بســم اللّـه الرّحمـن الرّحيــم
 
         އިންސާނިއްޔަތަށް ނިޢުމަތްތައް މެދުވެރިކުރެއްވި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ބަކަރި ހުއިހިއްޕެވުމުން ފެށިގެން އެކިއެކި މަސައްކަތްތަކުން މަސަކަތްތެރިކަމަށް ނަމޫނާ ދެއްކެވި އަޅުގަނޑުމެންގެ މާތް ނަބިއްޔާ، ކައު ސާޙިބާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުން، އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން. 
 
މި ޖަލްސާއަށް ޙާޒިރުވެވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން، ޖަލްސާ ބައްލަވަމުން، އައްސަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން، މަސްވެރިންނާއި، ގަދަ މަސައްކަތް ކުރައްވާ އެންމެހައި ދަނޑުވެރިންނާއި، ދަނޑުވެރިންނާއި މަސްވެރިންގެ ޢާއިލާތައް؛
 
السّــلام عليــكم ورحـمــة اللّـه وبـركاتـه.
 
އާދެ، މިރޭ އަޅުގަނޑަށް އެންމެ ޚާއްޞަ އުފަލެއް ލިބެނީ، މި 50 އަހަރުގެ މިނިވަންކަމުގެ ޙަޔާތް އަޅުގަނޑުމެން ހޭދަކުރާއިރު، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިއެރުން އައިސްފައި މިވާ މިންވަރު ފާހަގަކޮށް، މިއަހަރުގެ މަސްވެރިކަމާއި ދަނޑުވެރިންގެ ދުވަސް، އެއް ހަފްތާއެއްގައި ފާހަގަކުރަމުން، މި ޙަފްލާގައި މަސްވެރިންނަށާއި ދަނޑުވެރިންނަށް، އަދި މަސްވެރިންނާއި ދަނޑުވެރިންގެ ޢާއިލާއަށް އެންމެ ބޮޑަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދެންނެވުން.
 
އާދެ، އެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދާއިރާއަށް އެކިގޮތްގޮތުން ޚިދްމަތް ކުރައްވާ ބޭފުޅުން ވަރަށްގިނައޭ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، އެ ފާހަގަކުރެއްވި ފަދައިން، މި ދާއިރާއަކީ މިހާރު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން ވެއްޖިއްޔާ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި، އިޤްތިޞާދަށް އޭޖެންޓް އޮފް ޗޭންޖެއްގެ ގޮތުގައި މަސައްކަތްކުރާ ދާއިރާއެއް ގޮތަށް އަޅުގަނޑުމެން ގަބޫލުކުރަންއެބަޖެހޭ. ޙަޤީޤަތަކީ ވޭތުވެދިޔަ ސަރުކާރުތަކުގައި އެންމެބޮޑަށް އަޅާލުންތެރިކަން އޮތް ދެ ދާއިރާއަކަށްވެފައި މިއޮތީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތް. ވަރަށް ކުރިއްސުރެ ސަރުކާރުތަކުން މަސްވެރިކަމަށާއި ދަނޑުވެރިކަމަށް ވަރަށް ގިނަގުނަ މަސައްކަތްތައް ވަނީ ކޮށްދެއްވާފައި. އަޅުގަނޑުމެންނަށް އެ ކޮށްދެއްވާފައި ހުރި ޚިދްމަތްތައް، އަދި ގެނެވިފައި ހުރި އިންޤިލާބީ ބަދަލުތައް، ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަނުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.
 
މިއަދު ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ އިޤްތިޞާދު ޑައިވަރސިފައި ކުރަން މިކުރާ މަސައްކަތުގައި، ނޫނީ އިޤްތިޞާދީ ތަނަވަސްކަން، މުޅި ދިވެހިރާއްޖެއަށް ޢާންމުވެގެން ދާން މިކުރާ މަސައްކަތުގައި، ޒުވާނުން މި ދެ ދާއިރާއަށް ނެރެން ސަރުކާރުން މިކުރާ މަސައްކަތުގައި، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އިޤްތިޞާދީ ޞިނާޢަތެއްގެ ގޮތުގައި، މަސްވެރިކަމާއި ދަނޑުވެރިކަން މިއަދު ކުރި ހޯދަމުން އަންނަ މަޤާމު، އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހެއޭ. އެހެންކަމުން، މި ދާއިރާއަށް  މިތަރައްޤީ ގެންނަވަން މަސައްކަތް ކޮށްދެއްވާ ހުރިހާ ޢިއްޒަތްތެރި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި މި ޝުކުރުގައި އަޅުގަނޑު އިސްކޮށް ފާހަގަކުރަން، މިހާރުގެ ޞިނާޢަތަށް ބަދަލުތަކެއް މި އަންނަނީ، ޝައްކެއްވެސްނެތްގޮތުގައި، ޑޮކްޓަރ މުޙައްމަދު ޝައިނީގެ މޭސްތިރިކަމުގައި، އިސްނެންގެވުމުގެ ދަށުން، އެމަނިކުފާނާއި އެމަނިކުފާނާއެކީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ޓީމުގެ ހީވާގި މުރާލި މަސައްކަތްޕުޅުން. އެހެންކަމުން، ޑޮކްޓަރ މުޙައްމަދު ޝައިނީއަށާއި، ޝައިނީ އަރިހުގައި މަސައްކަތް ކުރައްވާ ޓީމުގެ އެންމެހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، އެމަނިކުފާނުގެ ވާހަކަފުޅުގައި، އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށް ވަރަށް އިޚްލާޞްތެރި ހެޔޮ ބަސްތަކެއް ރައްދުކުރައްވާފައިވާތީ، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑުމެން ގަބޫލުކުރަމުން މި އަންނަ އުޞޫލަކީ، އެއްވެސް ކަހަލަ ރިސޯސެއް ތަރައްޤީ ކުރަން ބޭނުންކަމަށްވަންޏާ، އެ ރިސޯސް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް އެބަޖެހެއޭ ހިތްވަރުދޭން. އެ ދާއިރާއަށް ހަކަތަ އިންޖެކްޓް ކުރަން އެބަޖެހޭ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތަކީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އިޤްތިޞާދީ ވަރުގަދަ ދެ ޞިނާޢަތް. މި ދާއިރާއަށް ހަކަތަ ބޫސްޓް ކުރުމަށްޓަކައި ނޫނީ ހަކަތަ އިންޖެކްޓް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމަކަށްވީ، މި ދާއިރާއަށް ޒުވާނުން ނެރުމަކީ، ޝައްކެއްވެސްނެތްގޮތުގައި މި ދާއިރާއަށް ގެނެވޭނެ އެންމެބޮޑު ބަދަލު ކަމުގައި. އަޅުގަނޑުމެންނަށް ދުނިޔޭގެ ޓެކްނޮލޮޖީތައް، މި ދެ ދާއިރާއަށް ނޫނީ މި ދެ ޞިނާޢަތުގައި ހުރި ޓެކްނޮލޮޖީތައް އަޅުގަނޑުމެންނަށް ދަސްކުރެވިދާނެ. އަޅުގަނޑުމެންނަށް ދުނިފަށުން 30 މޭލުން، 100 މޭލުން، 200 މޭލާ ހަމަޔަށް، އޮޑިދޯނިފަހަރު ބޮޑުކޮށްގެން، މާކަނޑުތަކުގައި އަޅުގަނޑުމެންނަށް ޙަރަކާތްތެރިވެވިދާނެ. އެހެން ނަމަވެސް، މި ދާއިރާއަށް ޒުވާން ލޭ ނުގުޅޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ޞިނާޢަތަކީ ކުރިއަށް ގެންދެވޭނެ ޞިނާޢަތެއް ނޫން.
 
