بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އިންނަމާދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މި ޖަލްސާގައި އަޅުގަނޑުގެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން، ދުރާއި ގާތުން އަޅުގަނޑުގެ އަޑު އައްސަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އަޅުގަނޑުގެ ފުރަތަމަ އުފަލެއް ކަމުގައި މި ޖަލްސާގައި ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ޖައްވު ތެތްކަމުގައިވީ ނަމަވެސް، އަދި މޫސުމް ފިނިކަމުގައިވީނަމަވެސް، މިރަށުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް ވަރުގަދަ، ވަރަށް ހޫނު މަރްޙަބާއެކޭ. އަދި މި ރަށް، އަޅުގަނޑުމެންގެ މި ޒިޔާރަތަށް ތައްޔާރުވެފައި އޮތްލެއް ފުރިހަމަކަމަށްޓަކައި، މިރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި، ހޫނު އިސްތިޤްބާލާއި ބެހެއްޓެވި ގާތްކަމަށްޓަކައި އަޅުގަނޑުމެންގެ ޓީމުގެ ފަރާތުން، އަޅުގަނޑުގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.


އާދެ، ތެދުފުޅެއް، އަޅުގަނޑަކަށް އަދި މި ރަށަކަށް ނާދެވޭ. އެހެންވީމާ، މިގޮތަށް ޖަލްސާއެއް ޝަރަފުވެރިކޮށްދޭން، ނޫނިއްޔާ ސްޓެލްކޯގެ އިންޖީނުގެއެއް ހުޅުވައިދޭން ނަމަވެސް، ނޫނިއްޔާ ނަރުދަމާގެ ނިޒާމެއް ހުޅުވިގެންދާއިރު، އެ ޖަލްސާގައި ބައިވެރިވާން ނަމަވެސް، އައިސް ރައްޔިތުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

 

އެއާއެކީވެސް ޢިއްޒަތްތެރި ރައްޔިތުންގެ އަރިހުން، ވަރަށް ދީލަތި މަޢާފަކާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރުގައި 5 އަހަރު ހޭދަކުރަން މިއައީ، ރައްޔިތުންނަށް ވަރަށްގިނަ ކަންތައްތަކެއް ކޮށްދޭން އެދި ރައްޔިތުންގެ ތާއީދު ހޯދައިގެންނޭ. އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރު، ޙަޤީޤަތުގައިވެސް ރާއްޖޭގެ އެކިދިމާލުގައި، އުތުރުން ދެކުނަށް، ހުޅަނގުން އިރަށް ބޭނުންވެފައި ހުރި ވަރަށްގިނަ އަސާސީ ކަންތައްތަކާއި، އަދި ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރަން ބޭނުންވާ ވަރަށްގިނަ ކަންތައްތައް އެބަހުރި. އިންޖީނުގެތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ހިނގަމުން އަންނަ ތަންތަން. އެހެން ނަމަވެސް، އިންނަމާދޫގައިވެސް 1976 ވަނަ އަހަރު އާދައިގެ ގޮތެއްގައި މި ފެށިގެންދިޔަ އިންޖީނުގެވެސް މިއަދު އައި ބަދަލު، އަޅުގަނޑުމެން ހަމައެކަނި މިކަން ޚިޔާލަށް ގެނައި ނަމަވެސް، އަޅުގަނޑުމެންނަށް އެނގެނީ، ޠަބީޢީގޮތުން ރަށެއްގެ ރައްޔިތުންގެ ދިރިއުޅުން ކުރިއަށްދިޔަ މިންވަރަކުން، އެމީހުންގެ ބޭނުންތައް އިތުރުވަމުންދާ މިންވަރަކުން އިންޖީނުގެތަކަށްވެސް އަންނަންޖެހޭ ބަދަލުތައް އަންނަންޖެހޭކަން. މި ސަބަބުތަކަށްޓަކައި ރާއްޖޭގެ ހުރިހާ ދިމާއެއްގައި، މީހުން އުޅޭ ހުރިހާ ދިމާއެއްގައި ޟަރޫރީ އެކި ބޭނުންތަކަށް ބޭނުންވާ ޚިދްމަތްތައް އެހާ ގިނަ. އަދި ހަމައެހެންމެ، ދިރިއުޅުން ފުރިހަމަކުރުމަށާއި، ހިތްހަމަޖެހުމާއި ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ ކަންތައްތައް އަދި އެއަށްވުރެ ގިނަ. މުޅި ދިވެހިރާއްޖެއަށް ބޭނުންވެފައިވާ ބޮޑެތި ބަދަލުތަކެއް އެބަހުރި. ކޮންމެ ބަޔަކު، ކޮންމެ ދައުރެއްގައިވެސް ބަދަލުތައް ގެންނަން ބޭނުންވާނެ.

 

އެކަމަކު އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، 21 ވަނަ ޤަރުނަށް އަޅުގަނޑުމެން މަރްޙަބާ ކިޔައިގެން، ކުރިމަތިލައިގެން މި ކުރިއަށްދާއިރު، އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް ޙަޤީޤަތުގައިވެސް ވަރަށްގިނަ. އެ ގޮންޖެހުންތަކާ އެކީގައިވެސް މިހާރުގެ ރައްޔިތުންނަކީ، ވަރަށް އަވަސްމިނުގައި ކަންކަން ފުއްދެން ނޫނިއްޔާ ފުދެން ބޭނުންވާ ބަޔަކަށްވާތީއާއެކީ، އަޅުގަނޑުމެން އެބަޖެހޭ، މި ވާދަވެރިކަމުގެ ތެރޭގައި މަސައްކަތް ކުރާއިރު، ހަމަ ކޮންމެ ރައީސަކުވެސް، އޭނަގެ ސަރުކާރުގައި، ވީހާ ކުރު މުއްދަތެއްގެ ތެރޭގައި މިކަހަލަ ހުރިހާ ބޭނުންތައް ފުއްދައިދޭން. އެހެން ނޫނިއްޔާ، ރައްޔިތުންގެ އިތުބާރު ލިބޭނެގޮތެއް ނޯވޭ. އެހެންވީމާ، އެ ސަބަބުތަކަށްޓަކައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް އެހާ ފަސޭހަކަމާއެކީ އަތޮޅުތެރޭގެ އެކި ރަށްރަށަށް އައިސް، އެހާ ގިނަގިނައިން ނޫޅެވެނީ، މި ދެންނެވި ކަހަލަ ބައިވަރު މަސައްކަތްކުރަން އަޅުގަނޑުމެންގެ އަތުގައި ހުރީމައޭ. އަޅުގަނޑުމެންގެ ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް މިކަމަށް ބޭނުންވާ ބަދަލުތައް ގެނެސްގެން މިގެންދަނީ. އަދި ހަމައެހެންމެ ކުންފުނިތަކުން އެކޮށްދޭ ޚިދްމަތްތައްވެސް، ހަމަ މިދެންނެވި ކަހަލަ އިންތިޒާމުގެ ބަދަލުތަކެއް ގެނެސްގެން މިގެންދަނީ. ބޭނުމަކަށްވަނީ ކުރު މުއްދަތެއްގެ ތެރޭގައި، މި ބޭނުންވާ ހުރިހާ ކަންތައްތައް ފުއްދައިދިނުން.

 

