بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި، ޢިއްޒަތްތެރި ރައްޔިތުން؛
 
މި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ތަހުނިޔާ ދަންނަވަން.
 
އަޅުގަނޑުމެންގެ ދެވަނަ ޖުމްހޫރިއްޔަތަށް 47 އަހަރު ފުރިގެންދާއިރު، އާދެ، 50 އަހަރާ އަމާޒުވެފައިވާއިރު، އަޅުގަނޑުމެންނަށް ޖުމްހޫރިއްޔަތުގެ ތެރެއިން ވަރުގަދަ ސިޔާސީ ފިލާވަޅުތަކެއް ނަގައިދީފައިވާ ކަމަކީ ތާރީޚު ހެކިވާ ކަމެއް. އަޅުގަނޑުމެންގެ މި ޖުމްހޫރިއްޔަތުގެ 47 އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ނަގައިދީފައި ހުރި ފިލާވަޅުތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް އެންމެ ހިތްހަމަޖެހޭ ފިލާވަޅަކަށް ވެގެން މި އަންނަނީ، ޒަމާނީ ޑިމޮކްރަސީއެއް ދިވެހިރާއްޖޭގައި އަށަގެންފައި އޮތުން. އާދެ، ބާރުތައް ވަކިވެފައި، އެއްބާރު އަނެއް ބާރަށް ފާރަވެރިވާ ނިޒާމެއް އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހިގެން އަދި އެ ނިޒާމު ފައްކާކުރުމުގެ މަސައްކަތްތަކެއް، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން ކުރަމުންދާ ވަގުތެއް. މި އުފާ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ޙާޞިލުކުރާނެ.
 
އެހެން ނަމަވެސް، އެޔާއެކީ ދަންނަވާލަން ޖެހެނީ، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތުގެ މި ހިނގާ ދުވަސްތަކަކީ، ވަރަށް ޙަރަކާތްތެރި، ވަރަށް މުރާލިކަމާއެކީ، ވަރަށް ބިނާކުރަނިވި، އަދި ބައެއްފަހަރު ފަނާކުރަނިވި ގޮތަކަށް، އަޅުގަނޑުމެންގެ ޙަރަކާތްތައް ހިނގާފައިވާ ދުވަސްތަކެކޭ. އަޅުގަނޑުމެންނަށް ނަގައިދިން ފިލާވަޅުތަކުގެ ތެރޭގައި، ކުރުގޮތަކަށް ދަންނަވާލާ ކަމަށްވަންޏާ، މި ރައީސް، ރައީސްކަމާ ޙަވާލުވެ، ހުވާކޮށް، ޤައުމީ މަސްއޫލިއްޔަތު އުފުލުމުގެ ޒިންމާ އަދާކުރަން ފެށީކީ، ނޮވެންބަރު މަހުން 11 ވަނަ ދުވަހަކު ނޫން. ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތުގައި ހުރި ޙަރަކާތްތެރިކަން، މި މިސާލުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.
 
އާދެ، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ދަންނަވާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޖުމްހޫރީ ދުވަހަކީ ޤައުމު ފަޚްރުވެރިވާ ދުވަހެކޭ. ޤައުމު ފަޚްރުވެރިވަނީ، ޤައުމުގެ މަތިވެރި ރައްޔިތުންނަށްޓަކައި. ޤައުމު ފަޚްރުވެރިވަނީ ރައްޔިތުންގެ ޚިދްމަތުގައި ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާއިރު، ޤައުމު ބިނާކުރުމަށް ރައްޔިތުންގެ ފަރާތުން ކޮށްދެއްވާފައިވާ އިޚްލާޞްތެރި މަސައްކަތް ހަނދާންކުރާތީ. ޖުމްހޫރީ ދުވަހެއް، ޖުމްހޫރީ ދުވަހެއް ފާހަގަކުރާއިރު، މި ދުވަހުގެ އެންމެ އުފާވެރި މުނާސަބަތަކަށް ވެގެން މިދަނީ، ދިވެހިރާއްޖެ ޖުމްހޫރިއްޔަތެއްގެ މަތީގައި ﷲ ލަހައްޓަވާތީ، އެކަމަށް ޙަމްދުކުރަމުން، އެޔާއެކީ ޖުމްހޫރީ ދުވަހު ދިވެހިރާއްޖެ މިހާހިސާބަށް އައިސް އަދި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި، އެކި ރޮނގު ރޮނގުން ޤައުމަށް ކުރިއެރުން ލިއްބައިދީފައިވާ ފަރާތްތަކުގެ އަގުހުރި ޚިދްމަތްތައް އަޅުގަނޑުމެން ހަނދާން އާކުރާތީ.
 
އާދެ، މިރޭގެ ޖަލްސާގައި، އެންމެ ޚާއްޞަ ނަންބަރަކަށް ވެގެން މިދަނީ، މިދިޔަ އަހަރުގެ ތެރޭގައި، މި ޖުމްހޫރިއްޔަތަށް މިދެންނެވި ކަހަލަ އުފާފާގަތިކަމާއި، ކުރިއެރުންތައް ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވި އެކިއެކި ފަރާތްތަކުން ކޮށްދެއްވާފައި ހުރި ޚިދްމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ރައްޔިތުންގެ ފަރާތުން، ދިވެހި ދައުލަތުގެ ފަރާތުން އެ ފަރާތްތަކުގެ ހަނދާނަށް، އެބޭފުޅުންނަށް އަރުވާ ޝަރަފާއި، ހިތްވަރުގެ އިނާމާއި، އަދި މަތީ ދަރަޖަތައް، ރީތި ނަން ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް އަރުވާ ލަޤަބާއި، މެޑެލާއި، ސެޓްފިކެޓް. އާދެ، ޝައްކެއްވެސްނެތް، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތުގެ މަސައްކަތް ފުރިހަމަވެގެން މިދަނީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ހުރި ހިތްވަރާއި ފަންވަރުން. އެހެންކަމުން، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެންމެ އުފާ ފާޅުކުރުން ޙައްޤު ކަމަކީ، މިދެންނެވި ފަރާތްތަކުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ޙައްޤު މަރްޙަބާ ދަންނަވައި، ޝުކުރު އަދާކުރުން.
 
މިރޭ މި ސްޓޭޖް މަތިން ޝަރަފްގެ އިނާމާއި، ހިތްވަރުގެ އިނާމާއި، ރީތި ވަނަތައް، ނޫނިއްޔާ ރީތި ނަން ދިވެހިރާއްޖެއަށް، މަތީ ތަޢުލީމުގެ ދާއިރާއިން، ބޭރުގެ ޔުނިވަރސިޓީތަކުން ހޯއްދަވައިދެއްވި ފަރާތްތަކާއި، ކުޅިވަރާއި ދަރުމައަށް މަސައްކަތް ކުރުމާއި، ޒުވާނުންގެ ޙަރަކާތްތެރިކަމާއި، އަންހެނުންގެ ދާއިރާއިން ކުރިއެރުން ހޯއްދަވާފައިވާ ފަރާތްތައް، އެކިއެކި ޝަރަފާއި ލަޤަބުގެ ސެޓްފިކެޓްތައް ގެންދަވާކަމީ، އަޅުގަނޑުމެންނަށް އުފާ ލިބިދޭ ކަމެއް. އާދެ، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތުގެ ރީތިފުށް ބިނާކުރަނިވި ފުށް.
 
މިއާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، އެހެން ކަމަށްވަންޏާ، ދިވެހި ޖުމްހޫރިއްޔާގެ، މިއަދު އަޅުގަނޑުމެންގެ ހަނދާނަށް ގެންނަން މި ޖެހެނީ، ދިވެހި ޖުމްހޫރިއްޔާގެ ފަތިފުށެއްވޭތޯ. ނޫނިއްޔާ ބިނާކުރަނިވި ނޫން ފަނާކުރަނިވި ފުށެއްވޭތޯ. ޝައްކެއްވެސްނެތް، މި މަޤާމުގައި ހުރެގެން، ދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރު، ޤައުމުގެ ޙަޤީޤަތްތަކާ އެއްގޮތަށް ވާހަކަ ދެއްކުމަކީ، އަޅުގަނޑަށް އަޅުގަނޑުގެ ޤާނޫނީ މަސްއޫލިއްޔަތު ލާޒިމުކުރާ ކަމެއް. ދިވެހިރާއްޖޭގައި މިއަދުވެސް އަޑުއިވެމުން މިދަނީ، އަޅުގަނޑުމެންގެ ޞިނާޢަތްތައް ބޮއިކޮޓް ކުރަން ގޮވާ އަޑުތައް. މިއަދުވެސް އަޅުގަނޑުމެންނަށް އިވެނީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ އަޑު. މިއަދުވެސް އަޅުގަނޑުމެންނަށް އިވިގެން މިދަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިން، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމަކީ، ނުރައްކާތެރި މަންޒިލަކަށް، ދިވެހިރާއްޖެ ވެފައި އޮތް ވާހަކަ. މި ވާހަކަތައް މި ފެށެނީ، ދިވެހި ރައްޔިތުންނާ ހަމައިން. އަދި އަޅުގަނޑުމެންގެ ކައިރި ކަނޑުތައް ހުރަސްކޮށް، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ ނޫސްތަކުގައި މި ވާހަކަތައް ލިޔަން ފަށައިފި، ފަލަ ސުރުޚީން. މި އަބާއްޖަވެރިކަން އަޅުގަނޑުމެން މި ހޯދަނީ ކީއްވެގެންތޯ؟ އަޅުގަނޑުމެން ހިތާހިތާ މިއަދު ސުވާލުކުރަންޖެހޭނެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތުގެ ވާހަކަ ދައްކާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތުގެ ޢައިބު ފުށް، ފަތިފުށް، ނޫނިއްޔާ ފަނާކުރަނިވި ކަންތައްތައް ހުރިގޮތް.
 
ދިވެހިރާއްޖޭގެ މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދިވެހިރާއްޖެ ކޮންމެ ނުރައްކަލަކަށް ހުށަހެޅުމަށްޓަކައި، ދިވެހި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް، އެކަންކަމަށް ތައްޔާރާ ތިބިކަން. ދާދި މިދާކަށް ދުވަހާ ހަމައިން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ރާއްޖޭގެ އެކި ހިސާބުގައި ހަތިޔާރު ފޮރުވާފައި ހުރި ތަން. ކަނޑު ފީނައިގެން ހަތިޔާރު ހޯދާފައިވޭ. މާލޭގެ ގެތައް ފާސްކޮށްގެން ހަތިޔާރު ހޯދާފައިވޭ. އަދި ހަމައެއާއެކީ، މާލޭގެ ގެތައް ފާސްކޮށްގެން، ގޮއްވާ ތަކެތި ހޯދާފައިވޭ. ގޮއްވާ ތަކެތި ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދާފައިވޭ. މިއީ ޝައްކެއްވެސްނެތްގޮތުގައި، ފަނާކުރަނިވި ފުށް، އަޅުގަނޑުމެންގެ ޢައިބު ފުށް. އެހެން ނަމަވެސް، މިކަންކަމާއެކީ ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި ދައުލަތުން ކުރަންޖެހޭ ކަމެއް، ދައުލަތުން ކުރާނެ. މިއީކީ ފަރުދެއްގެ ޙައްޤެއް، ބައެއްގެ ޙައްޤެއް ގެއްލިގެން އުފުލާ އަޑެއް ނޫން. މިކަން ކުރުމަކީ ޤައުމު ސަލާމަތް ކުރުމަށްޓަކައި، ދިވެހި ޖުމްހޫރިއްޔަތުގެ ޒަޢާމަތާ ޙަވާލުވެ ހުރި ހަމަ ކޮންމެ މީހަކުވެސް ކުރަން ލާޒިމު ކަމެއް.
 
 އާދެ، މިކަންކަމާއެކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެވިގެންދިޔައީ. މިއީ ފަސޭހަގޮތް އިޚްތިޔާރު ކުރުމެއް ނޫން. މިއީ އުނދަގޫ ގޮތް އިޚްތިޔާރު ކުރުން. ފަސޭހަގޮތަށް ނުވާގޮތަކީ، އުނދަގޫ ގޮތަށް މިވާގޮތަކީ، އަޅުގަނޑު ދަންނަވާލަންވެސް ހަމަ ބޭނުންވޭ. މިއީ އަޅުގަނޑަށް، މި ފަހަކަށްއައިސް ދިވެހި ތާރީޚުގައި ނަގަންޖެހުނު އެންމެ އުނދަގޫ ޑިސިޝަން. އާދެ، އަޅުގަނޑަށް ނަގަންޖެހުނު ހަމަގައިމުވެސް އެންމެ އުނދަގޫ ނިންމުން މިއީ. އަޅުގަނޑު ނިންމަންޖެހުނު އެންމެ އުނދަގޫ ނިންމުން. އެހެން ނަމަވެސް، ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ދިރިހުރުމުގެ ޙައްޤު، އެބަ ކަށަވަރުކޮށްދޭންޖެހޭ. ދައުލަތުން ރައްޔިތުންނަށް، ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދޭން އެބަޖެހޭ. ހަމައެއާއެކީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ފަސޭހަ ކަމެއް ނޫން. ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ، އުނދަގުލުން ކުރި ކަމެއް. އެހެން ނަމަވެސް، މިކަމުގައިވެސް މިއޮތީ ޤައުމުގެ މަޞްލަޙަތު އިޚްތިޔާރު ކުރެވިފައި. ކުއްލި ނުރައްކަލުގެ ޙާލަތު ތަޢާރުފް ކުރުމާއި، އުވާލުމާ، މިކަންކަމަކީ ޤައުމުގެ މަޞްލަޙަތަށްޓަކައި ކުރެވުނު ކަންތައްތައް. އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުކުރާ ޙަޤީޤަތަކީ، މުޅި ޤައުމަށްވުރެން މޮޅު، ބާރުގަދަ، މުހިންމު އެއްވެސް ވަކި ފަރުދެއް، ވަކި ޖަމާޢަތެއް ނުހުންނާނެކަން.
 
އެހެންވީމާ، މިކަންކަން ކުރުމަށްޓަކައި އެންމެ އުނދަގޫ ކަންތައް އިޚްތިޔާރު ކުރަންޖެހުނީ، މުޅި ޤައުމުގެ ޝަރަފާއި ކަރާމަތާއި، މުޅި ޤައުމުގެ ދިރިއުޅުމުގެ، ނޫނިއްޔާ ރައްޔިތުންގެ ސަލާމަތަކީ، ދައުލަތަށް މުހިންމު ކަމެއް ކަމަށްވާތީ، އަދި އެކަން ކަށަވަރުކޮށްދިނުމަށްޓަކައި. މިކަންކަމާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ހަމަ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، ނޫނިއްޔާ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު، މިކަމާ އަޑުއުފުލާ ތަން. ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމަކުންނެއް، ހަމަގައިމުވެސް ޞުލްޙައަށް ލޯބިކުރާ، ނޫނީ ޤައުމު ބިނާކުރަން މަސައްކަތްކުރާ އެއްވެސް މީހަކަށް، އެއްވެސް ފަރާތަކަށް، އެއްވެސް ޖަމާޢަތަކަށް، ޙައްޤުގެ އުނިކަމަކަށް ޒައްރެއްގެ މިންވަރެއްވެސް އައިއްސައެއް ނުވާނެ. މިތަނަކު ކާފިއުއެއް ނުހިންގާ. މިތަނުގައި އެއްވެސް ކަހަލަ މިކަހަލަ ޙައްޤުތަކެއް ހިފަހެއްޓިފައެއްނުވޭ. ޢާންމު ޙާލަތުގައި ހުރިހާ އެންމެން ދިރިއުޅެމުން، ހޭދަކުރަމުން ގެންދިޔައީ ވަގުތުތައް.
 
އާދެ، އެހެން ނަމަވެސް، މިކަންކަމުގައިވެސް ދިވެހި ދައުލަތުގެ ފަރާތުން މިކަންކަން ކުރީމަ، ދިވެހި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް، ބޭރުގެ ފަރާތްތަކަށް މިވަނީ ދަޢުވަތު ދީފައި. ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދީގެން، ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތަކީ، އިޢުލާނު ކުރުން ޙައްޤު ކަމެއް ނޫން ކަމަށް، އެކި ފަރާތްތަކުން ވަކާލާތު ކުރަމުން ދިޔައީ. މިއީކީ އަޅުގަނޑުމެންނަކަށް ބަލައިގަންނާކަށް، އަޑުއަހާކަށް ފަސޭހަ ކަންކަމެއް ނޫން. މި ފަރާތްތަކަށްވެސް އަދި ދިވެހި ރައްޔިތުންގެ ވަކިވަކި ފަރުދުންނަކަށްވެސް މުހިންމުވީކީ، މުޅި ރައްޔިތުންގެ ސަލާމަތެއް ނޫން. ވަކިވަކި ފަރުދުންގެ ދިރިހުރުމުގެ ޙައްޤު ޙިމާޔަތް ކުރުމަށް މި އޮންނަ ޙައްޤެއްވެސް ނޫން މުހިންމުވީ. މުހިންމުވެގެން މިދިޔައީ، ވަކި ބަޔަކަށް، ވަކި ތަނަކަށް އެއްވެ އުޅުމުގެ ޙައްޤު ހަނިވެގެން ދިޔައީމަ، އެކަން މުހިންމުވީ. އަދި މީހުންގެ ފުރާނަ ސަލާމަތް ކުރުމާއި، މީހުންނަށް މި އޮންނަ ނުރައްކާތެރިކަމުން ސަލާމަތް ކުރުމަކީ، އެއްވެސް ބަޔަކަށް އުނދަގޫވި ކަމަކަށްނުވި. އަޅުގަނޑު ހަމަ ޙައިރާންވޭ، އަވަށްޓެރި ބައެއް ޤައުމުތަކުގެ ނޫސްތަކުގައިވެސް މި ޖަހާ ވާހަކަތަކުން. މިއީ ހެޔޮއެދޭ ޤައުމުތައް ކަމުގައި އަޅުގަނޑުމެންނަށް ސިފަވެގެން މި އަންނަނީ. އެހެން ނަމަވެސް، ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރަންޖެހުނީ ކީއްވެގެންތޯ؟ ސުވާލު އުފައްދާފައެއް ނުވޭ. ދިވެހިރާއްޖޭގައި މިހާ ނާޒުކު ގޮތަކަށް، ދިވެހިރާއްޖެ ހުށަހެޅިގެން މި ދިޔައީ ކީއްވެގެންތޯ، އަދި އެއީ ޙަޤީޤީ ތްރެޓެއް އޮތް ކަމެއްތޯ، ސުވާލު އުފައްދާފައެއް ނުވޭ. ސުވާލު މި އުފެދެނީ، މަދު ބައެއްގެ ޙައްޤުތައް ހަނިކުރެވިގެން، އެކަމާމެދު ސުވާލު އުފެދެނީ. ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ތެރެއިން އަންނަ ރައްޔިތުންގެ ވެރިކަމެއް. ރައްޔިތުން މިކަމާ ދޭތެރޭގައި މިއަދު ވިސްނާވަޑައިގަންނަވަންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.
 
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާއެކީ، ޓުއަރިޒަމް ބޮއިކޮޓް ކުރަމުން، ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލަމުން ގެންދިޔަ ފަރާތްތައް، ހަމަ އަޅުގަނޑުމެންނަށް އަނެއްކާވެސް ޢަޖައިބުކުރަނިވި ކަހަލަ ވާހަކަތަކެއް ދައްކަމުން ގެންދިޔައީ. މީގެ އެންމެ އިސް އެއްބޭފުޅަކު، އިއްޔެ ޓީ.ވީ އިންޓަރވިޔުއެއްގައި ވާހަކަފުޅު ދައްކަވަމުން، މި ވިދާޅުވަނީ، މިއީ ޓުއަރިޒަމް ބޮއިކޮޓް ކުރައްވަން ވާހަކަ ދައްކަވާ ބޭފުޅުން. ދިވެހިރާއްޖޭގެ ޓުއަރިޒަމަށް، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުން، އަންނާނެ ނުރައްކާތެރިކަމުގެ ވާހަކައާއި، މީހުންގެ ޞިނާޢަތު، ނޫނިއްޔާ މި ޞިނާޢަތު ހަލާކުވެގެން، ހީނަރުވެގެންދާނެ މިންވަރާއި އަދި ރިޒޯޓްތައް ހިންގާ ފަރާތްތަކަށް މިކަމުން ލިބޭނެ ގެއްލުމުގެ ވާހަކަ. އެކަމު ޢާންމު ޙާލަތެއްގައި އޮންނައިރު، މި ބޭފުޅުން ރައްދުވާ ސިޔާސީ ޖަމާޢަތްތަކުން ޓުއަރިޒަމް ބޮއިކޮޓް ކުރަން ގޮވާލާ ބޭފުޅެއްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. ގޮވާލާ ޖަމާޢަތަކަށް ރައްދުވާ ބޭފުޅެއްގެ ވާހަކަ. އެހެން ނަމަވެސް، އިއްޔެ ޓީ.ވީ.ގައި އަޑު އުފުއްލަވައި ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު، އަޅުގަނޑު އަޑުއެހިން، އެބޭފުޅުން މިހާރު ކަންބޮޑުވެވަޑައިގަންނަވާ، ދިވެހިރާއްޖޭގެ ޞިނާޢަތަށް، ޓުއަރިޒަމްގެ ޞިނާޢަތަށް އުނދަގޫވާނެ މިންވަރާ ދޭތެރޭގައި ވިސްނާވަޑައިގެންފައި، މި ކުއްލި ނުރައްކަލުގެ ޙާލަތު އޮތް. އަޅުގަނޑު ހިތަށްއަރަނީ، މިކަހަލަ ޖަމާޢަތްތަކުގެ ސައިކީ ނޫނިއްޔާ މި ޖަމާޢަތްތަކުގެ ވިސްނުން ކަރެކްޓަރައިޒް މި ކޮށްދެނީ ހަމަ ބައިޕޯލަރިޒަމް. ދެފަހަރު އެކައްޗެއް ކިޔޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިގޮތަށް ދިވެހިރާއްޖޭގެ ޖަމާޢަތްތަކުން މަސައްކަތްކުރާ ކަމަށްވަންޏާ، ދިވެހިރާއްޖެ ކުރިއަށް ދިޔުމުގައި ހުރަސްތަކެއް ހުންނާނެކަމާ ދޭތެރޭގައި އެއްވެސް މީހެއްގެ ހިތުގައި ޝައްކު އުފެދިގެން ނުވާނެ.
 
އާދެ، ދިވެހި ދައުލަތުން މި އެޅި ފިޔަވަޅުތަކެއް އެޅީ، ޤައުމުގެ މަޞްލަޙަތާއި، ޤައުމުގެ ސަލާމަތާއި، ރައްޔިތުންގެ ދިރިހުރުމުގެ ޙައްޤު އެކަށައަޅައިދިނުމަކީ، ނޫނީ ކަށަވަރުކޮށްދިނުމަކީ، ދިވެހި ދައުލަތުން ކޮށްދޭންޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭތީ. ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ޤައުމީ މަޞްލަޙަތު އިސްކުރަން މިކުރާ މަސައްކަތުގެ ތެރޭގައި، ދިވެހި ދައުލަތުން މިހާރު ކުރަމުންގެންދާ މަސައްކަތަކަށް، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އަދި އެ އުވާލައި، އަދި ދިވެހި ދައުލަތަށް ނޫނީ ދިވެހިރާއްޖެއަށް މި ދިމާވި ކަންކަމުން އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، އެއްވެސް އަސަރެއް ނުފޯރާ މިންވަރަށް، އަޅުގަނޑުމެންގެ މިޞްރާބު ސީދާކޮށް، އަޅުގަނޑުމެންގެ މަސައްކަތްތަކުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭނެ ވާހަކަ ހަމަ ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑުމެންގެ މި ސަރުކާރު، ރައްޔިތުން ވޯޓުދީގެން ސަރުކާރު އިންތިޚާބު މިކުރީ، ރައްޔިތުންނަށް ކުރިއެރުންތަކެއް ހޯދައިދިނުމަށް. އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް، ދިވެހި ދައުލަތަކީ ތަނަވަސް މުއްސަނދި ދައުލަތެއްގެ ގޮތުގައި ހިމެނުމަށް. އާދެ، ފަޤީރުކަމުގެ ތެރޭގައި އަޅުގަނޑުމެން އުޅޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ދައުލަތަކީ، އަދި މުސްތަޤިއްލު ދައުލަތެއް ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ އަޑު އުފުއްލޭ ތަނެއް ނާންނާނެ.
 
އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކަށްވީ، އަޅުގަނޑުމެންގެ ދައުލަތަކީ، މުއްސަނދި، ތަނަވަސް ދައުލަތަކަށް ހެދުމަށް. ދައުލަތެއް ތަނަވަސްވެގެންދާއިރު، ދައުލަތުގައި މަސައްކަތްކުރާ ކޮންމެ ފަރުދެއްގެ ޖީބު ތަނަވަސްވެގެންދާނެ. މިއީކީއެއް އެއްވެސް ރައްޔިތަކު އެކަމާ ހިތާމަކުރަންޖެހޭ، ކަންބޮޑުވާންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން، ބޮލަކަށްޖެހޭ މިންވަރު ދެގުނައަށް އިތުރުކުރުމަކީ، އެއްވެސް ރައްޔިތަކު އެކަމާ ހިތްހަމަނުޖެހޭނެ ކަމެއް ނޫން. މިކުރެވޭ މަސައްކަތަކީ، ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދިޔުން. އިޖްތިމާޢީ ކަންކަމާއި، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާގައި، އާ އުސްމިންތަކަކަށް ދިވެހިރާއްޖެ ވާސިލުވާން ކުރާ މަސައްކަތް. ޖުމްހޫރީ ދުވަހަކީ ރައްޔިތުންގެ ވެރިކަން ޤާއިމުވެފައި އޮތް، ރައްޔިތުންގެ ކުރިއެރުން ދައްކުވައިދޭ ދުވަހަކަށްވާއިރު، ނޫނީ ރައްޔިތުންނަށް ކުރިއެރުމަށް ސަރުކާރުގެ މިޞްރާބު ހުރިގޮތް ދައްކައިދޭ ދުވަހަކަށްވާއިރު، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން ބޭނުންވާ ބައެއް ވާހަކަތައް އަދިވެސް ދަންނަވާލާނަން.
 
އާދެ، ސަރުކާރުން ކުރާ މަސައްކަތްތަކަކީ، އެ މަސައްކަތް ކުރުމުގައި އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، ކުރިއަށް ދިޔުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެ މަސައްކަތްތަކެއް. އަޅުގަނޑުމެން އެދެނީ، ދިވެހިރާއްޖެއަށް އުފާފާގަތިކަން. އަޅުގަނޑުމެން އެދެނީ، ދިވެހިރާއްޖެއަކީ ތަނަވަސް ދައުލަތަކަށް ވެގެންދިޔުން. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ރައްޔިތުންނަކީ، މަސައްކަތްތެރި، އުފެއްދުންތެރި އަދި އެމީހުންގެ މަސައްކަތުން ދިވެހި ދައުލަތް މުއްސަނދިކޮށްދޭނެ ބަޔަކަށް ވެގެންދިޔުން. އަޅުގަނޑުމެން އެދެނީ، އަންހެން ބޭފުޅުން ކުރައްވާ މަސައްކަތަކީ، އަންހެން ބޭފުޅުން އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގަތުމުގަޔާއި، އަދި އެބޭފުޅުންނަށް ދިމާވާ ކަންކަން ޙައްލުކުރުމުގައި، އެބޭފުޅުންނަށް ފަސޭހަތަކެއް، ކުރިއެރުންތަކެއް ހޯދައިދޭނެ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންނަށް ވެގެންދިޔުން. އަޅުގަނޑުމެން ބިނާކުރަން ބޭނުންވާ ޒުވާން ޖީލަކީ، ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ތިބި، އަދި ޒިންމާ އުފުލާ ކޮންސިއެންޝަސް މުޖްތަމަޢެއްގައި މަސައްކަތް ކުރާނެ ޙިއްޞާ، ނޫނީ ޕާޓިސިޕޭޓް ކުރާނެ ބަޔަކަށް ހެދުން. އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި، ދަރުމައަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އިސްކަމެއްދޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން އެއޮތީ ކަނޑައަޅާފައި. އަޅުގަނޑުމެން، ޒުވާނުންނަށާއި، އަންހެން ބޭފުޅުންނަށް، މި ދެ ގިންތިއަށް މި ކަނޑައަޅާ ކަންކަމަކީ، އޭގެ ޒާތުގައި މުޖްތަމަޢެއްގެ ތެރޭގައި ކޮންމެހެންވެސް ކުރުން ލާޒިމު ސިފަތަކެއް. އަޅުގަނޑުމެން މިކަހަލަ ކަންތައްތަކެއް ކޮށްގެން ނޫނިއްޔާ، ދިވެހި މުޖްތަމަޢަކީ އަޅާލާ، އޯގާތެރި މުޖުތަމަޢަކަށް ވެގެނެއް ނުދާނެ. އަޅާލާ އޯގާތެރި މުޖްތަމަޢަކަށް ހަދާއިރު، އަޅުގަނޑުމެންގެ މުޖްތަމަޢަކީ، އެ މުޖްތަމަޢުގައި ހިމެނޭ ފަރުދުންގެ ތަނަވަސްކަން އޮތް މުޖްތަމަޢަކަށްވެސް ވާންޖެހޭނެ.
 
އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ހުރިހާ ދިމާލަކަށް ޢާންމުކުރަން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ މި ޢަޒުމަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިހާ ހިސާބަށް ހުރި ބައެއް ކަންތައްތައް. މިއީކީއެއް އެއްގޮތަކަށްވެސް އަޅުގަނޑުގެ ސަރުކާރުގެ ދެވަނަ އަހަރު ނިމިގެންދާއިރު، އަޅުގަނޑުމެންގެ ސަރުކާރުގެ އަހަރީ ރިޕޯޓް އިއްވުމެއް ނޫން. އެހެން ނަމަވެސް، ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ކިބައިން އަންނަ ވެރިކަމެއް ކަމުގައިވާއިރު، ރައްޔިތުން އިންތިޚާބު ކުރި ސަރުކާރުން މަސައްކަތް ކުރަނީ ކިހިނެއްތޯ، ރައްޔިތުންނާ ޙިއްޞާ ކުރުމަކީ، ރައްޔިތުންނަށް ލިބެންޖެހޭނެ ޙައްޤެއް ކަމުގައި އަޅުގަނޑު ދެކެން.
 
އާދެ، އަޅުގަނޑު ދަންނަވާލާނަން، ހަމަ ބައެއް ބޮޑެތި މަޝްރޫޢުތައް، މިހާރު ކަންކަން ހިނގާފައި އޮތް ހިސާބު. އަޅުގަނޑުމެން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން މި ގެންދަނީ، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި އެޅޭނެ ފާލަމުގެ މަސައްކަތަށް. އާދެ، ބްރިޖްގެ މަސައްކަތަށް. ކުރިއަށް އޮތް ދެ ދުވަހެއް، ނޫނީ ތިން ދުވަހުގެ ތެރޭގައި، ޢަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކާ، މި މަޝްރޫޢު އެވޯޑް ކުރާނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު އެއޮތީ ކަށަވަރުވެފައި. އަދި އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، މި މަސައްކަތުގެ ޢަމަލީ މަސައްކަތް ރާއްޖޭގައި ފަށާނެ. އަދި 2018 ވަނަ އަހަރު ހުސްވުމުގެ ކުރިން، މި ބްރިޖްގައި ދަތުރުކުރުމަކީ، ކޮންމެ ދިވެހި ރައްޔިތަކަށް ލިބޭ އުފަލެއް ކަމުގައި ވެގެންދާނެ.
 
އަޅުގަނޑުމެންގެ އިޤްތިޞާދު ބިނާވެފައި މިއޮތީ، މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ މައްޗަށް. އަޅުގަނޑުމެންގެ ފަތުރުވެރިކަން ތަރައްޤީ ކުރުމުގައި އެންމެބޮޑު ހުރަހަކީ، އަޅުގަނޑުމެންގެ އެއަރޕޯޓްގައި މިހާރު އަޅުގަނޑުމެން މި އުފުލަންޖެހޭ ދަތިތައް. އަޅުގަނޑުމެން، މުޅިން އާ އެއަރޕޯޓެއް ބިނާކޮށް، އަދި މިހާރު އެއަރޕޯޓުން ކެރީކުރާ ފަސިންޖަރުންގެ ޢަދަދު، 6 ގުނައަށް އިތުރުކުރުމަކީ، މި ސަރުކާރުގެ އަމާޒެއް. މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ކުރެހުންތަކާއި، ފީޒިބިލިޓީއާއި އަދި މި ފައިސާ ހޯދުމުގެ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ކޮށް ނިމިފައި މިވަނީ. އިރާދަކުރެއްވިއްޔާ، މި އެއަރޕޯޓްގެ ފަސޭހަކަންވެސް އަޅުގަނޑުމެންނަށް، 2018 ވަނަ އަހަރު ހުސްވުމުގެ ކުރިން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ލިބިގެންދާނެ.
 
ހުޅުމާލޭގެ ދެވަނަ ފިޔަވަހި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ދިވެހި ޒުވާނުންގެ، ޒުވާނުންގެ ސިޓީ. އާދެ، މިއީ ދިވެހިރާއްޖޭގެ ޒުވާނުންނަށް ގެދޮރުގެ ދަތިކަން ފިލުވައިދިނުމަށާއި، އާމްދަނީގެ ފުރްޞަތުތައް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ވިސްނުން ދައްކުވައިދޭ އެންމެ ވަރުގަދަ މަޝްރޫޢު. މި މަޝްރޫޢުގައި މިހާރު ކުރެވޭ މަސައްކަތަކީ، ގޮނޑުދޮށް ޙިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް. އަދި ހަމައެއާއެކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މައިގަނޑު ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ކުރެވެމުން އެ ދަނީ. އިރާދަކުރެއްވިއްޔާ، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް، 2016 ވަނަ އަހަރުގެ ތެރޭގައި ނިމިގެންދާނެ. އަދި އިރާދަކުރެއްވިއްޔާ ހަމަ އެ އަހަރުގެ ތެރޭގައި، އަޅުގަނޑުމެން އުންމީދު ކުރަނީ، ބޮޑެތި މަގުތައް ހެދިގެންދާނެ ކަމަށް. އެހިސާބުން ދިވެހި ޒުވާނުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި އަޅުގަނޑުމެންގެ ދެވަނަ މަސައްކަތް، ނޫނީ ދެވަނަ ފޭސްގެ މަސައްކަތް، އަޅުގަނޑުމެން ޢަމަލީގޮތުން ލޯންޗް ކުރާނެ. އާދެ، ބިން ދޫކުރުމާއި، ޢިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ. މިހާރުވެސް ހައުސިންގ ސްކީމްތައް، މިތަންތަނުގައި، ހުޅުމާލޭގައި ކުރިއަށްދާކަން ހަމަ ތިޔަބޭފުޅުންނަށް، ޚަބަރުފަތުރާ ވަސީލަތްތަކުން އެނގިވަޑައިގަންނަވާނެ.
 
