ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ހުކުރުދުވަހު، މިނާ ޕެލެސްގައެވެ.

އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވައި، ދެޤައުމަށް ފައިދާވާނެހެން މި ގުޅުން އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަހްދުގެ ނައިބު، އަދި މިނިސްޓަރ އޮފް ޑިފެންސް މުޙަންމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާވެސް ހުކުރުދުވަހު ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނާގައި ޙައްޖާޖީންތަކެއް ފިތިގެން ހިނގި ހިތާމަވެރި ހާދިސާގައި އެތައް ޙައްޖާޖީންތަކެއް ނިޔާވެ، އަދި ޒަޚަމްވެފައިވާތީ އެކަމުގެ ހިތާމައިގައި ހަމްދަރުދީ ވިދާޅުވިއެވެ.