ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ އެކި ދާއިރާތަކުގެ ތަރައްޤީގައި، ސަޢޫދީ ޢަރަބިއްޔާގެ ހިއްސާ ވަރަށް ފާހަގަކޮށްލެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 85 ވަނަ ޤައުމީދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހަކީ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އޮތް މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ސަޢޫދީ ޢަރަބިއްޔާގެ 85 ވަނަ ޤައުމީދުވަހުގެ މުނާސަބަތުގައި ސަޢޫދީ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން މައްކާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާއި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު އެބޭފުޅުންނަށް ދެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ޤާއިމްވެފައިވާ ގާތް އަޚުވަންތަ ގުޅުމުގެ އުސްއަލިތަކުގެ މައްޗަށް ބައްލަވައިލައްވަމުން، ސަޢޫދީ ރަސްގެފާނު މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން ވަރަށް ރަނގަޅަށް ރަމްޒުވެގެންދިޔަ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ވެރިކަމުގައި އެޤައުމަށް އެކި ރޮނގު ރޮނގުން ހޯއްދަވައިދެއްވަމުން ގެންދަވާ ތަރައްޤީއާއި ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޢުރީފު ކުރެއްވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދޭތެރޭގައިވާ ގާތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން، ކުރިއަށްއޮތްތާނގައިވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.