އަތޮޅުތެރޭގައި، ރާއްޖެތެރޭގައި އަޅުގަނޑުމެންނަށް ކުރެވެމުންދާ މަސައްކަތްވެސް ހަމަ ވަރަށް ކުރުކުރު ގޮތަކަށް، ބައެއް ދާއިރާތައް އެކަނި ދަންނަވާލާނަން. އެއްގޮތަކަށްވެސް މިއީކީއެއް މުޅި ހުރިހާ ދާއިރާއެއްގެ މަސައްކަތުގެ ވާހަކައެއްވެސް ނޫން. ރާއްޖޭގެ އެކި ހިސާބުގައި ކުރެވެންހުރި މަސައްކަތަށް ބަލާކަމަށްވަންޏާ، ބަނދަރު މުޅިން އަލުން ހެދުން، 16 ބަނދަރު މިވަނީ ކޮމްޕްލީޓްކޮށް ނިންމާފައި. އަދި މިހާރުވެސް 45 ބަނދަރުގެ މަސައްކަތް، ކުރިއަށް ހިނގަމުން އެބަދޭ. ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތަށް ބަލާކަމަށްވަންޏާ، 23 ބަނދަރުގެ މަރާމާތުގެ މަސައްކަތް މިހާރު މިވަނީ ނިންމާފައި. ބިން ހިއްކައިގެން، ރަށްރަށުގެ ބިން ބޮޑުކޮށްދިނުމުގެ މަސައްކަތަށް ބަލާކަމަށްވަންޏާ، 5 ރަށުގެ ބިން ހިއްކައިދީ މިހާރު މިވަނީ ނިންމާފައި. އަދި 9 ރަށުގެ ބިން ބޮޑުކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދަނީ. މަގުހެދުމުގެ މަސައްކަތަށް ބަލާކަމަށްވަންޏާ، 3 ރަށުގެ މަގުހެދުމުގެ މަސައްކަތް ނިންމައި، 20 ރަށުގެ މަސައްކަތް ހިނގަމުން އެބަދޭ. ހަމަ މިޔާއެކީ، އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، މިއަހަރު ނިމުމުގެ ކުރިން، ނޫނީ އަންނަ އަހަރުގެ ކުރީކޮޅުގައި، ލ. އަތޮޅުގައި މި ހެދޭ ބޮޑުމަގު ހެދުމުގެ މަސައްކަތްވެސް ނިމިގެންދާނެ.
 
ފެނާއި ނަރުދަމާގެ ޚިދްމަތަށް ބަލާކަމަށްވަންޏާ، މި ދަންނަވާލަނީ ހަމައެކަނި އަސާސީ ބައެއް ޚިދްމަތުގެ ވާހަކަ. ފެނުގެ މަޝްރޫޢަށް ބަލާކަމަށްވަންޏާ، 9 ރަށުގައި މި މަޝްރޫޢު މިވަނީ މިހާރު ނިންމައިދީފައި، މިއަހަރުގެ ތެރޭގައި. އަދި 5 ރަށުގެ މަސައްކަތް މިހާރު އެ ދަނީ ހިނގަމުން. ނަރުދަމާގެ މަސައްކަތަށް ބަލާކަމަށްވަންޏާ، 15 ރަށުގައި މި މަސައްކަތް ވަނީ ނިންމައިދީފައި. 10 ރަށުގެ މަސައްކަތް މިދަނީ ކުރިއަށް.
 
ތަޢުލީމީ ދާއިރާއަށް ބަލާކަމަށްވަންޏާ، ތަޢުލީމީ ދާއިރާގެ އެކި ފެންވަރުގެ ޢިމާރާތް، ރާއްޖޭގެ ހުރިހާ ހިސާބުގައި ކުރެވިފައި ހުރި ޢަދަދަށް ބަލާކަމަށްވަންޏާ، މިހާރު އެވަނީ 48 ޢިމާރާތުގެ މަސައްކަތް ނިންމާފައި. ޞިއްޙީ ދާއިރާއަށް ބަލާކަމަށްވަންޏާ، ޞިއްޙީ ދާއިރާގައި 169 މަޝްރޫޢު އެވަނީ ނިންމާފައި، މި ރާއްޖޭގެ ހުރިހާ ހިސާބެއްގައި. ފާމަސީތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑު މިދިޔަ އަހަރު ދެންނެވިން، އިރާދަކުރެއްވިއްޔާ، ޖެހިގެން އަންނަ އަހަރު، އެއީ މިއަހަރު. މިއަހަރު ރިޔާސީ ބަޔާން އިއްވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ހެދި، ފާމަސީއެއް ހުޅުވޭނޭ. ހަމަ މިރޭވެސް އިޢުލާނުކޮށްލަން ބޭނުންވަނީ، މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ސަރުކާރުގެ ބޭސްފިހާރައެއް އެވަނީ ހުޅުވިފައި. މުޅިއެކު 185 ފާމަސީ އެބަހުރި.
 
އައި.ޖީ.އެމް.އެޗް.ގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ތަފްޞީލެއް އަޅުގަނޑު ނުދަންނަވާނަން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، އަޅުގަނޑުމެން މި ތަރައްޤީކޮށް ނިމުނީމާ، އައި.ޖީ.އެމް.އެޗަކީ ދިވެހި ހުރިހާ ރައްޔިތުންނަށް، މިހާރަށްވުރެ އެތައް ގުނައެއް އިތުރު، ވަރުގަދަ ޚިދްމަތްތަކެއް ލިބިގެންދާނެ ތަނަކަށް ވެގެންދާނެ. މާދަމާ ނޫނީ އަނެއް ދުވަހު އައި.ޖީ.އެމް.އެޗްގައި އެމް.އާރު.އައި މެޝިން އިންސްޓޯލްކޮށް، އަދި އެމް.އާރު.އައި މެޝިން ކޮމިޝަން ކުރުމުގެ މަސައްކަތްވެސް ހިނގާނެ.
 
ފަތުރުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާއަކީ ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެބޮޑު އާމްދަނީއެއް ހޯދައިދޭ ދާއިރާ. އެހެން ނަމަވެސް، ހަމަ މިއަދު ދަންނަވާލަންޖެހެނީ، ހިތާމަޔާއެކީ، އެންމެ ކޮންޓްރޮވަރޝަލް ދާއިރާއަކަށް މިއަދުގެ ޙާލަތުގައި ވެފައި އޮތީވެސް މި ދާއިރާގެ ބައެއް ކަންތައްތައް. ޓުއަރިޒަމްގެ ދާއިރާއަށް ބަލާކަމަށްވަންޏާ، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަރައްޤީ ކުރުމަށް ރަށާއި، ފަޅުތަކާއެކީ މުޅިއެކު ފަސްދޮޅަހަކަށް ޕްރޮޕަޓީ ވަނީ ދޫކުރެވިފައި. މި ފަސްދޮޅަހަކަށް ޕްރޮޕަޓީ، އަޅުގަނޑުމެން ގަބޫލުކުރަނީ، ދެ އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަލައިޒް ވާނެ ކަމަށް. ނޫނިއްޔާ އެތަންތަން ރިޒޯޓް ހެދިގެން ހިންގޭނެ ކަމަށް. މި ފަސްދޮޅަހަކަށް ޕްރޮޕަޓީ ހަދައި ނިމިއްޖެ ކަމަށްވަންޏާ، މިއަށް ދާ ކެޕިޓަލް އިންވެސްޓްމަންޓަކީ، ގާތްގަނޑަކަށް ދެހާސް މިލިއަން އެމެރިކާ ޑޮލަރު. ދެ ބިލިއަން އެމެރިކާ ޑޮލަރު. ދައުލަތަށް މިކަމުން ވަނީ ކޮން ފައިދާއެއްތޯ؟ ސަރުކާރަށް އެކަނި ވާ ފައިދާ އަޅުގަނޑު ދަންނަވާނަން. އެއީ ސަރުކާރަށް އެކަނި ވާ ފައިދާއަށް ބަލާކަމަށްވަންޏާ، އެކިކަހަލަ ޓެކްސްތައް، ރެންޓާއި، ޓީ.ޖީ.އެސް.ޓީ އާއި، ގްރީން ޓެކްސްއާއި، ބީ.ޓީ.ޓީ އާ، ހުރިހާ ޓެކްސްއަކުން މި ރިޒޯޓްތައް ހަދައި ނިމުނީމަ، ނޫނިއްޔާ މި ފަސްދޮޅަސް ޕްރޮޕަޓީ ތަރައްޤީކޮށް ނިމުނީމަ، އަހަރަކު 3.3 ބިލިއަން ރުފިޔާ، ދައުލަތުގެ އާމްދަނީއަށް އިތުރުވެގެންދާނެ. އެއީ އަޅުގަނޑުމެން މިއަދު ހޯދާ އާމްދަނީއަށް ބަލާކަމަށްވަންޏާ، ގާތްގަނޑަކަށް ސަތޭކައަކުން ތިރީސް ޕަސެންޓާ ކައިރިކުރާ ޢަދަދެއް. މި ފަސްދޮޅަސް ޕްރޮޕަޓީން އެކަނި އުފެދިގެންދާ ވަޒީފާތަކަށް ބަލާކަމަށްވަންޏާ، މި ދައްކަނީ ހަތާވީސް ހާސް ވަޒީފާގެ ވާހަކަ.
 
ދައުލަތުން މިކުރާ މަސައްކަތުގެ ދުވެލި ދާންވާނީ ކުރިއަށް. އަޅުގަނޑުމެން ނުރައްކާތަކާ ކުރިމަތިލާނެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނާ ނުރައްކާތައް ކުރިމަތިލާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މަސައްކަތް ދާންވާނީ ކުރިއަށް. ދިވެހި ޤައުމު ދާންވާނީ ކުރިއަށް.
 
ޖުމްހޫރީ ދުވަހު ދިވެހި ރައްޔިތުންނާ މުޚާޠަބު ކުރާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އުފާވެރި އިއްތިފާޤެއްވެސް އެބައޮތޭ. އަޅުގަނޑުމެން ކޮންމެ ދިވެއްސަކީ، ދިވެހި މަންމަޔަކަށް، ދިވެހި ބައްޕަޔަކަށް އުފަންވެފައިވާ މީހަކަށްވާތީ، އަޅުގަނޑުމެން އެންމެންނަކީ ދިވެހިން. އަޅުގަނޑުމެން އެންމެން އުޅޭ ރަށަށް، އުޅޭ ރާއްޖެއަށް މި ކިޔަނީ ދިވެހިރާއްޖެ. ދިވެހިންގެ ރާއްޖެ. މި ޙަޤީޤަތެއް ބަދަލެއްނުކުރެވޭނެ. ޤައުމުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް އޮންނަ ޙައްޤުތަކެއް އޮންނާނެކަން، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ލޯބި، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ހޯދެންޖެހޭނެ، މިލްކުވާންޖެހޭނެ. އެއީ އަޅުގަނޑުމެންގެ ޤައުމުގެ ޙައްޤެއް. ވަކިވަކި ފަރުދުންނަށް ޤާނޫނުއަސާސީގައި ކަށަވަރުކޮށްދޭ ޙައްޤުތައް ހުންނަ ފަދައިން، ކަލެކްޓިވްލީ މުޅި ޤައުމުގެ ޙައްޤުތަކެއް އެބަވޭ. އެ ޙައްޤު އަޅުގަނޑުމެންނާ ބީވެގެން ދިޔައީމަ، އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނީ، ކިހާވަރެއްގެ ނިކަމެތިކަމަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭތޯ. ޤައުމުގެ ޙައްޤަކީ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި، އަންނަން އޮތް ޖީލުތަކަށް މި ދައުލަތް ދަތުރުކުރުން. މިއީ ޤައުމުގެ ޙައްޤަކީ. އެއްވެސް ވަކި ފަރުދަކަށް، އެއްވެސް ވަކި ޖަމާޢަތަކަށް، ކިތަންމެ ވަރުގަދަޔަސް، ކިތަންމެ ތަނަވަހަކަސް، މި ޙައްޤު ޤައުމުގެ ކިބައިން ބީކުރުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ. މިއީ އަޅުގަނޑުމެންގެ ޤައުމުގެ ޙައްޤު. އަޅުގަނޑުމެން ދިވެހިންނަށްވާތީ، މިއީ އަޅުގަނޑުމެންގެ ޑެސްޓިނީ ކަމަށް އަޅުގަނޑުމެން އެބަ ނިންމަންޖެހޭ. އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެ ޒިންމާއަކީ، ކޮންމެ ރައްޔިތެއްގެ އުފަލެއް ކަމުގައި ދެކެންޖެހެނީ، މި ދެންނެވި ޤައުމީ ޙައްޤު، ޤައުމުގައި ބޭއްވުން. އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުން. [ޗޯޅާ އެމްޕެރަރ] ދިވެހިރާއްޖޭގައި ވެރިކަން ކުރި ކުރުން އެއީ ދުރު މާޒީއެއް، ހަނދާން ނައްތާލަންޖެހޭ މާޒީއެއްގެ ގޮތުގައި އަޅުގަނޑުމެން ނިންމަން އެބަޖެހޭ. އަޅުގަނޑުމެންގެ ދިވެހި ޤައުމަކީ، މިނިވަން ދިވެހި ދައުލަތެއްގެ ގޮތުގައި އޮންނަން އެބަޖެހޭ. އެއީ ދައުލަތުގެ ޙައްޤު، ނޫނިއްޔާ ޤައުމުގެ ޙައްޤު.
 
އަޅުގަނޑުމެންގެ ޤައުމަކީ ކުރިއަށް ދާން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ވާންޖެހޭނެ. މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ، ވަކިވަކި ފަރުދުންނަށް ދައުލަތުން ހޯދައިދޭންޖެހޭ މަންފާތޯ އިސްކުރަންޖެހޭނީ؟ ނޫނިއްޔާ އަޅުގަނޑުމެން ހުރިހާ ދިވެހިން، ދިވެހިންނަށްވީތީ ޝަރަފްވެރިވާއިރު، އަޅުގަނޑުމެން ހުރިހާ ދިވެހިން ގުޅިގެން، ޤައުމަށް ހޯދައިދޭންޖެހޭ ޙައްޤު ހޯދައިދިނުމުގައި، އަޅުގަނޑުމެންގެ ސަފުތައް ގަތާލުންތޯ އިސްކުރަންވީ؟ މި ސުވާލު އަޅުގަނޑުމެން މިއަދު އެބަ ކުރަންޖެހޭ. މި ސުވާލު އަޅުގަނޑުމެން ކުރަންޖެހެނީ، މި ސުވާލު މިއަދު ކުރުމަކީ، ވަރަށް މުނާސިބު ކަމެއް ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭތީ.
 
ޖުމްހޫރީ ދުވަހުގެ ޚިޠާބުގައި، ނޫނީ ޖުމްހޫރީ ދުވަހު ދިވެހި ރައްޔިތުންނާ، ލޮބުވެތި ރައްޔިތުންނާ ވާހަކަ ދައްކާއިރު، އަޅުގަނޑު ހިތަށް ހަމަ ނިންމާލަމުންވެސް އަންނަ ސުވާލެއް އެބައޮވޭ. އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ، ނޫނީ އަޅުގަނޑު ތިޔަބޭފުޅުންނާ ކުރާ ސުވާލަކީ، މިތާ ތިޔަ ތިއްބެވީ ދިވެހި ދައުލަތުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅުން. ތިއިން ކޮންމެ ބޭފުޅަކީ، އަޅުގަނޑަށްވުރެ ބާރުގަދަ ބޭފުޅެއް. އަޅުގަނޑު މަޤާމަށް ގެންނެވުމަށް ވޯޓު ދެއްވުމުގެ ޙައްޤު، ތިއިން ކޮންމެ ބޭފުޅަކަށް އެބައޮތް. އަދި ދެން އަންނަ ރައީސަކު، ރައީސް ކަމަށް ގެނައުމުގެ ވޯޓު ދިނުމުގެ ޙައްޤު، ތިޔަބޭފުޅުންނަށް އެބައޮތް. ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބައްޓަން ކުރުމުގެ ހުރިހާ އާރަކާއި ބާރަކާ، ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އެބައޮތް. އެހެންވީމާ، މި ހޯލުގައި މި ތިއްބެވީ، ބާރުހުރި، ބާރުގަދަ ބޭފުޅުންތަކެއް. މި ހޯލުގައި މި ތިއްބެވީ މަންމައިން، ދަރިން ތަރުބިއްޔަތުކުރާ މަންމައިން. މި ހޯލުގައި އެބަ ތިއްބެވި ޓީޗަރުން، ބާރުގަދަ ބައެއް. އަޅުގަނޑުމެންގެ ޅަ ސިކުނޑިތައް، ކުޑަކުދިންގެ ޅަ ސިކުނޑިތައް ބައްޓަންކުރާ ބަޔަކީ މަންމައިން، ބައްޕައިން، މުދައްރިސުން. މި ހޯލުގައި އެބަ ތިއްބެވި، ޒުވާނުންގެ ޙަރަކާތްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން. ޒުވާނުންނަށް ރޯލް މޮޑެލުންގެ ގޮތުގައި ދެއްކެވޭނެ ބޭފުޅުން، މި ހޯލްގައި އެބަ ތިއްބެވި. މި ހޯލްގައި އެބަ ތިއްބެވި، ދިވެހިރާއްޖެ ދިފާޢުކުރާނެ ޢަސްކަރިއްޔާގެ ބޭފުޅުން. އާދެ، ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، މި ހޯލަކީ ވަރަށް ބާރުގަދަ ހޯލެއް. މިތަނުން އަންނަ ވައިބަކީ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވެއްޖިއްޔާ، މުޅި ދިވެހިރާއްޖޭގައި ވަރަށް ބާރުގަދަ ވައިބެއް މި، އަޅުގަނޑުމެންނަށް ފެނި އިޙްސާސް ކުރަމުން މިދަނީ.
 
އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ސުވާލަކީ، އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަން ކުރުމާއި، އަޅުގަނޑުމެންގެ އަމާޒު، ތަފާތު ގޮތަކަށް ބަދަލުކުރުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރަކާ، މި ހޯލްގެ ތެރޭގައި އެބަހުއްޓޭ. އަދި އަޅުގަނޑުގެ އަޑުއައްސަވަމުން ގެންދަވާ ކޮންމެ ދިވެހި ރައްޔިތެއްގެ އަތްޕުޅުމަތީގައި، އެ އިޚްތިޔާރާއި ބާރު އެބައޮތޭ. އަޅުގަނޑު ކުރާ ސުވާލަކީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކޭ. ޖުމްހޫރީ ވެރިކަމަކީ، ރައްޔިތުންގެ ފަރާތުން އަންނަ ވެރިކަމެކޭ. ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު، ރައްޔިތުން އެދޭގޮތަކަށް، ރައްޔިތުންގެ ކަންކަން ނިންމައިދިނުމުގެ ނިޒާމެކޭ ޖުމްހޫރީ ނިޒާމަކީ. އަޅުގަނޑުމެން މި ހޭދަކުރަނީ، މިއީ ދެވަނަ ޖުމްހޫރިއްޔަތެއްގެ 47 އަހަރު ވޭތުކޮށް މި ނިންމީ. އަޅުގަނޑުމެންނަކަށް ނުބުނެވޭނެ، މި ރާސްތާއަށް ބަލާއިރު، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތަކަށް އަޅުގަނޑުމެން ތަޞައްރުފް ނުފުދެއެކޭ ނުބުނެވޭނެ. މިކަހަލަ އެއްވެސް ބަހަނާއެއް ދެއްކުމުގެ ޙައްޤެއް އަޅުގަނޑުމެންނަކަށް ނެތް. އަދި ދިވެހި ޖުމްހޫރިއްޔަތުން ނަގައިދިން ފިލާވަޅުތައް، އަޅުގަނޑުގެ ވާހަކަ ފަށަމުން ދަންނަވާލިން.
 
އެހެންވީމާ، އަޅުގަނޑުމެންނަކަށް މިއިން އެއްވެސް ކަމަކަށް އެކްސްކިއުޒެއް ނެތް. އަޅުގަނޑުމެންނަށް ދާދި ކުޑައިރުކޮޅެއްގެ ފަހުން ފެނިގެންދާނީ، މަތީ ތަޢުލީމް ޙާޞިލު ކުރެއްވުމުގައި، ދިވެހި ކިޔަވާ ކުދިން، ނޫނިއްޔާ ދިވެހިރާއްޖެއިން ފޮނުވާފައި ތިބި ކުދިން، ބޭރުގެ ޤައުމުތަކުގެ ދަރިންނާ ވާދަކޮށްގެން، ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދިން ބޭފުޅުން، އަޅުގަނޑުމެންނަށް ސްޓޭޖްމަތިން ފެނިގެންދާނެ. ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރައްވަމުން ގެނދަވާ ބޭފުޅުން، އަޅުގަނޑުމެންނަށް ފެނިގެންދާނެ. ޒުވާނުންގެ ޙަރަކާތްތަކަށް، އަންހެނުންގެ ޙަރަކާތްތަކަށް ޚިދްމަތް ކުރައްވާ ބޭފުޅުން އަޅުގަނޑުމެންނަށް ފެނިގެންދާނެ. މިހިރީ ދިވެހިރާއްޖޭގެ ޝަރަފް. މިއީ ދިވެހިރާއްޖޭގެ، އަޅުގަނޑުމެން ވިސްނާލައިފި ކަމަށްވަންޏާ، ބިނާކުރަނިވި ގޮތަށް އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަން ކުރުމުގެ ބާރު.
 
އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް، މި ބާރުގަދަ ހޯލަށް އަޅުގަނޑު ދޫކޮށްލާ ސުވާލަކީ، މިއަދު މިއީ އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަސް މި ފާހަގަކުރެވެނީ. ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންނާ ހަމައިން އައިއްސަ، އަދި ރައްޔިތުންގެ ވެރިކަމެއް، މިނޫން ގޮތަކަށް ބަދަލަކުރުމުގެ އިޚްތިޔާރު އަޅުގަނޑުމެންނަށް، ފުރިހަމަ އިޚްތިޔާރު ލިބިގެންވާއިރު، އަޅުގަނޑު ދަންނަވާ ސުވާލަކީ، ދިވެހިރާއްޖޭގެ ކަންކަން ނިންމުމުގެ ޤާބިލުކަން ދިވެހިންގެ އެބަހުރިހެއްޔޭ؟
 
ދެވަނަ ސުވާލަކީ، ދިވެހިރާއްޖޭގެ ކަންކަން ނިންމުމުގެ ޙައްޤު، ދިވެހިންނަށް އޮންނަން ޖެހޭހެއްޔޭ؟ އަޅުގަނޑާއެކީ ތިޔަބޭފުޅުން ވިދާޅުވެދެއްވާ! އާނއެކޭ، އާނއެކޭ، މި ޙައްޤުތައް ދިވެހިންނަށް އޮންނަންވާނެޔޭ. ލައްބައެކޭ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލާނަން.
 
 
 
  والســّلام عليــكم ورحـمــة اللّـه وبـركاتـه
     _____________________________