ސްލޮވާކިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޒިގްމަންޑް ބަރޓޮކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު ސްލޮވާކިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްލޮވާކިޔާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ޚާއްޞަކޮށް އިޤްތިޞާދީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ދޭތެރޭގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސްލޮވާކިޔާގެ އާ ސަފީރު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ސްލޮވާކިޔާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު އިތުރު ކުރެވޭނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ސްލޮވާކިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސްލޮވާކިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމަކީ، ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ރާއްޖެއާއި ސްލޮވާކިޔާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސްލޮވާކިޔާގެ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. މީގެ އިތުރުން، ސްލޮވާކިޔާގެ އިޤްތިޞާދުގައި އެންމެ މުހިންމު ދާއިރާއަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާކަން ފާހަގަ ކުރައްވަމުން، މި ދާއިރާއިން ރާއްޖެއާއި ސްލޮވާކިޔާއާ ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސްލޮވާކިޔާގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ.

މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އަލްއުސްތާޛާ ޢާއިޝަތު ބިސާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.