27 ނޮވެންބަރު 2015 އިން ފެށިގެން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އިތިޒާމްކޮށްގެން، މާލޭގައި ބޭއްވި މުޒާހަރާތަކަށް އެ ފަރާތުން އިޢުލާނުކޮށްފައިވާ ވަގުތު ހަމަވެފައިވާކަން ފާހަގަކުރަމެވެ. އަދި އެމް.ޑީ.ޕީން ކޮށްފައިވާ މުޒާހަރާތަކުގައި ސަރުކާރަށް ހުށައަޅާ ހުށައެޅުންތަކެއް އިޢުލާނުކޮށްފައިވެއެވެ.

އެމް.ޑީ.ޕީގެ މުޒާހަރާގައި ހުށަހަޅާފައިވާ މައިގަނޑު ކަމަކީ، ޖިނާޢީ ކުށުގެ ތުހުމަތުގައި އެމީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާ ނުވަތަ ޙުކުމް ކުރެވިފައިވާ ބަޔަކު، ދޫކޮށްލުމުގެ ވާހަކަކަން ފާހަގަކޮށް، މިކަންކަމުގައި ސަރުކާރުގެ ދައުރެއްނެތް ކަން ފާހަގަކުރަމެވެ. އަދި މިއަހަރުގެ ޑިސެންބަރު މަހު ކޯޓުތައް ޗުއްޓީއަށް ނުދާނޭކަން ސުޕްރީމް ކޯޓުން އިޢުލާނުކުރައްވާފައިވާތީ، އެކަމަށް މަރުޙަބާކިޔައި، ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން ޙައްލު ހޯއްދެވުމަކީ، އެކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ފާހަގަކޮށް، އެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ގޮވާލަމެވެ.

ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭގޮތުން، ޖިނާޢީ ބޮޑެތި މައްސަލަތަކަކީ ސަރުކާރުން އެއާ ދެކޮޅަށް އަބަދުވެސް މަސައްކަތްކުރާނޭ ކަންކަމެވެ. ވުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ދުސްތޫރީ އަދި ޤާނޫނީ ގޮތުން މިނިވަންކުރެވިފައިވާ މުއައްސަސާއަކަށްވާކަން ފާހަގަކޮށް، އެފަދަ މައްސަލަތަކުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތަކަށް ދޭންޖެހޭ މާލީ، ޤާނޫނީ އަދި އެހެނިހެން އެހީތެރިކަން ސަރުކާރުން އަބަދުވެސް ފޯރުކޮށްދޭނޭކަމުގެ ޔަޤީންކަން އަރުވަމެވެ.

ޤައުމުގައި އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، ރައްޔިތުންނާއި، ރައްޔިތުންގެ ގެދޮރާއި، މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޤައުމުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ކުރަންޖެހިފައިވާ ގިނަ މަސައްކަތްތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިޔަށް ގެންދާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން މި ފުރުޞަތުގައިވެސް ސަރުކާރުގެ ފަރާތުން ދިވެހި އެންމެ ރައްޔިތުންނަށް އަރުވަމެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން ޤައުމުގެ މަޞްލަޙަތުކުރިޔަށް ނެރެގެން އިދިކޮޅު ފަރާތްތަކުން ހުށައަޅާ ބިނާކުރަނިވި ފާޑުކިޔުންތަކަށް ސަރުކާރުން އަބަދުވެސް މަރުޙަބާކިޔާނޭ ކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.