ނެދަލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ ޖޮއޭން ޑުރނެވާރޑް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ނެދަލެންޑްސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ނެދަލެންޑްސްގެ އާ ސަފީރުގެ ދައުރުގައި ރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު އިތުރަށް ގުޅުން ބަދަހިވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ނެދަލެންޑްސްއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އިޤްތިޞާދީ ދާއިރާއިންނާއި، އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތިމާވެށި ރައްކާތެރި ކުރުމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން ނެދަލެންޑްސްގެ ސަފީރާއެކު ޚިޔާލު ބަދަލު ކޮށްލެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ނެދަލެންޑްސްގެ އާ ސަފީރު ޚިޔާލު ބަދަލުކޮށްލެއްވިއެވެ. މިގޮތުން ޚާއްޞަގޮތެއްގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ދުނިޔޭގެ ތިމާވެއްޓަށް ކުރިމަތިވަމުންދާ މައްސަލަތައް ޙައްލު ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުންވެސް ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވަމީ މައިދާނުގައި ރާއްޖެއާއި ނެދަލެންޑްސްއިން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ދެއްވިއެވެ.

‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.