بســم اللّـه الرّحمـن الرّحيــم
      
      
   ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
    ނ. އަތޮޅު ލަންދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ  މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން، އަތޮޅުގެ ކައިރި ރަށްރަށުން މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވަން ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން؛
 
السّــلام عليــكم ورحـمــة اللّـه وبـركاتـه.
 
އާދެ، މިއަދު މިއީ އަޅުގަނޑަށް ވަރަށް މަތިވެރި އުފަލެއް ލިބިގެންދާ ދުވަހެއް. ނ.އަތޮޅުގެ މެންބަރަކަށް ހުރިއިރު، އެ ދާއިރާގެ ބައެއް ދިމަދިމާލަށް ތަފާތު ޚިދްމަތްތައް ދިނުމުގެ ކޮންމެވެސްވަރެއްގެ ފުރްޞަތެއް އަޅުގަނޑަށް ލިބުމަށްފަހު، އިރާދަކުރެއްވިއްޔާ އެއަށްވުރެ އުފާވެރިކަމާއެކީ މިހާރު ނ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމަށް މިއޮތީ ﷲ މިންވަރު ކުރައްވާފައި. އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، ނ. އަތޮޅަކީ އަޅުގަނޑަށް އަބަދުވެސް ވަރަށް ޚާއްޞަ އަތޮޅެކޭ. އަދި މިއަދު އަޅުގަނޑު ހިމެނިގެންމިދާ މަޤާމުގެ ގޮތުން ނ. އަތޮޅާ ދޭތެރޭގައި އަޅުގަނޑުގެ އޮތް ގާތްކަން ތިޔަބޭފުޅުންނަށް ޢަމަލީ މަސައްކަތްތަކުން އިތުރަށް ފެނިވަޑައިގަންނަވާނެއޭ.
 
އާދެ، ނ. އަތޮޅަށް އަޅުގަނޑު މިއަދު މިއައީ ރ. އަތޮޅާއި، ނ. އަތޮޅާއި އަދި ބ. އަތޮޅުގެ ރަށަކަށްވެސް ކުރަމުންމިދާ ދަތުރެއްގައި. ދެންމެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެން މި އަންނަނީ ނ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްރަށުގައި އިންޖީނުގެތައް ހުޅުވަމުން. ރ. އަތޮޅުގެ 3 ރަށެއްގެ އިންޖީނުގެ މުޅިން އާކޮށް، އެ ރަށްރަށަށް މިހާރު ބޭނުންވާ ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދެވިފައި އެވަނީ. އަދި ހަމައެހެންމެ، ނ. އަތޮޅު ލަންދުއަށް އަޅުގަނޑުމެން މިކުރާ ޒިޔާރަތަކީވެސް ނ. އަތޮޅު ލަންދޫގައި ތިޔަބޭފުޅުން ދުވަސްތަކެއް ވަންދެން ތަޙައްމަލް ކުރައްވަމުން ގެންދެވި ދަތިތަކުން ސަލާމަތްކުރުމަށްޓަކައި ފެނަކާ މެދުވެރިކޮށް ސަރުކާރުގެ ފަރާތުން ނ. އަތޮޅު ލަންދޫގެ ރައްޔިތުންނަށް މި އިންޖީނުގެ ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑު ކުރާ ދަތުރެއް. އަޅުގަނޑު ހަމަ ފެނަކާ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރާއި، ކުންފުނީގެ އިސްބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ، އަޅުގަނޑަށް މި ފުރްޞަތު ދެއްވި ކަމަށްޓަކައި. ރ. އަތޮޅުގެ ރަށްރަށުގައިވެސް އިންޖީނުގެތައް ހުޅުވުމުގެ ފުރްޞަތު އަޅުގަނޑަށް ދެއްވި. ހަމައެހެންމެ، މިއަދު ނ. އަތޮޅު ލަންދުއަށް އައިސް، ނ. އަތޮޅު ލަންދޫގެ އިންޖީނުގެ ހުޅުވުމުގެ ފުރްޞަތު އަޅުގަނޑަށް ހަމަ ދެއްވި ކަމަށްޓަކައި ތިޔަބޭފުޅުންނަށް، އާދެ، ފެނަކާގެ މެނެޖިންގ ޑިރެކްޓަރ ނިމާލަށް އަދި ކުންފުނީގެ އިސްބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަޅުގަނޑު ވާހަކަކޮޅު ކުރިއަށް ގެންދަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ ދޭތެރޭގައި ހަމަ ވަރަށް އޯގާތެރި ބަސްތަކެއް، އެންމެ ފުރަތަމަ ނިމާލްގެ ވާހަކަފުޅުގައި ފާހަގަކުރައްވަމުން އެ ގެންދެވީ. ދެން އެޔާއެކީ އަޅުގަނޑުގެ އަޚު، އެމް.ޑީ.އޭ.ގެ ޗެއަރމަން ޝިޔާމްގެ ވާހަކަފުޅުގައިވެސް އަޅުގަނޑާ ދޭތެރޭގައި ވަރަށް ގާތް އޯގާތެރި ބަސްފުޅުތަކެއް އެ ވިދާޅުވީ. ދެން އެކަމަށްޓަކައި ހަމަ އެ ދެބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާފައި، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ދިޔުމުގެ ކުރިން، ހަމަ ކުޑަކުޑަ ކުށެއް ރަނގަޅުކޮށްލާފައި ދިޔައްޔާ ރަނގަޅުވާނީ. މިއީ ލައިވް ޓެލެކާސްޓަކަށްވާތީއާއކީ، ދިވެހިރާއްޖެ އަދި ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ފަރާތްތަކުންވެސް މި ޖަލްސާ އަޑުއަހަމުން، ބަލަމުން ގެންދާނެތީއާއެކީ، އަޅުގަނޑުގެ އަޚު ޝިޔާމްގެ ވާހަކަފުޅުގައި އިޝާރާތް އެ ކުރެއްވީ، އިންޑިއާ ސަރުކާރަކަށެއް ނޫން. އަޅުގަނޑުގެ އަޚު ޝިޔާމްގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވީ، އަޅުގަނޑުމެންގެ އެއަރޕޯޓް، ޖީ.އެމް.އާރަށް ދިޔަހިނދު، އެ އެއަރޕޯޓް ހޯދަން އަޅުގަނޑުމެން ކުރި މަސައްކަތުގެ ވާހަކަ. ޙަޤީޤަތުގައި މިއީ އިންޑިއާގެ އަމިއްލަ ކުންފުންޏެއް. އޭރު ކަންތައްތައް ދިމާވިގޮތުން، ދިވެހި ރައްޔިތުންގެ ގިނަ ބައެއްގެ ހިތާއި ވިންދާ ދެކޮޅަށް އެކަން ހިނގައިގެންދިޔައީ. އެ ވާހަކައަށް އޭނަ އެ އިޝާރާތްކުރެއްވީ. އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން އަބަދުވެސް އިންޑިއާގެ ވިޔަފާރިތަކަށް މަރްޙަބާ ކިޔަން. އަދި އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އެ ބަހައްޓަވާ ގާތްކަމާއި، ކޮށްދެއްވާ މިންނެތް ބޮޑެތި ޚިދްމަތްތަކަށް އަބަދުވެސް އިންޑިއާ ސަރުކާރަށް އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަމުން މި ގެންދަނީ. އިންޑިއާ އާއި ދިވެހިރާއްޖެއާ މިއީ ދުރުނުވެވޭވަރަށް ގާތްވެފައި އޮތް ރަޙްމަތްތެރި ދެ ޤައުމު. އަޅުގަނޑުމެންގެ ހުރިހާ ސަރުކާރެއްގައިވެސް މި ގުޅުން އޮތީ މިގޮތަށް. ރައީސް މައުމޫންގެ 30 އަހަރުގެ ސަރުކާރަކީ އިންޑިއާ އާއި އަޅުގަނޑުމެންނާ ދޭތެރޭގައި އެންމެ މަތިވެރި ގުޅުންތަކެއް އުފެދިގެންދިޔަ ދުވަސްވަރު. އަޅުގަނޑުމެންގެ މި ސަރުކާރުގައި އަޅުގަނޑުމެން މިކުރާ މަސައްކަތަކީވެސް އަޅުގަނޑުމެންގެ ސަރުކާރާއި އިންޑިއާއާ ދޭތެރޭގައި އޮތް ގުޅުންތައް ރަނގަޅުކުރަމުން ގެންދިޔުން.
 
