بســم اللّـه الرّحمـن الرّحيــم
 
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
ދިވެހި އެތުލީޓުން، އެތުލީޓުންގެ ކުޅިވަރުގެ ޢާއިލާތައް، މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން؛
 
السّــلام عليــكم ورحـمــة اللّـه وبـركاتـه.
 
އާދެ! ޒުވާނުންނަށް ޚާއްޞަވެގެންދާ ކަންތައްތަކެއް ފުރިހަމަވެގެންދާއިރު އަދި ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް، ޤާނޫނުގައި އެކުލެވިގެން ގޮސް، ޒުވާނުންނަށް އުންމީދާއި ކަށަވަރުކަން ގެނެސްދިނުން ފާހަގަކުރާ މި ޖަލްސާގައި ބައިވެރިވުމުގެ ޝަރަފް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ކުޅިވަރު ފެމިލީތަކަށް އަދި ސްޕޯޓްސް މިނިސްޓަރަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑު މި ފިޔަވަޅުގައި، ފުރަތަމަ ޝުކުރުގެ ދެތިން ބަހެއް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު ޝުކުރު އަދާކުރަނީ، ކުޅިވަރުގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް. މިހާރުގެ އެސޯސިއޭޝަންތަކުގެ ވެރިން، އެސޯސިއޭޝަންތަކުގައި ކުރިން ތިއްބެވި ބޭފުޅުން، ސްޕޯޓްސް މިނިސްޓަރުން، އޭގެތެރޭގައި މިހާރުގެ މިނިސްޓަރު، އަދި، ވަރަށް ޚިދްމަތްތެރި، އަޅުގަނޑުމެންގެ މަޝްހޫރު ކުރީގެ މިނިސްޓަރު، އަދި އަޅުގަނޑާއެކީ މިހާރު މަސައްކަތް ކުރައްވާ މުޙަންމަދު ޙުސައިން ޝަރީފް، ހަމަ ސްޕޯޓްސް މިނިސްޓަރެއް، އަދި ކުޅިވަރުގެ ދާއިރާއިން އެކިކަހަލަ މަސައްކަތްތައް ދިވެހި ޤައުމަށް ކޮށްދެއްވާ އެންމެހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. މި ޝުކުރުގައި އެސޯސިއޭޝަންތަކުގެ ވެރިންނާއި، އެސޯސިއޭޝަންތަކުގެ މެންބަރުން، އޮލިމްޕިކް ކޮމިޓީ، އެފް.އޭ.އެމް، ދެން މިހެންގޮސް ކުޅިވަރަށް ޚިދްމަތް ކުރައްވާ ހުރިހާ ފަރާތްތައް ޝާމިލުކުރާ ގޮތެއްގައި.
 
ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖެއަށް ރީތި ނަން ގެނެސްދެއްވުމަށްޓަކައި ކުޅިވަރުގެ ޓްރެއިނަރުންނާއި، ކޯޗުންނާއި، މެނޭޖަރުންނާއި، އެތުލީޓުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ. މި ޝުކުރުގައި އެންމެ ފުރަތަމަ މި ތަރުތީބުން އަޅުގަނޑު ޚިޔާލަށް މި ގެންނަނީ، ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަޅުގަނޑުމެންގެ އެތުލީޓުންނާއި ކުޅުންތެރިން ދެއްކި މިސާލު. ޝައްކެއްވެސްނެތް، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށްބޮޑު އެކްސްޕޯޝަރއެއް. އެޔާއެކީ އަޅުގަނޑުމެންގެ އުންމީދުތައް އާވެގެންދަނީ، ދެން މިކަހަލަ ކުޅިވަރުގެ އިތުރު މަރްޙަލާތަކުގައި، އިތުރު ބައްދަލުވުންތަކުގައި މިއަށްވުރެ ބޮޑު ކާމިޔާބު އަޅުގަނޑުމެން ހޯދުމަށް.
 
އަޅުގަނޑު ހަމަ މިރޭވެސް އެތުލީޓުންނަށް، ކުޅިވަރު ކުޅުއްވާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކުރިބޯށްޓަށް ވާސިލުވާށޭ. އަމާޒު ޔަޤީންކުރަނީ، ދާން އޮތް އެންމެ ދުރާ ހަމަޔަށް ދާށޭ. އެހެންވީމާ، އަޅުގަނޑުމެންގެ ބަހުރުވައިގައި، އަޅުގަނޑުމެންގެ ލިޔެކިޔުމުގައި [ބްރޮންޒް މެޑެލް] ނުގެންގުޅެމާތޯއޭ؟ އަޅުގަނޑަކަށް ނުފެނޭ ހަމަ ބްރޮންޒަކީ މެޑެލެއް ކަމަކަށް. އެންމެކުޑަމިނުންވެސް ސިލްވަރއެއް ޙާޞިލުކުރަންވާނެ ދޮއެއްތޯ؟ އެހެންވީމާ، މިހާރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ތިޔަބޭފުޅުންގެ ފޮތްތަކުން ބްރޮންޒް ފޮހެލުމަށް އަޅުގަނޑު މިރޭވެސް ނަޞޭޙަތްތެރިވެ، ހިތްވަރުދޭން ބޭނުންވެޔޭ.
 
އާދެ، ކުޅިވަރާބެހޭ މެނިފެސްޓޯގައި ހުރި ގިނަ ކަންތައްތަކެއް ކާމިޔާބުކަމާއެކީ ކުރެވިގެން ގޮސް އަދި އިތުރު ކަންތައްތައް ޙާޞިލު ކުރުމަށް އަޅުގަނޑުމެން އަމާޒުކޮށް، އެކަންކަން ފާހަގަކުރުމަށް މިރޭ މި ބާއްވާ ޖަލްސާގައި، އެންމެ މުހިންމު އައިޓަމެއް ގޮތުގައި އަޅުގަނޑުމެންގެ ޚިޔާލަށް، ހަނދާނަށް މި އަންނަނީ، ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަންގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ގޮތަށް، ކުޅިވަރާބެހޭ ޤާނޫނެއް، ދިވެހި ތާރީޚުގައި ފުރަތަމަފަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އަޅުގަނޑުމެން ގެޒެޓްކޮށް، އަދި އެ ޤާނޫނުގެ ތެރެއިން ކުޅިވަރު ކުޅުންތެރިންނަށް ވަރަށްގިނަ ޢިނާޔަތްތަކަކާއި، ވަރަށްގިނަ ކަށަވަރު ކަންކަން ލިބިގެންދިޔަކަން. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ، ކުޅިވަރުގެ ޙަރަކާތްތަކުގައި ވަރަށްގިނަ ފަރާތްތަކުން ކުޅިވަރަށް މިވަނީ ޚިދްމަތް ކުރައްވާފައި. ފަހުގެ ތާރީޚެއްގައި ކުޅިވަރަށް އެންމެ ބޮޑަށް ޚިދްމަތް ކުރެއްވީ، އަޅުގަނޑުމެންގެ ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. ވަރަށްގިނަ ކަންތައްތަކެއް ކުޅިވަރުގެ ދާއިރާގައި، ހުރިހާ ކުޅިވަރަކަށް އެމަނިކުފާނު ވަނީ ކޮށްދެއްވާފައި.
 
އެހެން ނަމަވެސް، އެޔާއެކުވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، ކުޅިވަރުގައި، ކުޅިވަރު ކުރިއަރުވަން ވެރިޔަކަށް ހުންނަ މީހަކު ހިނގަން ބޭނުންވާ މަގަކުން ދާން ބޭނުންވާ އެންމެ ދުރަށް ދިޔުމުގައި، މުޖްތަމަޢު ތެރޭގައި ހުންނަ ދަތިތަކެއް ހުންނާނެ. އަބަދުވެސް ހުންނާނެ. އެހެންވީމާ، އޭރުވެސް އަޅުގަނޑުމެންނަށް ދަތިކަމަކަށް ވެފައި އޮތީ، ޤައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިން، ކުޅިވަރުގެ ޕްރެކްޓިސްތަކަށް ވީއްލުމަކީ، ފަސޭހަ ކަމެއް ގޮތުގައި އަޅުގަނޑުމެންނަކަށް އޭރު ފާހަގައެއް ނުކުރެވޭ. ހަމަ ޤައުމީ ސްކޮޑްތަކަށް ދާ ކުޅުންތެރިން މިތިބީ ސަރުކާރު ކުންފުނިތަކުގައި. ސަރުކާރުގައި އަދި އަމިއްލަ ވިޔަފާރިވެރިންގެ ކައިރީގައި. އެހެން ނަމަވެސް، އެމްޕްލޯޔަރުން އެމީހުން ވީއްލައިގެން ނޫނިއްޔާ ފަރިތަކުރާކަށް މި ފަރާތްތަކަކަށް ނުއެއްދެވޭނެ. އެހެންވީމާ، މިކަން ބޮޑުވެގެން ގޮސް، މިކަން އަޅުގަނޑުމެން ކުރަން ބޭނުންވާލެއް ބޮޑުކަމުން، ކުޅިވަރުގެ ޤާނޫނުގައި މިފަހަރު މިބައި ހިމެނީ. އިރާދަކުރެއްވިއްޔާ ދެން ޤައުމީ ޓީމުގައި ނޫނީ ޤައުމީ ސްކޮޑްގައި ފަރިތަކުރާ ހުރިހާ ކުޅުންތެރިންނަށް އެންމެ ކަށަވަރުކަމާއެކީ ޔަޤީންވެގެންދާނީ، ވަޒީފާއަށް އެއްވެސް އުނިކަމެއް ނައިސް، އަދި މުސާރައިން، އުޖޫރައިން އެއްޗެއް ނުކެނޑި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް، ނޭޝަނަލް ސްކޮޑްގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް ކުޅިވަރު ފަރިތަކުރަން ދާ ދިޔުން. ފަރިތަކޮށްގެން މޮޅު ވަނަތަކެއް ލިބޭ ކަމަށްވަންޏާ، އަޅުގަނޑުމެން ހަނދާންހުރޭ، އަޅުގަނޑުމެންނަށް ހަމަ އުފަލާއެކީ، ސަރަޙައްދީ މުބާރާތްތަކުން ވަނަ ހޯދައިގެން އައިމަ، މުޅި ދިވެހިރާއްޖެ ފަޚްރުވެރިކަމާއި އުފަލާއެކީ، އެ ޓީމުތަކުގެ ފަހަތުން ހިނގާތަން އަޅުގަނޑުމެންނަށް ފެނިގެން ގޮއްސަ ވަނީ.
 
