2015 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށް ކަމަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެންނެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން އެގޮތަށް ލަފާއެރުއްވުމާ ގުޅިގެން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަޒީފާދޭ ފަރާތުން، މުވައްޒަފަކު ލައްވާ މެދުކެނޑުމެއް ނެތި ގިނަވެގެން 5 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ރަސްމީ މަސައްކަތު ގަޑީގައި 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދެއްވުމަށް ނިންމަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދެންނެވި ގޮތަށް ހަމަޖެއްސެވި ނަމަވެސް، ޑިއުޓީ އުޞޫލުން ޚިދުމަތްދޭ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ، އެ މުވައްޒަފެއްގެ ޑިއުޓީ ގަޑި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމީ ގަޑިއަށް މިބަދަލު ގެންނެވި ކަމުގައިވިޔަސް، އޮފީސްތަކުން ޢާންމު ރައްޔިތުންނަށް ދެއްވާ ޚިދުމަތް މެދުކެނޑިގެން ނުވާނެ ކަމަށާއި، ހެނދުނު 8:00 ގައި މަސައްކަތް ފެށުމަށްފަހު، ހުރިހާ މުވައްޒަފުންވެސް މަސައްކަތުގައި މަޝްޢޫލުވެ ތިބުމަށް އޮފީސްތަކުން ބާރުއެޅުއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށް ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން އެރުވި ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މި ނިންމެވީ، ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން، ޢާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު އިތުރު ކުރެއްވުމަށާއި، ސަރުކާރުގެ ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާކުރުމަށް ފުރުޞަތު ދެއްވުމަށާއި، ދިވެހި ޒުވާނުންނަށް ކުޅިވަރު ކުޅުމަށާއި، ތަޢުލީމު ޙާޞިލުކުރުމަށާއި، ފަންނީ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުޞަތު އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.