އަޅުގަނޑު މަޑުއްވަރީގައި ދަންނަވާލި ފަދައިން، ހަމަ އަޅުގަނޑުގެ ޚިޔާލަށް މިއަދު ގެންނާނަން. 1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރައީސް މައުމޫން، އަޅުގަނޑާ ވަޒީރުކަން ފުރަތަމަ ޙަވާލުކުރެއްވިއިރު، އެހިސާބުން ފެށިގެން އަޅުގަނޑާ ޙަވާލުވި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި އެއްކަމަކަށްވޭ، ރާއްޖޭގެ އެކި ހިސާބަށް ކަރަންޓް ދިނުން. ހަމަ އެ ދުވަސް އަޅުގަނޑުގެ ޚިޔާލަށް ގެނެއްސައި، ދަންނަވާލާނަން. ވަޒީރުކަމުގެ ހުވާކޮށްގެން، އަޅުގަނޑު ގެޔަށް ދިޔުމުގެ ކުރިން، ރައީސް މައުމޫން ބޭނުންފުޅުވި، އަޅުގަނޑަށް ފުރަތަމަ އެޕޮއިންޓްމަންޓް ދެއްވަން. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އެފަހަރު ކެބިނެޓަށް ހުވާކުރެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފުރަތަމަ އެޕޮއިންޓްމަންޓެއް، ހަމަ ހުވާކުރި ދުވަހު ލިބުނު މީހަކީ އަޅުގަނޑު ކަމަށްވާނީ. އެދުވަހު އަޅުގަނޑާ ބައްދަލުކުރައްވާފައި ވިދާޅުވި، [ޔާމީނާ މި ޙަވާލުކުރަނީ ވަރަށް ވަރުގަދަ ދެ މަސްއޫލިއްޔަތޭ. އެއްކަމަކީ، ރައްޔިތުންނަށް ބޭނުންވާ ކާޑު، ސަރުކާރަށް ދަތިނުވާގޮތަށް، ތިމަންނަގެ ސިކުނޑިއަށް އުނދަގޫނުވާގޮތަށް މިކަން ކޮށްދޭންޖެހޭނެޔޭ، މިކަން ކުރެވިދާނެހެއްޔޭ؟] އެއީ އެސް.ޓީ.އޯ ޙަވާލުކުރެއްވި ވާހަކަ ވިދާޅުވީ. ދެވަނަ ވާހަކައަކަށް ވިދާޅުވީ، [މިހާރު ރާއްޖޭގެ އެކި ހިސާބުގައި ކަރަންޓްގެ ޙާލަތު ހުރިވަރާއި، ޚުދު މާލޭގައި ކަރަންޓް، އަބަދު އެއްވެސް ކަހަލަ އެނގުމެއްނެތި ކެނޑެމުންދާތީއާއެކީ، މި ޙަވާލުވާ ދެވަނަ މަސްއޫލިއްޔަތަކީ، ހަމަ އެހާ ބުރަ މަސްއޫލިއްޔަތެކޭ. މާލޭގައި ކަރަންޓް، ހަމަޔަކަށް އެބަ އެޅެންޖެހެޔޭ. އަދި ހަމައެޔާއެކީ، ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓްގެ ފެންވަރު އެހާ ދޭސީކޮށް ހުރީމާ، އެބަ ރަނގަޅު ކުރަންޖެހެޔޭ.] އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އޭރު މީހުން އުޅޭ ރަށްރަށުގައި، ސަރުކާރުގެ ކަރަންޓް، ނޫނިއްޔާ އޭރުގެ ސްޓެލްކޯ، ނޫނީ އިންޖީނުގޭގެ ކަރަންޓްދޭ އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ އުޅޭނީ 5 ރަށް، ނޫނީ 6 ރަށްވަރު އުޅޭނީ. އެހާކަންވަރު އުޅޭނީ. އެއަށްވުރެ ގިނައެއް ނުވާނެ. ދެން ހުންނާނީ މުޅިންވެސް އެކިގޮތްގޮތަށް ރައްޔިތުންގެ ނަމުގައި ހިންގާ ކަރަންޓްތައް. ރައްޔިތުންގެ ނަމުގައި ހިންގާ ކަރަންޓް ނޫނީ އިންޖީނުގޭގެ ހުރި ތަންތަނުގައި އަޅުގަނޑުމެން މިހާރު އިންޖީނުގެތައް، އެހެން ދިމާއަކަށް ބަދަލުކުރަންޖެހިގެން މިއުޅެނީ.

 

ދެން ކޮންމެއަކަސް، ވަޒީރުކަމުގެ ހުވާކޮށްފައި، ހަމަ އެދުވަހު ރައީސް މައުމޫނަށް އަޅުގަނޑު ދެންނެވިން، [އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުންމިނަކުން އަޅުގަނޑު މަސައްކަތް ކުރާނަމޭ އިޚްލާޞްތެރިކަމާއެކީ، ރާއްޖެއަށް ބޭނުންވާ ކާޑު، ރައްޔިތުންނަށް ދަތިނުވެ ގެނެސްދެވޭތޯ، އަދި މަނިކުފާނުގެ އިސްތަށިފުޅަށް އުނދަގޫނުކޮށް އެކަން ކުރެވޭތޯ ބަލާނަމޭ.] ހަމައެއާއެކީ އަޅުގަނޑަށް ދެން ކުރިމަތިލާންޖެހުނީ ޙަޤީޤަތުގައި ކާޑު ގެނައުމަށްވުރެ، މާ އުނދަގޫ ކަމެއް. މާލޭގެ ކަރަންޓަށް އެ އަންނަންޖެހޭ ބަދަލުގެނައުމާއި، ރާއްޖޭގެ އެކި ހިސާބުގައި އެކަން ކުރުން. އަޅުގަނޑުމެންގެ ޢަޒުމަކަށް ވެގެންދިޔައީ، 1993، 1994، 1995 ގޮސް 1996، މިހިސާބަށް ދިޔައިރު ކިރިޔާ މާލޭގެ ކަރަންޓް ސްޓެބިލައިޒް ކުރެވޭވަރު އަޅުގަނޑުމެންނަށްވި. މާލެއަށް ބޭނުންވާ އިންޖީނަށް އިންވެސްޓް ކުރެވޭވަރުވި. އޭރުގެވެސް މެނޭޖިންގ ޑިރެކްޓަރ ނޫނިއްޔާ އޭރުވެސް ހަމަ ސްޓެލްކޯގެ އެންމެ އިސްކޮށް އުޅުއްވާ އެއްބޭފުޅަކު މިތާ އަޅުގަނޑުމެންނާއެކީ މި އިންނެވީ، ފުރަތަމަ ސަފުގައި ޝުކޫރު. ނިމާލަކީ އޭރު އަތްދަށުވަޑިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެއް.

 

އޭރު އަޅުގަނޑުމެން މާލޭގެ ކަރަންޓްގެ ޙާލަތާ ދޭތެރޭގައި ވިސްނާއިރު، މާލޭގެ އިންޖީނުގެ ހިނގަނީ ސަރުކާރުން ކޮންމެ އަހަރަކު ސަބްސިޑީ ދީގެން. ބޮޑު ޢަދަދެއް، ސަރުކާރުގެ ބަޖެޓުން އިންޖީނުގެޔަށް ދީގެން، އިންޖީނުގޭގެ ފަރާތުން ކަރަންޓް ދެނީ. ސަރުކާރުގެ ބަޖެޓުން ފައިސާދީގެން އިންޖީނުގެ ހިންގާ ކަމަށްވަންޏާ، އިންޖީނުގެ ކުރިއަށް ގެންދެވޭނެ ގޮތަކީ ހަމަ ދަތިގޮތެއް. ހަމަ އެ ބަޖެޓުން ނޫންތޯ، ފަޅު ފުންކުރުމަށާއި، ހޮސްޕިޓަލް އެޅުމަށާއި، ބަނދަރު ހެދުމަށާއި އަދި އެހެން ޢިމާރާތްތައް ކުރުމަށާއި، ކުދިންނަށް ސްކޮލަރޝިޕް ދިނުމަށާއި، މުވައްޒަފުންގެ މުސާރަޔާ، މިހުރިހާ ކަންކަމަކަށް ވާދަކުރަން އޮތް ބަޖެޓެއްގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ފައިސާ، ނޫނީ އިންޖީނުގެ ހިންގަން ބޭނުންވާ، އިންވެސްޓް ކުރަން ބޭނުންވާ ފައިސާ ހޯދަންވެއްޖެ ކަމަށްވަންޏާ، ސްޓެލްކޯގެ ޙާލަތު އޮންނަންޖެހޭ ހިސާބުގައި އޭރު އޮތީ.

 

ދެން މަސައްކަތް ކުރެވުނީ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ. އަމިއްލަ ފައިމައްޗަށް ތެދުވަން، މިދެންނެވި ގޮތަށް، ގާތްގަނޑަކަށް 1997އާ ހަމަޔަށް އައިއިރު، ކިރިޔާ މާލޭގެ ކަރަންޓް ސްޓެބިލައިޒް ކުރެވޭވަރުވީ. އޭގެފަހުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިތްހަމަޖެހިގެން، މާލޭގެ ކަރަންޓްގައި ކުރިއަށް 5 އަހަރު، 10 އަހަރަށް ވާވަރަށް އިންވެސްޓް ކުރަމުންދިޔައީ. އެހެން ނަމަވެސް، މިވީގޮތަކީ، އަޅުގަނޑުމެންގެ ތެރޭގައި އެކަން ކުރަމުން ގޮސްފައި، އަނެއްކާވެސް ސަރުކާރުތައް ބަދަލުވެގެންދިޔައިރު، ދެން މާލޭގެ ކަރަންޓަށް ބޭނުންވާވަރަށް އިންވެސްޓްނުކޮށް މިހާތަނަށް މި ދިޔައީ. އެ ދިޔައީމާ ނުކުމެގެން އުޅޭ މައްސަލަތައް މިހާރު އަޅުގަނޑުމެންނަށް މި ޖެހިގެން މި އުޅެނީ. އަޅުގަނޑުމެން އޭރު ބެލެހެއްޓިއިރު، އަޅުގަނޑުމެން އޭރު މަސައްކަތް ކުރިން، 2010 ވަނަ އަހަރާ ހަމަޔަށް ބޭނުންވާ، މާލޭގެ ޕަވަރއަށް ބޭނުންވާ އިންޖީނު އިންސްޓޯލް ކުރަން. އެކަން ހަމަ ގަވާއިދުން ކުރަމުން ގެންދިޔައީ. ސަރުކާރުން އެހީތެރިވޭ. އެހެން ނަމަވެސް، މައިގަނޑު ގޮތެއްގައި ހަމަ ސްޓެލްކޯގެ ފައިސާއިން، ސްޓެލްކޯއަށް ލިބޭ ފައިސާއިން އެކަން ކުރަމުންދިޔައީ.