ކުޅިވަރުގެ މައިދާނުގައި، އަޅުގަނޑުމެންގެ ސެލިބްރިޓީން އަޅުގަނޑުމެންނަށް ގެނެސްދޭ ކަންތައްތަކަކީ، ޝައްކެއްވެސްނެތްގޮތުގައި ހަމަ އެންމެ އުސްމިނުގައި އަޅުގަނޑުމެން ފާހަގަކޮށް، އުފާކުރާ ޙާޞިލުކުރުންތައް. މި ސަބަބަށްޓަކައި ކުޅިވަރު ކުޅޭއިރު، ކުޅިވަރު ކުޅުންތެރިންނަށް ބޭނުންވާ ކަންތައްތަކެއް ކަށަވަރުކޮށްދިނުމަށް ޤާނޫނެއް އެކުލަވާލައި، ޤާނޫނުގެ މަސައްކަތްތައް މިވަނީ.
 
ކުޅިވަރަށް ޚިދްމަތް ކުރެއްވި އެކިއެކި ފަރާތްތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާލާއިރު، ހަމަ ޝުކުރުގެ ފިޔަވަޅު މަތީގައި ހުރެގެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ރިޔާސީ އިންތިޚާބަށް އަޅުގަނޑު ތައްޔާރުވަމުން އައިއިރު، އަޅުގަނޑުމެންގެ ތެރޭގައި އެކި ދާއިރާގެ މެނިފެސްޓޯ ލިޔެ، އެކި ދާއިރާތަކަށް އަޅުގަނޑުމެންގެ ތަޞައްވުރު، ރައްޔިތުންނާ ޙިއްޞާ ކުރުމަށްޓަކައި، ދާއިރާތަކުގެ ފަންނީ މީހުންނާއި އަދި ޢަމަލީގޮތުން އެކަންކަން ތަންފީޛު ކުރަން ތިބޭ ފަރާތްތަކާ އެކީގައި ދިގު މަޝްވަރާތަކެއް ކުރެވިގެންދިޔަ. އަޅުގަނޑުގެ ކުޅިވަރުގެ މެނިފެސްޓޯއަކީ، މިގޮތަށް އެކުލަވައިލެވުނު ޗެޕްޓަރެއް. މި ޗެޕްޓަރުގެ އާކިޓެކްޓަކީ، އޯތަރަކީ، މުޞައްނިފަކީ މުޙަންމަދު ޙުސައިން ޝަރީފް. އެހެންވީމާ، އެ މަނިކުފާނު އެ މަސައްކަތް އަޅުގަނޑަށް އެ ކޮށްދެއްވީ. އެޔާއެކީ އެކި މަރްޙަލާތަކުގައި، އެސޯސިއޭޝަންތަކުގެ ވެރިންނާއި، ކުޅިވަރު ކުޅުންތެރިންނާއެކީ ދިގު މަޝްވަރާތަކެއް ކުރެއްވުމަށްފަހު، ކުޅިވަރުގެ މެނިފެސްޓޯ، ނޫނިއްޔާ އަޅުގަނޑުގެ މެނިފެސްޓޯގައި ކުޅިވަރާބެހޭ ޗެޕްޓަރު އެކުލެވިގެން އެދިޔައީ. އެކަމަށްޓަކައި މިރޭވެސް މުޙަންމަދު ޙުސައިން ޝަރީފްގެ ނަންފުޅު، އަޅުގަނޑުގެ ހަނދާނަށް ގެނެސް، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. މި ޝުކުރުގެ މަޤާމުން ދެން އަޅުގަނޑު ދުރަށް ދާންޖެހޭކަންނޭނގެ.
 
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯ ޕްރެޒެންޓޭޝަންގައި އަދި މިނިސްޓަރުގެ ވާހަކަފުޅުގައި، މިނިސްޓަރ ޒުހޫރުގެ ވާހަކަފުޅުގައި، ވަރަށްގިނަ ތަފްޞީލުތަކެއް އެ ގެނެސްދެއްވީ. ކުޅިވަރުގެ ދާއިރާގައި، ސަރުކާރުން ހޭދަކުރަމުންދާ ހޭދަކުރުމާއި، އަދި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ، ރާއްޖޭގެ އެކި ހިސާބުތަކަށް ޢާންމުކުރަން، ފެތުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އެމަނިކުފާނު އެ ވިދާޅުވެދެއްވީ. އެކި ހިސާބުތަކުގައި އަޅުގަނޑުމެން މި ގެންދަނީ ކުޅިވަރުގެ ސްޕޯޓްސް އެރީނާތައް ޤާއިމުކުރަމުން. ސްޕޯޓްސް އެރީނާގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ފަށައިގެން މިހާރު މިއުޅެނީ ފުޓްސަލް ދަނޑުތައް. އެޔާއެކީ އަންހެނުންގެ ބައިވެރިވުން މީގައި އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން ފަށައިގެން މިއުޅެނީ ބަށި. އެއީ އަންހެނުންގެ ތެރޭގައި، އެންމެ މަޤްބޫލު ކުޅިވަރަކަށް [ބަށި] އޮތީމަޔާއެކީ. މިއަހަރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ މިހާރުވެސް، ދެން ހަމަ ނަންބަރުތައް ދެންނެވުން ރަނގަޅެއް ނޫންކަންނޭނގެ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވަރަށްގިނަ ޢަދަދުތަކެއް އެ ވިދާޅުވީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިހާރުން މިހާރަށްވެސް އެވަނީ 82 ބަށިކޯޓެއް އެޅުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފައި. އަދި އިތުރު 30 ފުޓްސަލް ދަނޑު އެޅުންވެސް، ހަމަ މިއަހަރު އެކަނި 30 ދަނޑު އަޅައި، ފުޓްސަލް ދަނޑުތަކެއް ހުޅުވުމުގެ ރަސްމިއްޔާތު ހިނގައްޖެ. މުޅި ހުރިހާ ފުޓްސަލް ދަނޑުތަކެއް، މިހާތަނަށް ނިމިފައި ހުރި ހުރިހާ ފުޓްސަލް ދަނޑުތަކެއް، އިރާދަކުރެއްވިއްޔާ ރަސްމީގޮތުން މިރޭ މި ހުޅުވެނީ. ކޮންމެ ފުޓްސަލް ދަނޑެއް ހުޅުވައިދޭން އަޅުގަނޑުމެންނަކަށް ދާކަށް ފަސޭހައެއް ނޫން. ގޮއްސި ކަމަށްވަންޏާ، ކޮންމެވެސްވަރެއްގެ ކޮލަޓަރެލް ޑެމޭޖެއް އުޅޭނެ. ފުޓްސަލް ދަނޑުތަކުގައި ހުޅުއްވައިދެއްވަން ގިނައިން އަޅުގަނޑުމެންނަށް މި ފެންނަނީ ނައިބު ރައީސް އުޅުއްވާ ތަން. ދެން އެހެންވީމާ އެމަނިކުފާނުގެ ހަލުއިކަމާއެކީ، އަޅުގަނޑެއް ބޭނުމެއްނުވޭ އެއްވެސްކަހަލަ އާސަންދައިގެ ޚިދްމަތަކަށް އެމަނިކުފާނު ހުށަހެޅޭކަށް. އެހެންވީމާ، ކޮންމެ ތަނެއް ހުޅުވާކަށް އަޅުގަނޑުމެންނަށް ދިޔުމަކީ ފަސޭހަކަމަކަށް ނުވޭ.
 
ފުޓްސަލް ދަނޑު އެކަންޏެއް ނޫން. އަދި މިކަހަލަ ރަސްމީ ކުޅިވަރުތައް އެކަންޏެއް ނޫން. ނައިބު ރައީސް އަދީބުގެ ޚިދްމަތްތައް، އަދި އެހެން ވަޒީރުންގެ ޚިދްމަތްތައް އަޅުގަނޑުމެންނަށް ލިބިގެން މި އަންނަނީ، ރެކްރިއޭޝަނަލް އެކިކަހަލަ ސްޕޯޓްސްތަކުގެ ތެރެއިންވެސް. އޭގެތެރޭގައި ޢާންމުކޮށް މި ކުޅޭ ކުޅިވަރުތަކުގެ އިތުރަށް، އަޅުގަނޑުމެންނަށް މި ޓްރެކްގައި ހިނގާ އެކިއެކި ކަންތައްތަކުގެ އިތުރަށް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ހަމަ ސައިކަލް ދުއްވުމާއި، ރޭސިންގއާ މިކަހަލަ އެތައް ބައިވަރު ކަންތައްތަކެއް. މިއިން ކޮންމެ ކަމަކީވެސް ސަރުކާރުގެ މެނިފެސްޓޯގައި މިހާރު ހިމެނިގެން، މިކަންކަން ކުރިއަށް ގެންދަން އަޅުގަނޑުމެން މަސައްކަތްކުރާ ކަންކަން.
 