އަދި ހަމައެހެންމެ، މި ދާއިރާ ކުރިއަށް ގެންދިޔުމުގައި ޒުވާނުން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއަދު ގިނަގުނަ މަސައްކަތްތަކެއް، ޒުވާނުން މި ދާއިރާއަށް ނެރެން ސަރުކާރުން ކުރާކަން. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ޒުވާނުންގެ ހަކަތައަކީ، ދައުލަތުގެ އިޤްތިޞާދު ކުރިއަށް ގެންދިޔުމަށް އޮންނަ މޯޓަރު ކަމަށް. އާދެ، އިންޖީނު ހިންގައިގަނެވޭނީ، އިންޖީނަށް ހަކަތަ ލިބިގެން. އަދި އިންޖީނުން އުފައްދާ ހަކަތަވެސް އަޅުގަނޑުމެންނަށް، އިޤްތިޞާދަށް ލިބިގެން. މިރޮނގުން ޒުވާނުން މިހާރު މި ދެ ދާއިރާއަށް ޝައުޤުވެރިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އަދި ހަމައެހެންމެ، މި ދެ ދާއިރާގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، ޚާއްޞަކޮށް، ދަނޑުވެރިކަމުގެ ދާއިރާގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، އިޤްތިޞާދީ މަސައްކަތްތަކުން ހަވާސާވަމުން މިހާތަނަށް ގޮސްފައިވާ އަންހެން ކަނބަލުންގެ ދައުރު ފުޅާވަމުން އަންނަ ތަން. މި ދާއިރާ މިހާރު ވަރަށް ބޮޑަށް ޚާއްޞަވެގެން މިދަނީ އަންހެން ބޭފުޅުންނަށް. އަންހެން ބޭފުޅުން ބާރުވެރިކުރުވުމަށް، ނޫނީ އަންހެން ބޭފުޅުންގެ ކެޕޭސިޓީ، މި ދާއިރާގައި އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައި.
 
އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން، ދަނޑުވެރިކަމުގެ ދާއިރާގައި ކޯޕަރޭޓިވްތަކެއް ސަރުކާރުން އުފައްދަން ކުރި މަސައްކަތުގައި، މިހާރު ހައެއްކަ ކޯޕަރޭޓިވް މިވަނީ އުފެދިފައި. ދާދި ދެންމެއަކު އަޅުގަނޑުމެން މި ވިޓްނަސްކުރީ، ނޫނިއްޔާ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ނައިފަރުގެ ކޯޕަރޭޓިވް އުފެދިގެންދިޔަ ތަން. މި ކޯޕަރޭޓިވްތައް އުފެއްދުމުގެ ބޭނުމަކީ، އިންތިޒާމެއްގެ ދަށުން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން. އިންތިޒާމެއްގެ ދަށުން، ތަރުތީބެއްގެ ތެރެއިން މަސައްކަތްތަކެއް ކުރެވޭ ކަމަށްވަންޏާ، އުފައްދާ ތަކެތި ބާޒާރަށް ނެރުމާއި، އުފައްދާ ތަކެތި ހަލާކުނުވެ ބެހެއްޓުމުގެ އިންތިޒާމުތަކެއް، ސަރުކާރުން އެ ކޯޕަރޭޓިވްތަކަށް ތަނަވަސްކޮށްދޭނެ. ޒުވާން މަސްވެރިން، ޒުވާން އޮޑިވެރިން ނެރުމަށްޓަކައި، މި ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ ނަތީޖާ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅު.
 
ޒުވާން މަސްވެރިން، ނޫނީ ޒުވާން އޮޑިވެރިން މަސައްކަތަށް ނެރުމަށްޓަކައި އަޅުގަނޑުމެން ލުއިލޯނު، ސަރުކާރުން މިވަނީ މި ވޭތުކުރި ދެ އަހަރުގެ ތެރޭގައި ލުއިލޯނު ދޫކޮށްފައި. އަދި ހަމައެހެންމެ، މިއަންނަ އަހަރަކީވެސް ހަމަ ޒުވާން މަސްވެރިންނަށް، ޒުވާން އޮޑިވެރިންނަށް ލުއިލޯނުގެ ފުރްޞަތު އޮތް އަހަރަކަށް ވެގެންދާނެ. އަޅުގަނޑުމެން ތަޢާރުފްކުރި، [ބެޔަސް ނުބެޔަސް] މަސްވެރިންނަށް މި އޮންނަ އިންޝުއަރެންސް ސްކީމަކީވެސް ހަމަ މިހާރުވެސް ހިނގަމުންދާ ސްކީމެއް. މީގެވެސް ބޭނުމަކީ، ވަކިވަރެއްގެ ތްރެޝްހޯލްޑެއް އާމްދަނީ ލިބޭ ކަމަށްވަންޏާ، އެ ލެވެލުން ކައްސާލައިގެން ދަނީ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ކައްސާލައިގެން ދާކަމަށްވަންޏާ، އެ އުނދަގޫ ދުވަސްތަކުގައި އެމީހުންނަށް ލިބުނު ގެއްލުން ފޫބެއްދޭނެ ކޮންމެވެސްކަހަލަ ރައްކާތެރިކަމުގެ ސޭފްޓީ ނިޒާމެއް ޤާއިމުކޮށްދިނުން. މިކަން ވަނީ އަޅުގަނޑުމެން މަސްވެރިންނަށް ތަޢާރުފްކޮށްފައި. އަދި އަޅުގަނޑުމެންނަށް ދެންމެ އިވިގެން އެދިޔަ ގޮތުގައި، ހަމަ މިކަން މިވަނީ ދަނޑުވެރިކަމުގެ ދާއިރާގައިވެސް އަޅުގަނޑުމެން ތަޢާރުފްކޮށްދީފައި. ތަފާސް ހިސާބުތައް، ދެންމެ މިނިސްޓަރ ޝައިނީގެ ވާހަކަފުޅުގައި އެ ވިދާޅުވީ.
 
 އަޅުގަނޑު އުފަލާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، ދަނޑުވެރިކަމުގެ ދާއިރާގައި، ދަނޑުވެރިކަމަށް ނޫނިއްޔާ ދަނޑަކަށް ލިބޭ ގެއްލުން އިންޝުއަރ ކުރެވިފައި އޮންނަ ދަނޑެއް ކަމަށްވަންޏާ، އެ ގެއްލުމުގެ 90 ޕަސެންޓް ފޫބައްދައިދޭނެޔޭ. މިކަހަލަ ނިޒާމުތަކެއް ތަޢާރުފް ކުރުމުގެ ބޭނުމަކަށްވީ، މި ދާއިރާތަކަށް ނުކުންނަ މީހުން އިތުރުކުރުން. އަދި މި މަސައްކަތްކުރާ މީހުންނަށްވެސް އެ ދާއިރާތަކުން ލިބޭ ގެއްލުން ފޫބެއްދޭނެކަމުގެ ހިތްހަމަޖެހުމާއި، ރައްކާތެރިކަމުގެ ގެރެންޓީ އޮތުން، ޔަޤީންކަން އޮތުން. ސަރުކާރުން މިހާރު އެހާބޮޑަކަށް ގަބޫލުކުރާ ސިޔާސަތެއް ނޫން، ކުރިއަށް އޮތް ތަނުގައި އަބަދުއަބަދު ސަބްސިޑީ ދީގެން ކަންތައްތައް ކުރެވިދާނެ ކަމަކަށް. އަޅުގަނޑުމެން ސަރުކާރު އަބަދުވެސް މަސައްކަތް ކުރާނީ، މަސްވެރިންނާއި ދަނޑުވެރިންނަށް، އަދި އެހެން ޞިނާޢަތްތަކުގައި މަސައްކަތްކުރާ މީހުންނަށް، ފަސޭހަކަމާއި ލުއި އަދި ރައްކާތެރިކަން ގެނެސްދެވޭނެ ނިޒާމުތަކެއް ޤާއިމުކުރަން. އެހެން ނަމަވެސް، ސަރުކާރުގެ ހޭދަ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދަނީ، ހަމަ ރަނގަޅު ކަންކަމުގައި ހޭދަކުރުމަށްޓަކައި. އެހެންވީމާ، ސަރުކާރަށް ލިބޭ އާމްދަނީއާއި އަދި މި ދާއިރާތަކުން ލިބޭ އާމްދަނީއަށް ބަލާކަމަށްވަންޏާ، ސަރުކާރަކަށް މިގޮތަށް ސަބްސިޑީ ދެމުން ގެންދިޔުމަކީ، އޭގެ ޒާތުގައި ކުރަން މާފަސޭހަ ކަމަކަށްނުވޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން ތަޢާރުފް މިކުރަނީ، މިދެންނެވި ކަހަލަ ރައްކާތެރިކަމާއި، ލުއިފަސޭހަ ގޮތްތައް ތަޢާރުފްކޮށްގެން، މި ދާއިރާއަކީ ޓެނަބްލް، ސަސްޓެއިނަބްލް ދެ ދާއިރާއަށް ހެދުމަށް ކުރާ މަސައްކަތް.
 
މިކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މަސްވެރިންނަށް ފަސޭހަކަމާއެކީ ޚިދްމަތް ލިބޭނެ މެރީނާތަކެއް، ރާއްޖޭގެ އެކި ހިސާބުގައި، ނޫނިއްޔާ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޤާއިމުކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން. އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒު. އޭގެތެރެއިން މިހާރު ބައެއް މެރީނާތައް އެވަނީ އިރާދަކުރެއްވީތީ ޤާއިމުކުރެވިފައި. އަދި ހަމައެހެންމެ، ދަނޑުވެރިންނަށް މިކޮށްދޭ ކަންތައްތަކުގެ ތެރޭގައި، ދަނޑުވެރިން އުފައްދާ ދަނޑުގެ ބާވަތްތައް، ގޮވާމުގެ ބާވަތްތައް، ނޫނީ މޭވާގެ ބާވަތްތައް ހަލާކުވިޔަނުދީ ގަނެވޭނެ އިންތިޒާމާއި އަދި ހަލާކުވިޔަނުދީ ޕްރިޒަރވް ކުރެވޭނެ ނޫނީ ދެމެހެއްޓޭނެ ގޮތްތަކެއް ތަޢާރުފް ކުރުމުގެ މަސައްކަތްތަކެއްގެ ވާހަކަ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ. އަޅުގަނޑުމެން ދަނޑުވެރިކަމަށް، ދިގު މުއްދަތުގައި ކޮމާޝަލް ދަނޑުވެރިކަމަށް ރަށްރަށް ދޭއިރު، އަޅުގަނޑުމެން މިހާރު މި ޝަރުޠުކުރަނީ، އެގްރީމަންޓްގައި ޝަރުޠު މިކުރަނީ، އެ ސަރަޙައްދުގައި ދަނޑުވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް، އެ ރަށެއް މެދުވެރިކޮށް، ނޫނިއްޔާ އެ މެނޭޖްމަންޓެއް މެދުވެރިކޮށް ގަނެވޭނެ އަދި މާލޭގެ ބާޒާރަށް ނެރެވޭނެ ގޮތްތަކެއް ހަމަޖައްސައިދޭން. މި ޝަރުޠުތައް ގަބޫލުކުރައްވައިގެން، ކޮމާޝަލް އެގްރިކަލްޗަރުގެ މަސައްކަތަށް މިހާރު ދިގު މުއްދަތުގެ ކޮންޓްރެކްޓް ހެދިގެން މިދަނީ.
 
އަދި ހަމައެހެންމެ މި ކޯޕަރޭޓިވްތައް ތަޢާރުފް ކުރުމުގެ އެއް ބޭނުމަކީ، ކޯޕަރޭޓިވްތަކުގައި އުޅުއްވާ ބޭފުޅުން ކުރައްވާ މަސައްކަތުން އުފައްދާ ތަކެތި، އެ ކޯޕަރޭޓިވަށް ގަނެވޭނެ އުޞޫލުތަކެއް ތަޢާރުފް ކުރުން. އަދި ހަމައެޔާއެކީ، މިދެންނެވި ގޮތަށް މޭވާ، ތަރުކާރީގެ ބާވަތްތައް، ގިނަވެގެން ހަލާކުވެގެން އުކާލަންޖެހޭ ހިސާބަށް ކަންކަން ދިޔުމުގެ ކުރިން، އެ ޕްރިޒަރވްކޮށް، ދެން އަންނަ މޫސުމަކަށްވެސް، ނޫނިއްޔާ އެހެން ގޮތަކަށް ބާޒާރަށް ނެރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން. މިކަހަލަ ކަންތައްތައް ކޮށްދެވޭ ކަމަށްވަންޏާ، ސަބްސިޑީއަކަށްވުރެން މާ ދެމެހެއްޓެނިވި ގޮތެއްގައި، މާ ފައިދާހުރި ގޮތެއްގައި، މަސްވެރިންނާއި ދަނޑުވެރިންގެ އުފެއްދުމުގެ ރައްކާތެރިކަމުގެ ޔަޤީންކަން، އެމީހުންނަށް ލިބިގެންދާނެ. އެ ޔަޤީންކަން ލިބިގެން، ދެންމެ އަޅުގަނޑުމެންނަށް ތަމްސީލުން ފެނިގެންދިޔަ ގޮތުގައި، ހަމަ ދެފައި އެއްތާކުނުޖަހާ ޙަރަކާތްތެރިވުމުގެ ފުރްޞަތު އިތުރުވެގެން މިދަނީ. ވަރަށް މުރާލިކަމާއެކީ ދާއިރާގައި ޝާމިލުވުމުގެ ފުރްޞަތު ލިބިގެންދަނީ، އުފައްދާ ތަކެތި ގަނެވޭނެ ކަމުގެ ހިތްހަމަޖެހުން އޮންނާތީ، ކަށަވަރުކަން އޮންނާތީ. ކޮންމެ ދާއިރާއަކުންވެސް އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، އެ ދާއިރާއެއްގައި މަސައްކަތްކުރާ މީހުންނަށް، އެ ދާއިރާއެއްގެ މަސައްކަތުގައި ތިބޭއިރު، ރައްކާތެރިކަން ލިބިގެން ދިޔުން. މުދަލުގެ ރައްކާތެރިކަން، ހަމައެހެންމެ ޖިސްމާނީ ގޮތުން ލިބޭ ގެއްލުންތަކަށް، ކޮންމެވެސްކަހަލަ އިންޝުއަރެންސް ސްކީމެއްގެ ދަށުން އެމީހުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން. އޭގެ ތަފްޞީލުވެސް މިނިސްޓަރު ދެއްވައިފި.
 
މިކުރެވޭ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ބޮޑުކަންނެލީގެ މަސްވެރިކަން އިތުރުވެގެންދިޔުން. އަދި އަޅުގަނޑުމެން ޢާންމުކޮށް ނުކުންނަ ސަރަޙައްދު ފަހަނަޅައި، އިޤްތިޞާދީ ސަރަޙައްދުގެ 200 މޭލާ ހަމަޔަށް އަޅުގަނޑުމެންނަށް ނުކުމެވޭނެ ގޮތްތައް ތަނަވަސްކޮށްދެވުނު. އަދި ހަމައެހެންމެ، ވެލިއު އެޑިޝަން، ނޫނިއްޔާ ނަފާ އިތުރުކުރުމުގެ މަސައްކަތްތައް ކުރެވިގެންދިޔަ ނަތީޖާއަކަށް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިހުރިހާ ބަދަލުތަކެއް އައިސްގެން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ވެއްޖިއްޔާ، މި ދާއިރާއިން އެކަނި އުފައްދައިދީފި، 5709 ވަޒީފާގެ ފުރްޞަތު. އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، މި ފުރްޞަތުތައް ޒުވާނުން ބޭނުން ހިއްޕެވުން. އަޅުގަނޑުމެން، މަސްވެރިކަމަކީ ދޮށީ ޢުމުރުގެ މީހުން، ނޫނިއްޔާ ޒުވާނުން ކައިރިވާންނުޖެހޭ ޞިނާޢަތެއް ކަމަށް ގަބޫލުކުރާ ކުރުން، ނޫނިއްޔާ ވިސްނާ ވިސްނުން، އަޅުގަނޑުމެން ފެއަށް ޖައްސަން އެބަޖެހޭ. މި ދާއިރާއަކީ ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރަންޖެހޭ ދާއިރާއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އޭރަށް މި ދާއިރާއަށް ބޭނުންވާ ހަކަތަ ލިބިގެން އެދަނީ.
 
ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، މިއަހަރުގެ އޮގަސްޓު މަހާ ހަމަޔަށް ބަލައިލައިފި ކަމަށްވަންޏާ، ދަނޑުވެރިކަމުން އެކަނި އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، 59 މިލިއަން ރުފިޔާގެ ޕްރޮޑަކްޓްސް، ނޫނިއްޔާ މުދާ، ނޫނިއްޔާ އުފެއްދުން އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެއޭ. ވެލިއު އެޑިޝަން، ނޫނިއްޔާ ނަފާ އިތުރުކުރުމުގެ މަސައްކަތުގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ، 70 އެތައް ޕްރޮޑަކްޓެއް އިތުރުވެގެންދާ ދިޔުން. ގަނޑުކޮށް މަސްކޮޅު ކިރާ ކިރުން މިހާރު ހުއްޓުމަކަށް އަންނަން އެބަޖެހޭ. ކަޅުބިލަމަހަށްވެސް އަޅުގަނޑުމެން ވިސްނަން މިޖެހެނީ، ކަޅުބިލަމަހުގެ ނަފާ އިތުރުކުރެވޭނެ ގޮތްތަކަކަށް. މިހާތަނަށް މާންދޫ ފެކްޓްރީ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ، އެންސީޒްގެ ފަރާތުންވެސް ކޭނިންގ ފެކްޓްރީއެއް އުފައްދާ ވާހަކަ. ދަޅުގައި ބަންދުކުރާ މަސް ފެކްޓްރީއެއް އުފައްދާ ވާހަކަ. މިފްކޯއަކީ ޒަމާނުއްސުރެ ސަރުކާރުގެ މަސް ބަންދުކުރާ ކާރުޚާނާ. އަޅުގަނޑުމެންނަށް ލިބޭ އުފާވެރިކަމުގެ ޚަބަރަކީ، މިއަހަރު ހުސްވުމުގެ ކުރިން އިރާދަކުރެއްވިއްޔާ، މިފްކޯގެ ކެޕޭސިޓީވެސް ދުވާލަކު 50 ޓަނަށް އިތުރުވެގެންދާނެ. އަދި އިތުރުވެގެންދިޔުމާއެކީ، އަހަރެއްގެ މައްޗަށް މިފްކޯއަށް މިލިބޭ އާމްދަނީ، މި ބަންދުކުރާ މަހުން ލިބޭ އާމްދަނީ 77 މިލިއަން ޑޮލަރަށް އިތުރުވެގެންދާނެ.
 
މި ޞިނާޢަތަށް މި އަންނަ ބަދަލަކީ، ޝައްކެއްވެސްނެތްގޮތުގައި، އެތައް ބައިވަރު ވަޒީފާތަކެއް، އަތޮޅުތެރޭގެ ރައްޔިތުންނަށް ހުޅުވާލަދޭ ފުރްޞަތުތަކެއް. މި ދާއިރާއަށް ޒުވާނުން ކުރިމަތިލާންވީ މި ސަބަބަށްޓަކައި. ޒުވާނުން މަސްވެރިންނަށް ހެދުމަށް، ނޫނިއްޔާ އޮޑިވެރިންނަށް ހެދުމަށް، ނޫނީ ދަނޑުވެރިންނަށް ހެދުމަށް ސަރުކާރުން މިދޭ ޢިނާޔަތްތައް ވަރަށް ގިނަގުނަ. އޭގެ ހުރިހާ ތަފްޞީލަކަށް އަޅުގަނޑު ދާކަށްނެތިން. އެހެން ނަމަވެސް، ދެންމެ މިނިސްޓަރ ޝައިނީގެ ވާހަކަފުޅުގައި އެ ވިދާޅުވިހެން، ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، މި ދާއިރާއަށް ކުރީގައި އޮތް ހީނަރުކަން، ރޫފަ ރަނގަޅުވާކަމުގެ ސިގްނަލްތައް އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. ޝައްކެއްވެސްނެތްގޮތުގައި، ބަންދުކުރާ މުދަލާއި، ނަފާ އިތުރުކުރުމަށްޓަކައި، އިތުރުކުރެވޭ މުދަލުގެ ޢަދަދު މިދަނީ، ނޫނިއްޔާ އިތުރުކުރެވޭ ޕްރޮޑަކްޓްގެ ޢަދަދު، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މިންވަރަކަށް އިތުރުވަމުން އެބަދޭ. ހަމައެހެންމެ، އަބަދު މަސް ގަނޑުކޮށް ވިއްކުމުގެ ބަދަލުގައި، މަހަށް މިގެންނަ ނަފާ އިތުރުކުރުމުގެ ޕްރޮސެސްއަކީ، ނޫނީ ޕްރޮސެސްތަކަކީވެސް އަޅުގަނޑުމެންގެ މިހާރު މިފެންނަ ޞިނާޢަތްތަކުގެ ތެރޭގައި އަޅުގަނޑުމެން ހިތްވަރުދޭންޖެހޭ ކަންކަން.
 
އެގްރިކަލްޗަރ ދާއިރާގައި، ނޫނީ ދަނޑުވެރިކަމުގެ ދާއިރާގައި މުހިންމު އަނެއް ކަމަކަށް މިއޮތީ މީހުން ބިނާކުރުމުގެ މަސައްކަތް. މި ދާއިރާގައި މިދިޔަ ދެ އަހަރު، ނޫނިއްޔާ އަޅުގަނޑުމެން މި ހޭދަކުރާ ދެ އަހަރުން އެކަނިވެސް ގާތްގަނޑަކަށް 1300 މީހުން ތަމްރީނު ކުރެވިއްޖެ. މީގެ ބޭނުމަކަށްވެސް ވާނީ ރަނގަޅު ގޮތުގައި މިކަން ކުރުން. އަޅުގަނޑަށް އެނގޭ ގޮތުގައި ވެއްޖިއްޔާ، އެގްރިކަލްޗަރ މިނިސްޓްރީން މިހާރު ތަޢާރުފް ކުރައްވަމުން އެ ގެންދަވަނީ ސިސްޓަމެއް. މިގޮތަށް އުފައްދާ ދަނޑުކާނާ، ނޫނީ ދަނޑު ގޮވާމުގެ ސާމާނު، އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި އިންސާނުން ކާން ކަމުދާގޮތަށް، ނޫނީ ޞިއްޙީގޮތުން ގެރެންޓީ އޮތްގޮތަށް ބަދަލުކުރުމުގެ ނިޒާމެއް، އެ ތަޢާރުފް ކުރައްވަމުން އެ ގެންދަވަނީ. އެހެންކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ވިސްނުމަކަށް ދާކަށްނުޖެހޭ. މަހުގައި ވެއްޖިއްޔާ ހިސްޓަމިން އިތުރުވެގެންދާ ގޮތަށް، މިގޮތަށް ބަދަލުކުރެވޭ ދަނޑުގޮވާމުގެ ސާމާނު، ނޫނިއްޔާ ތަރުކާރީގެ ސާމާނާއި މޭވާގެ ސާމާނުގެ ތެރޭގައި، ޞިއްޙަތަށް ގެއްލުން ލިބޭ އެއްވެސްކަހަލަ މާއްދާއެއް އެކުލެވިގެން ހިނގައިދާނެ ކަމަކަށް އަޅުގަނޑުމެން ވިސްނައި ފިކުރުކުރާކަށް ނުޖެހޭ.
 