 

އެއާއެކީ ރާއްޖެތެރޭގައި، ރަށްރަށުގައި ކަރަންޓާ ދޭތެރޭގައި އަޅުގަނޑުމެންގެ ވިސްނުންހުރިގޮތް ދަންނަވާލާނަން. އަޅުގަނޑުމެންގެ ޓާގެޓަކަށްވީ، ހަމަ މިވާހަކަ މި ދަންނަވާލަނީ، އިންނަމާދޫ ކަހަލަ 600، 700، 800 މީހުން އުޅޭ ރަށުގައި އިންޖީނުގެ ހެދިގެންދާ ވާހަކަ، ހަމަ މި ޕަރސްޕެކްޓިވަށް ގެނައުމަށްޓަކައި، އޭރު އަޅުގަނޑުމެންގެ ޢަޒުމަކަށްވީ، އަމާޒަކަށްވީ ރާއްޖެތެރޭގެ މީހުން ދިރިއުޅޭ 2000 އަށްވުރެ މަތީ އާބާދީ އޮތް ހުރިހާ ރަށަކަށް ސްޓެލްކޯގެ ފަރާތުން ކަރަންޓްލުން. އަޅުގަނޑުމެންގެ ޚިޔާލަކަށްވެސް ނާދޭ، 1000 ނޫނީ އެއަށްވުރެ ކުދިކުދި އާބާދީތަކަކަށް ކަރަންޓްލުމެއް. އަޅުގަނޑުމެންގެ ޚިޔާލަށްވެސް ނާދޭ. އެއީ، އަޅުގަނޑުމެންގެ މާލީ ޙާލަތު އޭރު އޮތްގޮތް. އެހެންވީމާ، ސްޓެލްކޯ މާލޭގައި ކަރަންޓްގެ އިންވެސްޓްކޮށްގެން، އަދި ބޮޑެތި ރަށްރަށް، އައްޑުއަތޮޅު، ގދ. ތިނަދޫ، ކުޅުދުއްފުށި، ފުވައްމުލައް، މިކަހަލަ ތަންތަނުގައި އިންވެސްޓްކޮށްގެން މި މަސައްކަތް ކުރީ. ނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަކަށްވެސް އޭރަކު ނުގެންނަން، 2000 އަށްވުރެ ކުދިކުދި އާބާދީ އޮތް ރަށްރަށަކަށް، 2000 އަށްވުރެ ކުދިކުދި އާބާދީ އޮތް ރަށްރަށޭ ބުނާކަމަށްވަންޏާ، އެއީ ރާއްޖޭގައި މީހުން އުޅޭ ރަށްރަށުގެ، ރަށްރަށުގެ ޢަދަދަކަށް ބަލާކަމަށްވަންޏާ، 85 ޕަސެންޓަށްވުރެ ގިނަ ރަށް އެއީ. އެކަމަކު އާބާދީގެ ނިސްބަތުން، އެހުރިހާ ރަށެއްގެ އާބާދީ ކުޑަވެދާނެކަންނޭނގެ. އެހެން ނަމަވެސް، ރަށްރަށުގެ ޢަދަދަކަށް ބަލައިފި ކަމަށްވަންޏާ އެއީ އަޅުގަނޑުމެންގެ ވިސްނުން، ނޫނިއްޔާ އަޅުގަނޑުމެންގެ މާލީ ފޯރުންތެރިކަން އޭރު ހުރި މިންވަރު.

 

މިއަދު، މިއަދު އަޅުގަނޑުމެންގެ ސަރުކާރުން މި ނިންމީ، ކިތަންމެ ކުޑަ ނަމަވެސް، އަޅުގަނޑުމެންގެ 5 އަހަރު ނިމިގެންދާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި، 24 ގަޑިއިރުގެ ކަރަންޓް، އަޅުގަނޑުމެން ކަށަވަރު ކުރަން. އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތާއި ވާގިފުޅާއެކީ އަޅުގަނޑުމެން އެކަން ކުރާނަން. މިކަން ކުރުމުގައި، ފެނަކައިގެ ފަރާތުން ވަރަށް ހީވާގި މަސައްކަތްތަކެއް އެ ކުރައްވަނީ. އަޅުގަނޑުމެންގެ ސަރުކާރުން ނޫނިއްޔާ އަޅުގަނޑުމެންގެ ޕާޓީ، ވެރިކަމަށް އައިއިރު އަޅުގަނޑުމެން ފުއްދައިދޭން ކަމަށް ނޫނީ ރައްޔިތުންގެ އަރިހުގައި ކޮށްދޭނެ ކަމަށް ބުނި ވަޢުދުތައް ފުއްދުމުގެ މަސައްކަތުގައި، ފެނަކައިގެ ފަރާތުން އެ ކުރައްވަނީ ހަމަ ވަރަށް ހީވާގި، ވަރަށް އަގުހުރި މަސައްކަތްތަކެއް. އެކަމަށްޓަކައި ފެނަކައިގެ މެނެޖިންގ ޑިރެކްޓަރ ނިމާލަށް އަދި ކުންފުނީގެ ޗެއަރމަން ނަދީމަށް އަދި ކުންފުނީގެ ވެރިންނާއި، ހީވާގި ހުރިހާ މުވައްޒަފުންނަށް މިއަދުވެސް، މި ފުރްޞަތުގައިވެސް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

 

އަޅުގަނޑުމެން އިންޖީނުގޭގެ ވާހަކަ ދައްކާއިރު، ހަމަ އިންނަމާދޫގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިންނަމާދުއަށް އަޅުގަނޑު އައީމަ ތިޔަ ވިދާޅުވި ހޫނު މަރްޙަބާގެ ތެރޭގައި އަދި ދެ ވާހަކައެއް ދަންނަވާލާނަން، އަޅުގަނޑު ވާހަކައާއިގެން ކުރިއަށް ދިޔުމުގެ ގޮތުން. އަޅުގަނޑުމެން އިންނަމާދުއަށް އައީމާ، ފުރަތަމަ އިސްތިޤްބާލުގެ ގޮތުން ވަރަށް ހެޔޮފުޅުކަމާއެކީ އިންނަމާދޫގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި އިސްތިޤްބާލުގެ އިތުރަށް، އިންނަމާދޫގެ ރައްޔިތުންގެ ފަރާތުން ޚާއްޞަކޮށް، ވަޑިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވީ ކަޅުއޮށްފުންމީގެ މޮޑެލެއް. ވަރަށް އިޚްލާޞްތެރިކަމާއެކީ ހަމަ ތިޔަބޭފުޅުން ތިޔަ ބެހެއްޓި ގާތްކަމަށް ޝުކުރު ދަންނަވަން. އެޔާއެކީވެސް ދަންނަވަން ބޭނުންވަނީ، އިންނަމާދޫގެ ފަރާތުން ދެންމެ އަޅުގަނޑުމެންނަށް ތިޔަ ދެއްވި މެންދުރުގެ ޖާފަތަކީ، މިއިން ދުވަހަކު އަޅުގަނޑު ހަމަ ނުކާފަދަ މީރު ޖާފަތެކޭ. އެހެންވީމާ، މިކަމުގައި އުޅުއްވި ހަމަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީވެސް ވަރަށް ބޮޑަށް ހަމަ ޝުކުރު ދަންނަވަމޭ.