އާދެ، ކުޅިވަރުގެ ދާއިރާގައި ރައްޔިތުންނަށް ބޭނުންވާ އަދި ރަށްރަށަށް ބޭނުންވާ މިހުރިހާ ކުޅިވަރު އިންފްރާސްޓްރަކްޗަރެއް ޤާއިމުކުރެވިގެންދާއިރު، ހަމަ ވަރަށް މުހިންމު އެހެން އިންފްރާސްޓްރަކްޗަރެއްވެސް ހަމަ މިހާރު އަނެއްކާވެސް އާބާތުރަ ފިލުވުމާއެކީ، ރާއްޖޭގެ އެކި ހިސާބަށް ޢާންމުކުރަމުން މިގެންދަނީ. އާދެ، އެއީ ޒުވާނުންނާ ބެހޭ މަރްކަޒުތަކެއް ކޮންމެ ރަށެއްގައި، ނޫނިއްޔާ އާބާދީގެ ނިސްބަތުން ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ޒުވާނުންނާ ބެހޭ މަރްކަޒުތަކެއް، މީގެކުރިން ވަނީ އުފައްދަވާފައި. އެތަންތަން މިހާތަނަށް އައިއިރު މިހިރީ ހަމަ ނުހިނގާ ތަންތަނުގެ ގޮތުގައި. އެހެންވީމާ، އެތަންތަނުގެ އާބާތުރަ ފިލުވުމާއެކީ، އަޅުގަނޑުމެން އެ މަސައްކަތް ފަށްޓައިގެން، އިރާދަކުރެއްވިއްޔާ ދެން ކުޅިވަރުގެ މަރްކަޒުތައް، ނޫނިއްޔާ ޒުވާނުންގެ މަރްކަޒުތައް ހިމެނެން ބޭނުންވާ ހުރިހާ ރަށްރަށަކަށް، އެ މަރްކަޒުތައް ފޯރުކޮށްދިނުމުގެ މަސައްކަތް، އަޅުގަނޑުމެން ކުރަމުން މިގެންދަނީ.
 
ޒުވާނުންނަށް ކުޅިވަރު އެހާ މުހިންމު ވެގެންދާއިރު، އެ ތަފްޞީލަށްދާކަށް އަޅުގަނޑު ނެތިން. އޭގައި ދެބަސްވާނެ މާގިނަ މީހުންނެއް، އަޅުގަނޑަކަށް ހިއެއްނުވޭ އުޅޭނެހެނެއް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ ތަފްޞީލަށް އަޅުގަނޑު ނުދިޔަ ނަމަވެސް، ޒުވާނުންނަށް އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ހަމައެކަނި ކުޅިވަރުގެ މަސައްކަތްތަކެއް ނޫނޭ. މިރޭ ވަރަށް މުނާސަބު ކަންނޭނގެ، ޒުވާނުންނާއި ކުޅިވަރާއި އަދި ކުޅިވަރުގެ މެނިފެސްޓޯގައި ހިމެނިފައި ހުރި ބައެއް ކަންތައްތަކާއި، ޤާނޫނުގައި ކަނޑައަޅައި ދީފައިހުރި މައިގަނޑު ބައިތައް އިފްތިތާޙު ކުރުމުގެ ޖަލްސާއެއްގައި، ހަމަ ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، ދެންހުރި ދާއިރާތަކުގެ ކަންތައްތައްވެސް ދަންނަވާލަން. މިނިސްޓަރ ޒުހޫރު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އެމަނިކުފާނަށް މިއޮތް ޓާގެޓާ އެއްގޮތަށް، ފުޓްސަލް ދަނޑުތަކާއި ސްޕޯޓްސް އެރީނާތައް، މި 5 އަހަރުގެ މުއްދަތުގެ ތެރޭގައި ކުރައްވަން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ކަންތައްތައް ހުންނަގޮތުން، މިވާގޮތަކީ 300 މިލިއަން ރުފިޔާގެ ބަޖެޓެއް ދިން ނަމަވެސް، އަޅުގަނޑުމެންނަށް މިދިޔަ 2 އަހަރުގެ ތަޖުރިބާއަކަށް ވެފައި މިއޮތީ، ރާއްޖޭގައި 300 މިލިއަން ރުފިޔާ، މެނޭޖްމަންޓްގެ ތެރެއިން، މެނޭޖްމަންޓްގެ ޚަރަދުތަކަށް ކޮށްފައި، ސްޕޯޓިންގ އިންފްރާސްޓްރަކްޗަރަށް ޚަރަދުކުރަން ބަލާއިރު، އަޅުގަނޑުމެންގެ ތެރޭގައި އެވަރުގެ އެބްޒޯބް ކުރާނެ ކެޕޭސިޓީއެއް ނުހުރޭ. ދަނޑުތައް ހެދުމުގެ، އެވަރަކަށް ދަނޑުތައް ހަދާނެ ކުންފުނިތަކެއް ރާއްޖެއަކު ނުހުރޭ. އަޅުގަނޑުމެންނަށް އެވޯޑް ކުރެވިދާނެ، 20 ދަނޑު، 30 ދަނޑުވެސް ކުންފުންޏަކާ. އެކަމަކު ރާއްޖޭގެ ފެންވަރުން ވެއްޖިއްޔާ މިއުޅެނީ ހަމަ 2 ކުންފުންޏެއް، 3 ކުންފުންޏެއް. ރޯޑް ކޯޕަރޭޝަން، އެސް.ޓީ.އޯ، ދެން ސިފައިން ވަރަށް ދީލަތިކަމާއެކީ އަޅުގަނޑުމެންނަށް ބައެއް ކަންތައްތައް ކޮށްދެއްވާ. އެހެން ނަމަވެސް، ސިފައިންނަކަށް އަޅުގަނޑުމެންނަކަށް 30 ދަނޑުން، 40 ދަނޑުން ރާއްޖޭގެ އެކި ހިސާބުގައި ދަނޑުތައް އަޅާކަށް އަޅުގަނޑުމެންނަކަށް ޙަވާލެއް ނުކުރެވޭނެ. އެހެންވީމާ، ރާއްޖޭގައި މި އެބްޒޯބްޝަން ކެޕޭސިޓީ ނެތްކަމަކީ، ހަމަ މި ދާއިރާގައި އެކަނި އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް މި ދާއިރާއަށް ފައިސާ ކަނޑައެޅިދާނެ. އެކަމަކު މިއަހަރު ނިމިގެންދާއިރުވެސް އަޅުގަނޑުމެންނަކަށް މި ފައިސާ ފުރިހަމައަށް ޔޫޓިލައިޒްކޮށް، ނޫނީ ބޭނުންކޮށެއް ނުނިންމޭނެ.
 
އަޅުގަނޑުމެންނާއެކީ އިސްލާމިކް މިނިސްޓަރ މިތާ އެބަ އިންނެވި. ކޮންމެ އަހަރަކު އަޅުގަނޑުމެން، ގިނަ ޢަދަދެއްގެ މިސްކިތް ޢިމާރާތް ކުރަން، އަޅުގަނޑުމެންގެ ބަޖެޓްގައި އެބަ ޖަހަން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިކަހަލަ ހުރިހާ ކަމެއް ވަރަށް ދީލަތިކަމާއެކީ ފާސްކޮށްދެއްވައި ބަޖެޓް ނިންމަވައިދެއްވާ. އަޅުގަނޑުމެންނަށް ހަމަ އެބްޒޯބްޝަން ކެޕޭސިޓީގެ މައްސަލަ މިއުޅެނީ. އަޅުގަނޑުމެންގެ އުޞޫލުތަކާއި އަދި މަސައްކަތަށް ކުރިމަތިލާން ތިބޭ ކުންފުނިތަކުގެ ޢަދަދުތަކަށް ބަލާފައި، އަޅުގަނޑުމެންނަށް މިއުޅެނީ އަހަރެއްގެ ތެރޭގައި ވިއްސަކަށް މިސްކިތްވެސް ނުނިންމިގެން. މިއީ އަޅުގަނޑުމެންގެ ޙަޤީޤަތް. އެކަމަކު މިއަހަރުވެސް އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ކިންގ ސަލްމާންގެ އެހީފުޅާއި އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ބިނާކުރާ މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކުން ހަދިޔާކުރާ ހައެއްކަ މިސްކިތާއެކީ، އެބަހުރިކަންނޭނގެ ހަތާވީހަކަށް، ތިރީހަކަށް މިސްކިތް. އެކަމަކު އަޅުގަނޑުމެންނަށް މިއުޅެނީ މީގެ ދެބައިކުޅަ އެއްބަޔާ ހަމަޔަށްވެސް ނުދެވިގެން. ބިންގާވެސް ނޭޅިގެން މިއުޅެނީ.
 
