ހިޖުރީ އާ އަހަރެއް ފެށުމުގެ މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މި މުނާސަބަތުގެ ތަހުނިޔާ ދަންނަވަމެވެ.
 
މާތްﷲ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވާއިރު، ހިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާއެކެވެ. ހަމައެހެންމެ އެ ހާދިސާއަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ޢިބްރަތްތެރި ހާދިސާއެއްކަން ހަނދާންކުރަންޖެހެއެވެ.
 
ހަމައެއާއެކު، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް، މާތްވެގެންވާ އިސްލާމްދީން ބާރުއަޅާފައިވާ މިންވަރު، އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސް، އެކަމުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަންޖެހެއެވެ.
 
ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ބައްދަލުކުރާއިރު، ފާއިތުވެދިޔަ އަހަރުގެ ކަންތައްތަކާމެދު ފުންކޮށް ވިސްނައި، އާ ޢަޒުމްތަކެއް ކަނޑައެޅުމަށް މިއީ ލިބޭ ވަރަށް ރަނގަޅު ފުރްޞަތެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައިވާ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެއްބަޔެއްގެ ގޮތުގައި އާ ރޫޙަކާއެކު މަސައްކަތް ކުރުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް، މި ފުރްޞަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ރާއްޖެ، ތަރައްޤީގެ މަގުގައި އާ އުސްމިންތަކަކަށް ގެންދިޔުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށާއި، އެކި މަޝްރޫޢުތައް އަވަހަށް ނިންމުމުގައި، ރައްޔިތުން އެއް ރޫޙަކާއެކު މަސައްކަތް ކޮށްދެއްވުމަށް، މި ފުރްޞަތުގައި އަޅުގަނޑު ގޮވާލަމެވެ.
 
މާތްﷲ، މި ފެށުނު 1437 ވަނަ އަހަރަކީ، ހުރިހާ ގޮތަކުންވެސް ދިވެހިރާއްޖެއަށް ތަރައްޤީއާއި ފާގަތިކަން ލިބެނިވި އަހަރެއް ކަމުގައި ލައްވާށިއެވެ! ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވާށިއެވެ! އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާށިއެވެ! އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙައާއި އަމާންކަން ޤާއިމުކުރައްވާށިއެވެ! އާމީން.