 

އަޅުގަނޑު ގާތުގައި ދެންމެ ނިމާލް ވިދާޅުވި، މިރަށަކީ މިއީ ހަމަ ނަމޫނާ ރަށެކޭ. ކަރަންޓްގެ ޚިދްމަތް ދިންއިރު، މިރަށުގެ ހަމަ ހުރިހާ ރައްޔިތުންގެ ފަރާތުން އެކަމަށް އެއްބާރުލުން ދިނޭ. އަޅުގަނޑު ހަމަ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މުޅި ރައްޔިތެއްގެ ބޭނުމަށް މިކުރެވޭ ކަންކަމުގެ ތެރޭގައި، އެއީ ސަރުކާރުގެ ބޭސްފިހާރައެއް ހުޅުވި ކަމުގައިވީނަމަވެސް، ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރި ކަމުގައިވީނަމަވެސް، އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރި ކަމުގައިވީނަމަވެސް، މުޅި ރައްޔިތަކަށް، މުޅި ރައްޔިތަކަށް އޭގެ ފައިދާ ލިބޭކަމެއްކަމަށްވަންޏާ، އެކަމުގައި ރައްޔިތުން އުޅުއްވައިދެއްވާށޭ. އެތަން ހަލާކުވެއްޖިއްޔާ، އެތަން ގެއްލިއްޖިއްޔާ، ނޫނީ އެތަން ބަންދުކޮށްފިއްޔާ ހަމަ ގެއްލުންވާނީ ރައްޔިތުންނަށް. އެތަން ކުރިއަށްދާ ކަމަށްވަންޏާ، ރަނގަޅުކަމާއެކީ ކުރިއަށްދާ ކަމަށްވަންޏާ، ޚިދްމަތްދޭ ކުންފުނިވެސް ހަމަ މި ރައްޔިތުންނާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭނެ. އަދި އެތަނުގައި ތިބި ވެރިންނާއި މުވައްޒަފުންނާ، މުޅި ރަށުގެ މުޖްތަމަޢަށް ބްލެންޑްވެގެން އެދަނީ. އެހެންވީމާ، މިރަށުގައި މި އިންޖީނުގެ މަސައްކަތް ކުރަމުންދިޔައިރު، ރީލޮކޭޓް ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ވަރަށް ވަރުގަދައަށް މިރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވި. އެހެންވީމާ، އެކަމަށްޓަކައި ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ދެން އެއާއެކީ ތަންކޮޅެއް ސަމާސާ ވާހަކައެއްވެސް ދަންނަވާލާނަން. އަޅުގަނޑުވެސް ގަބޫލުކުރަން، ހަމަ މިކަހަލަ ހުރިހާ މަޝްރޫޢުތަކެއް ހިންގާއިރު، ކޮންމެ ރަށެއްގައިވެސް އެކަންކަމަށް ފުދޭ ވަޑިންނާއި، ފުދޭ ކޮންސްޓްރަކްޝަން ދާއިރާގެ ބޭފުޅުންވެސް ތިއްބަވާނެ. އަޅުގަނޑު އަހާގޮތުން ވެއްޖިއްޔާ، އިންޖީނުގޭގެ ޢިމާރާތް ކޮށްދެއްވީ އިބްރާހީމް ފަލާޙުގެ ކުންފުނިން. ވަރަށް އިޚްލާޞްތެރިކަމާއެކީ ފަލާޙަށްވެސް ހަމަ މިކަމުގައި ޝުކުރު ދަންނަވަން.

 

ދެން އެއާއެކީ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިރަށަކީ ވަޑިންގެ ރަށެއް ދޮގެއްތޯ. މިއީ ވަރަށް ވަރުގަދަ ޞިނާޢަތެއް. މިއީ ވަރަށް ވަރުގަދަ ޞިނާޢަތެއް. މިއީ ވަރަށް ފައިސާ އަދި މިއީ ވަރަށް ކުރިއަށް ދިޔުން، އާމްދަނީ ހޯދޭނެ ޞިނާޢަތެއް އޮތް ކަމެއް މިކަމަކީ. އެހެންވީމާ، ވަޑިންނަށް އެންމެ ބޮޑަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ޚިދްމަތުގެ ތެރޭގައި، އެއް ޚިދްމަތަކަށްވާނީ ކަރަންޓްގެ ޚިދްމަތް. ދެން އިރާދަކުރެއްވިއްޔާ، ފެނަކައިގެ އިންޖީނުގޭގެ މި މަސައްކަތް، ރަނގަޅު ގޮތެއްގައި ދާ ކަމަށްވަންޏާ، ވަޑިންގެ މަސައްކަތަށް، ނޫނީ މިކަހަލަ ޞިނާޢީ މަސައްކަތަށް، އެބޭފުޅުންނަށް ފަސޭހަފުޅު އަގެއްގައި މިކަން ކޮށްދެވިއްޖެ ކަމަށްވަންޏާ، ވަޑިން ވަރަށް އުފާވާނެ. ދެން އިންނަމާދުއަކީ މައިގަނޑު ގޮތެއްގައި ވަޑިންގެ ޞިނާޢަތް އޮތް ރަށެއް. އެހެންވީމާ، އެންމެބޮޑު ހަދިޔާއަކަށްވާނީ ހަމަ ޙަޤީޤަތުގައިވެސް 24 ގަޑިއިރު ކަރަންޓް. އަދި އެމީހުންގެ މަސައްކަތަށް ބޭނުންވާ މިންވަރަކަށް، ކަރަންޓްގެ ކެޕޭސިޓީ އިތުރުކުރަމުން ގެންދިޔުން އެއީ އެއްކަމެއް.

 

ދެވަނަ ކަމަކަށްވާނީ، މިއީ ވަޑިންގެ ރަށަކަށްވާތީ، މިރަށުގެ ބަނދަރު ހެދުން ދޮގެއްތޯ. ބަނދަރުގެ މަސައްކަތްވެސް މިހާރު އިރާދަކުރެއްވިއްޔާ އެއޮތީ ގޮތަކަށް ނިންމިފައި. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، އައި.ޑީ.ބީ.ގެ އެހީގެ ދަށުން ދިވެހި ސަރުކާރާ ގުޅިގެން، އައި.ޑީ.ބީ.ގެ މަޝްރޫޢެއް މިއޮތީ. މި މަޝްރޫޢަށް ބޭނުންވާ އެސެސްމަންޓް ހެދިފައި. އަދި އިވެލުއޭޝަން ނިމިގެން، އައި.ޑީ.ބީ.ގެ އެއްވެސްކަހަލަ މައްސަލައެއް، އޮބްޖެކްޝަނެއް އޮތްތޯ ބެލުމަށް، އައި.ޑީ.ބީ.ގެ ރިވިއުއަކަށް އެއޮތީ ހުށަހެޅިފައި. އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ، އެ މަސައްކަތް ނިމުނުހާ އަވަހަކަށް، މި ރަށުގައި އެކަން ކުރެއްވޭވަރު ބޭފުޅުން ތިއްބެވިއްޔާ ހަމަ ކުރެވޭނެ. އެކަމަކު އެއާއެކީވެސް ހަމަ އިބްރާހީމް ފަލާޙަށް ދަންނަވާލަން އޮތީ، މީގައި ވާގޮތަކީ އަޅުގަނޑުމެންނަށް ވެވުނުވަރަކުން މިކަން މިގޮތަށް ކޮށްދެވޭތޯ ބަލާނަން. މިހާރު މިއީ ސަމާސާ ވާހަކައެއް ނޫން. އެކަމަކު މިވާގޮތަކީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށާއި، އުޞޫލުތަކާ އެއްގޮތަށް ކަންތައް ގެންދިޔުމަށްޓަކައި މިހުންނަނީ ވަރަށް ވަރުގަދަ ޤާނޫނުތައް ހެދިފައި. ވަރަށް ވަރުގަދަ ގަވާއިދުތައް ހެދިފައި. އަދި އެކަންތައްތަކަކީ ޓެންޑަރުގެ އުޞޫލުން އުޞޫލުތަކެއް އޮވެގެންދާ ކަންކަން ދޮއެއްތޯ. އެހެންވީމާ، އޭގައި ހަމަ އިރާދަކުރެއްވިއްޔާ، މިރަށުގެ ކުންފުނިތަކުންވެސް ހަމަ ބައިވެރިވެގެން ރަނގަޅު ހިސާބަކަށް ދެވޭ ކަމަށްވަންޏާ، އަޅުގަނޑަށް ހަމަ ޔަޤީން، އެކަންކަން ވެގެންދާނެ. ރައީސަކީ ސީދާ އެކަހަލަ ކަންކަމަކާ ބެހޭ މީހެއް ނޫން. ދެން އަޅުގަނޑުގެ ޚިޔާލުގައި، ވަކި ކުންފުންޏަކަށް ވަކި ޓެންޑަރެއް ގެންދިޔުމަކީ އަޅުގަނޑު ދުވަހަކުވެސް ބެހޭނެ ކަމެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަނީ، މިރަށުގައިވެސް ހަމަ ކެޕޭސިޓީ ހުރެއްޖެ ކަމަށްވަންޏާ، މިކަންކަމަށް ކުރިމަތިލައްވައިގެން މިކަން ކުރިއަށް ގެންދެވޭނެ ކަމަށް.