އެހެންވީމާ، މި އެބްޒޯބްޝަން ކެޕޭސިޓީއަކީ ދިވެހި ދައުލަތުން މިހާބޮޑު ބަޖެޓެއް ޚަރަދު ކުރުމުގެ، ހޭދަކުރުމުގެ ބަޖެޓެއް ހިފައިގެން ތެދުވާއިރު، ކުޅިވަރުގެ ދާއިރާގައި އެކަންޏެއް ނޫން. މިކަހަލަ އިންފްރާސްޓްރަކްޗަރ އޮތް ހުރިހާ ދާއިރާއަކަށްވެސް ހަމަ މި ދަތި އަޅުގަނޑުމެންނަށް ދިމާވޭ. އެންމެ ފަސޭހަކަމާއެކީ ދެވޭ ބަޖެޓެއް އެބްޒޯބް ކުރެވެނީ ހަމައެކަނި ބަނދަރު ފުންކުރުމުގައި. ބަނދަރު ފުންކުރުން، އެ ފަހަރުގައި ވެދާނެކަންނޭނގެ، ފުން ބަނދަރެއްގައި ވެއްޖިއްޔާ، އަޅާހާ ފަސޭހައެއް ވާގޮތެއް ނޭނގޭތީ ކަމަށްވެސް. އެހެން ނަމަވެސް، ބަނދަރު ފުންކުރުމުގެ ބަޖެޓަކީ، ވަރަށް ފަސޭހަކަމާއެކީ އެބްޒޯބް ކުރެވޭ. އެހެން ނަމަވެސް، އަޅުގަނޑު މިދެންނެވި ކަހަލަ ސްޕޯޓިންގ އިންފްރާސްޓްރަކްޗަރ، މިސްކިތް، މިކަހަލަ ކަންކަން ކުރުމުގައި، އަޅުގަނޑުމެންގެ ތެރޭގައި ހަމަ މި މައްސަލަ އެބައުޅޭ. އެހެންވީމާ، ކްރިޓިކުން، އަޅުގަނޑުގެ ސަރުކާރަށް ފާޑުކިޔާ ބޭފުޅުން ހަމަ ވިދާޅުވާނެ، މި އަހަރުވެސް މި ހޭދަކުރެވިފައި މިއޮތީ މިވެނިވަރަކަށޭ ފައިސާ. 300 މިލިއަން ކަނޑައަޅާފައި އޮތޭ. އެކަމަކު 300 މިލިއަނާ ގާތަށްވެސް ފައިސާއެއް ނުދެޔޭ. އެހެން ނަމަވެސް، ބަޖެޓްގައި އަޅުގަނޑުމެން ޖަހައިގެން މި ކަނޑައަޅާ އެއްޗަކީ، އެ މަޝްރޫޢުތައް ރޭވިގެން، އެ މަޝްރޫޢުތައް ހިންގަން ހުއްދައަށްދާ ހިސާބުން މިނިސްޓްރީ އޮފް ފިނޭންސުން އެ ފައިސާ ދޫކުރައްވާ ގޮތަށް އޮންނަ ފައިސާ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ދައްޗަކީ މިދެންނެވީ.
 
އާދެ، ކުޅިވަރުގައި ނޫނީ ޒުވާނުންނާ މުޚާޠަބުކޮށް އަޅުގަނޑުމެން މިކަހަލަ ޙަފްލާއެއްގައި ވާހަކަ ދައްކާއިރު، ހަމައެކަނި ކުޅިވަރުގެ ވާހަކައެއް ނޫން މި ދައްކަނީ. ޒުވާނުންނަކީ އެއަށްވުރެ މާ މުހިންމު ބައެއް. ޒުވާނުންނަކީ މުހިންމު ބަޔަކަށްވެފައި، ޒުވާނުންނަކީ ހަމައެކަނި ކުޅިވަރާއި ދުޅަހެޔޮ ޞިއްޙަތެއްގެ އިތުރުން، ޒުވާނުންގެ މުހިންމުކަން ގަބޫލުކުރެވޭތީ، ރައީސް މައުމޫންގެ ސަރުކާރުގައި އެންމެފަހު 5 އަހަރުގެ ތެރޭގައި، މިނިސްޓްރީގެ ނަންވެސް ބަދަލުކުރެއްވީ. މިނިސްޓްރީގެ މެންޑޭޓްވެސް ބަދަލުކުރެއްވީ. ހަމައެކަނި އެއީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއެއް ނޫން. ޔޫތު ޑިވެލޮޕްމަންޓް. ޑިވެލޮޕްމަންޓްގެ މި އިޞްޠިލާޙު ނޫނީ މި ކޮންސެޕްޓް ގެންނަން ޖެހުނީ އެ ސަބަބާ ހެދި. ޒުވާނުންނޭ އަޅުގަނޑުމެން ބުނީމަ، އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރެވެނީ، ޒުވާނުންނަކީ މުނިފޫހިފިލުވުމާއި، ކުޅުމާ، މިކަހަލަ ކަންކަމުގައި އުޅެންޖެހޭ ބައެއް ކަމަށް. އެހެން ނަމަވެސް، ޔޫތު ޑިވެލޮޕްމަންޓެއްގެ ކޮންސެޕްޓެއް އަޅުގަނޑުމެން އެ ސަރުކާރުގައި އޭރު ގެނައީ މިދެންނެވި ސަބަބަކަށްޓަކައި. ޒުވާނުންނާ ދޭތެރޭގައި ސަރުކާރަކުން ކުރިމަގަށް ވިސްނާއިރު، އެއަށްވުރެ ބޮޑެތި އުންމީދުތަކެއް ޙާޞިލު ކުރުމަށްޓަކައި ޒުވާނުންގެ މިނިސްޓްރީ، ޔޫތު ޑިވެލޮޕްމަންޓަކަށް ބަދަލުވެގެން އެ ދިޔައީ.
 
އާދެ، އަޅުގަނޑުމެންގެ ސަރުކާރުގައި ޒުވާނުން އެމްޕަވަރ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ބައެއް ކަންތައްތައް މިނިސްޓަރ ޒުހޫރު އެ ފާހަގަކުރެއްވީ ދެންމެ. އޭގެތެރޭގައި، ޒުވާނުންނަށް ލީޑަރޝިޕް ޕްރޮގްރާމްތަކެއް ހިންގޭ. ޚާއްޞަކޮށް، އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ޒުވާން އޮންޓްރޮޕްރޮނަރުން، ނޫނިއްޔާ ޒުވާން ވިޔަފާރިވެރިން ތަމްރީނު ކުރަން، ޒުވާން ވިޔަފާރިވެރިންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމަށް، އަދި އޭގައި ބައިވެރިވާ އެހެން ފަރާތްތަކަށްވެސް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކެއް އެބަ ކުރެވޭ. ހުރިހާ ކަމަކީ ސަރުކާރުގެ ބަޖެޓްގެ ހޭންޑްއައުޓަކަށް ހަދައިގެންނެއް، އަޅުގަނޑުމެންނަކަށް ކަމެއް ނުކުރެވޭނެ. ޒުވާނުން އަމިއްލަ ފައިމައްޗަށް ނެގުމަށްޓަކައި، ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު މިގެންދަނީ އިރާދަކުރެއްވިއްޔާ ކުރަމުން.
 
ގެޓްސެޓް ޕްރޮގްރާމްގެ ދަށުން މިއަހަރުވެސް މިހާރު މިވަނީ 72 ފަރާތަކަށް، މިއީ ހަމަ މުޅިންވެސް 35 އަހަރުން ދަށުގެ ޢުމުރުގެ މީހުންނަށް. 72 ފަރާތަކަށް މިއަހަރު އެކަނިވެސް މިވަނީ ގެޓްސެޓް ޕްރޮގްރާމްގެ ދަށުން އެކިވަރުގެ ލޯނު ދޫކުރެވިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ، މި އިންކިއުބޭޝަން ޕީރިއަޑްގެ ތެރޭގައި، އިންކިއުބޭޓަރުގެ ތެރޭގައި މި ޕްރޮޖެކްޓް ހިނގާއިރު، ޒުވާނުންނަށް ބޭނުންވާ ހުރިހާ ފަންނީ ތަމްރީނަކާއި އަދި ކޮންމެ ޕްރޮޖެކްޓެއްގެ ފީޒިބިލިޓީއާ، މިކަންކަން ގައިޑް ކުރެވިގެން ގޮއްސަ، ޒުވާނުންނަށް މި ދޫކުރެވޭ ލޯނުގެ ރަނގަޅު ބޭނުން ހިފައިގެން، ޒުވާނުންނަކީ ފައިދާހުރި މަސައްކަތްތަކެއް އަދި އާމްދަނީ ހޯދާ މަސައްކަތްތަކުގެ ހަރުލައްވައި، ފައިހަމަކުރެވޭވަރުގެ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތް. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢަކީވެސް ހަމަ ކޮންމެ އަހަރަކުވެސް ހިނގާނެ މަޝްރޫޢެއް.
 
އެތުލީޓުންގެ ފަރާތުން ދެންމެ ވާހަކަފުޅު ދެއްކެވި ޝަހުރުނާޒަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާފައި، ސަރުކާރުގެ ބަޖެޓްގައި ޒުވާނުންނާއި ޒުވާނުންގެ ތަރައްޤީއަށް ހިމަނާ ކަންތައްތަކަކީ، 1 އަހަރު ހިމަނާފައި، ދެން އޭގެމަތިން ހަނދާންނެތޭ ކަންތައްތަކެއް ނޫނޭ. ހަމަ ތިޔަ ވިދާޅުވިގޮތަށް ސާބިތުކަމާއެކީ އެކަން ކުރުމަށް، ކޮންމެ އަހަރަކުވެސް ގެޓްސެޓް ޕްރޮގްރާމްތައް ހިނގާނެ. ކޮންމެ އަހަރަކުވެސް ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތްތައް ހިނގާނެ. ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ދަންނަވާފައި އޮތް ވަރަށް، ވޮލީކޯޓުތަކާއި، އަދި ފުޓްސަލް ދަނޑުތަކާއި، އެރީނާތައް ކޮމްޕްލީޓް ވަންދެން، ފުރިހަމަކޮށް ނިމެންދެން އަޅުގަނޑުމެންގެ ބަޖެޓުން މި ހޭދަކުރާ ހޭދަކުރުމަކަށް އެއްވެސް ކަހަލަ އުނިކަމެއް ނާންނާނެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެއް ދެން އައިއްސި ކަމަށްވަންޏާ، ބްރޮންޒް މެޑެލް ނޫން އެހެން މެޑެލްތަކެއް ގެންނަވައިފި ކަމަށްވަންޏާ، ދެން ތިޔަބޭފުޅުންނަށް ގަބޫލުކުރެއްވޭނެ، މި ސަރުކާރު ކިހާ ޝައުޤުވެރިކަން ހުރޭތޯ، ޒުވާނުންނާއި ކުޅިވަރު ތަރައްޤީ ކުރަން. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް މި ހުށަހަޅަނީ، އަޅުގަނޑު ޓެސްޓްކޮށްލައްވާށޭ.
 
