2016 އިން 2017 އަށް އ.ދ. ގެ ސެކިއުރިޓީ ކައުންސިލްގެ ވަގުތީ މެންބަރުކަމަށް މިޞްރުން ކުރިމަތިލައްވާފައިވާތީ، އެކަމުގައި ރާއްޖެއިން މިޞްރަށް ތާޢީދުކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު އެމަނިކުފާނުގެ އަރިހަށް މިޞްރުގެ ރައީސްގެ ޚާއްޞަ މަންދޫބު، ހާތަމް އަލް ސަޢީދު ތަގައްދީން ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބްއްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި މިޞްރާ ދެޤައުމުގެ ދޭތެރޭގައިވާ ގާތް އަޚުވަންތަ ގުޅުން މުސްތަޤުބަލުގައި އިތުރަށް ފުޅާކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، މިޞްރުގެ ރައީސްގެ ޚާއްޞަ މަންދޫބު ޚިޔާލު ބަދަލު ކުރެއްވިއެވެ.

މިޞްރުގެ ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިޞްރުގެ ސަރުކާރުން ދެއްވި ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ދަތުރުފުޅުގައި، އެޤައުމުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ކުރު މުއްދަތެއްގެ ތެރޭގައި ސުއެޒް ކެނަލް ފުރިހަމަކުރެއްވުނު ކަމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއަށް މަރުޙަބާ ވިދާޅުވެ، ކުރިއަށް އޮތްތާނގައި، މިޞްރާއި، މިޞްރުގެ އަވަށްޓެރި ޤައުމުތަކުގެ ތަރައްޤީގައި ސުއެޒް ކެނަލްގެ ދައުރު ވަރަށް މުހިންމު ވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ.

މިޞްރުގެ ރައީސްގެ ޚާއްޞަ މަންދޫބު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި މިދިޔަ ހަފްތާގައި ދިމާވި ހިތާމަވެރި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަކުންނާއި ލޯންޗްކޮޅުގައި ދަތުރުކުރެއްވި ބައެއް އެހެން ބޭފުޅުން ޒަޚަމްވެފައިވާތީ، މިޞްރުގެ ރައީސާއި، ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ހިތާމައިގެ މި ދަނޑިވަޅުގައި މިޞްރުގެ ރައްޔިތުން ތިބީ ރާއްޖެއާއެކުގައި ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އ.ދ.ގެ ސެކިއުރިޓީ ކައުންސިލްގެ ވަގުތީ މެންބަރުކަމަށް މިޞްރުގެ ފަރާތުން ކުރިމަތިލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިޞްރުގެ ރައީސް އަލްސީސީ ފޮނުއްވި ސިޓީފުޅެއް އެރުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިސިޓީފުޅު ޤަބޫލުކުރައްވައި، މި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ނިއުޔޯކްގައި އޮންނަ އ.ދ.ގެ ސެކިއުރިޓީ ކައުންސިލްގެ ވޯޓުގައި ރާއްޖެއިން މިޞްރަށް ތާޢީދުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އިބްރާހީމް ޝަހީބު ބައިވެރިވެވަޑައިގެންނެވިއެވެ.