ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ދިވެހިރާއްޖެއަށް ނަޞްރުގެ މަތިވެރި ނިޢުމަތް ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދެންނެވުމެވެ. އެއަށްފަހު ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، މިއަދުގެ އުފާވެރި މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ.

މީގެ 27 އަހަރު ކުރިން 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ، ރާއްޖޭގެ ތާރީޚުގައި ފަހަކަށްއައިސް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާއެވެ. އެދުވަހުގެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރައްވައި، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ ދިފާޢުގައި ޖިހާދު ކުރައްވައި ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރަމުން، އެބޭފުޅުންގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެ އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީ، ރާއްޖޭގެ ތާރީޚުގައި ކުލަގަދަ ޞަފްޙާތަކެއްގެ ގޮތުގައި ވަނީ ލިޔެވިފައެވެ. ހަމައެޔާއެކު، އެދުވަހު ދިވެހި ސިފައިން ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޖިހާދަކީ، ދުވަހަކުވެސް އަޅުގަނޑުމެން ދިވެހިންގެ ހަނދާނުން ފުހެވިގެންދާނެ ޖިހާދެއް ނޫނެވެ. އެހެންކަމުން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ދިވެހި ސިފައިން ކޮށްދެއްވި ޤައުމީ ޚިދްމަތުގެ އަގު ވަޒަންކޮށް، ދިވެހި ސިފައިންނަށް އަޅުގަނޑު މި ފުރްޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

މިއަދު، ނަޞްރުގެ ދުވަހުގެ ޒިކުރާ އާކުރަމުން އަންނައިރު، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމަށްޓަކައި އަދި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރެއްވުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވެވަޑައިގެންނެވި ޤުރްބާނީގެ މަތިންވެސް ހަނދާންކުރަންޖެހެއެވެ. އެ ޚުޠޫރަތްތެރި ދަނޑިވަޅުގައި، ވަރަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު، އެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެކެވެ. އެހެންކަމުން، މިއަދުގެ މުނާސަބަތުގައި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، އެމަނިކުފާނަށް ޙައްޤު ތަޢުރީފް އަދާކުރަމެވެ.

ނަޞްރުގެ ދުވަހުގެ ޙާދިޘާއިން ދިވެހިން ލިބިގަންނަންވީ އެންމެބޮޑު ޢިބްރަތަކީ، މި ލޮބުވެތި ޤައުމުގެ އަމާންކަމާއި ޞުލްޙަވެރިކަން ނަގާލުމަށް ދަހިވެތިވެފައިވާ ބަޔަކު، ޤައުމުގެ އެތެރޭގަޔާއި ބޭރުގައި، ސިއްރާއި ފާޅުގައި އުޅެމުންގެންދާ ކަމެވެ. އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި، މި ރީތި ގޮނޑުދޮށްތަކުގެ ހިޔަލުގައި، ކަނޑުފަޅުތަކުންނާއި، އެއްގަމުން ލިބޭ ރޯދީގައި އުޅެމުންމިދާ އުފާވެރި ހިތްގައިމު ދިރިއުޅުން އަޅުގަނޑުމެންގެ ކިބައިން ނިގުޅައިގަތުމަށްޓަކައި ކެތްމަދުވެފައިވާ ބަޔަކު އެބަތިބިކަމީ އޭރުވެސް އަދި މިއަދުވެސް ފެންނަން އޮތް ޙަޤީޤަތެކެވެ. މިއަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު [ފިނިފެންމާ] ލޯންޗްގައި އެއްޗެއް ގޮއްވާލުމުގެ ބިރުވެރި ޢަމަލަކީވެސް  ވެރިކަމުގެ ދަހިވެތިކަމުގައި ދީފައިވާ ޙަމަލާއެއްކަން މިހާރު ވަނީ ޔަޤީންކުރެވިފައެވެ.

