بســم اللّـه الرّحمـن الرّحيــم

އެންމެހައި ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

މަޑުއްވަރީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަތޮޅުތެރެއިން މި އިޙްތިފާލަށް ވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން، ޖަލީސުން. އަޅުގަނޑު ހަމަ ބޭނުންވޭ ކޮންމެ ބޭފުޅެއްގެ ނަންފުޅު ހިމެނިވަޑައިގަންނަވާ ދާއިރާއާއެކީ ދަންނަވަން. އެކަމަކު މަޢާފަށް އެދި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ކުރިން މި ތަކުލީފު އުފުއްލަވަން މަސައްކަތް ކުރެއްވި ދެބޭފުޅުންވެސް އެ މަސައްކަތުގައި ނާކާމިޔާބުވެވަޑައިގަތީމާ، އަޅުގަނޑު ދެން އެ މަސައްކަތް އެގޮތަށް ކުރާކަށް ބޭނުމެއްނުވޭ. އަޅުގަނޑުމެންނާއެކީ މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރި ބޭފުޅުންނަށް ޖުމްލަގޮތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.


އާދެ، މިއަދު ރ. އަތޮޅު މަޑުއްވަރިއަށް އަޅުގަނޑު އައިއިރު، މަޑުއްވަރީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މި ރަށް އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ތައްޔާރުކުރައްވާފައި އޮތްލެއް ފުރިހަމަކަމަށްޓަކައާއި އަދި އަޅުގަނޑާއި އަޅުގަނޑާ އެކުގައި ދަތުރުކުރެއްވި އެންމެހާ އިއްޒަތްތެރިންގެ އިސްތިޤްބާލުގައި ތިޔަބޭފުޅުން ތިއްބެވި ތިއްބެވުމަށް ހިތުގެ ފުންމިނުން ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

 

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއަދު މިއީ މަޑުއްވަރިއަށް ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެންނަށް ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަންގައި ފެނިގެންދިޔަގޮތުގައި، މަޑުއްވަރީގެ ރައްޔިތުންގެ އިޙްސާސްތައް، އެއްދުވަހުން އަނެއް ދުވަހަށް ހިތްހަމަނުޖެހުމުގެ ތެރެއިން، ހިތްދަތިކަމުގެ ތެރެއިން އައިސް 1996 ވަނަ އަހަރު އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ވަރަށް އާދައިގެ ދޭސީ ގޮތަކަށް ފެށިގެން އައި، ހުޅަނގު އަވަށުގައި 5 ކިލޯގެ ޖެނެރޭޓަރުން އިރާދަކުރެއްވިއްޔާ މިއަދު މިވަނީ މުޅި ރަށުގެ ކަރަންޓް ގާތްގަނޑަކަށް އިންސްޓޯލްޑް ކެޕޭސިޓީ 530 ކިލޯ ވޯޓަށް ބަދަލުކުރެވިފައި. މިއީ ޝައްކެއްވެސްނެތްގޮތުގައި، މަޑުއްވަރި ކަހަލަ ބިންކޮޅު ކުޑަ، ރަށުގެ ރައްޔިތުންގެ ނިސްބަތުން އަދި މި ރަށް، ފުރިފައި އޮތް ރަށަކަށް ބަލާކަމަށްވަންޏާ، މަޑުއްވަރީގެ ތަރައްޤީއަށް އަދި މަޑުއްވަރީގެ ޢާންމު އިޖްތިމާޢީ ހުރިހާ ކަމަކަށްވެސް އަސާސީ ޚިދްމަތްތަކަށް ޝައްކެއްވެސްނެތްގޮތުގައި ލިބެންޖެހޭ ކުރިއެރުމެއް.

 

އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން 24 ގަޑިއިރުގެ ކަރަންޓްގެ ޚިދްމަތް، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަށަވަރުކޮށްދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ކުރީ ރެއެއްގައި، މިކަހަލަ އިޙްތިފާލެއްގައި، ފެނަކައަށް ނިސްބަތްކޮށް އަޅުގަނޑު ބުނި ފަދައިން، ދިވެހި ތާރީޚުގެ ތެރެއަށް ފެނަކަ މި ވަންނަނީ 24 ގަޑިއިރު ކަރަންޓް ޔަޤީންކޮށްދޭ ބައެއްގެ ގޮތުގައި، ހަމަ ރަން އަކުރުންނޭ. އެކަމަށްޓަކައި ފެނަކައިގެ މެނެޖިންގ ޑިރެކްޓަރ ނިމާލް، ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަން ނަދީމް އަދި ފެނަކައިގެ ހީވާގި މުވައްޒަފުންނާއި، އެންމެހާ ވެރިންނަށް ތިޔަ ކުރައްވާ މަސައްކަތަށް، ރައްޔިތުންގެ ނަމުގަޔާއި، އަޅުގަނޑުގެ ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ ފަށްފަށުން ޝުކުރު ދަންނަވައި މަރްޙަބާ ދަންނަވައި، ހަމަ ދަންނަވާލަން ބޭނުންވަނީ، އަދިވެސް ރާއްޖޭގެ އެކި ހިސާބުގައި މިކަން ކުރަން ޖެހިފައި އޮތީމާ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި އެއްވެސްކަހަލަ ފޫހިކަމެއް، ވަރުބަލިކަމެއްނެތި ކުރައްވާށޭ!

 

އެޔާއެކީގައި މަޑުއްވަރީގައި އަޅުގަނޑު ހުރެ މިއަދު ވާހަކަ ދައްކާއިރު، ހަމަ މި ދަތުރުގައި، ރ. އަތޮޅުގެ އިތުރު ދެ ރަށަކަށް ދާންވެސް އޮތީ ހަމަޖެހިފައި. ހަމަ އިންޖީނުގެ ހުޅުވައިދިނުމަށް. އަދި ހަމައެއާއެކީ އެހެން ދެ ރަށަކަށްވެސް އަޅުގަނޑު ދަތުރުކުރަން ހަމަޖެހިފައި އެބަވޭ. އެހެންނަމަވެސް، މޫސުމް ތަންނުދޭތީއާއެކީ، ކޮންމެވެސްވަރަކަށް ދަތުރު އެބަ ކުރުކޮށްލަންވެސްޖެހޭ. މަޢާފަށް އެދެން. އަދި މަޑުއްވަރީގައިވެސް މަޑުއްވަރީގެ ރައްޔިތުން އެދިވަޑައިގަންނަވާ ދިގުމިނުގައި، ތިޔަބޭފުޅުންނާއެކީ ވަގުތު ހޭދަކޮށްލުމުގެ ފުރްޞަތު، މޫސުމް އަޅުގަނޑަށް ތަން ނުދޭތީއާއެކީ، އެކަމަށްޓަކައިވެސް ތިޔަ އެންމެ ޢިއްޒަތްތެރިންގެ އަރިހުން މަޢާފަށް އެދެމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފެނަކާގެ އިންޖީނުގެއަކީ ރައްޔިތުންގެ އިންޖީނުގެއެކޭ. ރައްޔިތުން އާދައިގެ ގޮތެއްގައި، 5 ކިލޯ ވޯޓުގެ ޖެނެރޭޓަރަކުން މަސައްކަތް ފަށައިގެންދިޔަ ކަރަންޓް އަދު މިވަނީ މުޅި މިރަށުގެ ރައްޔިތުން ބޭނުންވާ މިންވަރަށް އިރާދަކުރެއްވިއްޔާ ފޯރުކޮށްދެވިފައޭ.

 

އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސީ ފިކުރުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، މިހެން ކުރެވޭ އިޖްތިމާޢީ، ނޫނީ މުޅި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި، ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގެންދެއްވާށޭ! މިއީ މުޅި ރައްޔިތުންނަށް ލިބޭ އުފަލެއް. މިއީ މުޅި ރައްޔިތުންނަށް ބޭނުންވާ ކަމެއް. މި ކަރަންޓްގެ އަލީގައި ކިޔަވާނީ، ހަމައެކަނި ޖީ.ސީ.އީ. އޯ ލެވެލްއަށް، އޭ ލެވެލް އަށް ކިޔަވާނީ، ހަމައެކަނި ވަކި ފިކުރެއްގެ ކުދިންނެއް ނޫން. ރަށަށް އަންނަ ތަރައްޤީއަކީ، މުޅި ރަށަށް އަންނަ ތަރައްޤީ. އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ، މީގެ ދެދުވަހެއް ފަހުން، ދެންމެ އަޅުގަނޑަށް ނިމާލްގެ ވާހަކަފުޅުން، އަޅުގަނޑު ދަންނަވާލި ސުވާލަކަށް ޖަވާބު ދެއްވަމުން ނިމާލް ވިދާޅުވި، މީގެ ދެތިން ދުވަހެއް ފަހުން، ސެޕްޓެންބަރު މަހުގެ ކުރީކޮޅުގައި، ވަރަށް ކުރީކޮޅުގައި، 2، 3 ހިސާބުގައި، މި ދާއިރާގެ މީދޫގެ ކަރަންޓް މިހާރު މިވަނީ ފެނަކައާ ޙަވާލުވާން ނިންމާފައި. މީގެކުރިން ރައްޔިތުންގެ ކަރަންޓްގެ ގޮތަށް އޮތީ. ރައްޔިތުންގެ ކަރަންޓްގެ ގޮތަށް އޮންނައިރު، ޝައްކެއްވެސްނެތްގޮތުގައި، ސަރުކާރުން ކަރަންޓް ފޯރުކޮށްދޭހާ ފުރިހަމަކޮށް ހުރިހާ ރަށެއްގައި ނުހިނގާ. އެހެންވީމާ، މީދޫގެ ރައްޔިތުން އެކަން ނިންމަވާފައި، ކައުންސިލުން އެކަން ނިންމަވާފައި ފެނަކައާ ޙަވާލުކުރައްވާތީ، ފެނަކައިން ސެޕްޓެންބަރު 2 ނުވަތަ 3 ގައި އެ ރައްޔިތުންގެ ކަރަންޓް، މި ބަދަލުވަނީ ފެނަކައިގެ ކަރަންޓަކަށް.

 

ގަބޫލުކުރައްވާ! ޝައްކެއްވެސްނެތްގޮތުގައި، މީދޫ ކަރަންޓް ފުރިހަމަވެގެންދާނެ، މީދޫ ކަރަންޓަށް ބޭނުންވާ ކުރިއެރުން، ފެނަކައިގެ ތެރެއިން އަންނާނެ. މި ކަރަންޓްގެ ޚިދްމަތް މީދޫގައި ޤާއިމުވެގެންދާއިރު، ދެންމެ ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މީދުއަށްވެސް ބޭނުންވެފައި ހުރި ކަންތައްތައް ހުރިއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މީދޫގެ ކަރަންޓް، ފެނަކާގެ ކަރަންޓަކަށް ބަދަލުވެގެންދާއިރު، ރައްޔިތުން ނުކުމެވަޑައިގެން ފެނަކައަށް މިކަމުގައި އެހީތެރިވެވަޑައިގެންދެއްވާށޭ. ރާއްޖޭގައި އެކި ހިސާބުގައި ކަރަންޓްގެ ޚިދްމަތް ދިނުމާ އަޅުގަނޑުގެ ސަރުކާރުގެ ދާއިރާގެ ޚިދްމަތާ ގުޅިފައި މިވަނީ 1993 ވަނަ އަހަރާ ހަމައިން. ސްޓެލްކޯގެ ޗެއަރމަންކަން، އޭރު އަޅުގަނޑު ދުވަސްގަނޑެއް ވަންދެން އަދާކުރިން. އޭރު ރާއްޖޭގައި ކަރަންޓް އޮތްގޮތް އެނގިވަޑައިގަންނަވާނެ ވަރަށްގިނަ ބޭފުޅުން މިތާ އެބަ ތިއްބެވި. އަދި މިތާ ސްޓޭޖްމައްޗަށް ދެންމެ އެކި ދާއިރާތަކުން، ފެނަކައިގެ އެކި ޑިޕާޓްމަންޓްތަކުން އަރާވަޑައިގެންނެވި ބޭފުޅުންނަކީ، އޭރު އަޅުގަނޑުމެންނާއެކީ މަސައްކަތުގައި އުޅުއްވި ބޭފުޅުން. އަދި ފެނަކައިގެ އަނެއް ކުންފުނި ސްޓެލްކޯގެ މެނެޖިންގ ޑިރެކްޓަރ، އޭރުވެސް ހަމަ ސްޓެލްކޯގެ މެނެޖިންގ ޑިރެކްޓަރ ޝުކޫރުވެސް މިތާ އެބަ އިންނެވި. އޭރު އަޅުގަނޑުމެން ހަނގުރާމަކުރީ، މަސައްކަތްކުރީ މާލޭގެ ކަރަންޓް އަބަދު ކެނޑޭތީ، މާލޭގެ ކަރަންޓަށް ޙައްލުތަކެއް ގެންނަން. މާލޭގެ ކަރަންޓަކީ، 530 ކިލޯ ވޯޓުގެ ކަރަންޓެއް ނޫން. މާލޭގެ ކަރަންޓް އަޅުގަނޑުމެން މިނަނީ، އަޅުގަނޑުމެން ގުނަނީ 1000 ކިލޯ ވޯޓުން. މެގަވޮޓުން ގުނަނީ.

 

އެހެންވީމާ، މާލޭގެ ކަރަންޓް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ 1993، 1994، 1995، 1996އާ ހަމައަށް އަބަދުއަބަދު ކަހަލަ ގޮތަކަށް ކެނޑެމުން ދަނީ. އަދި އަބަދު އަބަދު ކަހަލަ ގޮތަކަށް އިންޖީނު މަރާމާތު ކުރަން ބޭނުންވާތީ، ކަނޑަމުން ގެންދިޔައީ. އޭރު އެހާ ހާލުގައި މާލޭގެ އިންޖީނުގޭގައި ކަރަންޓްގެ ޙާލަތު އޮތީ. އެހިސާބުގައި އަޅުގަނޑުމެން އިންޖީނުގެ މަސައްކަތް ކުރަމުންދިޔައިރު، އަޅުގަނޑު ހިތަށްއެރީ، ރާއްޖޭގެ އެކި ހިސާބުގައި، ރާއްޖެތެރޭގެ އެކި ހިސާބުގައި ކަރަންޓްގެ ޙާލަތު އޭރު އޮތްގޮތާ ދޭތެރޭގައި އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭނެ. އަޅުގަނޑު ހަމަ މި ވާހަކަ މި ދަންނަވަނީ، ހަމަ ކޮންމެވެސްކަހަލަ ޕަރސްޕެކްޓިވްއެއް މިކަމުގައި ގެނައުމަށްޓަކައި. މި ދައްކަނީ 1993، 1994، 1995ގެ ވާހަކަ. މާ ކުރިއެއްވެސް ނޫން. މި ދައްކަނީ، މުޅި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ކަރަންޓުގެ ޙާލަތު އޮތްގޮތުގެ ވާހަކަ. މިއަދު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، މާލެއާއި މާލޭ ސަރަޙައްދުގެ ކައިރީގައި ކަރަންޓް، އެއް ވިއުގައަކުން ގުޅާލެވޭނެ ކޮންމެވެސްކަހަލަ މަސައްކަތް ކުރެވޭތޯ. މިއީ ބޮޑު ބިޔަ މަޝްރޫޢެއް.

 

ހަމައެޔާއެކީ މިއަދު ފެނަކައެއް އުފައްދައިގެން، ފެނަކައިގެ ތެރެއިން މި މަސައްކަތް ކުރެވެނީ، ރާއްޖޭގެ ހުރިހާ ދިމާއެއްގެ ކަރަންޓް، 24 ގަޑިއިރު ލިބޭނެކަން ކަށަވަރުކޮށްދިނުމަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން، ރައްޔިތުންނަށް ދޭނެ ޚިދްމަތެއް ކަމުގައި ބުނެފައި އޮތީމަ. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން. އެކަން އަޅުގަނޑުމެންނަށް ރާއްޖޭގެ އެކި ހިސާބުގައި މި ކޮށްދެއްވަނީ ފެނަކައިގެ ފަރާތުން. އެހެންވެގެން ފެނަކައިގެ މެނޭޖްމަންޓް ޓީމަށާއި، ފެނަކައިގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންނަށް ޝުކުރުވެރިކަމާއެކީ، މިޚިދްމަތް އެބޭފުޅުން ދެއްވާގޮތް އަޅުގަނޑު މި ބަލައިގަންނަނީ.

 

އެއާއެކީ ހަމަ ދަންނަވާލަން މިއުޅެނީ، އަޅުގަނޑުމެންގެ ޙާލަތު މާލޭގައި އޭރު އޮތްގޮތް. އަޅުގަނޑުމެންގެ ޙާލަތު މަޑުއްވަރީގައި އޮތްގޮތް، ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަނުން އަޅުގަނޑުމެންނަށް ފެނިގެން އެ ދިޔައީ، 1996 ން ފެށިގެން 5 ކިލޯވޮޓްގެ ޖެނެރޭޓަރެއް، މި ދެން ހަމަ އެ ވާހަކަ އެ ގެންނެވި ބޭފުޅެއްގެ ވާހަކައިގައި ވިދާޅުވިހެން، ހަމަ އާދައިގެ ކޮޓަރިގަނޑެއްގެ ތެރެއިން ދެވުނު ޚިދްމަތެއްގެ ގޮތުގައި މި އައީ. އޭރުވެސް އިންޖީނުތައް ހިންގުމާއި، އިންޖީނުތައް ގެންގުޅުމާބެހޭ ގަވާއިދުތަކަށް ފައްތައިގެން ކުރާ ކަމަށްވަންޏާ، އޭރުވެސް އެކަމެއް މިރަށުގައި އެގޮތަކަށް ނުކުރެވުނީސް. މިރަށުގައި މިއަދުގެ އިންޖީނުގެއަށް ދިމާވެގެން މިއުޅޭ މައްސަލައަކީވެސް އެއީ. މިރަށުގެ މިއަދުގެ އިންޖީނުގެ އަޅުގަނޑުމެން އެހެން ދިމާއަކަށް ބަދަލުކޮށް، މިޒަމާނުގެ އާ އިންޖީނުގެ ހަދާ، މިހުރިހާ ކަމެއް ކުރަން ޖެހިގެން މިދަނީ، ބައިބޯ ފުރިފައި އޮތް ރަށެއްގައި، އާބާދީގެ ތެރޭގައި މިކަން ކުރީމާ، މި އަރާ ދުމާއި، އިވޭ އަޑާއި އަދި ތެޔޮ ގެންގުޅުމުގެ ނުރައްކާތެރިކަމާ، މިކަހަލަ އެތައް ކަންތައްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ގަވާއިދުތައް، ތެޔޮ ގެންގުޅުމާއި، އިންޖީނު ހިންގުމާއި، އިންޖީނުގެ އެޅުމާބެހޭ ގަވާއިދުތަކަށް މި ނުފެތެނީ.

 

އެހެންވީމާ، ރައްޔިތުންގެ މި އިޙްސާސްތަކަށް ކޮންމެވެސްކަހަލަ ތަސައްލީއެއް ދިނުމުގެ ބޭނުމުގައި ސްޓެލްކޯއިން އަދި އިންޖީނުގެ އިންވެސްޓް ކުރަންވެސް ބޭނުންވާތީއާއެކީ، އިންޖީނުގެ މިހާރުގެ ގައިޑްލައިންތަކާ އެއްގޮތަށް ފައްތަން މިޖެހެނީ. މިހާރުގެ ގައިޑްލައިނަކީ އިއްޔެ އިހަށްދުވަހުގެ ގައިޑްލައިނެއް ނޫން. މިހާރުގެ ގައިޑްލައިނަކީ ޢާންމު ޚިދްމަތްތަކާބެހޭ ޤާނޫނެއް، ރައްޔިތުންގެ މަޖިލީހަށް ގެންގޮސް ފާސްކޮށްފައި އަދި އޭގެ ދަށުން އެނަރޖީ އޮތޯރިޓީއެއް ނޫނިއްޔާ ކަރަންޓް ދިނުމާއި ހަކަތަ ރެގިއުލޭޓް ކުރުމާބެހޭ އޮތޯރިޓީއެއް ހަދައި، އޭގެދަށުން ގައިޑްލައިންތަކެއް ހަދައިގެން ހިންގަމުން ގެންދިޔައީ. އެ ގައިޑްލައިންތަކަށް ތަބާވާންޖެހޭ، މާލޭގައި އަދި ރާއްޖޭގެ އެކި ހިސާބުގައި އޭރުގެ ސްޓެލްކޯގެ އިންޖީނުގެތައް ގެންގުޅުނުއިރުވެސް އެ ގައިޑްލައިންތަކަށް ސްޓެލްކޯއިންވެސް ހަމަ ދިޔައީ ތަބާވަމުން. އެހެންވީމާ، ދުންހޮޅިތައް ވަކިވަރަކަށް އުސްކުރުމާއި، ރަށުތެރެއަށް ދުން ނުބުރާނެގޮތަށް ކަންތައް ކުރުމާއި، މީހުން އުޅޭ ސަރަޙައްދުގެ ވަކި ހިސާބަކާ ދުރުގައި ނޫނީ އިންޖީނުގެތައް ނޭޅޭނެގޮތަށް، މިކަހަލަ އެތައް ކަންތައްތަކެއް ހުރީ ނިންމާފައި. އެހެން ނިންމާފައި، އެ ގަވާއިދުތަކަށް ފެތިގެން ކަންތައްތައް ދާއިރުވެސް ރައްޔިތުންގެ އިންޖީނުގެ ފެށިގެންދާއިރު، ދެން ސަރުކާރުން އެ އިންޖީނުގެތަކާ ޙަވާލުވާއިރު، އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދުތަކެއް މިހާރު މި ކުރަންޖެހެނީ. ރައްޔިތުންގެ އިންޖީނުގެތަކެއް އޭރު ރާއްޖޭގައި ހެދިފައި، ރާއްޖޭގެ އެކި ހިސާބުގައި ހެދިފައި ހުންނަނީ، މިދެންނެވި ކަހަލަ ގަވާއިދުތަކަށް ބެލިގެން ތަބާވެގެނެއް ނޫން. އެހެންވީމާ، ރަށުގެ މެދުގައި، އާބާދީގެ މެދުގައި އިންޖީނުގެތައް ހެދިގެން ދަނީ. ސަރުކާރުން ޙަވާލުވާ ހިސާބުން އަނެއްކާވެސް ބޮޑު ހޭދަތަކެއް ކޮށްގެން، އެ ގަވާއިދަށް ފައްތަން އިންޖީނުގެތައް މި ގެންދަނީ، ވަރަށް ދުރަށް މި ގެންދަންޖެހެނީ.

 

ހަމައެކަނި މި ދާއިރާއަށް އަންނަ ތަރައްޤީ، މި ދާއިރާއޭ މި ދެންނެވީ، ކަރަންޓް އުފެއްދުމުގެ ދާއިރާއަށް އަންނަ ތަރައްޤީއަށް ބަލާކަމަށްވަންޏާ، މިތާ އަޅުގަނޑުމެންގެ ޢިއްޒަތްތެރި އެނަރޖީ މިނިސްޓަރު، ނޫނިއްޔާ އެންވަޔަރަންމަންޓް މިނިސްޓަރު އިންނެވީމަޔާއެކީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މަޑުއްވަރިއަށް މި ބޭނުންވާ ކަރަންޓާ އެކީވެސް މަޑުއްވަރީގައި މިހާރު މި އުފައްދާ ހަކަތަ މި އުފައްދަނީ ޑީސަލް ޖެނެރޭޓަރުން. އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބަށް ބޮޑެތި ރަށްރަށާ ހަމަޔަށް، ހިތަދޫ، މިސާލަކަށް އައްޑޫސިޓީއަށް ބަލާކަމަށްވަންޏާ، އަދި ގދ. އިން ތިނަދުއަށް ބަލާކަމަށްވަންޏާ، މި ތަންތަން މިދަނީ މިދެންނެވި ގޮތަށް ހަކަތަ އުފެއްދުން، ޑީސަލް ޕަވަރާއެކީ ހަމަ ބޮޑަށް މިދަނީ، ކަރަންޓް އުފެއްދުން މިދަނީ ހަމަ އިރުގެ ހަކަތައިގެ ކަރަންޓަށް ބަދަލުކުރަމުން މިދަނީ. ތިޔަބޭފުޅުން އައްސަވާނެކަންނޭނގެ، މިދިޔަ އަހަރު، އަޅުގަނޑު ހަނދާންވަނީ މުޅި ރަށަށް ބޭނުންވާ ހުރިހާ ކަރަންޓް، ރިޒޯޓެއްގައި ބަދަލުވެގެންދިޔަ ހަމައެކަނި ފުރަތަމަ ރިޒޯޓް، ދުނިޔޭގައިވެސް މިއޮތީ ދިވެހިރާއްޖޭގައި. އެއީ ހަމަ މުޅިން ސޯލަރ ޕެނަލަށް ބަދަލުވެގެންދިޔައީ.

 

އެހެންވީމާ، ތިމާވެށްޓާ ރަޙްމަތްތެރި ގާތް ގުޅުމެއް އޮންނަ ހަކަތައަކަށް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ހަކަތަ އެބަ ހަދަންޖެހޭ. އައްޑުއަތޮޅު ހިތަދުއަށް ބަލާކަމަށްވަންޏާ، ޠާރިޤުމެން މިނިސްޓްރީގެ ވިސްނުމުގައި މިއޮތީ މިހާރުން މިހާރަށްވެސް، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ޕީކް ގަޑީގައި، ދުވާލުގެ ޕީކް ގަޑީގައި، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ހިތަދުއަށް ބޭނުންވާ ކަރަންޓްގެ ހަތަރުބައިކުޅަ އެއްބައި، އެބަ ލިބޭ ސޯލަރ އެނަރޖީން. އެ އިތުރުކުރަމުން އަޅުގަނޑުމެން އެބަ ގެންދަންޖެހޭ. ގދ. ތިނަދުއަށް ބަލާކަމަށްވަންޏާ، ތިނަދޫގެ ދެބައިކުޅަ އެއްބައި ކަރަންޓް، ދުވާލުގެ ޕީކް ގަޑީގެ ދެބައިކުޅަ އެއްބައި ކަރަންޓް މިހާރު އެދަނީ ތިނަދޫގައި އިންސްޓޯލްކޮށްފައި ހުރި ޕެނަލްތަކުން. ސޯލަރ ކަރަންޓް އެ ލިބެނީ، އިރުގެ ހަކަތައިން އުފައްދާ ކަރަންޓް. އަދި ހަމަ އެހެންމެ މިގޮތަށް ކަރަންޓް އުފެއްދުމުގެ ކަންތައްތައްދާއިރު، ރާއްޖޭގެ ހުރިހާ ދިމާއަކަށްވެސް އިރުގެ ހަކަތައިގެ ކަރަންޓް އަޅުގަނޑުމެން އެބަ ބޭނުންކުރަންޖެހޭ. މަޑުއްވަރިއަކީ އިސްތިސްނާއެއް ނޫން. މަޑުއްވަރިއަކީ ބިން ފުރިފައި އޮތް ރަށެއް. ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެ ދިޔައީ، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ރައްޔިތުންގެ އިޙްސާސްތައް އަޅުގަނޑާ ހަމަޔަށް ބަންޑުންކޮށްލެއްވި އަޑު. ވަރަށްގިނަ ކަންތައްތަކެއް ކުރެވިފައި. އަދި ނުކުރެވި ހުރި ކަންތައްތަކުގެ ވާހަކަ އިވިގެން އެ ދިޔައީ.

 

ޝައްކެއްވެސްނެތް، އަޅުގަނޑު އަބަދުވެސް ދަންނަވާހެން، [އުންމީދެއް އޮތިއްޔާ ދިރުމެއް ހުންނާނެ. ދިރުމެއް ހުރިއްޔާ އުންމީދުތަކެއް އޮންނާނެ.] އެހެންވީމާ، ރަށެއްގެ ރައްޔިތަކަށް ދަތިވާ ކަންތައްތަކެއް ހުރިއްޔާ، ރައްޔިތުންގެ ފަރާތުން މިކަހަލަ ކޮންމެވެސް ޖަލްސާއެއްގައިވެސް އަޅުގަނޑާ ހަމަޔަށް އަންނާނެ. މިރަށުގެ އާބާދީ ބޮޑުވެ، މި ރަށް ފުރިގެންދާތީ، އަޅުގަނޑުވެސް ހަމަ މިރަށުގެ ރައްޔިތުންނަށް ދަންނަވާލަން އޮތް ވާހަކައެއް އެބައޮތް. މި ރަށް ހިއްކައިގެން، މި ރަށުގައި ބޮޑުކުރެވޭނެ މާ ބޮޑު ޖާގައެއް ނެތް. ދެންމެ މެންބަރުގެ ވާހަކަފުޅުގައިވެސް އެކަން އެ ފާހަގަކުރެއްވީ. އެހެން ނަމަވެސް، މިރަށުގެ ރައްޔިތުން މިރަށުގައި ދިރިއުޅެން ބޭނުންކަމަށްވަންޏާ، ހަމަ ރައްޔިތުންގެ ތެރޭގައި ވާހަކަފުޅު ދައްކަވާފައި، ކުރެއްވޭނެ ކަންތައްތަކެއް ހުންނާނެ. އެގޮތަށް އެކަން ނިންމަވައިދެއްވައިފި ކަމަށްވަންޏާ، ސަރުކާރުން މިރަށުގެ ރައްޔިތުންގެ ގެދޮރުވެރިކަމަށް އެހީތެރިވާން، އެއީ އަޅުގަނޑުމެން ހަމަ ސަރުކާރުގެ ޕްލެޖްތަކުގެ ތެރޭގައި ހިމެނޭ ކަމެއް. ވަކި މި ރަށުގެ ނަން ޖަހައިގެނެއް ނޫން. އެކަމަކު ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުން.

 

އެހެންވީމާ، މިރަށުގެ ބިން އިތުރަށް ބޮޑުނުކުރެވޭ ކަމަށްވަންޏާ، އަދި މިރަށުގެ އާބާދީ ދެން އިތުރަށް ހިފެހެއްޓޭނެގޮތެއް ނެތްކަމަށްވަންޏާ، ރ. އަތޮޅުގެ ބިމާއި އާބާދީގެ ނިސްބަތުން އެންމެ ބޮޑަށް ތޮއްޖެހިފައި އޮތް ރަށަކަށް ވަނީ މަޑުއްވަރި. އެހެންވީމާ، ތިޔަބޭފުޅުންގެ ތެރޭގައި ގޮތްތަކެއް އެބަ ނިންމަވަންޖެހޭ. ތިޔަބޭފުޅުންގެ ތެރޭގައި އުސް ޢިމާރާތްތަކަށް ބަދަލުވާން ޚިޔާލުހުރި މީހުން ތިބި ކަމަށްވަންޏާ، ފްލެޓް ހެދޭނެ ގޮތްތަކަކާ ދޭތެރޭގައި ރައްޔިތުން އެބަ އެއްބަސްވާންޖެހޭ. ރައްޔިތުން އެއްބަސްވެވަޑައިގެންފައި، ސަރުކާރަށް ހުށަހަޅުއްވައިފި ކަމަށްވަންޏާ، މާލެ ހުޅުމާލޭގައި އަޅުގަނޑުމެން ޢިމާރާތްތައް ފްލެޓް ސިސްޓަމަށް އުސްކޮށް އަޅާގޮތަށް، އަޅުގަނޑުމެން މަޑުއްވަރި ހިމަނައިދޭނަން. އެކަން އަޅުގަނޑުމެން ކޮށްދޭނަން. އޭރަށް މަޑުއްވަރީގެ ބިމުގެ މައްސަލަ ޙައްލުވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.

 

ހަމައެޔާއެކީގައި މަޑުއްވަރީގައި ހުރެގެން ވާހަކަ ދައްކާއިރު، އަޅުގަނޑަށް ހަމަ ވަރަށްބޮޑުތަން ފަސޭހަވެގެންވެސްދިޔަ، މި ދާއިރާއަށް، މަޑުއްވަރިއަށް ޚާއްޞަކޮށް، އަޅުގަނޑުމެންގެ ސަރުކާރު ހިންގުމާ ޙަވާލުވިފަހުން މި ދާއިރާއަށް ނޫނީ މިރަށަށް އައިސްފައި އޮތް ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ވާހަކަ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދާއިރާގެ މެންބަރު އެ ހާމަކުރެއްވީ. އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މަޑުއްވަރިއަށް މިވަގުތަށް ބޭނުންވެފައި ހުރި، އެންމެ ދަތިވެފައި ހުރި ބޮޑެތި ކަންތައްތައް އިރާދަކުރެއްވިއްޔާ ޙައްލުވަމުންނޭ އެ ދަނީ. ނަރުދަމާގެ މައްސަލަ މިއަންނަ އަހަރުގެ ތެރޭގައި ނިމިގެންދާނެ. މިރަށުގެ ގިރާ ސަރަޙައްދު، ގޮނޑުދޮށް އެއޮތީ ޙިމާޔަތް ކުރެވި ނިމިފައި، ބޮޑުހިލަ ޖައްސައިގެން.

 

ދެން އޮތީ މި ރަށުގައި ބަނދަރެއް ހެދުމުގެ މަޝްރޫޢު. މި ރަށުގައި ބަނދަރު ހެދުމުގެ މަޝްރޫޢު މިހާރު އެ އޮތީ އިވެލުއޭޝަން ސްޓޭޖްގައި. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ބަނދަރު ހެދުމުގެ މަޝްރޫޢު ބަޔަކާ ޙަވާލުކުރެވޭނެ. އެހެންވީމާ، ކުރިއަށް އޮތް މަސްތަކެއްގެ ތެރޭގައި، މި ރަށުގެ ބަނދަރު ހެދިގެންދާނެ. މިރަށުގެ ބިން ބޮޑުކުރުމަށް އަޅުގަނޑު މި އެރުވީ ޙައްލެއް. އަޅުގަނޑަކަށް އެނޫން ޙައްލެއް އަދި މިވަގުތު އަޅުގަނޑުގެ ސިކުނޑިއަކަށް ނާދޭ. ރައްޔިތުންގެ ތެރޭގައި ގޮތްތަކެއް ނިންމަވާފައި، ސަރުކާރަށް ހުށަހަޅުއްވައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ ވަރަށް ޕޮޒިޓިވްކޮށް އެކަންކަން ބަލައިގަންނާނަން. ދެން ހަމަ އެގޮތަށް، މިރަށުގެ ޞިއްޙީ މަރްކަޒުގެ ފެންވަރު ރަނގަޅުކުރުމާ، މިހެންގޮސް މިރަށަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް މިދަނީ ފުދެމުން. އަދި ހަމައެހެންމެ، މި އަތޮޅުގެ އެހެން ރަށްރަށަށް، ރާއްޖޭގެ އެކި ދިމާލުގައި ހުރި އެކި ރަށްރަށަށްވެސް ބޭނުންވާ ކަންތައްތަކެއް މިދަނީ ފުދެމުން. އަޅުގަނޑުމެންގެ ސަރުކާރުގެ، ނޫނިއްޔާ ރިޔާސީ އިންތިޚާބުގެ ތެރޭގައި އަޅުގަނޑުމެން ވާދަކުރަމުން ދިޔައިރު، އަޅުގަނޑު ވަރަށް އިސްކަމެއް ދިނިން، ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށާއި، އަދި ޒުވާނުން ބާރުވެރިކުރުވުމަށް. އެއީ، ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމާއި، ޒުވާނުންނަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ގެދޮރުވެރިކަން ހިމެނޭގޮތަށް، ޒުވާނުން ބާރުވެރިކުރުވުމަށް ވަރަށް ބޮޑަށް ބާރުއަޅައި ވާހަކަ ދެއްކިން.

 

މިގޮތުގެ މަތިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަޑުއްވަރި އެކަންޏެއް ނޫން. ރާއްޖޭގެ އެކި ހިސާބުގައި ކުޅިވަރު ދަނޑުތައް ހެދެމުން އެ ދަނީ. ސްޕޯޓްސް އެރީނާގެ ފުރަތަމަ ބައި ނިމިގެން އެ ދަނީ. އަންހެން ބޭފުޅުންނަށް ކަމަށްވަންޏާ ބަށިކޯޓު. ކުޅިވަރު ކުޅުންތެރިންނަށް ކަމަށްވަންޏާ ފުޓްސަލް ދަނޑުތައް ހެދިގެން އެ ދަނީ. މި ރަސްމިއްޔާތު ނިންމާފައި އޮތީ، ފުޓްސަލް ދަނޑު ހުޅުމުގެ ގޮތުން ފުޓްބޯޅަ ކުޅޭގޮތަށްކަންނޭނގެ. އެހެން ނަމަވެސް، އެކަމެއް އަޅުގަނޑަށް ކޮށެއް ނުދެވޭނެ. އެހެން ނަމަވެސް، މިރަށުގެ ފުޓްސަލް ދަނޑުވެސް މިހާރު އެވަނީ ނިމިފައި. ޒުވާނުންނަށް އަދި މަދްރަސާ ކުދިންނަށް، ދެ ޖިންސުގެ ކުދިންނަށް، އަންހެން، ފިރިހެން ކުދިންނަށް ފުޓްސަލް ކުޅެވިގެން ދިޔުމަކީ، އަޅުގަނޑު ހިތުން ހަމަ ކުދިންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް އަދި ކުދިންގެ ހުސްވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް، ރަނގަޅު ގޮތުގައި ބޭނުންކުރުމަށްޓަކައި ކުރެވޭ ކަންތައް. މިކަންކަން ކުރުމުގެ ބޭނުމަކީ ހަމައެކަނި ކުދިންނަށް ކުޅިވަރު ކުޅެދިނުމެއް ނޫން.

 

އެނގިވަޑައިގަންނަވާނެ، ކިޔެވުމަކީވެސް ހަމަ ކުރާހިތްވާ ކަމަކަށްވާނެ. އެޔާއެކީ ކުދިންގެ ހުސް ގަޑިތައް ފުރޭނެ ގޮތްތައްވެސް އެބަ ހަދަންޖެހޭ. އަޅުގަނޑުގެ ސަރުކާރުގެ މި ސިޔާސަތަށް ފާޑުވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޒުވާނުންނަށް ޖާގަ ދެއްވާށޭ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ޒުވާނުންގެ ދިވެހިރާއްޖެއޭ. އެހެންވީމާ، ޒުވާނުންނަށް އެބަ ޖާގަ ލިބެންޖެހޭ. ޒުވާނުންނަށް ޖާގަ ލިބުމަކީ، ޒުވާނުން ބޭނުންވާ ދާއިރާތަކުން ޒުވާނުންނަށް ކުރިއަށް ދެވޭނެގޮތަށް، ސަރުކާރުން މަގުފަހިކޮށްދިނުން. އޭގެތެރޭގައި، ކުދިންނަށް ކުޅިވަރު ކުޅެވޭނެގޮތް ހަދައިދޭންޖެހޭ. ކުދިން ބާރުވެރިކުރުވަން ކުރަންޖެހޭ ކަންތައް ކުރަންޖެހޭ. އަންހެން ކުދިންނަށް، އަންހެން ކުދިންވެސް ސިޔާސީގޮތުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރަންޖެހޭ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކާ، މި ތަންތަނުގައި އަންހެން ބޭފުޅުން ޝާމިލުވާން އެބަޖެހޭ. މި ފިކުރުތައް އަޅުގަނޑުމެން އެބަ ގެންނަންޖެހޭ. މިކަންކަމަށް އަޅުގަނޑުމެން ރައްޔިތުން އެބަ ޖާގަދޭންޖެހޭ. ޚިޔާލު ތަފާތުވެގެން، އަޅުގަނޑުމެން މިކުރާ ކަންތައްތަކަށް ފާޑުވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޚިޔާލުފުޅަށް ގެންނަވާށޭ! ދިވެހިރާއްޖެއަކީ ދުނިޔޭގެ އޮއިވަރުން ނެއްޓިފައި އޮތް ޤައުމެއް ނޫން. ދުނިޔޭގައި ހިނގާ ސިޔާސީ ހުރިހާ ކަމަކާއި، އިޖްތިމާޢީ ހުރިހާ ހަމަނުޖެހުންތައް، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާ ހަމައަށް އަންނަނީ ހަމަ ސުނާމީ ފެތުރޭހާ ބާރުމިނުގައި. އަންނައިރު، އަޅުގަނޑުމެންގެ ތެރެއިން ތަޣައްޔަރުވެގެންދާ ސިކުނޑިތަކަށް ހަމަ އަސަރުތަކެއް އެބަ ފޯރާ. ހަމަ ސިކުނޑިތައް އެބަ ތަޣައްޔަރުވޭ. އަޅުގަނޑުމެންގެ ޒުވާނުން، އެކިކަހަލަ ވިޔާނުދާ ކަންކަމުގައި އެބަ ޝާމިލުކުރުވާ. އޭގެތެރޭގައި، އިސްކޮށް ތިބި މީހުން، އޭގެތެރޭގައި ބައިވެރިވެގެން އެބަ ކުރުވާ. މުޖްތަމަޢުތަކުގައި އިސްކޮށް އުޅޭ މީހުން.

 

އެހެންވީމާ، ޒުވާނުން މިކަހަލަ ކަންކަމުން ދުރަށް ގެންގޮސް، ޒުވާނުންނަކީ ޒުވާނުން ކުރާ ކަމެއްގައި، ރަނގަޅަށް މަޝްޣޫލުވެގެން، ހިތްހަމަޖެހިގެން ކަންތައްތައް ކުރާ ބަޔަކަށް، ފުރްޞަތު އެބަ ތަނަވަސްކޮށްދޭންޖެހޭ. އެ ސަބަބުތަކަށްޓަކައި ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ކުޅިވަރުގެ އެކި އިންފްރާސްޓްރަކްޗަރުގައި ސަރުކާރުން އިންވެސްޓް ކުރުމަށް އެހާބޮޑު ވަޢުދެއް އަޅުގަނޑު ވެގެން، އެކަންކަން ކުރަމުން މިގެންދަނީ. އެކަން ކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ މުޖްތަމަޢު ހަމައެކަނި ދުޅަހެޔޮ މުޖްތަމަޢަކަށް ޞިއްޙީގޮތުން ހެދުމެއް ނޫން. ފިކުރުގެ ގޮތުން، ޚިޔާލުގެ ގޮތުން އަޅުގަނޑުމެންނަކީ ތަޣައްޔަރުނުވެ، ރަނގަޅުގޮތުގައި ކުރިއަށްދާން ތިބި ބައެއްގެ ގޮތުގައި ހެދުން. އަޅުގަނޑުމެންގެ ޒުވާން ޖީލަކީ، ބިނާކުރަނިވި، ވިސްނުންހުރި، ކުރިއަށްދާން ބޭނުންވާ ބަޔަކަށްވެގެން ނޫނިއްޔާ، ދިވެހިރާއްޖޭގެ މުސްތަޤްބަލެއް ނެތް. ސަރުކާރު ހިންގަން ތިބޭ މީހުންނަކީ، އައިސް ގޮސްވާ މީހުން. އެކި ދައުރު އެކިގޮތަށް ދާނެ. މި ސަރުކާރުގެ އެންމެބޮޑެތި އަމާޒުތަކުގެ ތެރޭގައި، އަޅުގަނޑުމެން މި ހިފާ އަމާޒަކީ، ދިވެހިރާއްޖޭގެ ކޮންމެ ފަރުދަކީވެސް ޖީބު ތަނަވަސް އަދި މި ސަރަޙައްދުގައި އެންމެ އުފާވެރިކަމާއެކީ އުޅެވޭވަރުގެ ރައުސްމާލެއް އޮތް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކުރާ މަސައްކަތް.

 

މިނިވަން 50ގެ ދުވަސްތައް ހޭދަކުރާއިރު، އެ އަހަރުގެ ތެރޭގައި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ހަނދާނަށް އަބަދުވެސް ގެންނަންޖެހެނީ، އަޅުގަނޑުމެން މިނިވަންކަންމަތީގައި ތިބެން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެންގެ އަމިއްލަވަންތަ ސިފަތަކެއް އަޅުގަނޑުމެން ގެންގުޅެން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން އެ ސިފަތައް ދެމެހެއްޓުމަށްޓަކައި އިޤްތިޞާދީ ގޮތުންވެސް އަޅުގަނޑުމެންނަކީ ބާރުވެރި ބަޔަކަށްވާން އެބަޖެހޭ. އަބަދު ހުރިހާ ކަމެއްގައި މީހުން ކައިރިއަށް ގޮއްސައި، ކަންކަމު އެދުމުން، އަޅުގަނޑުމެން މިދެންނެވި ކަހަލަ ކަންކަމުގައި ހިފެހެއްޓުން، އެއީ އަޅުގަނޑުމެން އަމިއްލަވަންތަކަން ހިފެހެއްޓުން. އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެންގެ ދިވެހިރާއްޖެ މުސްތަޤިއްލު ތަނަކަށް ބޭއްވުމަށްޓަކައި މިކުރާ މަސައްކަތުގައި، ކޮންމެ ގޮތަކަށް ވިސްނި ނަމަވެސް، އަޅުގަނޑުމެން ކޮމްޕްރޮމައިޒް ވެގެންދާ ކަންތައްތައް އެއީ.

 

އަޅުގަނޑުމެން ދުށިން ދޮގެއްތޯ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ދިޔަގޮތް. ކިހާވަރަކަށް ބޭރުގެ ފަރާތްތަކުން އެ އިންތިޚާބުގެ ތެރެއަށް، ކިހާވަރަކަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވިތޯ! މިއީ އިއްޔެ އިހަށްދުވަހުގެ ވާހަކައެއް މި ދައްކަނީ. މިއީކީ ދުރު މުސްތަޤްބަލެއްގެ ވާހަކައެއް ނޫން. މި ދައްކަނީކީ 50 އަހަރު ކުރިން ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެގްރީމަންޓްގައި ސޮއިކުރާ ވާހަކައެއްވެސް ނޫން. މި ދައްކަނީ އިއްޔެ ނޫން އިހަށްދުވަހުގެ ވާހަކަ. އެހެންވީމާ، މިކަންކަން އަޅުގަނޑުމެންގެ ޚިޔާލުގައި އެބަ ބަހައްޓަންޖެހޭ. މިކަންކަން އަޅުގަނޑުމެންގެ ޚިޔާލުގައި ހުރެގެން އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތަކީ، މިދެންނެވި ކަހަލަ ކަންތައްތަކުން ފިލާވަޅު ނަގައިގެން، އަޅުގަނޑުމެންގެ ޒުވާން ޖީލަކީ، މިދެންނެވި ގޮތަށް ތަޣައްޔަރުނުވެ، އިޤްތިޞާދު ބިނާކުރުމާއި، މުޖްތަމަޢަށް ބޭނުންވާ ކަންކަން، ރަށުގެ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކުގައި، އެއްވެސްކަހަލަ ގުޑުމެއްނެތި ސާބިތުކަމާއެކީ ކުރިއަށްދާ ޖީލެއް ބިނާކުރަން ކުރާ މަސައްކަތް. އެހެންވީމާ، މި މަސައްކަތުގައި ސަރުކާރުން ހޭދަތަކެއް ކުރާނެ. މި މަސައްކަތުގައި، ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބޭފުޅުން، ޢިއްޒަތްތެރި މެންބަރުން މި ސަރުކާރަށް ހިތްވަރު ދެއްވައި، ކަންކަން އެބަ ކޮށްދެއްވާ.


އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން ވަރަށް ސީދާ. އަޅުގަނޑުމެންގެ އަމާޒުތަކެއް އެބަހުރި. ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަކީ، މި އަމާޒުތައް ޙާޞިލު ކުރުމަށް، އެއީ ރައްޔިތުންނަށް ދުޅަހެޔޮ އުފާފާގަތި ދުވަސްތަކެއް ކަށަވަރުކޮށްދިނުމަށް، ޔަޤީންކޮށްދިނުމަށް ކުރާ މަސައްކަތް. މަޑުއްވަރީގެ ރައްޔިތުންނަށް، އަދި މި ދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު އެދެނީ ހުރިހާވެސް ކުރިއެރުމެއް. އަޅުގަނޑުމެންނަށް ވަސީލަތްތަކެއް މި ޤާއިމުކޮށްދެވެނީ. ފުރްޞަތުތަކެއް މިގެނެސްދެވެނީ. ހަކަތަ ލިބުނީމަ، ހުރިހާ އެންމެންނަށްވެސް ވަރަށްގިނަ ފަސޭހަތަކެއް ވެގެންދޭ. އެއީ ގޭތެރޭގެ ޢާންމު ދިރިއުޅުމުގައި ފަސޭހަތަކާއި، ބަދިގޭގެ ފަސޭހަތަކާއި، ދަރު އުނދުން ދޫކޮށްލުމާ، މިކަހަލަ އެތައް ބައިވަރު ފަސޭހަތަކެއް އެބަލިބޭ. އެކަމަކު މިއީ މީގެ އިޖްތިމާޢީ ގޮތުން ބޭނުންވާ އެންމެ ޟަރޫރަތަށް ބޭނުންވާ ކަންތައްތައް. އެކަމަކު މިއަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހޭ. ހަކަތަ އެބަ ބޭނުންކުރަންޖެހޭ އުފެއްދުންތެރިކަން އިތުރުކުރަން. ހަކަތަ އެބަ ބޭނުންކުރަންޖެހޭ، މިރަށުގެ ފެންވަރުގައިވެސް މަސައްކަތްތެރިކަން އިތުރުކުރަން. އެކި މަސައްކަތްތައް އިތުރުވާން އެބަޖެހޭ. އަޅުގަނޑުމެންނަކީ ދުނިޔޭގައި ބޭނުންކުރާ ހުރިހާ ފާޑެއްގެ އެއްޗެހި އުފައްދައިގެން، އެކްސްޕޯޓް ކުރާ ބަޔަކަށް ފަހަރުގައި ނުވެ ހިނގައިދާނެ. އެކަމަކު އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ މިރަށަށް ބޭނުންވާ ކަންތައްތައް، މިރަށުގެ ރައްޔިތުންނަށް ކުރެވޭވަރުގެ ޞިނާޢަތެއް އޮންނަ ރަށަކަށް ވެއްޖެ ކަމަށްވަންޏާ، ވަރަށްބޮޑު ފައިސާއެއް ހަމަ މިރަށުގެ އިޤްތިޞާދަށް އެކަނި ބެލިނަމަވެސް، އެ ސަލާމަތްވެގެން ދިޔައީ.

 

އެހެންވީމާ، ހަކަތައިގެ ބޭނުންކުރުމަކީ، ހަމައެކަނި ގޭތެރޭގައި ޖީ.ސީ. އޯލެވެލް ކިޔަވާ ކުއްޖަކަށް ފުޅިބައްތީގެ ބަދަލުގައި، ކަރަންޓްގެ އަލިކަން ލިބުން އެކަންޏެއް ނޫނޭ، އަޅުގަނޑު ދަންނަވާނީ. މިއީ ވެލިޔު އެޑްކުރެވޭނެ ޚިދްމަތެއް މި ދެނީ. މި ޚިދްމަތުގެ ބޭނުން ހިއްޕަވަންވީ، އެކިއެކި ޞިނާޢީ، އެކި ފެންވަރުގެ މަސައްކަތް ކުރަން. އެހެންވީމާ، މި މަސައްކަތްތައް ކުރާކަމަށްވަންޏާ، މަޑުއްވަރިއަށްވެސް މިހާރު، އަދި މަޑުއްވަރީގެ ރައްޔިތުން ހިތްދަތިކަން އިޙްސާސް ކުރައްވަމުން ގެންދެވި ނަމަވެސް، ހަމަ އުފާފާގަތި ދުވަސްތަކެއް ﷲ މިންވަރު ކުރައްވާނެކަމާ ދޭތެރޭގައި، އަޅުގަނޑުގެ ހިތުގައި އެއްވެސްކަހަލަ ޝައްކެއްނެތް.

 

ތިޔަބޭފުޅުންނާ ވަކިވާއިރު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ހަކަތައިގެ ސަބަބުން މަޑުއްވަރިއަށް އުފާފާގަތިކަން ލިބުމާއެކީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ޚިޔާލުކޮށްފައި އޮތީ، މިނިވަން 50ގެ މި އިޙްތިފާލުތަކުގައި އުޅޭތީއާއެކީ، މިކަން ނިމުނީމަ، އަތޮޅުތެރޭގައި ދަތުރުތަކެއް ފަށަން. އެ ދަތުރުތަކުގެ ތެރޭގައި ރ. އަތޮޅަށް އަންނާނަން. އިރާދަކުރެއްވިއްޔާ، މަޑުއްވަރިއަށް ތިޔަބޭފުޅުންނަށް ޒިޔާރަތް ކުރާނަން. ތަންކޮޅެއް ތަނަވަސް ވަގުތު، ތިޔަބޭފުޅުންނާއެކީ ހޭދަކުރެވޭތޯ އަޅުގަނޑު ބަލާނަން. މިއަދުގެ މި ދަތުރަކީ ހަމަ މިދެންނެވި ގޮތަށް، ތަންކޮޅެއް ކުރުކޮށްލަން މަޖުބޫރުވެއްޖެ ދަތުރެއް. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން ދީލަތި މަޢާފަކަށް އެދެމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މިކުރާ މަސައްކަތްތަކުގައި، اللّـه سبحـانـه وتعـالىގެ ހެޔޮ ރަޙްމަތް މިންވަރުކުރައްވައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ޘަވާބު އިތުރުކުރައްވައި، އަޅުގަނޑުމެންނަށް ބަރަކާތް މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.