ގޮވާމުގެ ބާވަތްތައް، މޭވާގެ ބާވަތްތައް ލިބޭއިރު، ގަންނަ ފަރާތްތަކަށް، ހޯލްސޭލްކޮށް ނަގާ ފަރާތްތަކަށް، މި ކަށަވަރުކަން އެބަ ލިބެންޖެހޭ. ސަރުކާރަށް ކޮށްދެވޭނީ މިކަހަލަ ކަންތައްތައް ފަސޭހަކުރުމުގެ މަސައްކަތް. ސަރުކާރަށް ކޮށްދޭނެ ކަމަކީ، މިކަހަލަ ޓެކްނޮލޮޖީ ތަޢާރުފް ކުރުމުގެ މަސައްކަތް. ސަރުކާރަށް ކޮށްދެވޭނެ ކަމަކީ، މި ދާއިރާތަކަށް ޒުވާނުން ނެރެ، އަދި ޒުވާނުން  މި ދާއިރާތަކުގައި ހިތްހަމަޖެހުމާއެކީ އަށަގެންނެވުމުގެ މަސައްކަތަށް ގެންނަ ބަދަލުތަކެއް އަޅުގަނޑުމެންނަށް ގެނެވޭނީ. ސަރުކާރަށް ކޮށްދެވޭނެ ކަމަކީ، މި ދާއިރާގެ ވައްޓަފާޅިއަށް ގެންނަ ބަދަލު ގެނެސްދެވޭނީ. ސަރުކާރަށް ކޮށްދެވޭނެ ކަމަކީ، މި ދާއިރާތަކަށް މީގެކުރީގެ ސަރުކާރުތަކުން ހޭދަކުރި ފަދައިން، ހޭދަކުރުން އިތުރުކޮށްދެވޭނީ. އަޅުގަނޑުމެން މި ސަރުކާރުން ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ، މި ދެ ޞިނާޢަތަކީ ސަރުކާރުން ހަމަ އިތުރަށް އިންވެސްޓް ކުރަންޖެހޭ ދެ ޞިނާޢަތް. އަޅުގަނޑުމެން ބޭނުމެއްނުވޭ، މީގެ 70 އަހަރު ކުރިއަކަށް، މަގޫފަތް ކޭ ޒަމާނަކަށް ދާކަށް. އެހެން ނަމަވެސް، މިއަދުގެ ޑްރާމާއިންވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ކޮންމެވެސްވަރެއްގެ ރެޒިލިއަންސެއް އަޅުގަނޑުމެންގެ ތެރޭގައި ހުންނަންޖެހޭނެކަން. ދަތި ދުވަސްވަރު، ތަދު ދުވަސްވަރު އަޅުގަނޑުމެންނަށް އަންނާނީ، ބައްދަލުކުރާނީ ކޮންއިރަކު ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އަޅުގަނޑުމެންނަކީ އަބަދު ޓުއަރިޒަމްގެ ޞިނާޢަތަށް ބިނާވެ ތިބެވޭނެ ބައެއް ކަމުގެ ހިތްހަމަޖެހުމެއް އެއީ އަޅުގަނޑުމެންނަށް އަބަދު އޮންނާނެ ކަމެއް ނޫން.
 
އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ކަށަވަރުކަމާއެކީ ކުރަންޖެހޭ ކަންކަމަކީ، މި ޞިނާޢަތްތައް ތަރައްޤީ ކުރަން ކުރާ މަސައްކަތުގައި، ސަރުކާރުން ހޭދަކުރުމާއި، ސަރުކާރުން ލާ އެފަރޓް، އެއްވެސްކަހަލަ ގޮތަކަށް ވަރުބަލިކަމެއްނެތި ކުރިއަށް ގެންދަންޖެހޭނެ ކަމަށް. އެހެންވީމާ، ކޮންމެވެސްވަރެއްގެ ބަފަރެއް، ނޫނިއްޔާ ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމަކަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ދަނޑުކާނާއާއި، މޭވާއާއި، ގޮވާމުގެ ބާވަތްތައް އިތުރުކުރަން މަސައްކަތް ކުރުން. ބައެއްކަހަލަ މުޑުވައްތަކަކީ ދިވެހިރާއްޖޭގައި އާލާކުރެވި އަދި ދިވެހިރާއްޖޭގެ އެތެރޭގެ ކޮންސަމްޕްޝަނަށް އަޅުގަނޑުމެންނަށް ސެލްފް ސަފިޝަންޓް ވާވަރަށް އުފެއްދޭނެ ތަކެތި. ފަލަމަޑީގެ ބާވަތްތައް، ބައެއްކަހަލަ ތަރުކާރީއާއި މޭވާގެ ބާވަތްތައް. މި ބާވަތްތަކަކީ ހަމަ ބޭރުން އިމްޕޯޓްކުރާ އެއްޗިއްސާ ވާދަކުރާވަރެއްގައި އަޅުގަނޑުމެންނަށް އުފެއްދޭނެ ސާމާނު. އެހެންވީމާ، މިކަހަލަ ސާމާނު، ނޫނީ މިކަހަލަ ތަރުކާރީގެ ބާވަތްތައް، މޭވާގެ ބާވަތްތަކަށް އިސްކަންދީގެން، ސަރުކާރުގެ ވިސްނުން މިއޮތީ، މި ދާއިރާ ފުޅާކުރަން ކުރާ މަސައްކަތުގެ މައްޗަށް.
 
އަޅުގަނޑުމެން އަތޮޅުތެރެއަށް، އަޅުގަނޑުމެން ކިތަންމެކުރާހިތްވިޔަސް، ޞިނާޢީ ބޮޑެތި އާމްދަނީ ލިބޭނެ އިތުރު މަސައްކަތްތައް ގެންދިޔުމަކީ ފަސޭހަ ކަމެއް ނޫން. ދިގުލައިގެންދާ ވަގުތު ނަގާނެ ކަންކަން. އެހެން ނަމަވެސް، މި ދެ ޞިނާޢަތަކީވެސް، ޝައިނީ ވިދާޅުވާ ގޮތުން ވެއްޖިއްޔާ، މެޗުއަރ ޞިނާޢަތަކަށްވެފައި އޮންނައިރު، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މި މެޗުއަރ ޞިނާޢަތް، މޮޑަނައިޒްކޮށް، ޑައިވަރސިފައިކޮށް، އެއީ ސަސްޓެއިނަބްލް، ނޫނީ އެއީ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ދެ ޞިނާޢަތަށް ހަދަން ކުރާ މަސައްކަތް. މި މަސައްކަތުގައި އަޅުގަނޑުމެން ދަސްކޮށްފައި ހުރި މުސްކުޅި އާދަތައް، ނޫނީ ދަސްކޮށްފައި ހުރި ކަމުނުދާ އާދަތައް ދޫކޮށްލަން އެބަޖެހޭ. ދޫކޮށްލާފައި މިޒަމާނުގައި މުދާ އިތުރުކުރުމާއި، ރިސޯސް ބޭނުންކޮށްގެން، އެފިޝަންޓް ކޮށްގެން މިކަން ކުރެވޭނެ ގޮތްތަކަކީ އަޅުގަނޑުމެން ދަސްކުރަންޖެހޭ ކަންކަން. އެކަންކަން ދަސްކުރާއިރު، އަޅުގަނޑުގެ ވިސްނުމުގައި މެޗުއަރ ޞިނާޢަތެއް ކަމަކު، އަޅުގަނޑުމެން މި ދަސްކުރަނީ އާ ވައްޓަފާޅިތަކެއް. ކުރީގައި ކަންކުރިގޮތް ދޫކޮށްލުމުގެ، އަދި އާ ގޮތްތަކަކަށް އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ތަރުތީބުތަކާއި، އަޅުގަނޑުމެންގެ ޙަރަކާތްތައް ބައްޓަންކުރަން ކުރާ މަސައްކަތް.
 
މި ޞިނާޢަތް މިވަނީ އާ ޞިނާޢަތްތަކަކަށް. ނަފާ އިތުރުކުރަން ކުރާ މަސައްކަތްތައް މިވަނީ އާ ޞިނާޢަތްތަކަކަށް. އެހެންވީމާ، މި ޞިނާޢަތްތަކަކީ އަޅުގަނޑުމެންނަށް އެހާ ފަރިތަ ނޫން ޞިނާޢަތްތަކަކަށް ވެދާނެތީ، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން އެހާބޮޑު ތަމްރީނު ޕްރޮގްރާމްތަކެއް އެ ގެންދަވަނީ. އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، މި ދެ ޞިނާޢަތަކީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށް، ނޫނީ ބެކްބޯން ކަމަށް އަޅުގަނޑުމެން ޓުއަރިޒަމްގެ ޞިނާޢަތް ގަބޫލުކުރާގޮތަށް، އެޔާއެކީ ގުޅުންހުރި ޑިޕެންޑަބަލް އަނެއް ޞިނާޢަތަކަށް ވާން މިއޮތީ ހަމަ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތް. މީގައި ޖާގަ އެބައޮތް. މީގައި ފުރްޞަތު ހަންޏެއް ނޫން. އަދި މީގައި އާމްދަނީ ލިބޭނެ ފުރްޞަތުތައް އަމުދުން ހަންޏެއް ނޫން. އަދި މި ދާއިރާއަކީ ރީތިކޮށް މަސައްކަތް ކުރަން، އަންހެން ބޭފުޅުންނަށް ފަރިތަ ދާއިރާއަކަށް، ދޯޅު ދާއިރާއަކަށް އެބަވޭ. ޚާއްޞަކޮށް، ދަނޑުވެރިކަމުގެ ދާއިރާ.
 
