ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި، 47 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްލަވާލައްވައިފިއެވެ. ބުދަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި އޮތް މިމެޗްގައި ދިވެހި ސިފައިންގެ ކްލަބާ ބައްދަލުކޮށް 3 ސެޓު 1 ސެޓުން މެޗް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިޔަންކަން ހޯދާފައިވަނީ، މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ.

މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މި ޑިސެންބަރު މަހުގެ 4 އިން 9 އަށް ކުރިއަށްދިޔަ 47 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 3 ޓީމް ވާދަކޮށްފައިވެއެވެ.

ފައިނަލް މެޗަށްފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިޔަންކަން ހޯދި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބަށް ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިއީ ޤައުމީ އެއާލައިންގެ ޓީމު، މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ރަނަރަޕް ދިވެހި ސިފައިންގެ ކްލަބަކީ ޤައުމީ ވޮލީބޯޅަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލް އަޙްމަދު ޡުހޫރާއި، ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ރިޔާޒް މެޗު ބައްލަވާލެއްވިއެވެ.