 

ދެން މިޔާއެކީވެސް ހަމަ ދަންނަވާލަން އޮތީ، އިންނަމާދޫގެ މި އާބާދީއަށް ބޭނުންވާ ކަންތައްތައް، ހަމަ ކުރިއަށް އޮތް ތަނުގައިވެސް ހަމަ ސަރުކާރުން ކުރަމުން ގެންދާނަމޭ. އަދި މި ދާއިރާގެ 5 ރަށް، އިނގުރައިދޫ ދާއިރާގެ 5 ރަށަށް ބޭނުންވާ ކަންތައްތައްވެސް ހަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިއަށް ގެންގޮސްދޭނަން، އަޅުގަނޑުމެންނަށް މާލީ ތަނަވަސްކަމާއި، ބަޖެޓުން މިކަމަށް ޖާގަހޯދޭ މިންވަރަކުން. ދެން މިއަދުގެ މޫސުމް މިހެން އޮތީމަޔާވެސް އެކީ، އެހެން ނޫންނަމަ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް ހަމަ ވަރަށްދިގު ލިސްޓެއް ލިބިފައި ނޫނިއްޔާއެއް، ފަލާޙުގެ ވާހަކަ ހުއްޓާލާފައި ފައިބާވަޑައިގަންނަވައެއްނުގަންނަވާނެ. އެހެން ނަމަވެސް، މިއަދު މޫސުމް ތަން ނުދިނީމަ، 5 ރަށުގައި ހުރި ހުރިހާ ކަމެއް އަޅުގަނޑަށް ހުށަނޭޅުއްވުނީކަންނޭނގެ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑު މާލެދާއިރު، އަޅުގަނޑުގެ އޮފީހަށް މޭޒުމައްޗަށް ފޮނުއްވާނެކަންނޭނގެ، މި ދާއިރާގެ ހުރި ކަންތައްތައް.

 

ސަރުކާރުން އަބަދުވެސް ބަލާނެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ. ހުރިހާ ސަރުކާރަކުންވެސް ބަލާނެ. އެކަމަކު ހަމަ ދަންނަވަން އޮތީ، މިކަންކަން ކުރުމުގައި، ސަރުކާރުތަކުގެ ތެރޭގައި ތަފާތު އޮންނަނީ، އެކަން ކުރުމުގެ ވައްޓަފާޅިއަށް ގެންނަ ތަފާތު. އެކަން ކުރުމުގެ މެތަޑޮލޮޖީ ނޫނީ އެކަން ކުރުމުގެ ނިޒާމު ނޫނީ ވައްޓަފާޅި، ހަމަ އެންމެ ރަނގަޅު ބަހެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެ ވައްޓަފާޅިއަށް ބަދަލުއައީމަ ތަފާތު މިވަނީ. އަޅުގަނޑުމެންގެ ސަރުކާރުން އިސްކަންދޭ ކަންކަމާއި، އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް އަވަސްކުރުމަށް ކަންތައްތައް ކުރާގޮތާ، މިކަންތައްތަކުން މި ބަދަލުތަކެއް މި އަންނަނީ. ފަލާޙު ދެންމެ އަޅުގަނޑުމެންނަށް ހަމަ އެންމެ ރަނގަޅު މިސާލު އެ ދެއްވީ. މިރަށުގައި އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ސަޢޫދީ ސަރުކާރުގެ އެހީ ދޮގެއްތޯ! މިސްކިތް މިއީ. އަޅުގަނޑުގެ ޚިޔާލުގައި، މިސްކިތުގެ މަސައްކަތް މިހާރު ނިމިފައި އޮންނަންވާނީ. އެ މަސައްކަތް ހިނގަމުންދާތާ ދެ އަހަރެއްހާ ދުވަސްވީ. ދެން އެކަމަކު ހަމަ ހިތާމަޔާއެކީ ދަންނަވަން މި ޖެހެނީ، އަޅުގަނޑުމެން ބޭނުންވަނީ، މިކަހަލަ މަސައްކަތް. މިއީ ގާތްގަނޑަކަށް ތިން ހަތަރު މިލިއަން، ފަސް މިލިއަން ރުފިޔާގެ މަސައްކަތް މިއީ. މި މަސައްކަތް ކުރާކަށް އަޅުގަނޑުމެންނަކަށް އެންމެ ބޮޑެތި ކޮންޓްރެކްޓަރުންނަކާ ޙަވާލެއްނުކުރެވޭ. އެންމެ ބޮޑެތި ކޮންޓްރެކްޓަރުންނާ ޙަވާލުކުރީމާ މިވާގޮތަކީ، ދެންމެ ފަލާޙުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވި ގޮތަށް، މި ރަށްރަށުގައި، ރަށްރަށުގެ ފެންވަރުގައި ތިބި ކުދިކުދި މަސައްކަތްކުރާ މީހުންނަށް ޖާގަ ނުލިބެނީ ދޮގެއްތޯ. އެހެންވީމާ، ކޮންމެވެސް ގޮތަކުން މިކަހަލަ މީހުންނަށް މަސައްކަތް ދެވޭނެ ގޮތްތަކެއް ހޯދަނީވެސް ހަމަ މި ރަށްރަށަށް ހަމަޖެހުމާއި އަދި އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަން. އެހެނެއް ނޫން މިހާރުވެސް 5 މިލިއަން، 6 މިލިއަންގެ މަސައްކަތްތައް، މާލޭގެ ނޫނިއްޔާ ރާއްޖޭގެ އެންމެ ނަން ހިނގާ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކާ ޙަވާލުކޮށްފިއްޔާ ހިނގާނެ. އެހެން ނަމަވެސް، ސަރުކާރުގެ ވިސްނުމުގައި މިއޮތީ، މިދެންނެވި ގޮތަށް، މިވަރުގެ މަސައްކަތް ކަމަށްވަންޏާ، މިވަރުގެ މަސައްކަތް ކުރެވޭ، އެ ފަންތީގެ، މެދު ފަންތީގެ މީހުންނާ މިކަންކަން ޙަވާލުކޮށްގެން ކުރުން. އެ ކުރާއިރު އެ ދިމާވާ ލަސްވުން، ލަސްވަނީ.

 

މިދިޔަ އަހަރުވެސް ސަޢޫދީ ސަރުކާރުގެ އެހީގައި، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެން މިއަހަރު ހިންގަން 14 މިސްކިތް އެބައޮތް. އަދި ސަރުކާރުގެ ބަޖެޓުން، އަޅުގަނޑުގެ ހަނދާން ބަލިނޫން ކަމަށްވަންޏާ، އިތުރު 20 މިސްކިތް އެބައޮތް. އެކަމަކު އަޅުގަނޑު މި ދަތުރު ފަށަމުންވެސް، މިދިޔަ ހަފްތާގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއާއެކީ ބައްދަލުވުންތަކެއް ބޭއްވިން. ކިހާވަރަކަށްތޯ މިސްކިތް، އަދިއެއް އެވަރަކަށް ހިނގާފައެއް ނެތް. އަހަރުގެ ހަތަރުބައިކުޅަ ތިންބައި މިހާރު އަޅުގަނޑުމެން ފާއިތުމިކުރީ. ބަޖެޓްގައި މިހިރީ މި ފައިސާ ޖެހިފައި. އެހެން ނަމަވެސް، އެ މިސްކިތްތައް ހަމަ އެކި ސަބަބުތައް ހުރެގެން ނުވެގެން ދަނީ. ޓެންޑަރަށް އިޢުލާނު ކުރީމާ، ޓެންޑަރަށް ކުރިމަތިލާނެ ފަރާތްތަކެއް ނުވޭ. އާދައިގެ ތަންކޮޅެއް ކުދިކުދި ތަންތަންވީމާ. އެހެންވީމާ، މީގައިވެސް އަޅުގަނޑުމެން ގޮތެއް ހޯދަންޖެހޭ. ދެން މި ހަދަންޖެހެނީ ހެދިފައި ހުރި ޤާނޫނުތަކުގެ އަލީގައި. އެ ޤާނޫނުތަކާ ތަޢާރުޟުނުވާގޮތަށް އޮޑިޓަރ ޖެނެރެލާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ވާހަކަ ދައްކައިގެން، މަގު ކުރުކުރެވޭނެ ގޮތްތަކަކަށް މި މަސައްކަތް ގެންދެވޭނެ ގޮތްތަކެއް ރާވަން މި ޖެހެނީ. އެކަމަކު މިއީކީ މިކަން ކުރަން އެންމެ ރަނގަޅު އުޞޫލެއްވެސް ނޫން. އަނެއްކާ މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރަން އެންމެ ރަނގަޅު އުޞޫލެއްވެސް ނޫން. އެހެންނަމަވެސް، މިސްކިތްތައް ހެދުމުގެ މަސައްކަތް، އެހާ ލަސްވެގެންދާތީ، އަދި އަޅުގަނޑުމެންނަށް މި ލިބިފައި މިއޮތް 5 އަހަރުގެ ތެރޭގައި، އަޅުގަނޑު ކުރަން ބޭނުންވާ ކަންތައްތައް ގިނަވީމަޔާއެކީ، މިއަށްވެސް އަޅުގަނޑުމެން ގޮތްތަކެއް ނެރުނިން. އެއީ މިދެންނެވި ކަންކަން ކުރުމުގައި ވައްޓަފާޅިއަށް އަންނަ ބަދަލޭ މި އަންނަނީ. މިހާރު އޮތް އުޞޫލުން މިކަން ގެންދަން ދޫކޮށްލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ ކޮންމެ އަހަރަކު 20 މިސްކިތް ޖަހާފައި، އޭގެތެރެއިން 5 މިސްކިތް ނިންމާފައި، އަނެއްކާވެސް އަނެއް އަހަރު 20 މިސްކިތް ޖަހާނީ. ދުވަހަކުވެސް ނުނިމޭނެ ދޮގެއްތޯ. އެކަމަކު މިސްކިތްތަކުގެ ޑިޒައިނާއި، މީގެ ސްޓްރަކްޗަރަލް އިންޖިނިއަރިންގ މަސައްކަތްތަކުގެ ކަންތައްތަކަކީ، ހަމަ ދާދި އެއްގޮތަކަށް ހުރި ކަންތައްތައްވީމަ، ވަރަށް ތަފާތު ސައިޒްގެ ދެ މިސްކިތް ނޫނީ ބަދަލުނުވާތީ މިހާރު އޮޑިޓަރ ޖެނެރަލާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާ، މިބޭބޭފުޅުން އެއްބަސްވެވަޑައިގަންނަވައިގެން އަޅުގަނޑުމެންނަށް މީގައި ގޮތްތަކެއް ނެރެވޭތޯ މި ބަލަނީ. އެއީ އަޅުގަނޑުމެން މި މަސައްކަތް ކުރަން ކޮންމެހެން ޓެންޑަރު ކުރުމުގެ ބަދަލުގައި، މިކަހަލަ މަސައްކަތްކުރާ މީހުންގެ ލިސްޓެއްގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ޙަވާލުކުރަމުން ގެންދާނީ. އެހެންވީމާ، މުޅި ޓެންޑަރިންގ ޕްރޮސެސް މީގެތެރެއިން ދިޔައީމާ ވަގުތުން ވަރަށްބޮޑުތަން ސަލާމަތްވެގެންދޭ. އެހެންވީމާ، އެއްފަރާތަކަށް ދީފައި، މުއްދަތެއް ދީފައި ނުވެއްޖެ ކަމަށްވަންޏާ ދެވަނަ ފަރާތަކަށްވެސް. އެކަމަކު މިހެނެއް ހުރިހާ މަޝްރޫޢުތަކެއް ނުގެންދެވޭނެ ދޮގެއްތޯ. މިހެން ގެންދެވޭނީ ވަކިވަރެއްގެ މަޝްރޫޢުތަކެއް. ދެން މި މަސައްކަތް މިގޮތަށް އިރާދަކުރެއްވިއްޔާ ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ ހިތް ބުނަނީ މިސްކިތްތައް ތަންކޮޅެއް އަވަހަށް އެޅިދާނެއޭ، އެހެން އަޅުގަނޑަށް ގަބޫލުކުރެވެނީ.

 

މިރަށަށް ދެން ބޭނުންވެފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، ހަމަ ހެލްތް ސެންޓަރު މަރާމާތު ކުރުމާއި، ދެން މިރަށަށް ބޭނުންވާ ކަންތައްތައް ތިއޮތީ. ދެން އަޅުގަނޑަށް މިރަށުން އަންނަން އެންމެބޮޑު ރިކްއެސްޓަކަށް ތިއޮތީ މި އަންނަ އަހަރު ނަރުދަމާގެ މަސައްކަތް ކޮށްދޭން ދޮގެއްތޯ. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ ވީހާ ރަނގަޅަކަށް އެކަންކަން ކުރެވޭތޯ ބަލަމުން ގެންދާނަން. އެކަމަކު މިއަންނަ އަހަރަކީ، މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށް ބަލައިފި ކަމަށްވަންޏާ، ވަރަށް ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ހިންގަން އަޅުގަނޑުމެންގެ ޚިޔާލުގައި މަޝްރޫޢުތަކެއް މިހާރު އެކުލަވައިލެވިފައި އަދި އޭގެ ހިސާބުތައް ހަދަމުންދާ ދުވަސްވަރެއް. ރަށްރަށަށް ބޭނުންވާ ކަންތައްތައް ކުރުމުގެ ތެރޭގައި އަޅުގަނޑުމެންގެ ދަތި ކަންތައްތަކެއް ހުންނާނެވެސްމެ. އެއީ މިދެންނެވި ކަހަލަ ބޮޑެތި މަޝްރޫޢަކީ، ވަކި އެއްރަށަކަށް ބޭނުންވާ ކަމެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށް ބޭނުންވާ ކަންކަން. އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުން ހިފޭ ބޮޑެތި މަޝްރޫޢުތަކެއް އަޅުގަނޑުމެން ޖެހުމުގެ ބޭނުމަކަށް މިވަނީ އަޅުގަނޑުމެން ދަންނަވާލި ހަނދާނެއްވޭ، އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުމެންގެ ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު، އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން، ބޮލަކަށްޖެހޭ މިންވަރު މިހާރު އެއުޅެނީ 6000 އާ 7000 އާ ދޭތެރޭގައި ޑޮލަރު. އެ ޢަދަދު އަޅުގަނޑުމެން ބޭނުންވޭ، އިރާދަކުރެއްވިއްޔާ، އެ ޑަބަލްކުރަން، 12000 އަށް ޖައްސަން. 12000 އަށް ޖެއްސުމަށްޓަކައި އަޅުގަނޑު ކުރަންޖެހޭ މަސައްކަތްތަކެއް އަޅުގަނޑު އެބަ ކުރަންޖެހޭ. ރާއްޖެއިން ޑޮލަރު ލިބުމަށްޓަކައި، ދަތިނުވެ ލިބުމަށްޓަކައި އަޅުގަނޑު ކުރަންޖެހޭ މަސައްކަތްތަކެއް އަޅުގަނޑު އެބަ ކުރަންޖެހޭ. އަދި ހަމައެހެންމެ، ބޭންކުން މި ދޫކުރާ ލޯނު، އެއީ ފެނަކައިން ޢިމާރާތް ކުރަން ނަގާ ލޯނެއް ކަމުގައިވީނަމަވެސް، ނޫނީ އަޅުގަނޑުގެ އަޚު، އެމް.ޑީ.އޭ.ގެ ލީޑަރު ޝިޔާމް ރިޒޯޓެއް ހައްދަވަން ނަންގަވާ ފައިސާ ކަމުގައިވީނަމަވެސް، ނޫނިއްޔާ އޮފީހެއް ޢިމާރާތް ކުރަން މީހަކު ނަގާ ފައިސާއެއް ކަމުގައިވީނަމަވެސް، 8 ޕަސެންޓް، 9 ޕަސެންޓް، 10 ޕަސެންޓްގައި ހުންނަ ލޯނު، އަޅުގަނޑުގެ ވިސްނުމުގައި އެބަ ތިރިވާންޖެހޭ، ދުނިޔޭގައި މި ލޯނުތައް ލިބޭ މިންވަރާ ހަމައަށް. ގާތްގަނޑަކަށް 5.5 ނޫނިއްޔާ 6، މިއަށްވުރެ މަތިވެގެނެއް ނުވާނެ. މިކަހަލަ މަސައްކަތްތަކެއް ކުރުމަށްޓަކައި، ތިޔަބޭފުޅުން މިދިޔަ ހަފްތާގެ ތެރޭގައި އަޑުއައްސަވާނެ، އެމް.އެމް.އޭ.ގައި މި ބަހައްޓަންޖެހޭ ލީގަލް ރިޒަރވް. ކޮމަރޝަލް ބޭންކުތަކުން ބަހައްޓާ ރިޒަރވްވެސް 35 ން، 25ން މިއަދު އެއޮތީ 10 ޕަސެންޓާ ހަމަޔަށް ތިރިކޮށްފައި. 10 ޕަސެންޓާ ހަމަޔަށް ތިރިކުރީމަ މިވާގޮތަކީ، ކޮންމެ ބޭންކަކަށް ޑިޕޮސިޓަރުން، ނޫނިއްޔާ ފައިސާ އަޅާ މީހުން -/100 ރުފިޔާ ލައިފި ކަމަށްވަންޏާ، އެ -/100 ރުފިޔާގެ ތެރެއިން އެމް.އެމް.އޭ. ގައި ބަހައްޓަންޖެހެނީ ހަމައެކަނި -/10 ރުފިޔާ. އޭގެކުރީގައި އެކަން އޮންނަ އުޞޫލަކީ، -/100 ރުފިޔާ ބޭންކަށް ލިބިއްޖެ ކަމަށްވަންޏާ، އޭގެތެރެއިން -/25 ރުފިޔާ މި ހުންނަންޖެހެނީ އެމް.އެމް.އޭ. ގައި ތަޅުލެވިފައި. އެހެންވީމާ، -/75 ރުފިޔާ މި ލިބެނީ މީހުންނަށް ލޯނު ދޫކުރަން. އެ ޢަދަދު ތިރިކުރީމާ، މިހާރު އެބަ ލިބޭ ކޮންމެ -/100 ރުފިޔާއަކުން -/90 ރުފިޔާ، މީހުންނަށް އެކިއެކި މަސައްކަތްތަކަށް ލެންޑްކުރަން، ނޫނިއްޔާ ލޯނު ދޫކުރަން. އެހެންކަމަށްވަންޏާ، ހަމަ ހުރިހާ ވިޔަފާރިވެރިންނަށްވެސް މީގެ ފައިދާތަކެއްވޭ. މިއީ ވަކި ރަށަކަށް އަމާޒުނުކޮށް، މުޅި ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރަން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަޖެހުން ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައް.

 

މިކަހަލަ ބިޔަ ބޮޑެތި އިތުރު ކަންތައްތަކެއް، މި އަންނަ އަހަރުގެ ބަޖެޓްގައި އަޅުގަނޑުމެން އެބަ ޖަހަންޖެހޭ. ޖަހާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ މިދެންނެވި ގޮތަށް، ވަކިވަކި ރަށްރަށަށް ހަމަ ވިސްނާއިރުވެސް، އެއަށްވުރެ ބޮޑަށް ދެން ދާނީ ހަމަ މުޅި ރާއްޖެއަށް ބޭނުންވާ ބޮޑެތި ކަންތައްތަކެކޭ. ގަބޫލުކުރައްވާނެ، އަޅުގަނޑުމެން މި ހޭދަކުރަނީ 50 އަހަރުގެ މިނިވަންކަމުގެ އުފާވެރި އިޙްތިފާލުގެ އަހަރު ކަމަށްވާތީ، ހަމަ ވަރަށް ބޮޑެތި ޚަރަދުތަކެއް، ވަރަށްބޮޑެތި ހޭދަތަކެއް ކުރެވިގެން އެދިޔައީ. އެކަމަކު މީގައި މީގެކުރިއާ ތަފާތަކީ، މިކަން ކުރުމަކުންނެއް، އަޅުގަނޑުމެންގެ ބަޖެޓް އިތުރަކަށް ދަރަނިވެރިވެގެނެއް ނުދޭ. މިކަން މިކުރީ އަޅުގަނޑުމެންގެ ބަޖެޓްގެ ތެރެއިން. އަނެއްކާ އިރާދަކުރެއްވިއްޔާ، މިކަމަށް އަޅުގަނޑުމެން ކަނޑައެޅި ބަޖެޓަކުންނެއް، މާބޮޑު ތަފާތެއް އަޅުގަނޑުމެންނާ ހަމަޔަކަށް ނާދޭ. އެހެނެއް ނޫން، މީގެކުރީގައި އެބަހުރި، ބައެއް ބޮޑެތި މަޝްރޫޢުތައް، ސާކް ސަމިޓެއް ބޭއްވުން ކަހަލަ ކަންތައްތައް، ދެކުނުގެ އަތޮޅެއްގައި ހިނގާފައި. އަދިވެސް މިއުޅެނީ އޭގެ ބިލްތަކުން، މިހާރުގެ މި ސަރުކާރުވެސް ސަލާމަތްނުވެގެން މިއުޅެނީ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން މިކުރާ ކަންތައްތަކުގައި، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ބަޖެޓެއް ޖަހައިގެން މިކަން ކުރާ ކަމަށްވަންޏާ، ބަޖެޓަށް ފައްތައިގެން ކުރެވޭތޯ. އެކަމަކު އެހެން ދެންނެވި ކަމުގައިވީނަމަވެސް، 10 ޕަސެންޓް، 15 ޕަސެންޓްގެ ވޭރިއޭޝަން ނޫނީ ތަފާތެއް އުޅެދާނެކަންނޭނގެ.


އެހެންވީމާ، މިކުރެވޭ ހުރިހާ މަސައްކަތަކީ، މިދެންނެވި ކަހަލަ، ރާއްޖެއަށް ކުރިއެރުން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް. އަޅުގަނޑުމެންގެ ވަކިވަކި ފަރުދުންގެ ޖީބު ތަނަވަސްވެގެންދާނީ، މުޅި ރާއްޖެ ތަނަވަސްވެގެން. އަދި މުޅި ރާއްޖެ ތަނަވަސްވެގެން ބޭންކްތަކުން ލިބޭ ފައިސާ، އެއީ ވިޔަފާރި ކުރައްވާ ބޭފުޅުން ކަމުގައިވީނަމަވެސް، ނޫނިއްޔާ ވަޑާންކުރާ މީހުން ކަމުގައިވީނަމަވެސް، ނޫނިއްޔާ އަދި އެނޫން ޞިނާޢަތެއްގައި އުޅޭ ބައެއް ކަމުގައިވީނަމަވެސް، އެކަން ކުރެވޭނެ ފަސޭހަ ގޮތްތަކެއް ނޫނީ އަގުހެޔޮ ގޮތްތަކަކަށް ލޯނުތައް ހަމަޖެހިގެން ނޫނީ މިކަންކަމެއް ނުވާނެ.

 

އަޅުގަނޑު ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ޙަޤީޤަތުގައިވެސް މި އަތޮޅަށް، ނޫނީ މި ދާއިރާއަށް މިކުރާ ދަތުރުގައި، މޫސުމް ތަންދިންނަމަ، އަޅުގަނޑަށް ގިނަ ވަގުތު ހޭދަކުރެވުނީސް. އެހެން ނަމަވެސް، މޫސުމް އެހާ ގޯސްކޮށް އޮތީމާ، މިހާރު އަޅުގަނޑުމެން ދާން ނިންމާފައި އޮތް ރަށްތަކުގެ ތެރެއިން އަލިފުށްޓަކަށްވެސް އަޅުގަނޑުމެންނަކަށް ނުއެއް ދެވޭ. އަދި ކޮންމެ ރަށެއްގައި ހޭދަކުރާ ވަގުތުވެސް ތަންކޮޅެއް ކުރުކޮށްލަން މިޖެހެނީ. އަނެއްކާ ހަމަ މިދާއިރު ނ. އަތޮޅަށް އަދި ބ.އަތޮޅަށްވެސް އެބަ ދާންޖެހޭ. އިރާދަކުރެއްވިއްޔާ، ދެން އަންނަ ދަތުރެއްގައި ތަންކޮޅެއް ގިނަވަގުތު ހޭދަކުރެވޭތޯ އަޅުގަނޑުމެން ބަލާނަން. މިއަހަރުގެ ތެރޭގައި، ދަތުރުކުރުންވެސް ކުޑަކޮށް ލަސްކޮށްލައިގެން މިއުޅުނީ، މިނިވަން 50ގެ ހަމަ ބޮޑެތި ގިނަ ކަންތައްތަކެއް ސަރުކާރުގެ ތެރޭގައި ކުރަންޖެހޭތީއާއެކީ.

 

މިނިވަން 50ގެ އަހަރަކީ އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް، އަޅުގަނޑުމެންނަށް، ޒުވާނުންނަށް، ޚާއްޞަ ގޮތެއްގައި، ގިނަ ދުވަސްތަކެއްގައި އެމީހުންގެ ހަނދާނުގައި، އެމީހުންގެ ޚިޔާލުގައި އުފާވެރި ދުވަސްތަކެއްގެ ގޮތުގައި ނޫނީ އުފާވެރި އިޙްތިފާލެއްގެ ގޮތުގައި ދިގުދެމިގެން ދިޔުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން ބޭނުންވީ އަދި އަޅުގަނޑުމެންގެ ޕާޓީން ބޭނުންވީ އެވަރު ހޭދަތަކެއް ކޮށްގެން، މިއީ ރައްޔިތުންނަށް، ޒުވާނުންނަށް ބޭނުން ހިފޭ އަދި ޒުވާނުން އުފާކޮށްދޭ ކަހަލަ ޙަފްލާތަކެއް ބޭއްވުމަށް. އަޅުގަނޑުމެން ކުރި މަސައްކަތް އެއީ. އެހެންވީމާ، މި މަސައްކަތް ކުރުމުގައި، އަޅުގަނޑާއެކީ ވަޒީރުންނާއި އަދި ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުން، ކުންފުނިތަކުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި. ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި. އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރެވިފައި ހުރި ބައެއް ކަންތައްތައްވެސް ނުކުރެވި ލަސްވެގެން އެ ދިޔައީ ޙަޤީޤަތުގައިވެސް އޭގެ ބޭރުން ވަރަށް ބޮޑެތި ކަންތައްތަކެއް، މިނިވަން 50ގެ އިވެންޓްތަކާ ގުޅިގެން އެމް.ޓީ.ސީ.ސީ.އާ ޙަވާލުވި. މިސާލަކަށް، ޢިއްޒުއްދީން ފާލަން. އެ ފާލަމަކީ ހަމަ ދެ މަސްދުވަހުގެ ތެރޭގައި، އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައި، ދެ މަސްދުވަހުގެ ތެރޭގައި، އެ ހުޅުވައި ނިންމަން އަޅުގަނޑުމެން އެންގީ. ޢާންމު ގޮތެއްގައި ޢާންމު އުޞޫލުން މަސައްކަތްކުރާ ކަމަށްވަންޏާ، ހަތަރު ފަސް މަސްދުވަސް ނަގާވަރުގެ ފާލަމެއް، މި ފާލަން މިއީ. އެހެން ނަމަވެސް، އެމް.ޓީ.ސީ.ސީ.ގެ މަސައްކަތުގެ ޕްރޮގްރާމްގެ ތެރެއިން އަނެއްކާވެސް މުޅި އެމް.ޓީ.ސީ.ސީ، ދެ މަސްދުވަހަށް އެހެން ކަމަކަށް ބަންދުވާން ހަދައިގެން، އެމް.ޓީ.ސީ.ސީ ވެސް މިކަން ނުކުރެވިގެން ދިޔައީ. އެހެން ނަމަވެސް، އެއީކީ އެއްގޮތަކަށްވެސް ޙުއްޖަތެއް، ބަހަނާއެއް ދެއްކުމުގެ ގޮތުން ދަންނަވާ ވާހަކައެއް ނޫން.

 

ދަންނަވާލަން މިއުޅެނީ، 50ގެ އަހަރަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޙަޔާތުގައި، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ލައިފްސްޕޭންގައި އެއްފަހަރު އަންނާނެ ދުވަހެއް. އެހެންވީމާ، މިނިވަން 50 އަކީ ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ބޭނުންވާ އިޙްތިފާލަކަށް އަޅުގަނޑުމެން ހުރިހާ އެންމެންވެސް ބޭނުންވީމަ، މިދެންނެވި ކަހަލަ ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހުނީމާ، ބައެއް ކުންފުނިތައްވެސް، އެމީހުންގެ ޢާންމުކޮށް ކުރާ މަސައްކަތުން އެއްފަރާތަށް ޖެހިލާފައި، ބައެއް ބޮޑެތި ކަންތައް ކުރަންޖެހުނީ.

 

މި ކަރަންޓްގެ ޚިދްމަތް ފުޅާވެގެން ދިޔައިމާ، އަޅުގަނޑު ހަމަގައިމުވެސް އުންމީދު ކުރަން، މި ރަށަކީ މީގެ ހަމަ ލާމަސީލު، ބޭނުންތެރިކަމުގައި ލާމަސީލު މިސާލެއް ދައްކައިދޭނެ ރަށެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއީ ރާއްޖޭގައި މިހާރު ފާހަގަކުރެވޭގޮތުން ވެއްޖިއްޔާ، ކިއްސަރުގެ އެއްވަނަ ރަށަކަށް މިވަނީ އިންނަމާދޫ. މިހާރުވެސް ތިދަނީ ބޯޓް ބިލްޑް ކުރަމުން. ދެންމެ ފަލާޙުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، އަޅުގަނޑުމެންގެ މި ބަނދަރުގައި މިހިރަ ބޯޓުފަހަރު، ނޫނިއްޔާ މި ބަންނަން މި ލިބިފައި ހުރި ބޯޓުފަހަރަށް ބަލާކަމަށްވަންޏާ، 100 ވަރަކަށް މިލިއަން ރުފިޔާއާ ހަމައަށް އޭގެއަގު އަރާނެކަންނޭނގެ. އެހެންވީމާ، ހަމަ ޝައްކެއްވެސް ނެތްގޮތުގައި، މި ޞިނާޢަތް، ތިޔަބޭފުޅުންނަށް ކުރިއަށް ގެންދެވުމަށް ވަރަށްބޮޑު ހިތްވަރަކަށް ވެގެންދާނެ، ދާއިމީ ކަރަންޓް، އަދި ކިތަންމެވަރަކަށް ކަރަންޓް ބޭނުންކުރި ނަމަވެސް، ކެނޑުމުގައި އެއްވެސްކަހަލަ ބިރުވެރިކަމެއް، ނޫނިއްޔާ ކެނޑުމުގައި އެއްވެސްކަހަލަ ނުރައްކަލެއް ނެތް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށްވަންޏާ ކުރިއަށްދާނެ.

 

ދެން މިރަށުގެ އިކޮނޮމީ ވަރުގަދަވީވަރަކަށް، އަޅުގަނޑަށް ހީވަނީ ހަމަ ޙަޤީޤަތުގައިވެސް ފެނަކާއިން ދޭ ކަރަންޓްގެ އަގު މި ރަށުގައި ހެޔޮކުރުމަށް ފަސޭހަވެގެންވެސްދާނެ. އެހެންވީމާ، މިކަން އޮތީ މިރަށުގެ ވަޑާންކުރާ މީހުންގެ އަތްމަތީގައި. މިރަށުގެ ވިޔަފާރީގެ މަސައްކަތްތައް ކުރާ މީހުންގެ އަތްމަތީގައި. މިކަހަލަ ކޮންމެ ޚިދްމަތެއް ފޯރުކޮށްދިނީމާ، އެ ޚިދްމަތުން ފުއްދަންޖެހޭ ޟަރޫރީ ބޭނުންތައް ފުއްދުމުގެ އިތުރަށް، ދެން ކުރަންޖެހެނީ ވިޔަފާރީގެ ބޭނުން. ނޫނިއްޔާ އާމްދަނީ އިތުރުކުރަން ކުރާ ބޭނުން. އާމްދަނީ އިތުރުކުރަން ކުރަން ކުރާ ބޭނުން ކޮށްގެން ނޫނިއްޔަކާ، މިއިން އެއްވެސް ޚިދްމަތަކީ ދެކޮޅުޖެހޭ ގޮތެއްގައި، ޚިދްމަތްދޭ ކުންފުންޏެއްވެސް އަދި ޚިދްމަތް ލިބިގަންނަން ބަޔަކަށްވެސް، ދެކޮޅުޖެހޭގޮތެއްގައި ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، މިރަށަކީ ޝައްކެއްވެސް އަޅުގަނޑު ނުކުރާގޮތުގައި، އިންނަމާދުއަކީ މި ކަރަންޓްގެ ބޭނުން އެންމެ ފުރިހަމަކޮށް ބޭނުންކުރައްވައި، މިތަނުގެ އިޤްތިޞާދު ވަރުގަދަކުރަން ތިޔަބޭފުޅުންނަށް ލިބޭ ފުރްޞަތުގެ ބޭނުން ހިއްޕަވާނެ ރަށެއް ކަމަށް އަޅުގަނޑު ޔަޤީންކުރަން.

 

އިރާދަކުރެއްވިއްޔާ، އިންނަމާދުއަށް ފާގަތި ދުވަސްތަކެއް ﷲ މިންވަރު ކުރައްވާށި! އަދި މި ދާއިރާގެ ދެންހުރި ރަށްތަކަށްވެސް، މުޅި ދިވެހިރާއްޖެއަށްވެސް މާތްﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި! އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ރައްޔިތަކީ ހަމަޖެހިގެން ދިރިއުޅޭ އަދި ކުރިއަށް ދިޔުމުގެ ހިތްވަރާއި ޖޯޝްހުރި ރައްޔިތަކަށް ވެގެންދިޔުން. ޞުލްޙަމަސަލަސްކަމަށް ލޯބިކުރާ އަދި ކުރިއަށް ދިޔުމުގެ ހިތްވަރު، އަޅުގަނޑުމެންގެ ހުރި ބައެއް ކަމުގައި ވެގެންދިޔުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.