އެހެންވީމާ، އަންހެން ބޭފުޅުން އެމްޕަވަރ ކުރަން ކުރާ މަސައްކަތުގައިވެސް އަދި އަންހެން ބޭފުޅުންނަކީ މިކަހަލަ ކަންކަމުގައި މަޝްޣޫލުވެ އުޅުއްވައިގެން، ފިރިމީހާއަށް ލިބޭ އާމްދަނީގެ ބޭރުން، ނޫނީ އިތުރުން އާމްދަނީ އިތުރުކުރެއްވޭނެ ހަމަ ވަރަށް ޔޫސްފުލް އިކޮނޮމިކް އޭޖެންޓަކަށް ހެދުމަށް ކުރާ މަސައްކަތުގައި، ދަނޑުވެރިކަމުގެ ދާއިރާއަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ރަނގަޅު ދާއިރާއެއް، އަންހެން ބޭފުޅުން އިޚްތިޔާރު ކުރައްވަން. އަދި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ބިންގަނޑަކީ ހުރިހާ ތަނެއްގައި އެހާ މޮޅު ބިންގަނޑެއް ކަމުގައި ނުވިނަމަވެސް، ދިވެހިރާއްޖޭގެ ބިން މޮޅު، ފަސްގަނޑު ރަނގަޅު ތަންތަން މަދެއްވެސް ނޫން. އަދި އެޔާއެކީ އަލަށް ތަޢާރުފްވާ ހައިޑްރޮފޯނިކްސްއާއި އަދި އެނޫން އެހެން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް އުފައްދާ އުފެއްދުންތައް، އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންސަމްޕްޝަނަށް ސެލްފް ސަފިޝަންޓް ވާވަރަށް، ނޫނިއްޔާ އަޅުގަނޑުމެން އިތުރަށް މިކަން ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޑޮމެސްޓިކް އަނެއް ކޮންސަމްޕްޝަންގެ ދާއިރާގައި މިއޮތީ ޓުއަރިޒަމްގެ ދާއިރާ. އެއަށް ވާވަރަށް އަޅުގަނޑުމެންނަކަށް ފަޅޯ ނުއުފެއްދެންވީ ސަބަބެއް ނެތް. އެއަށްވާވަރަށް، އެކަމަށް ވާވަރަށް އަޅުގަނޑުމެންނަށް ދޮންކޭލާއި ފަތްކޭލުގެ ބާވަތްތައް ނުއުފެއްދެންވީ އެއްވެސް ސަބަބެއް ނެތް. މިކަހަލަ އެތައް ބައިވަރު ޕްރޮޑަކްޓެއް އެބަހުރި. އެހެން ކަމަށްވަންޏާ، މި ދާއިރާތަކަކީ ރަނގަޅު އިންސެންޓިވްސް ދެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް ގެންދެވޭނެ ދާއިރާތައް ކަމަށް.
 
މަސްވެރިކަމާއި ޞިނާޢަތަކީ، އިޤްތިޞާދުގައި ބަދަލުގެންނަ އޭޖެންޓުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު އަޅުގަނޑުމެން މިވޭތުކުރަނީ، އަންނަ އަހަރަށް ބަޖެޓް ފާސްކުރުމުގެ މަރްޙަލާ. ބަޖެޓް ކޮމިޓީގެ ޖަލްސާއެއް މިރޭވެސް ހިނގަމުން އެބަދޭ. ބަޖެޓަކީ ސަރުކާރުން މިދެންނެވި ކަހަލަ ޕޮލިސީ ޑިރެކްޝަން ދައްކައިދޭ ހަތިޔާރު. ބަޖެޓްގައި އަޅުގަނޑުމެން އިޤްތިޞާދީ ދާއިރާތަކަށް ކުރާ ހޭދަ އެހެރީ ފެންނަން. އަދި ހަމައެހެންމެ، އިޖްތިމާޢީ ދާއިރާތަކަށް، ނޫނިއްޔާ ޕީ.އެސް.އައި.ޕީ.ގެ ބޮޑެތި މަޝްރޫޢުތައް، ބަނދަރު ހެދުން، ބިން ބޮޑުކުރުން، މިކަހަލަ މަޝްރޫޢުތަކަށް ކުރާ ހޭދަ އެހެރީ ފެންނަން. އަޅުގަނޑުމެން ގަބޫލުކުރަނީ، ޢާންމުކޮށް ސަރުކާރަކުން ބަޖެޓެއް ފޮނުވައިގެން، ސަރުކާރުގެ ވިސްނުންތަކެއް ބަޖެޓްގެ ތެރެއިން ރައްޔިތުންނާ ހަމަޔަށް އަންނަ ކަމަށް. އަދި ރައްޔިތުންގެ މަންދޫބުންނާ ހަމަޔަށް ބަޖެޓްގެ ތެރެއިން ވިސްނުންތަކެއް ދައްކައިދޭނެ ކަމަށް. ބަނދަރު ފުންކުރުމާއި، ބަނދަރުތައް ހެދުމާއި، ބަނދަރުތައް މަރާމާތު ކުރުމާ، އަދި ފާލަންތައް މަރާމާތުކުރުމާ، މިކަންކަމަކީ އަޅުގަނޑުމެންގެ އިންސާނިއްޔަތު، ދިވެހި އިންސާނިއްޔަތު ލެހެއްޓެވިހާ ދުވަހެއް ވަންދެން، ހަމަ ތަކުރާރުވަމުންދާނެ ކަންކަން. މިކަންކަމަށް ފައިސާ ހޯދަން އެބަޖެހޭ.
 
އަޅުގަނޑުމެންނަށް ފައިސާ ހޯދަން ދަސްވެފައި މި ހުންނަނީ މަދު ވަސީލަތްތަކަކުން. އެހެންވެގެން ކޮންމެވެސްވަރެއްގެ ރެޒިލިއަންސެއް މަސްވެރިކަމުގެ ދާއިރާއިންނާއި އަދި ދަނޑުވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެންގެ އިޤްތިޞާދަށް ހޯދަން މިޖެހެނީ. މި ދާއިރާތަކުގައި އިންވެސްޓް ކުރަން، ބަޖެޓުން ތަނަވަސްކަން އެބަ ހޯދަންޖެހޭ. ބަނދަރު ހެދުމުންނާއި، ސްކޫލް އެޅުމުންނާއި، ހޮސްޕިޓަލް އެޅުމުންނާ، އަދ މިތަންތަން އަޕްގްރޭޑް ކުރުމުންނާ، އަދި މި ދާއިރާތަކަށް އިތުރުކުރަންޖެހޭ ތަނަވަސްކަމާއި ވަސީލަތްތައް ބޭނުންތެރިވިނަމަވެސް، ބަޖެޓުން ކޮންމެވެސްކަހަލަ މަސައްކަތްތަކެއް ކޮށްގެން، އަޅުގަނޑުމެން މިދެންނެވި ކަހަލަ އާމްދަނީ ހޯދާނެ ދާއިރާތަކަށް، ހިތްހަމަޖެހުމެއް ގެނެސްދިނުމަށްޓަކައި، އިންސެންޓިވްތަކެއް ގެނެސްދިނުމަށްޓަކައި ފައިސާ އެބަޖެހޭ ސަލާމަތްކުރަން. މިއީ ކުރިއަށް އޮތް މުސްތަޤްބަލަށް، ކައިރި މުސްތަޤްބަލަށް އަޅުގަނޑުމެންނަށް އެޅޭ ބިނާކުރަނިވި ފިޔަވަޅެއް.
 
އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރާނީ މިރޭވެސް، ބަޖެޓްގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ކަންކޮޅުތަކަށް ބޭނުންވާ ހުރިހާ މަސައްކަތްތަކަށް ކޮންމެ އަހަރަކު ބަޖެޓުން ޖާގަ ހޯދަން އެބަޖެހޭ. އިޤްތިޞާދީ ބޮޑެތި މަސައްކަތްތަކަށް އަޅުގަނޑުމެން ޖާގަ އެބަ ހޯދަންޖެހޭ. ޞިނާޢީ ބޮޑެތި މަސައްކަތްތަކަށް އަދި ޕީ.އެސް.އައި.ޕީ.ގެ ބޮޑެތި އިންފްރާސްޓްރަކްޗަރުގެ މަސައްކަތްތަކަށް ބަޖެޓުން ފައިސާ އެބަ ހޯދަންޖެހޭ. މިކަންކަމާއެކުވެސް އަޅުގަނޑުމެންގެ ދައުލަތުގެ ތަނަވަސްކަން ހުރި މިންވަރުން އަޅުގަނޑުމެން ބޭނުންހާ ހަލުއި މިނެއްގައި، ހުރިހާ ދިމާއަކަށް އެއްފަހަރަކާ މިދެންނެވި ކަހަލަ ތަރައްޤީގެ މަޝްރޫޢުތަކެއް ދުއްވައެއްނުގަންނާނެ. އެކަންކަމުގައި ކޮންމެވެސްވަރަކުން އަޅުގަނޑުމެން އެބަޖެހޭ، މަޑުޖެހުމެއް އައި ކަމުގައިވީނަމަވެސް، މިދެންނެވި ގޮތަށް ކުރިއަށް އޮތް ފިއުޗަރަށް، މުސްތަޤްބަލަށް އަޅުގަނޑުމެން އެބަޖެހޭ ޖާގަ ހޯދަން.
 