އެނގިވަޑައިގަންނަވާނެ، އެންމެ އާދައިގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައްތަކާ ހަމަޔަށްދާއިރުވެސް، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް އަބަދުވެސް މިދަނީ އެހީވަމުން. ހަމަ އެންމެ ކުޑަކުޑަ ކަމެއް އަޅުގަނޑުމެންގެ ޚިޔާލަށް ގެނައި ކަމުގައިވީނަމަވެސް، މިކަމުން އަޅުގަނޑުމެންނަށް ހަމަ ފިލާވަޅު، ޢިބްރަތް ލިއްބައި އެބަދޭ. އަޅުގަނޑުމެންނަށް އެންމެ ދަތިވެގެންދިޔަ، ދިވެހިރާއްޖެ އެންމެ ނުރައްކަލަށް ހުށަހެޅިގެންދިޔަ 1988 ވަނަ އަހަރުގެ ޢުދުވާނުގައިވެސް އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެ ވެވަޑައިގެންދެއްވީ އެހާ އަވަސް، އެހާ ވަރުގަދަ ޚިދްމަތްތަކެއް އަޅުގަނޑުމެންނަށް އެކޮށްދެއްވީ. އަޅުގަނޑުމެން އެ ޢުދުވާނުން ސަލާމަތްވީ. އެހެން ނޫންނަމަ، މި 50 އަހަރުގެ މިނިވަންކަމުގެ މި ރާސްތާގައި އަޅުގަނޑުމެން ވާހަކަ ދައްކާއިރު، ހަމަ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަން، މި 50 އަހަރުގެ ތެރޭގައިވެސް ގެއްލިފައި އޮތީހީ. އެހެންވީމާ، އިންޑިއާ ސަރުކާރަކީ އަޅުގަނޑުމެންނާ ދޭތެރޭގައި އެހާ ގާތް އެކުވެރި އަދި އުޚުއްވަތްތެރި ގުޅުންތަކެއް އަދި ޚިދްމަތުގެ ގޮތުން ވަރަށްގިނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވާ ސަރުކާރެއް. ހަމަ ވަރަށް ފޯރީގައި ވާހަކަފުޅު ދިޔައީމަ، އޭނަގެ ޚިޔާލުފުޅު ހަމަ މާބޮޑަށް ވިސްނުމެއްނެތި އެގޮތަށް ދިޔައީ. އެކަމަކު އަޅުގަނޑަށް ކަށަވަރު، ޝިޔާމްގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވީ، އެ ކުންފުނީގެ ވާހަކައަށް. އެއްގޮތަކަށްވެސް އިންޑިއާގެ ސަރުކާރަކަށް ނޫން. އެހެންވީމާ، ތިޔަބޭފުޅުން ރަނގަޅުކޮށްލާފައި އަޅުގަނޑު ކުރިއަށް ގެންދަން ބޭނުންވަނީ. ހަމަ ދެ ސަރުކާރުގެ ދޭތެރޭގައި އޮންނަ ގުޅުމާ ދޭތެރޭގައި މިހެން ބައެއްކަހަލަ ކަންތައްތައް ކައްސާލައިގެން ދިޔައީމަ، މިއީ ހަމަ ވަރަށް ޙައްސާސް މައްސަލަތަކަށްވެސްވާތީއާއެކީ. އަޅުގަނޑަށް ކަށަވަރު، ޝިޔާމް އެ އިޝާރާތް ކުރެއްވީ އެގޮތަށް.
 
އެހެންވީމާ، އެވާހަކަވެސް ހަމަ ދަންނަވާލާފައި، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ކޮކާހަނދުވަރުގެ ވާހަކައިގައިވެސް ހަމަ ސަމާސާ ވާހަކައެއް ދަންނަވާލަން. ނިމާލް ވަރަށް ރަނގަޅު އެ ވިދާޅުވެދެއްވީ، މިއީ ނިމާލް ހައްދަވާފައި އޮތް ހަމަ ވަރަށް ރީތި ޅެމެއް. ނިމާލަށް ފަށްފަށުން ޝުކުރުވެސް އެބަ ދަންނަވަން. އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފެނަކަ ކަހަލަ ކުންފުނިތަކަކީ ވަރަށްގިނަ ޒުވާނުން، އެ ކުންފުނިތަކުގެ ޚިދްމަތުގައި އުޅޭ ކުންފުނި ކުންފުނި. ޒުވާނުންގެ ތެރޭގައި ޒުވާނުންނަށް ކަމުދާ، ޒުވާނުން ގަޔާވާކަހަލަ ކަންތައްތައް ހުންނަންޖެހޭނެ. އޭގެތެރޭގައި، ރިކްރިއޭޝަންގެ ޙަރަކާތްތައް ހުންނަންޖެހޭނެ. ހަމައެކަނި ލެޕްޓޮޕެއް ހިފައިގެން ނޫނިއްޔާ ކަރަންޓް ކޭބަލެއްގެ އެއްކޮޅުގައި ހިފައިގެން އަނެއްކޮޅަށް ދެމުމެއް ނޫން ދޮއެއްތޯ، ފެނަކާއިން ކުރާ މަސައްކަތަކީ. އެހެންވީމާ، ތަފާތު ފްލޭވަރެއް ނޫނީ ތަފާތު ޚިޔާލުތަކެއް އީޖާބީގޮތުން ނޫނީ ޖަވާބުދިނުމުގެ ގޮތުން ކުރާ ކަންތައްތަކެއް ހުންނާނެ. އެހެންވީމާ، މިހާގިނަ ޒުވާނުން އުޅޭ ކުންފުނިތަކުގައި، ސްޓެލްކޯ، ފެނަކަ، މިހެން ހުންނަ ކުންފުނިތަކުގައި މިކަހަލަ މަސައްކަތް ހުންނާނެ. ދެން އަޅުގަނޑުމެން ހަމަ ވަރަށް ނަޞީބު ރަނގަޅުކަންނޭނގެ، އަޅުގަނޑުމެންގެ ކުންފުނީގައި މިވަގުތު އިސްކޮށް މި ހުންނެވި ބޭފުޅަކީ، ހަމަ ޝާޢިރުންގެ ބަގީޗާގެ ތެރެއިން ވަޑައިގެން ހުންނެވި ކޮކާހަނދުވަރެއްކަންނޭނގެ. ހަމަގައިމުވެސް  މި ކޮކާހަނދުވަރުގެ އައްޔާ ބެހޭގޮތުން މި ވާހަކަފުޅުގައި އެ ރަނގަޅުކޮށްދެއްވީވެސް ވިދާޅުނުވާ ވާހަކަފުޅެއް ހަމަ. އެއީ ކޮކާހަނދުވަރުގެ ތެރެއިން އަލިކަން އައިމަ، ނުފެންނަ ކަންތައް ހުންނާނެ ދޮއެއްތޯ. ފެނަކާގައި އުޅޭ ހުރިހާ އެންމެންނަށް އެނގޭނެ، ހުރިހާ މުވައްޒަފުންނަށް އެނގޭނެ، ނިމާލްގެ ގެޔަށް ކިޔަނީވެސް ކޮކާހަނދުވަރުކަން. އެހެންވީމާ، އެވާހަކަ ނިމާލް ވިދާޅުނުވެ، ކޮކާހަނދުވަރުގެ ވާހަކަ، ކޮންމެވެސް މަހެފިލެއްގެ ތެރެއިން ގެންނެވީމަ ކަމަކުނުދާނެ ދޮއެއްތޯ.
 
