ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މަކީޓާ، ޤައުމީ ފެތުމުގެ 40 ވަނަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

މިމުބާރާތުގައި 12 ޓީމް އަދި 148 ފެތުންތެރިން ހިނެއެވެ. މަކީޓާ، ޤައުމީ ފެތުމުގެ 40 ވަނަ މުބާރާތް ބޭއްވުނީ 29 ނޮވެމްބަރުން 5 ޑިސެމްބަރުގެ ނިޔަލަށެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން ރާއްޖޭގައި ޑިސްޓްރިބިއުޓްކޮށް މާކެޓްކުރަމުންދާ މަކީޓާ އެވެ.

އާދިއްތަ ދުވަހު ހަވީރު ފަތާ ޓްރެކް ސަރަޙައްދުގައި އޮތް މި ރަސްމިއްޔާތުގައި، މުބާރާތުގެ ޙާއްޞަ ވަނަތަކަށްދިޔަ ފަރާތްތަކަށް އިނާމް ދެއްވުން އޮތެވެ. މިގޮތުން މުބާރާތުގެ ފިރިހެން ބައިން 1 ވަނަ ފެތުންތެރިޔާއާއި ޗެންޕިއަން ޓީމަށް ތައްޓާއި، އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި މުބާރާތުގެ އަންހެން ބައިން 1 ވަނަ ފެތުންތެރިޔާއާއި ޗެންޕިއަން ޓީމަށް ތައްޓާއި، އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފެތުމުގެ 4 އިވެންޓެއް ބައްލަވާލެއްވިއެވެ.