މުސްތަޤްބަލަށް ޖާގަ ހޯދާއިރު، ޓުއަރިޒަމް ދާއިރާއަކީ އަޅުގަނޑުމެން ހިތްވަރުދޭންޖެހޭ ދާއިރާއެއް. އަދި ހަމަ އެހެންމެ، ބޮޑެތި ޞިނާޢީ މަސައްކަތްތަކަކީ އަޅުގަނޑުމެން ހިތްވަރުދޭންޖެހޭ ދާއިރާ. އޭގެތެރޭގައި އެސް.އީ.ޒެޑްގެ މަޝްރޫޢުތަކުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އޭގެތެރޭގައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި މަސްވެރިކަމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އޭގެތެރޭގައި އަޅުގަނޑުމެން މި ދައްކަނީ، އެއަރޕޯޓް ބޮޑުކުރުމާއި އަދި ހޮސްޕިޓަލްގެ ފެސިލިޓީތައް އިތުރުކުރުމުގެ ވާހަކަ. އެއީ އާމްދަނީ އިތުރަށް ލިބޭ ކަންކަން. ނޫނިއްޔާ ޚަރަދުން ބޮޑުބައެއް ދެކޮޅުޖެއްސުމަށްޓަކައި ޚަރަދު ހިފަހައްޓައިދޭ ކަންކަން. ހަމައެހެންމެ، މިވަގުތު އަޅުގަނޑުމެންނަށް ފެންނަ އާމްދަނީ، ނޫނީ މަންފާ އެހާބޮޑު ކަމުގައި ގަބޫލުނުކުރެވުނު ކަމުގައިވީނަމަވެސް، ނޫނީ އަޅުގަނޑުމެންގެ އިޤްތިޞާދުގައި އެހާބޮޑު ބުރައެއް މަސްވެރިކަމުގެ ދާއިރާއިން ނޫނީ ޚާއްޞަކޮށް، ދަނޑުވެރިކަމުގެ ދާއިރާއިން، މަސްވެރިކަމުގެ ދާއިރާއެއް ނޫން. ދަނޑުވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެންނަށް ނުފެނުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މީގެ ޕޮޓެންޝަލަށް ބަލައިފި ކަމަށްވަންޏާ، މީގެ ސްކޯޕަށް ބަލައިފި ކަމަށްވަންޏާ، މިއީ ހަމަ އިޤްތިޞާދުގައި ބަދަލު ގެނެސްދޭނެ ދެ ދާއިރާ.
 
އަނެއްކާވެސް މި ނުކުންނަނީ މަސައްކަތްތެރިކަމުގެ ދާއިރާއިން ޖީ.ޑީ.ޕީ އިން ގުނޭ މިންވަރު. އަންހެން ބޭފުޅުން ގޭގައި ތިއްބަވައިގެން ކުރައްވާ މަސައްކަތެއް ނުގުނޭ. އެހެން ނަމަވެސް، އަންހެން ބޭފުޅުން މި ދާއިރާތަކުގައި އިޤްތިޞާދީ ގޮތުން ޙަރަކާތްތެރިވާ ކަމަށްވަންޏާ، އެބޭފުޅުންގެ މަސައްކަތް ޖީ.ޑީ.ޕީ.ގެ ތެރޭގައި އެބަ ގުނޭ. އެހެންވީމާ، އަންހެން ބޭފުޅުންނަށް ވަރަށް ފާގަތި، ވަރަށް ތަނަވަސް ދާއިރާއަކަށް ވެގެން މިދަނީ. އެހެންވީމާ، އަންހެނުން އެމްޕަވަރ ކުރުމަށް ކުރާ މަސައްކަތުގައި، އަދި އަންހެނުންނަކީ، އަންހެން ބޭފުޅުންނަކީ، އަންހެން ކަނބަލުންނަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގައި ހުރިހާ މަސައްކަތެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނޫން ބުރައެއް އުފުއްލަވާ ބޭފުޅުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރާއިރު، އަޅުގަނޑުމެން ބޭނުންވަނީ މި ދާއިރާއަށް ތަރައްޤީ އަންނަން. ޒަމާނުއްސުރެ މި ދާއިރާއަށް ތަރައްޤީ ގެންނަން ސަރުކާރުން ކުރާ މަސައްކަތްތައް ހަމަ ކުރަމުން ދަނީ. އެހެން ނަމަވެސް، ކޮންމެ ބަޖެޓެއްވެސް އަޅުގަނޑުމެން ބަލައިލާއިރު، އަޅުގަނޑުމެންނަށް ހިތާމަޔާއެކީ ފާހަގަކުރަންޖެހެނީ، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ހިންގާ ވުޒާރާއަށް ބަޖެޓުން ކަނޑައަޅާވަރަކީ ނިސްބަތުން ވަރަށް ކުޑަކުޑަ އެއްޗެއް. އޭގެ ބޮޑެތި ބުރަ ހިފާ ދާއިރާތައް އެބަހުރި، ހަމަ ރަނގަޅު ސަބަބުތަކާހުރެ. ތަޢުލީމަށް ދޭ ސަމާލުކަމެއް، އަޅުގަނޑުމެންނަކަށް އިހުމާލުކޮށެއް ނުލެވޭނެ. ޞިއްޙަތަށް ދޭ ސަމާލުކަމެއް އަޅުގަނޑުމެންނަކަށް އިހުމާލުކޮށެއް ނުލެވޭނެ.
 
އަދި މިހާރު ދިވެހިރާއްޖޭގެ ޙާލަތު ބަދަލުވެފައި މިއޮތް މިންވަރުން، ޤައުމީ ސަލާމަތާއި، ރައްކާތެރިކަމާއި އަދި ދިވެހިރާއްޖޭގެ ވެށްޓަކީ ސަލާމަތްތެރި، ރައްޔިތުންނަށް ދިރިއުޅެވެން ފަސޭހަ ވެށްޓަކަށް ހެދުމަށްޓަކައި މިކުރާ ހޭދަތައް މިހާރު މިދިޔައީ އިތުރުވެގެން. މިއީ ނުރައްކާތެރި ބައެއްގެ ވިޔާނުދާ ޢަމަލުތަކަކުން އަޅުގަނޑުމެންގެ ރިސޯސް، ރަނގަޅު ބޭނުމަކަށް ހޭދަކުރަން ހުރި ފައިސާ، އެބޭނުމުން އެއްކިބާކުރާ ވިޔާނުދާ ޙަރަކާތްތަކެއްގެ ސަބަބުން ކުރަންޖެހުނު ކަމެއް. އެހެން ނަމަވެސް، މިއަދުގެ ޙާލަތު އޮތްގޮތުން، މިއީ އަޅުގަނޑުމެން ކުރަން ލާޒިމު ކަމަކަށްވެފައި މިއޮތީ. މި ހޭދަ އަޅުގަނޑުމެން ކުރަން ނުޖެހުނުނަމަ، ނޫނީ މި މުޞީބާތް އަޅުގަނޑުމެން އަމިއްލައަށް ދިވެހިން ހޯދައިނުގަތްނަމަ، މި ފައިސާއަކީ ޞިއްޙީ މަރްކަޒުތަކަށް، މި ފައިސާއަކީ ތަޢުލީމުގެ ދާއިރާ ރަނގަޅުކުރަން، މި ފައިސާއަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރަން، ޒުވާނުންނަށް ހޭދަކުރަން އިތުރުވެގެންދާ ބިނާކުރަނިވި ހަކަތަ އުފައްދައިދޭނެ ފައިސާ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ދައުލަތް ސަލާމަތްތެރިކަމާއެކީ އޮންނަން ބޭނުންކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި ބޭނުންވާނެ. އަދި އަޅުގަނޑުމެންގެ ރައްޔިތުން، ރާއްޖެތެރޭގެ އެކި ހިސާބުގައި ދިރިއުޅުއްވާ ރައްޔިތުންގެ ސަލާމަތާއި މަޞްލަޙަތު ރައްކާތެރިކޮށްދޭން އަޅުގަނޑުމެން ބޭނުންވޭ. މާލޭގައި މަގުތަކުގެ ސަލާމަތާއި، މަގުތަކުގެ އަމާންކަން، މަގުތަކުގައި ހިންގަވާ ބޭފުޅުންނަށް އަޅުގަނޑުމެން ކަށަވަރުކޮށްދޭން ބޭނުންވޭ.އެހެންވީމާ،  މި ދާއިރާއަށް އަޅުގަނޑުމެން ކުރީގައި އިންތިޒާރު ނުކުރާ މިންވަރަށް ހޭދަކުރަން މިޖެހެނީ، މި ދެންނެވި ކަހަލަ ވިޔާނުދާ ޢަމަލުތައް ހިނގާތީ. އަޅުގަނޑުމެން ކުރާނީ މަސައްކަތް. އަޅުގަނޑުމެންގެ މަސައްކަތުގައި ﷲގެ ހެޔޮ ރަޙްމަތާއި ތައުފީޤު މިންވަރު ކުރައްވާނީ.
 
އަޅުގަނޑު އެދެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަންހެން ބޭފުޅުންގެ ދައުރު އިތުރުވެގެން ދިޔުން. އަދި އިޤްތިޞާދު ފުޅާކުރަން މިކުރާ މަސައްކަތުގައި، ޒުވާނުންގެ ދައުރު އިތުރުވެގެންދިޔުން. އަދި ޞިނާޢަތެއްގެ ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތް، އަޅުގަނޑުމެންގެ އިޤްތިޞާދުގައި މި ހިފާ ބުރަ، މިހާރު އެއަށްވުރެ ބޮޑު ބުރައެއް އުފުއްލާ ބަޔަކަށް ވެގެންދިޔުން. ނޫނީ އެއަށްވުރެ ބޮޑު ކޮންޓްރިބިއުޝަނެއް ދޭ ބަޔަކަށް ވެގެންދިޔުން. ޝައްކެއްވެސްނެތްގޮތުގައި، ދާއިރާގެ ތަފާސަށް ބަލާކަމަށްވަންޏާ، އަދި ދާއިރާގެ ސްކޯޕަށް ބަލާކަމަށްވަންޏާ، މިއީ ޖާގައާއި ފުރްޞަތު އޮތް  ދެ ދާއިރާ. އެހެންވީމާ، ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ، މި ދާއިރާތަކަށް ނުކުންނާނެ ޒުވާނުން އިތުރުކުރަން ހިތްވަރުދިނުމަށް ކުރާ މަސައްކަތް ކުރުމާއި، މި ދެ ޞިނާޢަތުން އުފައްދާ މުދާ، ނަފާ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހިތްވަރުދިނުމާއި، ވައްޓަފާޅި، ނޫނިއްޔާ އެކަންކަން އިތުރުކުރަން ކުރާ މަސައްކަތް ކުރުމާއި، އަދި މި ދާއިރާގައި އުފައްދާ މުދަލުގެ ރައްކާތެރިކަން، މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ކުރުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވިސްނުން ހުރި މިދެންނެވި ގޮތަކީ، އަޅުގަނޑުމެންގެ އިޤްތިޞާދަކީ ތަނަވަސް އިޤްތިޞާދަކަށް ހެދުން.
 
މިކަހަލަ ޢާންމު ބައްދަލުވުމެއްގައި އެންމެފަހުން އަޅުގަނޑު ވާހަކަދެއްކީ ޖުމްހޫރީ ދުވަހު. ޖުމްހޫރީ ދުވަހު ދިވެހި ރައްޔިތުންނާ އަޅުގަނޑު ކުރި ސުވާލަކީ، އަޅުގަނޑުމެން ކަންކަން ނިންމުމުގެ ޤާބިލުކަން، އަޅުގަނޑުމެންގެ އެބަހުރިތޯ؟ މިއަދު އިޤްތިޞާދީ ދާއިރާ ރަނގަޅުކުރަން މިކުރާ މަސައްކަތަކީ، ޚާއްޞަކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތް ފުޅާކޮށްގެން، އިޤްތިޞާދީ ދާއިރާއަށް އިތުރު މަންފާތަކެއް ހޯދަން މިކުރާ މަސައްކަތަކީ، މިދެންނެވި ޤާބިލުކަން ދިވެހިންނަށް އިތުރުކޮށްދޭން އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ރާއްޖެއަކީ އިޤްތިޞާދީ ފުދުންތެރިކަން މިހާރަށްވުރެ ބޮޑު ރާއްޖެއަކަށް ވާން އެބަޖެހޭ. އަޅުގަނޑުމެންނަކީ ކޮންމެވެސްވަރެއްގެ މުދާ އެކްސްޕޯޓްކުރާ، އަދި އިމްޕޯޓްކުރާ މުދަލާއި، ހޭދަކުރަންޖެހޭ ޑޮލަރަށްވުރެ އިތުރު އާމްދަނީ ހޯދޭ ބަޔަކަށް އެބަވާންޖެހޭ. އަޅުގަނޑުމެންގެ އިޤްތިޞާދު ރެޒިލިއަންސް، ނޫނީ ހަރުދަނާ، ނޫނިއްޔާ ޝޮކް އެބްޒޯބް ކުރެވޭވަރުގެ އިޤްތިޞާދަކަށް ހަދަން އެބަޖެހޭ. އެ ހެދިގެން ނޫނިއްޔާ، އަޅުގަނޑު ދެންނެވި ޤާބިލުކަން ފުރިހަމައެއްނުކުރެވޭ.
 
އަނެއްކާވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ މި ސިލްސިލާގައި ދެވަނަ ޖަލްސާއެއް މިގޮތަށް ދާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޤާބިލުކަން ހުރިހާ ކަމަކަށް އިތުރުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ އިންސާނުންގެ ސިކުނޑި، ނޫނީ ހިއުމަން ރިސޯސް ޑިވެލޮޕް ކުރަން މިކުރާ މަސައްކަތް ކުރުމާއެކީ، އަޅުގަނޑުމެންގެ ޤާބިލުކަމުގެ ދާއިރާއަށް، ބޭރުގެ ފަރާތްތަކަށް ބެހުމުގެ ޖާގަނުދޭން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންނަށް މަޖުބޫރު އެބަވޭ، މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި ޤާބިލުކަން އިތުރުކުރުމަށްޓަކައި އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރަން، ލިބޭ އާމްދަނީ އިތުރުކުރަން. މި މަސައްކަތުގައި އެގްރިކަލްޗަރ ޞިނާޢަތާއި، މަސްވެރިކަމުގެ ޞިނާޢަތަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް އުސް ދިމާއަކަށް، ނޫނީ ވަރަށް އުސް ހިސާބަކަށް ދިވެހިރާއްޖެ ގެންގޮސްދެވޭނެ ދެ ޞިނާޢަތް.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މި ދެ ޞިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، އެ ބޭފުޅުންގެ ޢާއިލާތަކަށް، އަދި މި ދެ ޞިނާޢަތުގެ ރެގިއުލޭޓްރީ މަސައްކަތް ކުރައްވާ އަދި އެ މަސައްކަތުގައި ބައިވެރިވެގެން ނަފާ އިތުރުކުރުމަށް، މި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނަށާއި، ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް، ތިކުރައްވާ މަސައްކަތަށް އިތުރަށް އެއް ގިޔަރު ކުރިއަށް ޖައްސަވަން ހިތްވަރުދެމުން، އަދި އިރާދަކުރެއްވިއްޔާ މާތްﷲގެ ރަޙްމަތާއި ބަރަކާތް، އަޅުގަނޑުމެންގެ މި މަސައްކަތްތަކުގައި މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه