ބަރަކާތްތެރި އަޟުޙާ ޢީދު، އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ އުފާވެރި މުނާސަބަތުގައި، މި މަތިވެރި މުޤައްދަސް ބިމުގައި ހުރެ، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، މި ބަރަކާތްތެރި ޢީދުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ. މި ތަހުނިޔާގައި މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން އަޅުގަނޑާއެކު ބައިވެރިވެވަޑައިގަންނަވައެވެ.
 
މި ބަރަކާތްތެރި ޢީދުގެ އުފަލުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި މަތިވެރި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ.
 
އަޟުޙާ ޢީދަކީ، މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމާއި އެކުވެރިކަން ބަދަހިކުރުމުގެ ޢީދެކެވެ. އެކަކު އަނެކަކަށް އެހީތެރިވެދީ، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އަޚުވަންތަކަމުގެ ގުޅުން ޤާއިމުކޮށް ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ޢީދެކެވެ. އެހެންކަމުން، މި ޢީދުގެ އުފާވެރިކަން އަޅުގަނޑުމެން އެންމެންގެ މެދުގައި ޙިއްޞާކޮށް، އަޅުގަނޑުމެންގެ އަޚުވަންތަކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޢަޒުމް އާކުރެއްވުމަށް، އަޅުގަނޑު މި ފުރްޞަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ގޮވާލަމެވެ. އަދި އިސްލާމީ މަތިވެރި ޝަޢާއިރުތަކުގެ މަތިން ހަނދާންކޮށް، މި ޢީދުން ޢިބްރަތް ޙާޞިލު ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއްކަން ހަނދާންކުރުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ.  
 
އަޅުގަނޑުގެ ދުޢާއަކީ، އަޟުޙާ ޢީދުގެ މި ބަރަކާތްތެރި ދުވަސްތަކަކީ، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލެއްވުމެވެ.  ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައިވާ އެއްބަނޑުއެއްބަފާކަމުގެ މަތިވެރި ގުޅުން، އިތުރަށް ބަދަހިކުރުމުގެ ތައުފީޤު، އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ. މިފަދަ އުފާވެރި މުނާސަބަތުތައް ބާއްޖަވެރިކަމާއި އުފާފާގަތިކަންމަތީ، މި ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ތަކުރާރު ކުރެއްވުމެވެ. އާމީން.