ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މުއާހަދާގެ އަތްމަތީ ފޮތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ވެބްސައިޓް "ކެން ޑޫ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި އަތްމަތީ ފޮތާއި ވެބްސައިޓަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ "އާކް" އިން އިސްނަގައިގެން ކޮށްފައިވާ ދެ މަސައްކަތެވެ.

މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުތަކާމެދު މުޖުތަމަޢުގެ ހުރިހާ ފަރުދުންވެސް ހޭލުންތެރިވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި މި ޙައްޤުތައް ތިމާއަށް އެނގުމަކީ ތިމާގެ މަދަނީ ޒިންމާއަކަށްވުމުގެ އިތުރުން، އެ ޙައްޤުތައް ހޯދުމަށް މަސައްކަތް ކުރުމަށް ބާރަކަށްވެގެންދާނެ ކަމެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

"ކެން ޑޫ" ވެބްސައިޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް ރާއްޖޭގައި ފަރުމާކުރެވުނު ފުރަތަމަ ވެބްސައިޓެވެ. މި ވެބްސައިޓުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދޭ ފަރާތްތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލާ އިރުތިޝާމް އާދަމާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާ އަލްފާޟިލާ އާމިނަތު އީނާސް ބައިވެރިވެވަޑައިގެންނެވިއެވެ.