ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް އެއްރަޙުމަތްތެރިޔާ، އަދި ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު އެއްހިއްސާދާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 66 ވަނަ ޤައުމީ ދުވަހާއި، ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 43 އަހަރުފުރުމުގެ މުނާސަބަތުގައި މިރޭ އޮލިމްޕަހުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، 1972 ވަނަ އަހަރު ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދޭތެރޭ ސިޔާސީ ގުޅުން ޤާއިމް ކުރެވުނީއްސުރެ ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކި ދާއިރާތަކުން ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދޭތެރޭގައި އޮތް އިޙްތިރާމާއި، އިތުބާރާއި، އެއްބާރުލުން ކުރިއަށް އޮތްތާނގައިވެސް އޮންނާނެކަން ޔަޤީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެތެރޭ އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.