ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކުން ފޮނުއްވާ ގަވާއިދުތަކާއި އުޞޫލުތައް މިއޮފީހަށް ފޮނުއްވުމުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތަށް 28 ސެޕްޓެމްބަރު 2015 ވާ ހޯމަ ދުވަހުން ފެށިގެން ބަދަލުގެންނެވުމަށް ނިންމަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިގޮތުން، ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދި ފޮނުއްވާ ގަވާއިދުތަކާއި އުޞޫލުތައް 28 ސެޕްޓެމްބަރު 2015 އިން ފެށިގެން ފޮނުއްވާނީ [email protected] އަށް ކަމަށާއި، ގަވާއިދުތަކާއި އުޞޫލުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭނީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހު ކަމަށާއި، ހޯމަ ދުވަހުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ގަވާއިދުތަކާއި އުޞޫލުތައް ފޮނުއްވުމުގެ އެންމެ ފަހު ވަގުތަކީ ކުރީ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށާއި، އަދި ބުރާސްފަތި ދުވަހުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ގަވާއިދުތަކާއި އުޞޫލުތައް ފޮނުއްވުމުގެ އެންމެ ފަހު ވަގުތަކީ ހިނގަމުންދާ ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށާއި، ގަވާއިދުތަކާއި އުޞޫލުތައް ގެޒެޓުގައި ޝާއިޢުކުރުމާގުޅޭ ކަންކަމުގައި ގުޅުއްވާނީ މިއޮފީހުގެ ނަންބަރު 3336334 ފޯނަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގެޒެޓުގައި ޝާއިޢުކުރުމަށް ގަވާއިދުތަކާއި އުޞޫލުތައް ފޮނުއްވާއިރު، އެ ގަވާއިދެއް ނުވަތަ އުޞޫލަކާ ގުޅޭގޮތުން މިއޮފީހުން މުޢާމަލާތްކުރާނެ ބޭފުޅެއްގެ ނަމާއި، މަޤާމާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ފޮނުއްވަމުން ގެންދެވުމަށާއި، ގަވާއިދުތަކާއި އުޞޫލުތައް ފޮނުއްވާއިރު، އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާފުޅު ހޯއްދަވަންޖެހޭ ދައުލަތުގެ އިދާރާތަކުން އެ ލަފާފުޅު ހޯއްދެވުމަށާއި، އެޓަރނީ ޖެނެރަލްގެ ލަފާފުޅާ އެއްގޮތަށް ގަވާއިދުތަކާއި އުޞޫލުތައް ފޮނުއްވުމަށާއި، ގަވާއިދުތަކާއި އުޞޫލުތައް ފޮނުއްވާއިރު ރަނގަޅަށް ބައްލަވައި، ކުށް ފިލުއްވައި ޗެކު ކުރެއްވުމަށްފަހު ފޮނުއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

ގަވާއިދުތަކާއި އުޞޫލުތައް މިއޮފީހަށް ފޮނުއްވުމުގައި ޢަމަލުކުރައްވަންވީ ގޮތަށް ބަދަލުގެންނެވިކަމުގައިވިޔަސް، މި އޮފީހުގެ ނަންބަރު 11/2010 ދެންނެވުމާއި، ނަންބަރު 25/2010 ދެންނެވުމަށް ބަދަލެއް ގެންނަވާފައި ނުވާކަމަށާއި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ އިޢުލާނުތަކާއި، ނޫސްބަޔާންތައް ފަދަ ލިޔުންތައް ފޮނުއްވާނީ މިއޮފީހުގެ ނަންބަރު 05/2013 (16 ޖަނަވަރީ 2013) ދެންނެވުމުގައިވާ ގޮތުގެމަތިން އަދި ކުރިންވެސް އެ ލިޔުންތައް ފޮނުއްވަމުންދިޔަ އީމެއިލް އެޑްރެސްކަމުގައިވާ،[email protected]  އަށް ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.