ސިއްޙީ ދާއިރާއިން އެހެން ޤައުމުތަކުން ކުރަން ބުނެ ނުކުރެވޭ ގިނަ ކަންކަން ރާއްޖެއިން ޙާޞިލް ކޮއްފިކަމަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ފޯ ސައުތް-އީސްޓް އޭޝިޔާ، ޑޮކްޓަރ ޕޫނަމް ކެތްރެޕާލް ސިންހް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އެކަމަނާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، ދިވެހިރާއްޖެ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ މެމްބަރު ޤައުމެއްގެ ގޮތުގައި 50 އަހަރު ފުރުން ފާހަގަކުރުމައްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު، ދަރުބާރުގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރާ ހިއްޞާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްޙީ ޚިދުމަތްތައް ހޯދޭނެ ނިޒާމެއް ޤާއިމްކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރީޖަނަލް ޑިރެކްޓަރާއި ރައީސުލްޖުމްހޫރިއްޔާ ޚިޔާލު ބަދަލުކޮށްލެއްވިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއާ ގުޅިގެން ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަމާއި ބެހެގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ސިއްޙީ ދާއިރާގައި މިހާރު ހުރި ވަޞީލަތްތަކާއި، ގޮންޖެހުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ޕޫނަމް ސިންހްގެ ވާހަކަފުޅުގައި ސިއްޙީ ދާއިރާއިން، ދިވެހިރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަކީ ދުނިޔޭގެ ނިސްބަތުން، ފާހަގަ ކޮށްލެވޭފަދަ ތަޢުރީފް ޙައްޤު ކާމިޔާބީތަކެއްކަމުގައި ސިފަކުރެއްވިއެވެ. އަދި، ރާއްޖޭގެ ސިއްޙީ ދާއިރާގެ ކަންކަން އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ އެހީތެރިކަން، އެޖަމްޢިއްޔާއިން އަބަދުވެސް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލާ އިރުތިޝާމް އާދަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.