އެހެންވީމާ، ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އޮތީ، މިއަށްވުރެ ވަރުގަދަ ދިމާލަކަށް، މިއަށްވުރެ ވަރުގަދަ ހިސާބަކަށް ކުޅިވަރުގެ ކަންތައްތައް ދިވެހިރާއްޖޭގައި ގެންދިޔުން. ސަރުކާރަށް ދެވޭ ހުރިހާ އެހީތެރިކަމެއް ސަރުކާރުން އެބަދެން. އެހެންވީމާ، ދެން ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އޮތީ ޕަރފޯމް ކުރުން. ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އޮތީ ޕަރފޯމް ކުރުން. ކޯޗަކަށް، މެނޭޖަރަކަށް ގައިޑް ކޮށްދެވިދާނެ. އެކަމަކު ދަނޑަށް އަރާފައި، އެތުލީޓުން، ކުޅިވަރު ކުޅޭ މީހުން ދުވަން ބޭނުން ނޫން ކަމަށްވަންޏާ، ބައިކޮޅަށް ގޯލު ޖަހާ ކަމަށްވަންޏާ، ދެން ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަންނޭނގެ. އެހެންވީމާ، އެތުލީޓުންގެ އަތްމަތީގައި، އެތުލީޓުންގެ ޙާލަތު، ކުރިމަގު ރަނގަޅު ކުރުމުގެ ހުރިހާވެސް ފުރްޞަތެއް، އަޅުގަނޑުގެ ސަރުކާރުގައި މިއޮތީ.
 
ޒުވާނުންނަށް މަގުފަހިކޮށްދިނުމަށްޓަކައި، ޒުވާނުން އެމްޕަވަރ ކުރުމަށް، ހުރިހާ ކުދިންނަކީ ފޮތުގެ ތަޢުލީމް ޙާޞިލުކުރާ ކުދިންނަށް ނުވާތީ، އެޑިޔުކޭޝަން މިނިސްޓަރު މިހާރު މިވަނީ ރަސްމީ މުޤައްރަރުގެ ތެރޭގައި، އެތައް ބައިވަރު މިކަހަލަ ޢަމަލީ މަސައްކަތްތަކެއް ހިމަނުއްވާފައި. އިންޓަރމީޑިއަޓް ސްކޫލުން ފެށިގެން ސީނިއަރ ސްކޫލާ ހަމަޔަށް ދާ ކުދިންގެ ތެރޭގައި، ޓިވެޓެއް މިއޮތީ އިންޓްރޮޑިއުސް ކުރެވިފައި، ދަސްވާރު ޕްރޮގްރާމް މިއޮތީ އިންޓްރޮޑިއުސް ކުރެވިފައި. މަސައްކަތާއެކީ މަސައްކަތަށް ނުކުންނަ ކުދިންނަށް ޢަމަލީ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އެހެރީ ހަމަޖައްސަވައިދެއްވާފައި. އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން، މި ދާއިރާއަށް ލިބޭ ތަރުޙީބު، މިކަންތައްތަކަށް ލިބޭ ތަރުޙީބު މިދަނީ، އެއް ދުވަހުން އަނެއް ދުވަހަށް ހަމަ ވަރަށް ބޮޑަށް އިތުރުވަމުން. ވަރަށްގިނަ ކަންތައްތަކަކީ ފޮތުގެ ބޭރުން އަޅުގަނޑުމެން ޙާޞިލު ކުރަންޖެހޭ ތަޢުލީމު ނޫނިއްޔާ ޢިލްމު. މިކަންތައްތަކަށް އަހުލުވެރިކުރުވުމަކީ، ދިވެހިރާއްޖޭގައިވެސް ކޮންމެވެސް ކަހަލަ ޞިނާޢަތަކާއެކީ، ދިވެހިރާއްޖެ ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ ތަޢާރުފްކުރާ ކަންކަން. އެހެންވީމާ، މިއީވެސް ހަމަ ޒުވާނުންނަށް މަގުފަހިކޮށްދިނުމަށް، ޒުވާނުން ބާރުވެރިކުރުމަށް އަޅުގަނޑުމެން ކުރާ ކަންތައްތައް.
 
ހަމައެޔާއެކީ ޒުވާނުންގެ ތެރޭގައި، އެއްގޮތަކަށްވެސް މި އެތުލީޓުންގެ ތެރޭގައި މިތިބީކީ، އަޅުގަނޑުގެ ފަހަތުގައި މިތިބަ ފިރިހެން އެތުލީޓުންނެއް ނޫން. އެތުލީޓުންގެ ތެރޭގައި، ފަޚްރުވެރިކަމާއެކީ އަޅުގަނޑުމެންނަށް ވަނަތައް ގެނެސްދިން އަންހެން އެތުލީޓުން އެބަ ހިމެނޭ. އެހެންވީމާ، އަންހެނުންގެ ބައިވެރިވުން، އަޅުގަނޑުމެންގެ ޒުވާނުންގެ ހުރިހާ ޕްރޮގްރާމްތަކެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ޚިޔާލުގައި އެބަހުރި. އަދި އަންހެނުންގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެފައި ހުރި ވުޒާރާ، ޖެންޑަރ ބެލެންސް ކުރުމަށްޓަކައި، އެ ވުޒާރާ މިހާރު ހިންގަވަނީވެސް ފިރިހެން ބޭފުޅެއް. އެހެންވީމާ، މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ރޭވުންތެރިކަން މިހިރީ. އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، މި ޕްރޮގްރާމްތަކަކީ ހަމައެކަނި ޒުވާން ފިރިހެނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކެއް ނޫނޭ. ދެ ޖިންސުގެ ޒުވާނުންނަށް ހިންގާ ޕްރޮގްރާމްތަކެއް އަޅުގަނޑުމެން ހިންގަނީ. ޒުވާނުންނަށް ބޭނުންވާ ކަންތައްތަކުގެ ލޯނުގެ ވާހަކަ މި ދެންނެވުނީ.
 
ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ކޮންމެ ފަހަރަކުވެސް ވަޒީފާގެ ފުރްޞަތު، ނޫނިއްޔާ ވަޒީފާ އުފައްދާ ވާހަކަ ދެއްކީމަ، އަޅުގަނޑު ކުށްވެރިވޭކަންނޭނގެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގެ އިޤްތިޞާދުގެ މެނިފެސްޓޯގެ އަސާސަކީ، ބޮޓަމް ލައިނަކީ އަބަދުވެސް ދިވެހިންނަށް ބޭނުންވާ ވަޒީފާ، ދިވެހިންނަށް އުފައްދައިދިނުން. ދެންމެ ހަމަގައިމުވެސް އަޅުގަނޑެއް ނޫން މި ބުނީ. އަޅުގަނޑު ހަމަ މި ކޯޓްކޮށްލަނީ، މިނިސްޓަރ ޒުހޫރުގެ ވާހަކަކޮޅު. [ސާޅީސް ފަސްހާސް ވަޒީފާއަށްވުރެ އިތުރު ވަޒީފާ މިހާރު އުފެދިގެން ހިނގައްޖެ.] މީގެތެރެއިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަލަށް އުފެދޭ ވަޒީފާތަކުގެ އިތުރަށް، މިހާރު ބޭރުގެ އެކިއެކި ފަރާތްތަކުން ދިވެހިންގެ ވަޒީފާތަކުގައި ތިބި ވަޒީފާތައް ހުސްކުރަމުން، މިނިސްޓަރ ސަޢީދު އެ ގެންދަވަނީ އަވަދިނެތި މަސައްކަތް ކުރައްވަމުން.
 
