ޤައުމު ބިނާކުރަނިވި ކަންކަމުގައި ކުރިއަށް ދިއުމަށް ދިވެހި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ޓީ.ސީ. ސްޕޯޓްސް ކްލަބް، 2015 ވަނަ އަހަރު ލިބުނު ކާމިޔަބީ ފާހަގަ ކުރުމަށްޓަކައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަލުތަގެ ތޭރިތަކުގެ ފަހަތަށް ދާ ފަދަ ކަންކަން ނުކުރުމަށް ޒުވާނުންނަށް ގޮވައިލެއްވިއެވެ. އަދި، ކިތަންމެ ވަރަކަށް ޒުވާނުންގެ އެޖެންޑާއަކާއެކު ޒުވާނުން ގޮވައިގެން ކުރިއަށްދާން ބޭނުންފުޅުވިޔަސް، ޤާނޫނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ކޮށްދެއްވޭނެ ކަންކަމާއި ކޮށްނުދެއްވޭނެކަންކަން ހުންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމު ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ޒުވާނުންކަން ފާހަގަކުރެއްވިއެވެ. އަދި އެހެންކަމުން، ޒުވާނުންނަކީ ބިނާ ކުރަނިވި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް ފުދުންތެރި ކުއްޖަކަށްވުމުގެ އިތުރަށް މުޅި ރާއްޖެއަށް ޚިދުމަތްކުރާ ކުއްޖެއްގެ ގޮތުގައި ރާއްޖެ ބަލައިގަންނާނެ ކުއްޖެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.