އެކުވެރިކަމާއި، އިތުބާރާއި، ކަމޭހިތުމަކީ، ރާއްޖެއާއި އންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައިގަނޑު ސިފަތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ޘަޤާފީ ގުޅުން ބަދަހިކުރުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިޔަން ހައިކޮމިޝަނުން އިންތިޒާމް ކުރެއްވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުން، އެކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނޭކަމަށާއި، ރާއްޖެއާ އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމްކުރި އެއްޤައުމަކީވެސް އިންޑިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، މި އަހަރުގެ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު، ރާއްޖެއާއި އިންޑިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރޭނެކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ފަންސާސް އަހަރުގެ އުސްއަލިތަކުގެ މައްޗަށް ބައްލަވައިލައްވަމުން، މި ގުޅުމުގެ މައިގަނޑު އެއްއަސާސަކީ ދެ ޤައުމުން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގައި ދެމިތިބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިގޮތުން، ރާއްޖެއަށް ދިމާވާ ކޮންމެ ކާމިޔާބީއަކާއި ކޮންމެ ކާރިޘާއެއްގައިވެސް އިންޑިޔާއަކީ އިތުބާރު ހިފޭ އެކުވެރިއެއްކަން އެޤައުމުންވަނީ ސާބިތު ކޮށްދީފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ހަމައެއާއެކު ރާއްޖެއިންވެސް އިންޑިޔާއަށް ހުރިހާ ގޮތަކުންވެސް އަބަދުވެސް އެއްބާރުލުންދީ، އިންޑިޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިއޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދުނިޔޭގެ ސިޔާސީ މަޝްރަޙުގައި އިންޑިޔާއިން ދައްކަމުންދާ ލާމަސީލު ނަމޫނާއަށް ރާއްޖެއިން ތަޢުރީފުކުރާ ކަމުގައި ވިދާޅުވެ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކިއެކި ކަންކަމުގައި ރާއްޖެއިން އަބަދުވެސް އިންޑިޔާއަށް އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެރުވިއެވެ.

މީގެ އިތުރުން، ދެޤައުމުގެ ތަރައްޤީގެ އުއްމީދުތައް ޙާޞިލް ކުރުމަށްޓަކައި، ދެ ޤައުމުގެ ދޭތެރޭ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ފުޅާކޮށް، އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ބަދަހިކުރުން ކޮންމެހެން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.