އެހެންވީމާ، އެތައް ބައިވަރު އޮކިއުޕޭޝަންތަކަކުން، އެތައް ބައިވަރު ވަޒީފާގެ ގިންތިތަކަކުން ދިވެހިންނަށް ވަޒީފާގެ ފުރްޞަތު އެބަ ހުޅުއްވާލަދެއްވާ. ސޭޓުންނާއި، ބޯކޮށާ މީހުންނާ، މިހެންގޮސް، އަނެއްކާ ފަންނުތަކަށް ބަލައިފި ކަމަށްވަންޏާ، ފޮޓޮގްރަފީއާއި މިޔުޒިކާ، މިކަހަލަ ދާއިރާތައް އެދަނީ ހަމަ އިތުރުވަމުން. ދިވެހިންނަށް ޚާއްޞަ ކުރަމުން. އެހެންވީމާ، މި ދާއިރާތަކުން އުފެދޭ ކޮންމެ ވަޒީފާއަކީ، އެ ވަޒީފާގެ ފުރްޞަތަށް އަޅުގަނޑުމެން ބޭނުންވަނީ، ދިވެހި ޒުވާނަކު ނުކުންނަން. އެހެންވީމާ، އަޅުގަނޑުމެން މިރޭވެސް ދަންނަވާލާނަން. އަޅުގަނޑުމެން މި އުފައްދަނީ ޒުވާނުންގެ ފުރްޞަތޭ. އެކަމަކު، އެއިން ކޮންމެ ފުރްޞަތެއްގައި މިއަދު ދިވެހި ޒުވާނެއް، ނަމާއި އެޑްރެހަކާ އެކީ ހުރިކަމެއް، އަޅުގަނޑަށް ކަށަވަރުކޮށްދޭކަށް ނޭނގޭނެ. އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. އެކަމުގެ ފުރްޞަތުގެ ބޭނުން، ދިވެހި ޒުވާނުން ހިއްޕަވާށޭ، މިރޭވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
 
ޒުވާނުންނަކީ ހަމައެކަނި ކުޅިވަރުގައި އުޅޭ ބައެއް ނޫން ކަމަށް އަޅުގަނޑު ދަންނަވާލިން. އަޅުގަނޑުމެންގެ ވިސްނުމުގައި، ޒުވާނުންނަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި، ބިނާކުރަނިވި ގިންތީގައި، އެންމެ ޖޯޝް ހުރި، އެންމެ ހަކަތަ ހުރި، އެންމެ ވަރުގަދައަށް ދިވެހިރާއްޖޭގެ މުޖްތަމަޢު ބަދަލުކޮށްދޭނެ ބަޔަކަށްވާނީ ޒުވާނުން. އެއީ ސިޔާސީ ޙަރަކާތަކާ ކުރިމަތިލީ ކަމުގައިވީނަމަވެސް، އެއީ އެހެން ދާއިރާއެއްގެ އިންޤިލާބަކަށް، ނޫނިއްޔާ ރެވޮލިއުޝަނަރައިޒްޑް ކަމެއް ކުރަން ބޭނުންވި ކަމަށްވީނަމަވެސް، އެ އިންޤިލާބީ ބަދަލެއް ގެންނަ ކަމަށްވަންޏާ، އެކަންކަން ކުރުމުގެ ހަކަތަ ހުންނަ ބަޔަކީ ޒުވާނުން. އެހެންވީމާ، އަޅުގަނޑު ޒުވާނުންނާ ބައްދަލުކޮށް، މީގެކުރިންވެސް ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މި ބުނަނީ ޒުވާނުންނަށް ދޭ މަޝްވަރާއަކީ، ކުރާ އިލްތިމާސަކީ، ޒުވާނުންނަކީ ކުށުން ދުރުގައި ތިބޭ ބަޔަކަށްވާށޭ. ޒުވާނުންނަކީ ބިނާކުރަނިވި ބަޔަކަށްވާށޭ. ޒުވާނުންނަކީ ހަށިގަނޑުގެ ތަރުބިއްޔަތު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާ ބަޔަކަށްވާށޭ. ޒުވާނުންނަކީ ރަނގަޅު ޢާއިލާތަކެއް ބިނާކުރާ ބަޔަކަށްވާށޭ. ޒުވާނުންނަކީ ގެވެށި އަނިޔާތަކުން ދުރުގައި ތިބި ބަޔަކަށްވާށޭ. ޒުވާނުންނަކީ އާމްދަނީ ހޯދާ ބަޔަކަށްވާށޭ. ޒުވާނުންނަކީ މުޖްތަމަޢުގައި ބާކީވެފައި، އެހެން މީހުންގެ އެހީއަށް އަބަދު އެދިއެދި ތިބޭ ބަޔަކަށް ނުވާށޭ. ޒުވާނުންނަކީ އަމިއްލަ ފައިމަތީގައި ތިބޭ ބަޔަކަށްވާށޭ.
 
ޒުވާން އެތުލީޓުންނަކީ ރޯލް މޮޑެލުން. ކޮންމެ ޤައުމެއްގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދާނެ، އެކަހަލަ ރޯލް މޮޑެލުންތަކެއް. އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫވޭ، އަޅުގަނޑުގެ ފަހަތުން ގޯލެއްޖަހަން އަޝްފާޤު ތައްޔާރުވާތީ. ހަމައެޔާއެކީ، އަޅުގަނޑުމެންނަށް މި ފެނިގެންދަނީ އަޖުވާނާއި ސާޢިދު. މިކަހަލަ ސެލެބްރިޓީންނަކީ ރޯލް މޮޑެލުން، ކޮންމެ ސޮސައިޓީއެއްގައިވެސް. ކޮންމެ މުޖްތަމަޢެއްގައިވެސް އުޅޭނެ ބަޔެއް. މިކުދިންނަށް މިދެންނެވި ކަހަލަ ކަންތައްތައް ކޮށްދެވޭނީ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ބޭރުގެ އެތުލީޓުން، ބޭރުގެ ސެލެބްރިޓީން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެކިއެކި އ.ދ.ގެ އެކި ޙަރަކާތްތަކަށް، އިޖްތިމާޢީ އެކަހަލަ އެކި ޕްރޮގްރާމްތަކުގެ މަންދޫބުންނަށް ވާތަން. އަޅުގަނޑުމެންގެ މުޖްތަމަޢަށް ބަލާކަމަށްވަންޏާ، އަޝްފާޤުމެން، ސާޢިދުމެން، މި މީހުންނަކީ ހަމަ ނަން މަޝްހޫރު އެތުލީޓުން. ނަން މަޝްހޫރު ސެލެބްރިޓީން މިއީ. މިބޭފުޅުންނަށް ކޮށްދެވޭނެ ކަންތައް، ދިވެހި މުޖްތަމަޢުގައި މަދެއް ނޫން.
 
އެގޮތުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ ބޮޑު ބަދަލެއް ޒުވާނުންގެ ވިސްނުމަށާއި، ޒުވާނުންގެ ޙަރަކާތްތެރިކަމަށް ގެނައުމަށްޓަކައި އަދި އަޅުގަނޑުމެންގެ އެތުލީޓުންނަކީ، އަޅުގަނޑުމެންގެ ޒުވާން އެތުލީޓުންނަކީ ބެލެންސްޑް މަސައްކަތްތަކެއް، ނޫނީ ބެލެންސްޑް ކަރިކިއުލަމެއް، އެމީހުންގެ ލައިފްގައި ގެންގުޅޭ ބަޔަކަށް ހެދުމަށްޓަކައި ޒުވާނުންގެ ޤައުމީ އިނާމު ދޭ ގޮތްވެސް، އަޅުގަނޑުމެންގެ ސަރުކާރުން މިއަހަރު މިވަނީ ބަދަލުކޮށްފައި. އޭގެ ބައެއް ތަފްޞީލު އަޅުގަނޑު ދަންނަވާލާނަން. ކުރީގައި އޮންނަހެން، ޞިއްޙަތަށް ޚިދްމަތް ކުރުން، ތިމާވެށްޓަށް ޚިދްމަތް ކުރުން، ތަޢުލީމީ ދާއިރާއަށް ޚިދްމަތް ކުރުން، މި ބައިތައް އަޅުގަނޑުމެން އެއޮތީ މިހާރު ސްޓްރީމްލައިންކޮށްފައި. ޒުވާނުންނަށް ބޭނުންވާ މިކަހަލަ ފުޅާ ދާއިރާތަކުގެ ބަދަލުގައި ވަކި ޚާއްޞަ، ވަކި ޚާއްޞަ ފޯކަސްޑް ފަންނުތަކެއް، އަޅުގަނޑުމެން މިފަހަރު މިއޮތީ ޒުވާނުންގެ އެވޯޑަށް އިޚްތިޔާރު ކޮށްފައި. އަޅުގަނޑުމެންގެ 5 އަހަރުގައި މިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، މި ބީދައިން ބަދަލު އަންނާނީ މި އިމްޕްރޫވް ކުރަން. އެހެން ނަމަވެސް، ކުރީގައި އޮތް ގޮތަކަށް ނުދާނެ. ކުރީގައި އޮތް ގޮތަށް ވަރަށް ބްރޯޑް ކެޓަގަރީއަކުން، އަޅުގަނޑަކަށް އެހާ މުހިންމެއް ނޫން، ބައިވަރު ޒުވާން ޝާޢިރުންތަކެއް ހޯދާކަށް. އެކަމަކު އަޅުގަނޑަށް މުހިންމުވޭ، އާމްދަނީ ލިބޭނެ، ޒުވާން ޕަރފޯމިންގ އާޓިސްޓުންތަކެއް އުފެދެން. އަޅުގަނޑަށް މުހިންމުވޭ، އާމްދަނީ ހޯދާނެ ޒުވާން އޮންޓްރޮޕްރޮނަރުންތައް އުފެދިގެންދާން. އަޅުގަނޑަކަށް އެހާ މުހިންމެއް ނޫން، މިދެންނެވި ކަހަލަ ވަރަށް ފުޅާ ފަންތިތަކުން، ނޫނިއްޔާ ވަރަށް ފުޅާ ޕެއިންޓް ބްރަޝްއަކުން ޕެއިންޓް ކުރާ އެއްޗެއް އަޅުގަނޑަކަށް ބޭނުމެއްނުވޭ. އަޅުގަނޑުމެން ބޭނުންވަނީ، ކޮންމެ މީހަކީ ފޯކަސް މަސައްކަތެއް ކޮށް، އެ ދާއިރާއެއްގައި ޚާއްޞަ މީހެއްގެ ގޮތަށް ރައްޔިތުންނަށް ބަލައިގަނެވޭ ކަހަލަ ޒުވާން އެތުލީޓުންތަކެއް، ޒުވާން ރޯލް މޮޑެލުންތަކެއް އުފައްދަން ބޭނުންވަނީ.
 
އެހެންވީމާ، އެގޮތުގެ މަތިން އަޅުގަނޑު ދަންނަވާލާނަން. ޒުވާނުން އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ޖީލު އާރާސްތު ކުރާ ބަޔަކަށް ވެގެންދިޔުން. ޒުވާނުން އަޅުގަނޑު ބޭނުންވަނީ މި އަންނަ ޖީލުގެ އަސާސް، ނޫނީ ބިންގާ އަޅައިދޭ ބަޔަކަށް ވެގެންދިޔުން. އޭރަށް ޒުވާނުންނާ ދޭތެރޭގައި، ރައްޔިތުންގެ ކަމޭހިތުން އިތުރުވެގެންދާނެ. ޒުވާނުންނަކީ މިދެންނެވި ހުރިހާ ކަމެއްގެ ހަކަތަ އެންމެ ބޮޑަށް ހުރި ބަޔަކީ ޒުވާނުން. އެހެންވީމާ، ޒުވާނުން ކުޅިވަރު ކުޅެމުން، ހަށިގަނޑުގެ ތަރުބިއްޔަތާއެކީ މަސައްކަތް ކުރަމުން، ޒުވާނުންނަށް މުޖްތަމަޢަށް ކޮށްދެވޭނެ ކަންތައް މަދެއް ނޫނޭ މި ދަންނަވަނީ. އެހެންވީމާ، ޒުވާނުންގެ ޑެއިލީ ކަރިކިއުލަމްގެ ތެރޭގައި ކަންތައްތަކެއް ކުރުމަށްޓަކައި، އަޅުގަނޑުމެން ޒުވާނުންގެ އެވޯޑު، އެކަށީގެންވާ ރަނގަޅު އިނާމު ހުށަހެޅުމާއެކީ، ޒުވާނުންގެ އެވޯޑް ދޭނެ ގޮތްތައް އަޅުގަނޑުމެން މި ބަދަލުކޮށްލީ. އަޅުގަނޑު ހަމަ ބައެއް ވާހަކަ ދަންނަވާލާނަން. މިފަންނުތައް ދަންނަވާލީމަ، ނޫނީ މި ދާއިރާތައް، އެވޯޑަށް ހުށަހެޅޭ ދާއިރާތައް ދަންނަވާލީމަ، ތިޔަބޭފުޅުން ގަބޫލުކުރައްވާނެ، މިއީ ބެލެންސްޑް ކަރިކިއުލަމެއްގެ މަތީގައި ހުރި ޒުވާނުން ނެރުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން ކުރާ މަސައްކަތްކަން. އަޅުގަނޑުމެން ޒުވާން އެމްބެސެޑަރުންގެ ތެރޭގައި، ނޫނިއްޔާ ޒުވާނުންގެ އެވޯޑް ދޭ ފަންނުގެ ތެރޭގައި، އެންމެ މުހިންމު އެއްކަމަކަށް އަޅުގަނޑަށް މި ނެގެނީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޒުވާނުން ފާހަގަކުރުން.
 
އެހެންވީމާ، މިފަހަރު އޮންނާނީ، މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ފާޅުކަންބޮޑު ގޮތެއްގައި، ދެން މީގެ މުޤައްރިރުތަކެއް، ނޫނިއްޔާ މިކަން ހޯދާނެ ކްރައިޓީރިއާތަކެއް ސްޕޯޓްސް މިނިސްޓްރީން ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެ. މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ވަރުގަދައަށް މަސައްކަތްކުރާ ޒުވާނުންނަކީ ޤައުމީ އިނާމުގައި، ޔޫތު އެވޯޑްގައި ދެން ފާހަގަކުރާނެ އެއްބައެއް. ހަމަ މިގޮތަށް، ދުންފަތުގެ އިސްތިޢުމާލާ ދެކޮޅަށް ތެދުވާނެ ޒުވާނުންގެ އެމްބެސެޑަރުންތަކެއް އަޅުގަނޑު ބޭނުންވޭ. އެހެންވީމާ، ދުންފަތުގެ އިސްތިޢުމާލާ ދެކޮޅަށް، އެންމެ ވަރުގަދައަށް ހަނގުރާމަކުރާ ޒުވާން އެތުލީޓުންނަކީ، ޒުވާނުންގެ އެވޯޑަށް ދެން ކޮލިފައިވާނެ އަނެއް ދާއިރާ.
 
ހަމައެހެންމެ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި ޢާންމު ގޮތެއްގައި ޒުވާނުންނާއި ކުށާ، އެހާ ތިމާގެކަމެއް އޮންނާތީ، ކުށުގެ ވެށިން ޒުވާނުން ދުރަށް އެބަ ދާންޖެހޭ. އެހެންވީމާ، ކުށް މަދުކުރުމާ، ބޮޑަށް ކުށް މަދުކުރުމަށް އެންމެ ވަރުގަދައަށް މަސައްކަތްކޮށް، ވަކާލާތުކޮށް، ޢަމަލީ މަސައްކަތްކުރާ ޒުވާނުންނަކީ، ދެން ޒުވާނުންގެ އެވޯޑަށް ކުރިމަތިލާނެ، ނޫނިއްޔާ އަޅުގަނޑުމެން ކޮންސިޑަރ ކުރާނެ އަނެއް ދާއިރާ. ދެންމެ އަޅުގަނޑު ދަންނަވާލިން، އަޅުގަނޑުމެންގެ ޒުވާން އާބާދީތައް، ނޫނީ އަޅުގަނޑުމެންގެ ޒުވާން ޢާއިލާތައް އާރާސްތު ވެގެންދާއިރު، ގެވެށިއަނިޔާއިން ސަލާމަތްވުން އަޅުގަނޑުމެން ބޭނުން. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ކޮށްދޭ ޒުވާން މަންމައިންނާއި ބައްޕައިންނާ އަޅުގަނޑުމެން ބޭނުންވޭ. އެހެންވީމާ، ދެން ޒުވާނުންގެ އެވޯޑަށް އަޅުގަނޑުމެން ހުށަހަޅާ އަނެއް ދާއިރާއަކަށް ވެގެންދާނީ، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރާ ޒުވާނުން. ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަކީ، އަޅުގަނޑުމެންގެ ހުރިހާ ކަމެއްގެ، ހުރިހާ އުފަލެއްގެ އަޞްލަކީ، ހަމަޖެހޭ ދުޅަހެޔޮ، ނޫނިއްޔާ ހަމަޖެހޭ އުފާވެރި ޢާއިލާއެއް އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރެއްވުން. މިއަށްވުރެ މަތިވެރި ނިޢުމަތެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. ޢާއިލާއަކަށް އޮންނާނެ އެންމެބޮޑު ނިޢުމަތަކީ، ހަމަޖެހޭ ޢާއިލާއެއް. މަންމައާއި ބައްޕަޔާ ދޭތެރޭގެ ގުޅުން ރަނގަޅު، އަދި ޞާލިޙު ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރުން. މިއަށްވުރެ ރަނގަޅު ކަމެއް، މިއަށްވުރެ ބޮޑު ކަމެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން ޒުވާނުންނަށް ޗެލެންޖެއް ގޮތަށް، އަޅުގަނޑުމެން މި ހުށަހަޅަނީ، މިއީ ޢުމުރު ކެޓީމަ އެކަން ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، ޢާއިލާއެއް ބިނާކުރާއިރު، އެންމެ ދުޅަހެޔޮ، އެންމެ ރަނގަޅު ތަރުބިއްޔަތެއްގައި ޢާއިލާ ބިނާކުރާ ޒުވާނުން، އެއީ ޒުވާނުންގެ އެވޯޑަށް ދެން އަޅުގަނޑުމެން ހުށަހަޅާނަން.
 
ހަމައެހެންމެ، މިހުރިހާ ކަމެއް ނިމިގެންދާއިރު، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަޅާލަންޖެހޭ، ސަރުކާރުގެ ރަސްމީ ފަރުވާގެ ބޭރުން، އަޅާލުންތެރިކަމުގެ ބޭރުން، އަޅާލުން ބޭނުންވާ ދުވަސްވީ މީހުން މި އަންނަނީ ގިނަވަމުން. އެކި ކަންކަމުގައި އަޅާލަން އެބަޖެހޭ. މި އަޅާލަން ޖެހެނީ ހަމައެކަނި އަޅުގަނޑުމެންނަށް ކާރިސާތައް މެދުވެރިވީމައެއް ނޫން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް ދިމާވި ފެނުގެ ކާރިސާގައި މިދިޔަ އަހަރު އެތަކެއް ދަރުމަވެރިންގެ ހިންގުންތެރި، ހީވާގި މަސައްކަތްތައް މިއޮތީ ފެނިގެން ގޮއްސަ. އެކަމަކު އަޅުގަނޑުމެން އެބަ އަޅާލަންޖެހޭ، އަޅުގަނޑުމެންގެ ކޮންމެ މުޖްތަމަޢެއްގައި އަޅާލުންތެރިކަން ބޭނުންވާ އެތަކެއް މީހުންތަކެއް އެބަތިބި. އެތަކެއް ބައިވަރު ނިކަމެތިން އެބަތިބި. އެތަކެއް ބައިވަރު ނުކުޅެދޭ މީހުންތަކެއް އެބަތިބި. އެކި ކަންކަމަށް ނުކުޅެދޭ މީހުން އެބަތިބި. ނޫނިއްޔާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން އެބަތިބި. ލަފްޒު ކޮންމެ ގޮތަކަށް ބޭނުންކުރެއްވިޔަސް. އެހެންވީމާ، އަޅުގަނޑަށް ޒުވާނުންގެ ތެރެއިން ހަމަ ވަރަށް މުހިންމު ކަމަކަށް އެބަވޭ، ޒުވާނުންގެ އެވޯޑަށް، ދަރުމަވެރިންނަކީ އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާ ކަމެއް. އެހެންވީމާ، ވޮލަންޓިއަރިޒަމްގެ ތެރެއިން އެންމެ ފާހަގަކުރެވޭ ޚިދްމަތްތަކެއް ކުރާ ޒުވާނުން، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުން ފެށިގެން ޒުވާނުންގެ އެވޯޑަށް ހުށަހެޅޭނެ.
 