ކޮންމެއަކަސް އިރާދަކުރެއްވިއްޔާ ލަންދުއަށް މި ލިބެނީ ކޮކާހަނދުވަރެއް ނޫން. ލަންދުއަށް މި ލިބެނީ ހަމަ ވަރަށް ވަރުގަދަ އަލީގެ ޚިދްމަތް. މި ޚިދްމަތް ލިބުނީމަ ފަސޭހަވެގެންދާ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތިން. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް ހަމަ ވަންހަނާނުވާވަރަށް، ހުރިހާ ރައްޔިތުންނަށް މިކަމުގެ ފަސޭހަތައް ވެގެންދާނެ. އެހެން ރަށްރަށުގައި، އަޅުގަނޑު ދަންނަވާލި ފަދައިން، ލަންދުއަކީވެސް މަސައްކަތްތެރި، މަސައްކަތް ކުރެވެން އޮތް ރަށެއް. މި ކަރަންޓްގެ ޚިދްމަތް ލިބިގެން ދިޔައީމަ، އިތުރު ޞިނާޢަތްތަކެއް، އިތުރު މަސައްކަތްތަކަށް މަސައްކަތް ކުރެވޭތޯ ބައްލަވަންވާނެ. އަޅުގަނޑުގެ އަޚު، ދެންމެ ޝިޔާމް ދެއްކެވި ވާހަކަފުޅުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، ދިވެހިރާއްޖޭގައި ކުޑަކުޑަ ރަށެއް ކަމުގައިވީނަމަވެސް، ކުޑަކުޑަ ޤައުމެއް ކަމުގައިވީނަމަވެސް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އިޤްތިޞާދީ މަސައްކަތް ކުރަން ބާރުއަޅުއްވައި އެ މަނިކުފާނު އެ ވާހަކަފުޅު ދެއްކެވީ. ދެން އެއަށްވުރެ ބޮޑަކަށް ވަކި އަޅުގަނޑަކަށް އެއްބަހެއްނުވެވޭނެ. ހަމަ ވަރަށް ތެދު ރަނގަޅު ވާހަކަފުޅުތަކެއް އެ ދެއްކެވީ. އެކަމަކު މިކަންކަން ސަރުކާރުން ކުރަމުންދާއިރު، ސަރުކާރަށްވެސް ހަމަ ދިމާވާ ހަމަ ރަނގަޅު ކަންތައްތަކެއްވެސް ހުރީމަޔާއެކީ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް މިކަންކަން ކުރެވިގެން މިދަނީ. އަޅުގަނޑުމެން ހަމަ ސެކްރިފައިޒްތަކެއް، ނޫނީ ޤުރްބާނީތަކެއްވެސް ވަމުން، ސަރުކާރުގެ އިޤްތިޞާދު ރަނގަޅުކުރަން ކުރާ މަސައްކަތް ކުރަނީ. ބަޖެޓްގެ މަސައްކަތް ރަނގަޅު ކުރަން ކުރާ މަސައްކަތްތައް ކުރަނީ. ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ދޭން ނޫނީ ލިބެންވާ ހުރިހާ އަސާސީ ޚިދްމަތެއް ދިނުމަށް، އިޤްތިޞާދު ރަނގަޅު ކުރުމަށް. ދެންވެސް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަންތައްތައް ރަނގަޅު ކުރުމަށް. އެހެން ނަމަވެސް، އެކި ސަރުކާރަށް މިކަންކަން ކުރެވޭއިރު، އެކި މިންވަރަށްކަންނޭނގެ ކުރެވޭނީ.
 
އަޅުގަނޑުމެން ހަމަ އުފަލާއެކީ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންވެސް މިތިބީ ރައްޔިތުންގެ ޚިދްމަތުގައި. އަޅުގަނޑުމެންނަށް ކޮށްދެވޭ ކަންތައްތަކެއް ކޮށްދެވޭތޯ ބަލަމުންދާއިރުވެސް މީގައި އެންމެ މުހިންމު ކަމަކީ، މިވަގުތު ދިވެހިރާއްޖެ އޮތް ހިސާބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރަން ވަރުގަދަ މަސައްކަތްތަކެއް ނުކުރާކަމަށްވަންޏާ، އަޅުގަނޑުމެން އަތްނުފޯރާ ހިސާބަށް ނޫނިއްޔާ އަޅުގަނޑުމެންނަށް އަނބުރާ އަތުނުލެވޭ ހިސާބަށް ދިވެހިރާއްޖޭގެ ޙާލަތު ސޮއްސާލައިގެންދާނެ. އެހެންވީމާ، މިހާރު މަޖުބޫރުވޭ، ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރަން ކުރާ މަސައްކަތް. އަމިއްލަ މީހަކު، ވިޔަފާރިކުރާ މީހަކުވިޔަސް އަދި ނޫނިއްޔާ މުސާރައެއް އެއީ އޭނަގެ ބަޖެޓް ކަމަށް ހަދައިގެން އުޅޭ މީހަކުވެސް، ކުރާ މަސައްކަތުގައި ހަމަ ވަރަށް ރަނގަޅަށް އެނގިގެންދާނެ، ފައިސާ ހޯދަން ބޭނުންވަނީ ކީއްވެގެންތޯ؟  އެ ތަފްޞީލަކަށެއްވެސް ދާކަށެއް ނޫން. ފުދުންތެރި ބަޔަކަށްވުން އެއީ، ކޮންމެ ބަޔަކުވެސް ބޭނުންވާނެ ކަމެއް. ފުދުންތެރި ބަޔަކަށްވުމަކީ އެއްގޮތަކަށްވެސް ދިވެހިރާއްޖެއަށް ބޭނުންވާ ނޫނީ ދިވެހިރާއްޖެ އިމްޕޯޓްކުރާ ހުރިހާ ސާމާނު ދިވެހިރާއްޖޭގައި އުފައްދާ ވާހަކައެއްވެސް ނޫން. އުފައްދާކަށް ނުވެސްޖެހޭ، ނުވެސް އުފެއްދޭނެ. އެހެން ނަމަވެސް، އެކަންކަން ކުރުމަށް، އެ ތަކެތި އުފައްދަން ބޭނުންވާ ނޫނިއްޔާ ތަކެތި އިމްޕޯޓް ކުރަން ބޭނުންވާ ފައިސާ ލިބޭނެ، އާމްދަނީ ލިބޭނެ ވަސީލަތްތަކެއް އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުކުރެވިއްޖިއްޔާ، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުވީ. ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެބޮޑު ޞިނާޢަތު ތަމްސީލުކޮށްދެއްވާ ބޭފުޅަކު، ދެންމެ އެ ވާހަކަފުޅު ދެއްކެވީ. އެމް.ޑީ.އޭ.ގެ ޗެއަރމަން ޝިޔާމް. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތްތައް އިތުރުކުރަން ކުރާ މަސައްކަތް ކުރުމާއި، ނެތް ވަސީލަތް އުފެއްދޭތޯ ބަލަން ކުރާ މަސައްކަތް. ނެތް ވަސީލަތް އުފެއްދުމަކީ ޙަޤީޤަތުގައި މީގައި އޮތް އެންމެބޮޑު ގޮންޖެހުން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ވަސީލަތްތަކުގެ ތެރޭގައި ޓުއަރިޒަމްގެ ރަށްރަށް ހިމެނޭއިރު، ދެން ވިސްނާލަންވީ އަޅުގަނޑުމެންނަށް ޓުއަރިޒަމްގެ ރަށްރަށް އިތުރުކުރެވޭނެ ގޮތްތަކަކާ ދޭތެރޭގައި. އެ ނެތް ވަސީލަތް އުފެއްދިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެ ކުރެވެނީ ހަމަ އިޤްތިޞާދީ ގޮތުން ވަރަށް ވަރުގަދަ ރަނގަޅު މަސައްކަތެއް. ޚަރަދުކުޑަކުރަން ދަސްކުރުމަކީ ކުރެވިދާނެ ކަމެއް. އެކަމަކު އިތުރު އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ އެއަށްވުރެ ދަތިކަމެއް.
 