ހަމައެއާއެކު، މި ޙާދިޘާއާ ގުޅިގެން ދިވެހި ސިފައިންނާއި ފުލުހުން މިހާރު ހިންގަމުންގެންދާ އޮޕަރޭޝަންތަކުގައި، ގިނަ އަދަދެއްގެ ހަތިޔާރާއި، ބޮން ހަދަން ބޭނުންކުރާ ތަކެތި ފެނިފައިވާކަން އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހިފައިވާ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. މި ތަކެތި ރާއްޖެއަށް އެތެރެކުރީ ކޮންއިރަކުތޯއާއި، އެތެރެކުރި ގޮތާއި އަދި މިކަމުގެ އަޑީގައި ތިބީ ކޮންބައެއްތޯ ބެލުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން އެ ގެންދަވަނީ ކުރައްވަމުންނެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން، މި ފުރްޞަތުގައިވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ. އަދި މިކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގައި، މިކަމުގައި ޒިންމާވާ ހުރިހާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް އެ ޖަރީމާ ހިންގި ބަޔަކަށް އެކަމުގެ ޙައްޤު އަދަބު ދޭނެކަމުގެ ޔަޤީންކަންވެސް، ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ.

ކަންކަން ޙާޞިލުކުރުމުގެ އުންމީދުގައި ތިބި މަދު ބަޔަކަށް މުހިންމުވަނީ ޤައުމުގެ މަޞްލަޙަތަށްވުރެ އެމީހެއްގެ އަމިއްލަ މަޞްލަޙަތެވެ. ވެރިކަމާއި ބާރުވެރިކަން ހޯދުމަށް އޮތް ޖާއިޒު މަގު އިޚްތިޔާރު ކުރުމުގެ ބަދަލުގައި، ވަގުތީ އުފަލަކަށްޓަކައި އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފައްދައި، ނުރައްކާތެރި ޢަމަލު ހިންގުމަށް އެފަދަ ބަޔަކު ފަހެއްނުޖެހޭނެކަން، ރާއްޖެއަށް ކުރިމަތިވި މިފަދަ ކިތަންމެ ޙާދިޘާތަކުން އަޅުގަނޑުމެންނަށް ޔަޤީންވެއެވެ. ނަޞްރުގެ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށްދިން މުހިންމު އެއް ފިލާވަޅަކީ، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިވުމުގެ މުހިންމު ކަމެވެ. ޤައުމުގެ ކަންކަމަށް އިސްކަންދީ، ޤައުމީ ކަންކަން ކުރިއަށް ނެރުމުގެ މުހިންމުކަމެވެ. އެހެންކަމުން، ދިވެހި ޤައުމަށް އިޚްލާޞްތެރިވެވަޑައިގަތުމަށާއި، ވެރިކަމުގެ ދަހިވެތިކަމުގައި އެކި ފަރާތްތަކުން ރާވާ ރޭވުންތަކަށް ސަމާލުވެ ތިއްބެވުމަށް، މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރެއްވުމަށް މިއަދުވެސް އަޅުގަނޑު ގޮވާލަމެވެ. އަޅުގަނޑުމެންނަށް މުހިންމީ، މި ލޮބުވެތި ޤައުމެވެ. މި ލޮބުވެތި ފަސްގަނޑެވެ. މިއީ، އަޅުގަނޑުމެން އަބަދުވެސް ވަރަށްބޮޑު ސަމާލުކަމެއްދީ، ވިސްނަންޖެހޭނެ ކަމެކެވެ.

މާތްﷲ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އަމަންއަމާންކަން ރައްކާތެރިކުރައްވާށިއެވެ! މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވާށިއެވެ! ރާއްޖެއަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ރާއްޖެ ސަލާމަތްކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް ނަޞްރާއި ކާމިޔާބީ ދެއްވާށިއެވެ! އާމީން. 

21 މުޙައްރަމް   1437

3  ނޮވެންބަރު   2015