މި އެލިމަންޓްތަކަށް ބައްލަވައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމުގައި، ޒުވާނުންނަކީ ކުޅިވަރާއެކީ އަދި ކުޅިވަރުގެ ދާއިރާގައި ޕަރފޯމް ކުރުމާއެކީ، ހަމައެކަނި ހަށިގަނޑުގެ ތަރުބިއްޔަތަށް މަސައްކަތްކުރާ ބައެއް ނޫން. އެމީހުންނަކީ މަސައްކަތްތެރި ކަމުގައި މަސައްކަތްކޮށް، އަދި އަޅުގަނޑުމެންގެ މުޖްތަމަޢަށް އުފާވެރިކަން ގެނެސްދޭ ބަޔަކަށް ހެދުން، އަޅުގަނޑުމެންގެ ބޭނުމަކަށް ވަނީ. މިކަހަލަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ޖީލުގައި ތިބެއްޖެ ކަމަށްވަންޏާ، އަދި އެމީހުންނަކީ ރޯލް މޮޑެލުން ކަމަށް ވެއްޖިއްޔާ، އަޝްފާޤުވިޔަސް، މިތަނުން ޝާހު އިސްމާޢީލް ކަމަށްވީނަމަވެސް، ނޫނީ އެހެން ބޭފުޅެއް ކަމަށްވިޔަސް، މިބޭފުޅުންނަށް ކުރެއްވޭނެ މަސައްކަތް މަދެއް ނޫން. އެހެންވީމާ، އެބޭފުޅުންނަކީ ޒުވާން ޢުމުރުގައި ތިއްބަވާއިރު، ނޫނީ ޒުވާން ޢުމުރަށް އަލްވަދާޢު ވިދާޅުވާއިރު، ހަމަ ޒުވާނުންނަށް ޚިދްމަތް ކުރުމުގައި، ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި، މިދެންނެވި ކަހަލަ އެތައް ދާއިރާއަކުން މިހާރުވެސް ޚިދްމަތް ކުރެއްވޭނެ ބޭފުޅުން. މަސްތުވާތަކެއްޗާ ދެކޮޅަށް، ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއަށް ގޮއްސަ، އަޅުގަނޑު ދައްކާ ވާހަކައަށްވުރެ، އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، އަޝްފާޤު ގޮސް ދައްކާ ވާހަކަ ބަލައިގަންނަން ފަސޭހަވާނެ ދޮއެއްތޯ.
 
އެހެންވީމާ، މިކަހަލަ ގޮތަކަށް މިކަން މިއޮތީ. ދެބަޔަކަށް ވިސްނޭގޮތަކަށް، އެބަޔަކު ގަބޫލުކުރާ އައިޑޮލްއެއް ގޮއްސަ، މިކަހަލަ ވާހަކަ ދައްކައި، އެ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ވަރުބަލިކަމެއްނެތި ހުރެއްޖެ ކަމަށްވަންޏާ، އެއިން ނަތީޖާތަކެއް ފެންނާނެ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަޅުގަނޑުމެންގެ ޤާނޫނުގައި މި ކަނޑައަޅައިދޭ އެކިއެކި މުޤައްރަރުތަކާއި، ސްކޫލްތަކުގައި މި ކިޔަވައިދޭ އެކިއެކި މުޤައްރަރުތަކުގައި އަދި ދީނުގައި އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެކިއެކި ފިލާވަޅުތަކުގެ އިތުރަށް، ޒުވާނުން ޙަރަކާތްތެރިވުމުގައި، އެތުލީޓުން ޙަރަކާތްތެރިވުމުގައި، އެމީހުން އަމިއްލައަށް މިކަހަލަ ޑެއިލީ ނޭޝަނަލް ކަރިކިއުލަމްތަކެއް އެޑޮޕްޓް ކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ މުޖްތަމަޢަށް މިކަމުން ވާނީ ފައިދާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޒުވާނުންގެ އެވޯޑްތައް ދެން ބިނާވެގެންދާނީ، މިދެންނެވި ކަހަލަ ދާއިރާތަކުން އެވޯޑް ދޭ ގޮތަށް.
 
މިހުރިހާ ކަމެއްގެ ބޭނުމަކަށްވަނީ، އަޅުގަނޑުމެންގެ މުޖްތަމަޢަކީ ޒުވާނުންނަށް ޑިޕެންޑް ކުރާ އަދި އަޅުގަނޑުމެންގެ މުޖްތަމަޢަކީ ޒުވާނުންނަށް ކަމޭހިތާ، އަދި ޒުވާނުންނަށް ގަބޫލުކުރެވޭ، އެމީހުންނަކީ މި ސޮސައިޓީގައި ބިލޯންގްވާ ބައެއްކަން. ސޮސައިޓީގެ ބައެއް ކަމަށް، ޢިއްޒަތާއި ޤަދަރުވެރި، އަބުރުވެރި ބައެއް ކަމަށް ގަބޫލުކުރެވެންވީ. ގަބޫލުކުރެވޭ ކަމަށްވަންޏާ، ޒުވާނުންގެ ހަކަތަ އީޖާބީ ގޮތެއްގައި، ނޫނިއްޔާ ޕޮޒިޓިވް ގޮތެއްގައި އަޅުގަނޑުމެން ބޭނުން ހިފުމުގެ ފުރްޞަތު ލިބިގެން މިދަނީ. އެހެންވީމާ، ޒުވާނުންނަކީ ޒުވާނުން ކުރާ މަސައްކަތުގައި ކުރިއަށް ދިޔުމުގައި، ހަމަ އެއްވެސް ހުރަހެއްނެތި، އެއްވެސް މިނެއްނެތި، ސާޢިދު ކަމަށްވަންޏާ، ފަށްޓާ ހީޓެއް އޭނަ ނިންމާނެ ހިސާބަކަށް ދާން، ދިވެހި ސަރުކާރުން އިރާދަކުރެއްވިއްޔާ މިއަދު ރިސޯސް ތަނަވަސްކޮށްދޭނަން.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފުޓްބޯޅަ ދަނޑުގައިވެސް، ކުޅުންތެރިއަކު ވަރުބަލިވެގެން ފައިބަންދެން، އަޅުގަނޑުމެންގެ ސަރުކާރުން އެ ދާއިރާގައި އެހީތެރިކަން އޮންނާނޭ. އެހެންވީމާ، ޒުވާނުންނާއި ކުޅިވަރު ކުޅޭ މީހުންނާ، މިދެންނެވި ކަހަލަ ރޯލް މޮޑެލުންނަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ފުރްޞަތު އޮންނާނެ. ހަމަގައިމުވެސް ﷲގެ ރަޙްމަތާއެކީ، ވަރުބަލިވާނީ، ބުންވަރު ހުސްވާނީކީ މި ސަރުކާރަކުންނެއް ނޫން. އަޅުގަނޑަށް ލަފާކުރެވެނީ، ބުންވަރު ހުސްވާނީ ޕަރފޯމް ކުރަންޖެހޭ އަދި އެތުލީޓުންގެ ހިތްވަރު ނެރެންޖެހޭ އެތުލީޓުން ވަރުބަލިވާނީ.
 
އެހެންވީމާ، އެ ޕޮޒިޓިވް މެސެޖާއެކީ އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެންގެ ޒުވާނުންނަށް އުފާވެރި ފާގަތި މުސްތަޤްބަލެއް ﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން. އަދި އަޅުގަނޑުމެންގެ އެތުލީޓުންނާއި ކުޅުންތެރިންނަކީ، އަޅުގަނޑުމެންނަށް ފަޚްރުވެރި ރަން ވަނަތަކެއް، ބައިވެރިވާ ކޮންމެ މުބާރާތެއްގައި، ބައިވެރިވާ ކޮންމެ ހިސާބެއްގައި، ސަރަޙައްދު ވިޔަސް، ސަރަޙައްދުން ބޭރުވިޔަސް، އަޅުގަނޑުމެންނަށް ގެނެސްދޭ ބަޔަކަށް ﷲ މިންވަރު ކުރައްވާށި! އެކަމަކު މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންގެ މަސައްކަތާ ނުލާ ކާމިޔާބެއް ނުވާނެ. އެހެންވީމާ، މިކަހަލަ ވަރުގަދަ މަސައްކަތެއް ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންގެ ސަރުކާރަށާއި، އަޅުގަނޑުމެންގެ އެތުލީޓުންނަށް އަދި މި އެތުލީޓުންގެ ފެމިލީތަކަށާއި، މެނޭޖަރުންނަށް، މިކަންކަމަށް ހިތްވަރު ދެއްވާ ބޭފުޅުންނަށް ﷲ މިންވަރު ކުރައްވާށި!
 
    والســّلام عليــكم ورحـمــة اللّـه وبـركاتـه.