އިޓަލީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕައޮލޯ އަންޑްރެއާ ބާރޓޮރެލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އިޓަލީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި އިޓަލީއާ ދެޤައުމުން ކަންބޮޑުވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުންނާއި، މިކަންކަން ޙައްލުކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިޓަލީގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދުނިޔޭގެ މޫސުމާ ގުޅޭ އެކިއެކި މައްސަލަތަކާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އިޓަލީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕައޮލޯ އަންޑްރެއާ ބާރޓޮރެލީ، ދެއްކެވި ވާހަކަފުޅުގައި، މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި ހިނގި ހިތާމަވެރި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ލޯންޗްކޮޅުގައި ދަތުރުކުރެއްވި ބައެއް އެހެން ބޭފުޅުން ޒަޚަމްވެފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަ ޙައްލުކުރަމަށް ހުރިހާ ޤައުމުތަކުން އެކުގައި ތެދުވެ، ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަ ކުރެއްވިއެވެ.

‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.