންނާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، އެކަނބަލުންނާ މެދު ކުރެވޭ ޖިންސީ އަދި ގެވެށި އަނިޔާއަކީ އެއްވެސް ޙާލެއްގައި މިސަރުކާރުން ބަލައިގަންނާނޭ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި، އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެކަނބަލުންނަށް މުޖްތަމަޢުގައި ޙައްޤު މަޤާމު ހޯދައިދިނުމުގައި އެންމެ ބޭނުންވެފައިވާ ކަމަކީ، އެބޭފުޅުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުން ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ޢައްޔަނުކުރައްވާ ބޯޑުތަކުގެ %40 އަކީ އަންހެނުންކަމުގައި ހެއްދެވުމުގެ ލަނޑުދަނޑި މިހާރުވަނީ ގާތްގަނޑަކަށް ޙާޞިލުވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، އަންހެނުންނަށް ވަޒީފާ އަދާކުރުމަށް އެންމެ ދަތި ދުވަސްތައް ކަމުގައިވާ މާބަނޑު ދުވަސްތަކުގައި ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނޭ ގޮތް އަންނަ ޖަނަވަރީ 1 އިން ފެށިގެން ހަމަޖެހޭނޭކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމާލެއްވީ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތަކީ ދުވަހަކުވެސް ފުރިހަމަވާނޭ އެއްޗެއް ނޫންކަމުގައި ވިދާޅުވެ، ވުމާއެކު، މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި، މަސައްކަތް ކުރިއަށް ގެންދިއުމަށް މިދާއިރާގެ އެންމެހައި މަސައްކަތްތެރިންނަށް ހިތްވަރުދެއްވަމުންނެވެ.