އެހެންވީމާ، ވަސީލަތްތަކެއް ހުރެއްޖެ ކަމަށްވަންޏާ، ވަސީލަތްތައް އެކި އަގުގައި، ނުއަގުގައިވެސް ބޭނުންކުރުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް. އަޅުގަނޑުމެންނަށް ހަމަ ފެނިގެން އެބަދޭ ދޮއެއްތޯ؟ ނަރުދަމާއެއް ރަށެއްގައި އަޅާލުމަށްޓަކައި ރިޒޯޓް ހަދަން ބިމެއް ދޭ ތަން. އަޅުގަނޑުމެންނަށް އެބަ ފެނޭ، ދަތުރުފަތުރުގެ ނިޒާމު ޤާއިމުކުރުމަށް، ޝައްކެއްވެސްނެތްގޮތުގައި ބޭނުން ކަންތައް. އެކަމަކު އޭރުގެ ސަރުކާރުގެ ވިސްނުމާއި، އޭރުގެ ތަނަވަސްކަން ހުރި މިންވަރު އެއީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ. އަޅުގަނޑު އެއްގޮތަކަށްވެސް ކުރީގެ ސަރުކާރުން ކުރައްވާފައި އޮތް ކަމަކަށް ފާޑުކިޔުމުގެ ގޮތުން ދަންނަވާ ވާހަކައެއް ނޫން މިއީކީ. އެކަމަކު އެކަންކަން ކުރާއިރު، އެކަން ކުރުމަށް ބޭނުންވާ ޚަރަދަކީ ގާތްގަނޑަކަށް ދެ މިލިއަން، ތިން މިލިއަން ޑޮލަރު ކަމަށްވަންޏާ، އެކަން އެވަގުތު ކުރެވޭނެ ގޮތެއް ނެތިގެން ރިޒޯޓެއް ހަދަން އޮންނަ ރަށެއް، ވަރަށްބޮޑު ރަށެއް، ވަރަށް ރީތި ރަށެއް ދޫކޮށްލަފާނެ. އެ ދޫކޮށްލާއިރު މީގައި ވިސްނާލަންޖެހޭ ކަމަކީ، އެ ރަށް ރިޒޯޓެއްގެ ގޮތަށް ދޫކޮށްފި ކަމަށްވަންޏާ، ސަރުކާރަށް ލިބޭ އާމްދަނީތޯ ރަނގަޅީ. ނޫނިއްޔާ އެވަގުތު އެ ބޭނުންވާ ނަރުދަމާއެއް އެނޫން ގޮތެއް ނެތީމަ، ތިން ހަތަރު މިލިއަން ޑޮލަރު ޚަރަދު ކުރަންޖެހޭ ކަމަކަށް، 20 އަހަރު، 25 އަހަރުގެ ތެރޭގައި ސަރުކާރުގެ މާލިއްޔަތަށް 40، 50 މިލިއަން ޑޮލަރު ލިބޭ އެއްޗެއް، އެގޮތުގައި ދޫކޮށްލާނީތޯ؟
 
މިހާ ހިސާބަށް ކަންތައްތައް ދިޔައީމަ މި ދަންނަވަނީ، އަޅުގަނޑުމެން ވަސީލަތްތައް ހޯދަން، އިތުރު ވަސީލަތް ހޯދަން މަސައްކަތް ކުރަން އެބަޖެހެޔޭ. މިއަދުގެ ސަރުކާރުން މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ބޭނުމެއްނުވޭ، އެކަންކަން އެގޮތަށް ކުރާކަށެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންގެ މުޅި ޞިނާޢަތު ބިނާވެފައި މިއޮތީ، ނޫނީ އިޤްތިޞާދު ބިނާވެފައި މިއޮތީ ހަމަ އެންމެ ޞިނާޢަތަކަށް. މަސްވެރިކަމާ ދޭތެރޭގައި އެއްވެސް ގޮތަކަށް ބަދުނާމު ބަހެއް ބުނަނީކީ ނޫން. ނޫނިއްޔާ ދެރަވަރު ބަހެއް ބުނާކަށެއްވެސް ނޫން. އެކަމަކު އަޅުގަނޑުމެންނަށް އާމްދަނީ ލިބޭ އެންމެ ބޮޑު ޞިނާޢަތެއްގެ ގޮތުގައި މިއޮތީ ޓުއަރޒަމް. ޓުއަރިޒަމްގެ ތެރޭގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އިތުރު ރިޒޯޓް ހަދާ މީހުންނަށް ރިޒޯޓް ހެދޭނެ ގޮތްތައް ފަސޭހަކޮށްދޭން އެބަޖެހޭ. އެ ބީދައިން ވާހަކަފުޅު ދައްކަވަމުން، ޝިޔާމް އެ ދެއްކެވީ ބޭންކް އިންޓަރެސްޓް ރޭޓް ކުޑަވެގެން ދިޔައީމަ، ވާނެ ފައިދާއާއި އަދި ރައްޔިތުންގެ ޚިދްމަތުގައި ރައްޔިތުންނަށް ކަންތައްތައް ކޮށްދޭ ފަރާތުން. މީގެތެރޭގައި ފެނަކާވެސް ހިމެނޭގޮތަށް. ފެނަކާއިންވެސް މިކަންކަން ކުރާއިރު، މިރަށުގައި އިންޖީނުގެ ހަދާއިރު ފެނަކާއަށްވެސް ހަމަ ބަޖެޓެއް އޮންނާނެ. އާމްދަނީ ލިބޭނެ ގޮތްތަކެއް ފެނަކަ ހޯދަން އެބަޖެހޭ. އެހެންވީމާ، އިންޓްރެސްޓް ރޭޓް ކުޑަވެގެންދާ ކަމަށްވަންޏާ، ފެނަކާއިން ލޯނު ނަގައިގެން ކުރާ ކަންތައް ކުރާއިރު، ފެނަކާއަށް ޚަރަދު ކުޑަވެގެންދޭ. ފެނަކާގެ ޚަރަދު ކުޑަވެގެންދާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ފެނަކާއިން ކަރަންޓަށް ނަގާ އަގުވެސް ކުޑަވެގެންދާންވާނެ ދޮއެއްތޯ. އެއީ، އިޤްތިޞާދުގައި ފުދުންތެރިކަން އިތުރުކުރަން މިކުރާ ކަންކަމަކީ. އަޅުގަނޑުމެން ސަރުކާރުންވެސް މިކުރާ މަސައްކަތަކީ، މީގައި އާ ކަންތައްތަކެއް ފެނޭތޯ، ހޯދޭތޯ ކުރާ މަސައްކަތް. ކުރާއިރު ހަމަ އެބަޖެހޭ، ކުރީގައި ދިޔަ ބައެއް ކަންތައްތަކާ ދޭތެރޭގައި ވިސްނާފައި، އަލުން މުރާޖަޢާކޮށްފައި، އަޅުގަނޑުމެން ހިނގަމުންދިޔަގޮތް ބަދަލުކޮށްލާފައި، ތަފާތު ގޮތަކަށް ކުރަން އެބަޖެހޭ. ބައެއް ދިމަދިމައިގައި މިވަގުތު އެހެރީ ދަތުރުފަތުރު. އޭރު އޮތް ނިޒާމު ނުހިނގައިގެން ހުއްޓިފައި. އެކަމަކު އޭގެ ބަދަލުގައި ދަތުރުފަތުރުގެ އެހެން ނިޒާމުތަކެއްވެސް އެބަ އަންނަންޖެހޭ. ދެން އެކަން ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާއިރު، ހަމަ އަޅުގަނޑުމެންވެސް ހަމަ ވިސްނާފައި ނޫނީ އެކަންކަން ކުރެވެން ނެތީ.
 
ދަންނަވަން މިއުޅޭ ވާހަކައަކީ، އިޤްތިޞާދީ ގޮތުން ކުރިއަށްދާން މިކުރާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި ހަމަ ވަރަށް ބޭނުންތެރި، ނޫނިއްޔާ ދިވެހިރާއްޖެ މިއަދު މިއޮތް ޙާލަތުން އެންމެ ބޭނުންތެރި މަސައްކަތޭ. އެކަމަކު އެކަން ކުރުމުގައި ގޮންޖެހުންތަކެއްވެސް ހުންނާނެ، ދަތިތަކެއްވެސް ހުންނާނެ. މިރަށުގައި ހުރެގެން އަޅުގަނޑު ވާހަކަ ދައްކާއިރު، އިންޖީނަކީ މިވަގުތު ބޭނުންވެފައި އޮތް އެންމެ ބޮޑު އެއްކަންތައް. އެހެން ނަމަވެސް، މިވަރުގެ އާބާދީއެއް ދިރިއުޅޭ ރަށެއްގައި ކަމަށްވަންޏާ، ހަމައެކަނި ކަރަންޓް ލިބިގެނެއް ނުއެއްފުދޭ. މިރަށުގައި މިހާރު ބޭނުންވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، ރައްކާތެރި ބޯފެން ލިބޭނެގޮތެއް އެބަ ހަދަންޖެހޭ. ނަރުދަމާގެ ނިޒާމެއް އެބަ ޤާއިމުކުރެވެންޖެހޭ. ދެން އަޅުގަނޑަށް އެނގޭ، މިރަށުގެ ފަރާތުން ވާހަކަފުޅު ދައްކަވާނެ ބޭފުޅަކަށް ފުރްޞަތު ލިބުނުނަމަ، ހަމަ މީގެ ދިގު ލިސްޓެއް ވިދާޅުވެދެއްވާނެ. އެހެން ނަމަވެސް އޭގެކުރިން އަޅުގަނޑު ބައެއް ސުވާލުތަކަށް މީގައި ހަމަ ޖަވާބު އެރުވުމުގެ ގޮތުން މި ވާހަކަ މި ދަންނަވަނީ. މިތާ މި އިންނެވީ އަޅުގަނޑުމެންގެ އެންވަޔަރަންމަންޓާއި އެނަރޖީ މިނިސްޓަރު. މިހާރު މި ދެ މަޝްރޫޢުވެސް ގޮސްފައި އޮތް ހިސާބުން ވެއްޖިއްޔާ، މި ދެ މަޝްރޫޢުގެވެސް މަސައްކަތްތައް މިއޮތީ ފެށިފައި. ފެނާއި ނަރުދަމާ ޑިޒައިން ކުރުމުގެ މަސައްކަތްތައް އޮތީ ފެށިފައި. ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް، އިސްކަން ދެއްވައިގެން އެ ކުރައްވަނީ. އިރާދަކުރެއްވިއްޔާ، ހަމަ މިއަހަރުގެ ތެރޭގައި މަސައްކަތް ފެށޭތޯ. މިއަންނަ އަހަރުގެ ތެރޭގައި، ރައްކާތެރިކަމާއެކީ ބޯފެން ލިބޭނެ އިންތިޒާމު، މިއަހަރު ނޫނިއްޔާ މިއަންނަ އަހަރު ކުރީކޮޅު ހަމަޖެއްސޭތޯ ސަރުކާރުން މަސައްކަތް ކުރަނީ.
 
މިކުރެވޭ މަސައްކަތުގައި ޙަޤީޤަތުގައި ކްރެޑިޓް ލިބެން ޖެހެނީކީ އަޅުގަނޑަކަށެއް ނޫން. އަޅުގަނޑަކީ ސަރުކާރު ހިންގަން މިވަގުތު ޙަވާލުވެ ހުރި މީހާ ކަމަށްވެދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނާއެކީ މި މަސައްކަތް ކުރައްވަނީ މިހާރު ވަރަށް ފޯރިއާއެކީ މަސައްކަތްކުރާ ޓީމެއް. ކެބިނެޓްގައި މި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ އަވަދިނެތި، ހަމަ އެބޭފުޅުންގެ އަމިއްލަ މަސައްކަތެއް ކަމަށް ގަބޫލުކުރައްވައިގެން މިކަންތައްތައް ކުރައްވަނީ. އެހެންވާންޖެހޭ ސަބަބަކީ، މިހާރު ރާއްޖޭގެ ސިޔާސީ ޙާލަތަށް އައިސްފައި އޮތް ބަދަލު. ސިޔާސީގޮތުން މަޤާމެއް ހޯދަން ބޭނުންވާ ކަމަށްވަންޏާ، މިއަދު އެބަ އެނގޭ، ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ، ޚިދްމަތްތަކެއް ކޮށްދޭ ބަޔަކު ނޫން ބަޔަކު އައިސް ގޮނޑިގޮނޑީގައި ތިބޭކަށެއް. އެއީ ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން އޮފީހުގެ ސެކްރެޓަރީންނާ ހަމަޔަށް އެކަން އޮތްގޮތް. އެހެންވެގެން ކޮންމެ ސަރުކާރަކުންވެސް ރިޔާސީ އިންތިޚާބު އަންނައިރު، އެ މޫސުމުގެ ތެރޭގައި ރައްޔިތުންނަށް އެކިއެކި ކަންތައްތައް ކޮށްދިނުމުގެ ވާހަކަ މި ދައްކަނީ. އޭގެތެރެއިން ގިނަ ކަންތައްތައް ކޮށްދެވޭތޯ، އެ ސަރުކާރެއް އޮވެއްޖެ ކަމަށްވަންޏާ، މަސައްކަތް ކުރަންވާނެ. އެހެންވީމާ، ސަރުކާރުގެ ވަޒީރުންވެސް، ވަޒީރުކަމުގައި ތިއްބަވަން ބޭނުންފުޅުވާ ކަމަށްވަންޏާ، އެބޭފުޅުންވެސް ހަމަ އެބަޖެހޭ މިކަންކަން ކޮށްދެއްވަން. އަދި މިހާރު އަޅުގަނޑާއެކީ ޚިދްމަތް ކުރައްވަމުން މިގެންދަވާ ކެބިނެޓްގައި މި ތިއްބެވީ ވަރަށް ޤާބިލު ބޭފުޅުންކޮޅެއް. ހަމަ ވަރަށް ބުރަކޮށް އަވަދިނެތި މަސައްކަތް ކުރައްވާ ބޭފުޅުންކޮޅެއް. އެހެންވީމާ، އެބޭފުޅުންވެސް އެކުރައްވާ މަސައްކަތަކީ ޙަޤީޤަތުގައި އަމިއްލަ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވައިގެން، އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމަށް އައުމަށް ރައްޔިތުންނާ ދެއްކި ވާހަކަތައް، އެކި ދާއިރާއިން ކޮށްދޭން ބުނި ކަންތައްތަކުގެ، ވަޢުދުތަކުގެ ކަންތައްތައް ފުއްދައިދެވޭތޯ ބައްލަވަނީ.
 
އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ވާހަކަ، ފަހަރުގައި ވެދާނެކަންނޭނގެ އެހާ ރަނގަޅަށް ރައްޔިތުންނަށް އެނގޭވަރަށް، ނޫނިއްޔާ ރައްޔިތުންނަށް ތިލަކޮށް އެވާހަކަ ދަންނަވައި ނުދެވެނީ ކަމަށް. އަޅުގަނޑުމެން މިއަދު މި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މިކުރާ ކަމަކީ، ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓް ލިބޭނެގޮތް ކަށަވަރުކޮށްދިނުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ކުރަމުން. އެކަން ކޮށްދެއްވަނީ ފެނަކާގެ ފަރާތުން. ހަމަ ފެނަކާގެ ޓީމަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، ޝުކުރު ދަންނަވަން. ކަރަންޓްގެ ޙާލަތަށް، މިރަށުގެ ޙާލަތު އެކަނި އޮތް ހިސާބަށް ވިސްނާލާފައި، މިސާލަކަށް، މިރަށުގެ ކުރީގެ ކަތީބު ގެންގުޅުއްވި ދެ ކިލޯ ވޯޓުގެ ޖެނެރޭޓަރެއް، ފަހުން ފަސް ކިލޯ ވޯޓަށް ބަދަލުވެގެންދިޔައީ. ފަހުން 5 ކިލޯގެ ދޭއްޗަށް ބަދަލުވެގެންދިޔައީ. ދެން މިއައި ބަދަލުތަކަށް ބަލާކަމަށްވަންޏާ، މިރަށުގެ ރައްޔިތުން ތަޙައްމަލްކުރި ދަތި، ހަމައެކަނި މިރަށުގެ ކަރަންޓްގެ ޙާލަތުން އަޅުގަނޑުމެންނަށް އެބަ އިޙްސާސްވޭ.
 
ހަމައެގޮތަށް އަޅުގަނޑު ވާހަކަ ދައްކަމުން މިގެންދާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ދިމާއަކަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަކީ، ހުރިހާ ސަރުކާރަކުންވެސް އިސް އަމާޒެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމެއް. އެކަމަކު ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ކޮންމެ ރަށަކަށް ބޭނުންވާ އެންމެ ފުރިހަމަ ޞިއްޙީ ފަރުވާއެއް، އަޅުގަނޑުމެންގެ އާމްދަނީން މިހާރު ލިބޭ މިންވަރަށް ބަލާކަމަށްވަންޏާ، އެއީ ކޮށްދެވޭނެ ކަމެއް ނޫން. އެހެންވީމާ، އެކަން ކުރެވޭނެ ކޮންމެވެސްކަހަލަ ނިޒާމުތަކެއް އެބަ ހަމަޖައްސަންޖެހޭ. އެ ނިޒާމުތައް ހަމަޖައްސާއިރު، އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން، އެންމެ ޚަރަދުކުޑަކޮށް އަދި ރައްޔިތުންނަށް މީގެ އުނދަގޫތަކެއް އުފުލަންނުޖެހި ކުރެވޭނެގޮތެއް ކަމަށް ނޫނިއްޔާ އުފުލަންޖެހޭ އުނދަގުލަކީ ކުޑަ އުނދަގުލެއްގޮތަށް ކުރެވޭނެ ގޮތެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރީ، ހަމަ ޞިއްޙީ މަރްކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމާއެކީ، ސަރަޙައްދީ ހަސްފަތާލުތަކުގެ ފެންވަރު ރަނގަޅުކޮށްފައި، ދެން އެއްރަށުން އަނެއް ރަށަށް ކޮންމެހެން އުފުލަންޖެހޭ މީހުން އުފުލުމުގައި އެމްބިއުލޯންޗް ސަރވިސްތަކެއް ތަޢާރުފް ކުރުން. ހަމަ އެ އުފަލާއެކީ އަޅުގަނޑު ދަންނަވާލާނީ، މިއަހަރު ނިޔަލަށްދާއިރު، އަޅުގަނޑުމެން އޭރު ދެންނެވި ހުރިހާ އަތޮޅުތަކަށް އެމްބިއުލޯންޗް ތަޢާރުފްކޮށް އެ ނިމުނީ. މިހާރު އެހެރީ ވަރަށްގިނަ އަތޮޅުތަކުގައި އެކަން ކުރެވިފައި. ދެންހުރި އަތޮޅު، ތިން ހަތަރު އަތޮޅެއް ބާކީއޮތް. މިއަހަރުގެ ނިޔަލަށް ދާންވާއިރަށް އެކަން ކުރެވޭނެ.
 
އެހެންވީމާ، އިންޖީނެއްވެސް ހަލާކުނުކޮށް މަރާމާތުކޮށްގެން ބެލެހެއްޓޭ ކަމަށްވަންޏާ، ލޯންޗެއްވެސް ހަލާކުނުކޮށް މަރާމާތުކޮށްގެން އަދި ފަރަށް ނާރުވައި ދުއްވޭކަމަށްވަންޏާ، މި ޚިދްމަތް ހަމަ ދާއިމީކޮށް ލިބެމުންދާންވާނެ. އެހެން ނަމަވެސް، އިންޖީނުވެސް މާދަމާ ހަލާކުވެފައި، ބަޑި ގޮވާފައި، ލޯންޗްވެސް ފަރަށް އަރައިފި ކަމަށްވަންޏާ، އަނެއްކާވެސް މަރާމާތު ކުރަންދާ ވަގުތެއް މަރާމާތަށް ދާނީ. 24 ގަޑިއިރު ކަރަންޓް ޔަޤީންކޮށްދިނުމަކީ، ދިމާވާ އެކްސިޑެންޓަކުން އެއްގޮތަކަށްވެސް ކަރަންޓްނެތި ނުދާނެއޭ ބުނުމެއް ނޫން. 24 ގަޑިއިރު ކަރަންޓް ޔަޤީންކޮށްދިނުމަކީ، އިންޖީނު ރަނގަޅަށް ހިނގަމުންދާ ކަމަށްވަންޏާ، އެ ރަށުގައި 24 ގަޑިއިރު ހުންނާނެ. އެ ވާހަކަވެސް އެގޮތަށް ދައްކަންޖެހޭ ސަބަބަކީ، ލަންދޫގައި ހަމަ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އިންޖީނުގެ ހަދައިގެންދިޔައިރު، ރޭގަނޑު 6 ން 10 އަށް، ނޫނިއްޔާ ރޭގަނޑު 6ން 12 އަށް. ދެން ހުންނާނީ ކަރަންޓް ކަނޑާލާފައި. ދުވާލު ގަޑިގަޑީގައި ނުލިބި ހިނގައިދާނެ. މިކަހަލަ އާދައިގެ ޙާލަތެއްގައި އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގައި ކަރަންޓްގެ ކަންތައްތައް އޮތީ. އެހެންވީމާ، އޭގެ ބަދަލުގައި 24 ގަޑިއިރު ކަރަންޓް ދިނުމުގެ މާނައަކީ، ކޮންމެ އިރަކުވެސް ކަރަންޓް ލިބެން ހުންނާނެއޭ. އެކަމަކު އިންޖީނަށް ގެއްލުމެއް ލިބިއްޖެ ކަމަށްވަންޏާ، ކެނޑިގެންދާ ވަގުތެއްގައި ކެނޑޭނެ ދޮއެއްތޯ.
 
ހަމަ މި ވާހަކަ އަޅުގަނޑުމެން ދައްކަމުންދާއިރު، އަޅުގަނޑުމެންނަށް ހަމަ މިއަތޮޅުން އެންމެ ފުރަތަމަ އަޅުގަނޑު ކެމްޕޭން ދަތުރުތައް ކުރިއިރު، އަޅުގަނޑުމެންނަށް އެނގިގެންދިޔައީ، ރަށްރަށުގައި ބޭސްފިހާރަތައް ހުރިލެއް މަދުކަމުން، ބޭސްފިހާރައިން ލިބޭ ބޭސް، ފުރަތަމަ ކަމަކީ ހުރިހާ ބޭހެއް ނުއެއްލިބޭ. ދެވަނަ ކަމަކީ ލިބޭ ކޮންމެ ބޭހެއް ލިބެނީ، މާލެއާ ނުބައްދަލު އަގެއްގައި. ވަރަށް އަގުބޮޑުކޮށް ލިބެނީ. އެހެންވީމާ، އަމިއްލަ ވިޔަފާރިވެރިން ވިޔަފާރި ކުރި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކަށްވީ، ސަރުކާރުގެ ކުންފުނިންވެސް، އެސް.ޓީ.އޯ މެދުވެރިކޮށްގެން ހަމަ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވާނަމޭ. މިއަހަރުގެ އޮކްޓޫބަރު މަސް، މިހާރު އަޅުގަނޑުމެން ސެޕްޓެންބަރުގެ ކުރީކޮޅުގައި މިތިބީ. މިއަހަރުގެ އޮކްޓޫބަރު މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ، ރާއްޖޭގެ މީހުން ދިރިއުޅޭ 193 ރަށުގައި، ކޮންމެ ރަށެއްގައި އެސް.ޓީ.އޯ.ގެ ފާމަސީއެއް ހުންނާނެ. އެހެންވީމާ، މިއީ ރައްޔިތުންނަށް ބޭނުންވާ މިދެންނެވި ކަހަލަ ބޭނުންތައް ފުއްދައިދޭން އަޅުގަނޑުމެން ކުރާ މަސައްކަތް. މި މަސައްކަތަކީ ބޮޑެތި ހޭދަތަކެއް ކޮށްގެން ކުރާ މަސައްކަތް. އެކަމަކު މިއިން ކޮންމެ ތަނެއްގައި، އެސް.ޓީ.އޯ. އިންވެސް ކޮންމެ ތަނެއްގައި ފިހާރައެއް ބިނާކޮށް، މިކަން ކުރަން ދިމާކޮށްފި ކަމަށްވަންޏާ، ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެ. ފިހާރަ ކުއްޔަށް ލިބެންހުރި ތަންތަނުން ފިހާރަ ކުއްޔަށް ނަގާނީ. އެނޫން ގޮތަކަށް ހުރި ތަންތަނުގައި ވެއްޖިއްޔާ ޢިމާރާތް ކުރާނީ. އެހެންވެގެން ދިގު ވަގުތު މި ނަގަނީ. އެކަމަކު ﷲގެ ރަޙްމަތާއެކީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ އޮކްޓޫބަރާ ހަމަޔަށް ދާންވާއިރަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީތައް މި ހަމަޖެހިގެންދިޔައީ.
 
ދެން ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އިންތިޚާބުގެ ތެރޭގައި އަޅުގަނޑާއެކީ، އަޅުގަނޑުގެ އަޚު ޝިޔާމް ހަމަ ވަރަށްގިނަ ރަށްރަށަށް ދަތުރުކުރެއްވި. ޚާއްޞަކޮށް، ނ. އަތޮޅުގެ ހަމަ ހުރިހާ ރަށަކަށް އަޅުގަނޑުމެން ދަތުރުކުރީމު. ޝިޔާމްގެ ވާހަކަފުޅުގައި އޭރުވެސް ހަމަ އެމަނިކުފާނުވެސް ހަމަ ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވަން، ނޫނިއްޔާ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދެއްވަން ބޭނުންވިލެއް ބޮޑުކަމުން، އެ ވާހަކަފުޅު ދައްކަވަމުން ގެންދެވި. ހުރިހާ ރަށެއްގައިވެސް ޕްރީސްކޫލް ތަޢުލީމަކީ ހިލޭ ދޭ ތަޢުލީމެއް ކަމަށް ހަމަޖައްސާނަމޭ. ދެން ސަރުކާރުގެ ތެރެއިން މިކަން ކުރަން ވަގުތުތަކެއް ނަގާތީއާއި އަދި މިކަން ނުވެގެން ދިޔައީމަ، ޝިޔާމް ބައެއް ދާއިރާތަކުގައި އަމިއްލަ ޚަރަދު ކުރައްވައިގެން، އެކަން ކުރައްވަމުން ގެންދެވީ. އެހެން ނަމަވެސް، އެއީކީއެއް ނިޒާމީ ތަޢުލީމު ދެވޭ ގޮތަކަށް، މުޅި ރާއްޖޭގެ ހުރިހާ ތަނަކަށް ޢާންމު ކުރެވޭނެ ކަމަކަށްނުވާތީ، އަޅުގަނޑުމެން މިހާރު ސަރުކާރުގެ ތެރޭގައި ވާހަކަ ދައްކާފައި، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުން ފެށިގެން، މި އަންނަ އަހަރުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި، މިހާރު ރާއްޖެތެރޭގެ ހުރިހާ ދިމާއެއްގައި މި ދެވޭ ޕްރީސްކޫލް ތަޢުލީމަކީ ހަމަ ސަރުކާރުން ދޭ ޕްރީސްކޫލް ތަޢުލީމަށް އެއޮތީ ހަދަން އަޅުގަނޑުމެން ނިންމާފައި. އިރާދަކުރެއްވިއްޔާ އެކަން ހަމަ އެގޮތަށް ހިނގާނެ.
 
އެހެންވީމާ، މި ހުންނަނީ ޙަޤީޤަތުގައިވެސް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް. އެކަމަކު މިކަންކަން ކުރަމުންދާއިރު، އޭގެ މާނައަކީ އަޅުގަނޑުމެން ބޭނުންވާ ބޮޑު ފަރުވާއާ ހަމަ ނުކުރެވި ހިނގައިދާނެ ދޮއެއްތޯ. އެކަމަކު އެ ފަރުވާއަށް އެޑްރެސް ކުރުމަށްޓަކައިވެސް އާސަންދައާއި އެންސްޕާގެ ތެރެއިން މަސައްކަތްތަކެއް ކުރެވެމުން އެދަނީ. މިހުރިހާ ކަމެއް ކުރުމަކީ ހަމަ ގިނަ ވަގުތުތައްވެސް ނަގާ ކަންތައްތައް. ޚަރަދުވެސް، ހޭދަވެސް ހިނގާ ކަންކަން. އެކަމަކުވެސް ޒުވާނުންނަށް، ކުޅިވަރުތަކުގައި އުޅޭ ކުދިންނަށް އަޅުގަނޑުމެން ހަމަ ދަންނަވާ ވާހަކައަކީ، މިހާރު ޚާއްޞަކޮށް، ކުޅިވަރުތަކުގައި މި ސަސްޓެއިންކުރާ އެންޖަރީއަށް، ސްޕޯޓިންގގައި އުޅޭއިރު، ކުޅިވަރު ކުޅޭއިރު ދިމާވާ އެކިއެކި ކަންތައްތަކަށް، ކޮންމެ ފަރުވާއަކަށް އަޅުގަނޑުމެން އެއޮތީ އާސަންދައިގެ ތެރެއިން ކަށަވަރުކޮށްދީފައި. އެއީ ވަރިހަމަ، ކަކުލު ހުޅު ގޭނިގެން ބަދަލުކުރަންޖެހުނަސް. ނޫނިއްޔާ އެމްޕިޔުޓޭޓް ކުރަންޖެހުނަސް. އެހެން ކަމެއް ކުރަންވިޔަސް. އިރާދަކުރެއްވިއްޔާ އެއޮތީ އެކަން ކޮށްފައި. ދެން އަޅުގަނޑު އެދެނީ، އެއްވެސް އެތްލީޓެއް އެމްޕިޔުޓޭޓް ކުރަން ނުޖެހުން ދޮއެއްތޯ. އެއީކީ ރަނގަޅުގޮތަކަށް ނުވާނެ. އެހެން ނަމަވެސް މިދަންނަވަނީ، ޚާއްޞަ ގޮތްތަކެއް މިކަންކަމުގައި ނެރެދިނިން. ޒުވާނުންނަށް ބޭނުންވާ ކަންތައްތައް، މިރަށުގައި ހުރެގެން ވާހަކަ ދައްކާއިރު، ފުޓްސެލް ދަނޑުގެ ވާހަކަ، އިރާދަކުރެއްވިއްޔާ ފުޓްސެލް ދަނޑެއް ވަރަށް އަވަހަށް މިރަށުގައި ހަމަޖެހިގެންދާނެ. މިހާރު ޒުވާނުންގެ ބޯޅަދަނޑުގައި، އޭރު އަޅުގަނޑަށް އެނގިފައި އޮތީ، މިރަށުން ބޭނުންވަނީ ޗޭންޖިންގ ރޫމަކާ އެއްޗެހި ހަދާށޭ. އެ ފައިސާ މިހާރުވަނީ ކައުންސިލާ ޙަވާލުކޮށްފައި.
 
އެހެންވީމާ، ލަންދޫ ކަހަލަ އާބާދީގެ ގޮތުން މެދު ނޫނިއްޔާ ކުދި ރަށްރަށުގައިވެސް ހަމަ އިރާދަކުރެއްވިއްޔާ މިކަންކަންވާނެ. މިކަންކަން ކުރުމުގައި އެކަމަކު ހަމަ ރައްޔިތުންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވަން އެބަޖެހޭ. އެހެން މިދެންނެވީ، ބައެއް ރަށްރަށުގައި މީގެކުރިން ދިމާވާ ކަމަކީ، ކައުންސިލްގައި ތިއްބަވާ ބޭފުޅުންގެ ޚިޔާލާއި، ސަރުކާރު ހިންގަން ތިބޭ ބައެއްގެ ސިޔާސީ ޚިޔާލު ތަފާތުވެއްޖެ ކަމަށްވަންޏާ، މުޅި ރަށުގެ ރައްޔިތުންނަށް، ތަރައްޤީއަށް ހުންނަ ކަންތައްތަކުގައިވެސް ތަރައްޤީނުވެ ދަނީ ދޮއެއްތޯ. އެކަމަކު ރައްޔިތުންގެ ބޭނުމަކަށް ކުރެވޭ ކޮންމެ ކަމެއްގައި، ކޮންމެ ޚިޔާލެއްގައި، ކޮންމެ ފިކުރެއްގައި ރަށްރަށުގެ ވެރިން ތިއްބެވި ނަމަވެސް، އެކަންކަމަށް ހުރަސްނޭޅުއްވުމަކީ އަޅުގަނޑުގެ އިލްތިމާސެއް. އެކަންކަމަށް ހުރަސްއެޅީމަ، ޙަޤީޤަތުގައި ރައްޔިތުންނަށް އެއިން ގެއްލުންވެގެންދާނީ ދޮއެއްތޯ. އަޅުގަނޑުވެސް، އަޅުގަނޑުގެ ވިސްނުމުގައި ޕީ.ޕީ.އެމް.ގެ ޓިކެޓެއްގައި ވެރިކަމަށް އައިސްފައި، ޕީ.ޕީ.އެމް. މީހުން ދިރިއުޅޭ ތަންތަން ނޫން އެހެން ތަންތަނަށް ސަރުކާރުން ޚިދްމަތް ނުދޭން ނިންމައިފި ކަމަށްވަންޏާ، ހަމަ އޭގެ ދަތިވާނީ ރައްޔިތުންނަށް. އެހެންވީމާ، އަޅުގަނޑު މިއީކީ ޚިދްމަތް ދިނުމުގައި، އަޅުގަނޑުމެންގެ ސަރުކާރުން އަދި ކުރީގެ ސަރުކާރުތަކުންވެސް ޚިދްމަތް ދިނުމުގައި ރައްޔިތުންގެ ސިޔާސީ ފިކުރަކަށް، ރަށްރަށުގައި ތިބި މީހުންގެ ސިޔާސީ ފިކުރަކަށް ބަލައިގެން ނުވާނެ. އެއީކީ ރަނގަޅު ގޮތެއް ނޫން.
 
އެހެންވީމާ، ރަށްރަށުގެ ވެރިންވެސް، ރަށްރަށުގެ ވެރިންވެސް ސިޔާސީ ފިކުރު ތަފާތުވި ކަމުގައިވީނަމަވެސް، ކުޅިވަރު ކުޅޭ ކުދިންނަށް ބޭނުންވާ ދަނޑު ކަނޑައިދޭންޖެހޭނެ ވަގުތުން. ފުޓްސެލް ދަނޑު އަޅަން ބޭނުންވާ ބިންކޮޅުވެސް ހަމަ ވަގުތުން ހޯދައިދޭންޖެހޭނެ. އަދި ޒުވާނުންގެ އެހެން ޙަރަކާތްތަކަށް ބޭނުންވާ ކަންތައްތައް ކުރަންވެސް މަގުފަހިކޮށްދޭންވާނެ. އޭރުން ސަރުކާރެއް ހިނގާނީ. ސަރުކާރެއް ހިނގުމުގައި، ސިޔާސީގޮތުން ޚިޔާލުތަފާތުވެގެން، ނޫނީ އިންތިޚާބުވެފައި ތިބޭ މީހުން ކޮންމެ ކަމަކަށް އެއްބަޔަކު އަނެއް ބަޔަކަށް ދަތިކުރުމަކީ، އެއީކީ ޑިމޮކްރަސީއެއް ނޫން. އެއީކީ ޑިމޮކްރަސީއެއް ނޫން. ޑިމޮކްރަސީއަކީ ރައްޔިތުންނަށް ބޭނުންވާ، ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެއްބާރުލައިގެން، ރައްޔިތުންނަށް ކަންތައް ކޮށްދިނުން. އެކަންކަން ކޮށްނުދޭ ކަމަށްވަންޏާ، ދެން އަންނަ އިންތިޚާބެއްގައި އެމީހާ ނުހޮވޭނެ ދޮއެއްތޯ. ރައީސެއްވިޔަސް، ވަޒީރުންވިޔަސް، ކައުންސިލަރުންނަށްވިޔަސް، އެކަން އޮންނާނީ އެގޮތަށް.
 
އެހެންވީމާ، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރައްވާއިރު، އަޅުގަނޑުގެ އިލްތިމާސް މިއަދުވެސް ކޮށްލަން ބޭނުންވަނީ، ފެނަކާއިން މިކޮށްދޭ ކަމަކީ ހަމަ ވަރަށްގިނަ ރައްޔިތުންގެ ބޭނުމަށް ކުރެވޭ ކަންތައް. ފެނަކާއިން ރައްޔިތުންގެ އެހީއަށް އެދިގެން ބުނާ ކަންކަމުގައި އެހީތެރިވެވަޑައިގެންދެއްވާށޭ. އަޅުގަނޑުމެން ހަމަ މި ބޮޅަކަށްފަހު ބޮޅެއް އިތުރުކުރަމުން މިދަނީ. އެކަމަކު ފެނަކާއިން މިކުރާ މަސައްކަތުގައި، ރައްޔިތުންގެ ތަރުޙީބު، ރަށުން ނުލިބޭ ކަމަށްވަންޏާ، އެހާ ފަސޭހައެއް ނުވާނެ ކަންތައްތައް ކުރާކަށް ދޮއެއްތޯ. އެހެންވީމާ، ރައްޔިތުން އެބަޖެހޭ، މިކަހަލަ ކަންތައްތަކުގައި އެހީތެރިވާން. މިއީ، އެރަށުގެ ރައްޔިތުންގެ ކުރިމަގު ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ ކަންތައް. އާޚިރުގައި މިހުރިހާ ކަމެއް ވެގެން ދިޔައީމަ، އިރާދަކުރެއްވިއްޔާ ރައްޔިތުންނަކީ މިހާރަށްވުރެ އުފާފާގަތި ދިރިއުޅުމެއް ހޭދަކުރާނެ ފުރްޞަތުތަކެއް ލިބިގެންދާ ބަޔަކަށް ވެގެންދާނެ.
 
އަޅުގަނޑުގެ ވާހަކަކޮޅުވެސް ނިންމާލާނީ، ހަމަ ލަންދުއަށް މިކުރެވުނު ޒިޔާރަތުގައި، ލަންދޫގެ ހުރިހާ ރައްޔިތުން އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ތިއްބެވި ތިއްބެވުމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން. އަދި ހަމައެހެންމެ، އަޅުގަނޑަށް ނިމާލްގެ ފަރާތްޕުޅުން އެނގިފައި އޮތީ، ހަމަ މި އިންޖީނުގެ ހެދުމާ، މިކަންކަމުގައި ރައްޔިތުންގެ ފަރާތުން ހަމަ ވަރަށްބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް. އެކަމަށްޓަކައި ހަމަ ރައްޔިތުންނަށް ޝުކުރު ދަންނަވަން. އަދި އިރާދަކުރެއްވިއްޔާ، ހަމަ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައްޔިތުންގެ ފައިދާއާއި، ރައްޔިތުންގެ ކުރިއެރުމަށް ކުރާ މަސައްކަތް ކަމުގައި ލަންދޫގެ ރައްޔިތުންވެސް ގަބޫލުކުރައްވައިގެން، އެހެނިހެން ރައްޔިތުންނަށްވެސް މިވާހަކަ ވިސްނައިދެއްވައިގެން، ތަރައްޤީ ކުރަން، ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ކުރަން މިކުރާ މަސައްކަތުގައި ހަމަ އެއްވެސް ބަޔަކު، އެކަންކަމަށް ހުރަސްނާޅާނެ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުވެގެންދިޔުމަކީ، ސަރުކާރަށް ވަރަށް ފަސޭހަވެގެންދާނެ ކަމެއް. އެހެން ނޫނިއްޔާ ދިމާވާނެ ގޮތަކީ، ހަމަ ކަންތައްތައް ކުރުމުގައި ވަރަށްގިނަ ވަގުތުތަކެއް ގެއްލިގެންދާނެ. އެއީކީ އަޅުގަނޑުމެން އެއްވެސް ބަޔަކު ބޭނުންވާނެ ގޮތެއް ނޫން ދޮއެއްތޯ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެން ރައްޔިތުންނާ ގުޅިގެން މިކުރާ މަސައްކަތްތަކުގައި، މާތްﷲގެ ތައުފީޤު، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިންވަރު ކުރެއްވުމަށް އެދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ގެ ބަރަކާތް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން.
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه