بســم اللّـه الرّحمـن الرّحيــم
 
         اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، މިރޭގެ މި މުހިންމު ޖަލްސާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން އައްސަވަމުން ގެންދަވާ އެންމެހާ ޢިއްޒަތްތެރިން، ކަސްޓަމްސްގެ ފެމިލީގެ އެންމެހާ ލޮބުވެތި އަޚުން، އުޚުތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިރޭ އަޅުގަނޑަށް ލިބޭ އެންމެ ޚާއްޞަ އުފަލަކީ، ދިވެހި ދައުލަތުގެ އެންމެ ދުވަސްވީ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އެއް މުއައްސަސާ، ކަސްޓަމްސް އަށް 125 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި ބާއްވާ ޖަލްސާގައި، ކަސްޓަމްސްއަށް އެކިގޮތްގޮތުން ޚިދްމަތްކޮށްދެއްވި ވެރިންނަށާއި، ކަސްޓަމްސްގެ އޮފިސަރުން އަދި ކަސްޓަމްސްގެ މުވައްޒަފުން އަދި މިހާރުވެސް މި މުހިންމު މަސްއޫލިއްޔަތުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ކަސްޓަމްސްގެ އެންމެހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، ތިޔަކޮށްދެއްވާ މަތިވެރި ޤައުމީ ޚިދްމަތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ ތިއްބެވުމަށް އިލްތިމާސްކޮށް ނަޞޭޙަތް އެރުވުމަށް ލިބޭ ފުރްޞަތު.
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، ދުނިޔޭގައި އުފެދިފައި ހުރި މުއައްސަސާތަކަށް ބަލާކަމަށްވަންޏާވެސް، ދުނިޔޭގެ އެންމެ ކުރީގެ ނިޒާމުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމަކަށް އެބަވޭ ވިޔަފާރި. ވިޔަފާރިއަކީ އެންމެ ކުރީގެ ނިޒާމުތަކުގެ ތެރޭގައި، މުޢާމަލާތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ޝައްކެއްވެސްނެތްގޮތުގައި ވިޔަފާރި ރެގިއުލޭޓް ކުރުން، ވިޔަފާރި ގައިޑްކުރުމަކީ، ދުނިޔޭގައި އެކަން ކުރުމަށް އުފެދިފައި ހުރި ނިޒާމުތަކުގެ ތެރޭގައި، އިންތިޒާމުތަކުގެ ތެރޭގައި އެންމެ ދުވަސްވީ އިންތިޒާމަށް ވެގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑުމެން ހިތަކު ޝައްކެއް ނުއުފެދޭ. މުޅި ދުނިޔޭގައި ހުރި މުއައްސަސާތަކުގެ ތެރޭގައިވެސް އެންމެ ކުރީގެ މުއައްސަސާތައް ބިނާވެފައި މިއޮތީ ވިޔަފާރި ކޮންޓްރޯލް ކުރުމާ ބެހޭގޮތުން. ވިޔަފާރި ރެގިއުލޭޓް ކުރުމާ ބެހޭގޮތުން. އެހެންވީމާ، ދުނިޔޭގައިވެސް ފާހަގަކުރެވޭ އެންމެ ދުވަސްވީ މުއައްސަސާތަކުގެ ތެރޭގައި އެބަ ހިމެނޭ ޑިއުޓީ ނަގާ މުއައްސަސާއެއް. ވިޔަފާރި ރެގިއުލޭޓް ކުރާ މުއައްސަސާއެއް. ރާއްޖޭގައި މިކަން އޮތީވެސް މިގޮތަށް. ރާއްޖޭގައި އަޅުގަނޑުމެންނަށް އެނގޭ ތާރީޚުން ފެށިގެން ބަލާކަމަށްވަންޏާ، މިހާރު މި ފާހަގަކުރަނީ 125 އަހަރު.
 
އަޅުގަނޑުމެން މިއަދު އިމްޕޯޓް ޑިއުޓީ، ކަސްޓަމްސް ޑިއުޓީ، މި ނަން ނަމުން ނަން ކިޔައިގެން މިގެންދަނީ. އަދި އަޅުގަނޑުމެން އެޑްވަލޯރެމް ޓެކްސްއެއް ގޮތަށް ޓެކްސް ނަގަމުން މިގެންދަނީ ދިވެހި ރުފިޔާއިން، ދިވެހި ފައިސާއިން. އެކަމަކު އަޅުގަނޑުމެންގެ ދެވަނަ ޖުމްހޫރިއްޔާގެ ވަރަށްފަހާ ޖެހެންދެންވެސް އަޅުގަނޑުމެންގެ ތެރޭގައި މިކަން އޮތީ މިހެނެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ނަގަމުން ގެންދިޔައީ ކަސްޓަމްސް ޑިއުޓީ. އޭރު ކިޔަނީ މައުމޫލު. އަދި އޭރު ތަކެތި ނަގަނީކީ ފައިސާއަކުންނެއް ނޫން. އޭރު ތަކެތި ނަގަނީ ބާވަތުން. އެހެންވީމާ، އެތެރެކުރެވޭ ބާވަތުން އޭރު ކަނޑައަޅާފައި އޮންނަ ޢަދަދަކަށް ފައިސާ ނެގެމުން މިދަނީ. ޒަމާނީ ބަދަލު އަންނަން ފަށާފައި މިއޮތީ ގާތްގަނޑަކަށް މީގެ ސާޅީހަކަށް، ފަންސާހަކަށް އަހަރު ކުރިން. ގަބޫލުކުރެއްވޭނެ، އެތެރެކުރެވޭ ތަކެތިން މައުމޫލު ނެގުމަކީ ފަސޭހަ ކަމަކަށްވެސް ނުވާނެ. އެހެން ނަމަވެސް، އެކަން ދިވެހިރާއްޖޭގައި ހިނގަމުން އައީ އެގޮތަށް.
 
ކަސްޓަމްސްއޭ ބުނީމަ، އަޅުގަނޑުމެންގެ ޚިޔާލަށް، ހަމަގައިމުވެސް އަޅުގަނޑުގެ ޚިޔާލަށް އަންނަނީ ދެކަމެއް. އެއްކަމަކީ އާމްދަނީ ލިބޭ ދޮރާށްޓަކަށް އެކަން ވެގެންދިޔުން. އަނެއްކަމަކީ ވިޔަފާރިކުރާ ފަރާތްތަކަށް އުނދަގޫ ތަނެއްގެ ގޮތުގައި ފާހަގަވެގެންދިޔުން. އަޅުގަނޑު މި ދަންނަވަނީ، ދިވެހި ކަސްޓަމްސްގެ ވާހަކަ އެކަންޏެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިކަން އޮތްގޮތް. ދުނިޔޭގައި ކަސްޓަމްސް ނޫނިއްޔާ ވިޔަފާރި ރެގިއުލޭޓް ކުރެވެން ފަށާފައި މިވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން، މައިގަނޑު ގޮތެއްގައި. އެއްވަނަ ބޮޑުހަނގުރާމައިގެ ދުވަސްތަކުގައި، އެ ހިނގާދިޔަ ކަންތައްތަކާއެކީ އަޅުގަނޑުމެންނާ މުޅި ދުނިޔެއާ ކުރިމަތިލީ ތަދެއް. އެ ތަދުގެ ތެރޭގައި ކުރެވުނު މަސައްކަތަކީ، ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ އިޤްތިޞާދު ރައްކާތެރިކުރުމަށް ކުރަން ފެށި މަސައްކަތްތައް. އަދި މިކަން މިހެން އޮތީ ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ގޮސް، 1945ން ފެށިގެން މުޅި ދުނިޔެއާ ބައްދަލުކުރި ބޮޑު ތަދުގެ ދުވަސްތަކުގައި މިކަން ދިޔައީ އިތުރުވަމުން. އާދެ، ކޮންމެ ޤައުމަކުންވެސް، އެ ޤައުމެއްގެ މުދާ، އެ ޤައުމެއްގެ އިންޑަސްޓްރީ ޞިނާޢަތް ހިމާޔަތް ކުރުމުގެ ވަރަށް ވަރުގަދަ ރޫޙެއް މުޅި ދުނިޔޭގައި އެކި ހިސާބުގައި ފެތުރެމުންދިޔައީ.
 
ދުނިޔޭގެ މުއައްސަސާތައް، އިޤްތިޞާދީ ތިއަރީތައް، އެކިގޮތްގޮތަށް ލިޔަމުން އަންނައިރު، ކޮންމެ ޤައުމަކަށްވެސް އެންމެ ފައިދާހުރި ގޮތަކީ، އެ ޤައުމެއްގެ އަމިއްލަ ފައިމައްޗަށް ތެދުވުން ނޫން ގޮތެއް ނޫންކަމަށް ކަނޑައަޅާފައި އޮތީ. އެހެންވާންޖެހުނީ، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ކުރާ އިތުބާރު ގެއްލިގެންގޮސް، ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ މުދާ އުފެއްދުމާއި، އެ ޤައުމެއްގެ މުދާ އުފައްދާ ބަޔަކަށް ވަޒީފާގެ ފުރްޞަތު އިތުރުކޮށްދިނުމާއި، އަދި އެކަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ކުރެވުނު ވަރުގަދަ މަސައްކަތްތައް. އާދެ، އޭރު އިސްޠިލާޙެއްގެ ގޮތުގައި، ކޮންސެޕްޓެއްގެ ގޮތުގައި ކިޔަމުން އަންނަނީ، ޕްރޮޓެކްޝަނިސްޓް ވިޔަފާރި ނޫނިއްޔާ އޭރުގެ ވިޔަފާރިތައް، އިޤްތިޞާދު މިދެންނެވި ގޮތަށް ހިމާޔަތް ކުރެވުނު ގޮތެއްގެ މަތިން ހިމާޔަތް ކުރުމަށް، ކޮންމެ ޤައުމަކުންވެސް މަސައްކަތް ކުރީ.
 
މި ދުނިޔެއަށް، މި ޒަމާނަށް ކަސްޓަމްސް ހުޅުވިގެން އަންނައިރު، ނޫނިއްޔާ ވިޔަފާރީގެ މުޢާމަލާތްތައް ހުޅުވިގެން އަންނައިރު، ގަބޫލުކުރެއްވޭނެ، ކޮންމެ ދޮރާށްޓަކުންވެސް، ދުނިޔޭގެ ކޮންމެ ޤައުމެއްގެ ދޮރާށްޓަކުންވެސް، އެ ޤައުމެއްގެ ވިޔަފާރި ހިމާޔަތް ކުރަން ކުރާ މަސައްކަތުގައި، އެހެން ޤައުމެއްގެ މުދާ އެތެރެވާ ކަމަށްވަންޏާ، އެ މުދާ އެތެރެކުރާ އެ ޤައުމެއްގެ ރައްޔިތަކަށް، ކުންފުންޏަކަށް އުނދަގޫ ނޫން އެހެން ކަމެއް، އެ ދޮރާށްޓަކުން ބައްދަލެއް ނުކުރާނެ. އެއީ ޤާނޫނުތައް ހެދިފައި މިހުންނަނީ، އުޞޫލުތައް ހެދިފައި މި ހުންނަނީ، އެ ޤައުމެއްގެ ރައްޔިތުންގެ އުފެއްދުންތެރިކަން ހިމާޔަތް ކުރަން. ޕްރޮޓެކްޝަނިސްޓް ނިޒާމެއްގެ ދަށުން މިކަންކަން އައީ 1945 ން ފެށިގެން އައިސް، ގާތްގަނޑަކަށް 1980 އާ ހަމަޔަށް އައީ، މިދެންނެވި ނިޒާމެއްގެ ތެރެއިން. ދުނިޔޭގައި އޭރު އުފެދުނު މުއައްސަސާތަކުގެ ތެރޭގައި، ވާރލްޑް ބޭންކް، އައި.އެމް.އެފް، ބްރެޓަން ވުޑްސްގެ އޯގަނައިޒޭޝަންތައް ނޫނިއްޔާ މުއައްސަސާތައް މިއައީ. ހަމައެޔާއެކީ މި އަންނަނީ ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަނެއްގެ، އިސްވެ މިދެންނެވި ގޮތަށް ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަނެއްގެ މަސައްކަތް ކުރެވޭ ހިސާބު. ކުރެވުނު މަސައްކަތަކީ މުޅި ދުނިޔެވެސް އެހިސާބުން ގަބޫލުކުރީ، ދުނިޔޭގެ ވިޔަފާރިއަށް އެޅޭ އެންމެބޮޑު ހުރަހަކީ އިމްޕޯޓް ޑިއުޓީކަން. ކޮންމެ ޤައުމެއްގެ މުދާ ހިމާޔަތް ކުރަން މި ހުންނަނީ ބޮޑެތި އަދަދުގެ ޑިއުޓީ ޖަހާފައި. ފައިވާން އުފައްދާ ޤައުމަކުން، އެ ޤައުމަކަށް ބޭރުން ފައިވާން އެތެރެކުރާ ކަމަށްވަންޏާ، 200 ޕަސެންޓް، 300 ޕަސެންޓް، 400 ޕަސެންޓް ޖަހާލުމަކީ އޭރު އާދަ.
 
ބޭރުން އެތެރެކުރެވޭ ފައިވާނަކަށް، ޤައުމެއްގައި ޖާގަ ހޯދުމަކީ، މާކެޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، އެ ދޮރާށިތަކުން މަރްޙަބާ ކިޔަނީ އުނދަގުލާއި ތަކުލީފާ، ވިޔަފާރިކުރާ ފަރާތްތަކަށް. މިދެންނެވި ގޮތަށް މުޅި ދުނިޔޭގެ ވިޔަފާރީގެ އެންމެ އުނދަގޫ ކަމަކަށް ވެގެން މިދިޔައީ މިދެންނެވި ގޮތަށް މައުމޫލު ކޮންޓްރޯލް ކުރުން. ނޫނިއްޔާ ޑިއުޓީ ކުޑަކުރުން ކަމަށް ގަބޫލުކުރެވިގެން، ދެން ބޮޑެތި މަސައްކަތްތަކެއް މުޅި ދުނިޔޭގައި ފެށިގެން ދިޔައީ، އިޤްތިޞާދީ އެންމެ ވަރުގަދަ މަސައްކަތަކަށް އޭރު ފެށިގެން ދިޔައީ، ވިޔަފާރިއަށް ފަހިވާނެ ގޮތަށް ކަންތައްތައް ކުރުން. ހަމަ އަމާޒަކީ އެންމެ ކަމެއް. ސްޓްރެޓިޖީއަކީ އެންމެ ކަމެއް. ޤައުމުތަކުގައި އެކްރޮސް ދަ ބޯޑު މި ނެގޭ ޑިއުޓީ ކުޑަކުރުން ނޫން ކަމެއް، މީގައި ނެތް ކަމަށް މުޅި ދުނިޔެ ގަބޫލުކުރީ. އެހެންވީމާ، ޑިއުޓީ ކުޑަކުރުމަކީ އޭރު މުޅި ދުނިޔޭގެ އިޤްތިޞާދަށް ގެނެވުނު އެންމެ މުހިންމު ބަދަލު. އެންމެ ގިނަ މަސައްކަތްތަކެއް، އެކިއެކި ޓްރޭޑް ރައުންޑްސްގެ ތެރޭގައި، ދުނިޔޭގެ ހުރިހާ ޤައުމުތަކުން ގޮސް އެންމެ ބޮޑު މަސައްކަތްތަކެއް، ގާތްގަނޑަކަށް ތިރީހަކަށް އަހަރުގެ މުއްދަތުގެ ތެރޭގައި ކުރީ، ޤައުމުތަކުން އިމްޕޯޓްކުރާ މުދަލަށް، ޤައުމުތަކުގައި ނެގޭ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް. އެ ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ދުނިޔޭގައި ތަރައްޤީވެފައި ނޫނިއްޔާ ކުރިއަރާފައި ހުރި ޤައުމުތަކުގައި، ޑިއުޓީއަކީ ޙަޤީޤަތުގައި އެ ޤައުމެއްގެ އާމްދަނީއަށް، ރެވެނިއު އަށް ވަންނަ ވަރަށް ކުޑަކުޑަ އެއްޗެއް.
 
ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި، ކުދި ޤައުމުތަކުގައި ދިވެހިރާއްޖެ ކަހަލަ، އަޅުގަނޑުމެން ކަހަލަ ކުދިކުދި ޤައުމުތަކުގައި މިކަން އޮތީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭނެ. އަޅުގަނޑުމެން ޑިއުޓީ ކުޑަކުރުމުގެ މަސައްކަތްތަކެއް ކޮށްފައި މިއޮތީ 2002 ވަނަ އަހަރުން ފެށިގެން. 2000 ވަނަ އަހަރުން ފެށިގެން ޑިއުޓީ ކުޑަކުރުމުގެ މަސައްކަތްތަކެއް ކުރަމުން ގެންދިޔައީ. އޭގެކުރީގައި ދައުލަތުގެ މުޅި އާމްދަނީގެ ވަރަށްބޮޑު ޙިއްޞާއެއް މި އަންނަނީ އިމްޕޯޓް ޑިއުޓީން. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، 15 ޕަސެންޓާ ކައިރި ޢަދަދެއް، އޭރު ދައްކަނީ ކަސްޓަމްސް ޑިއުޓީން. އަޅުގަނޑުމެންވެސް ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ މެންބަރަކަށްވެގެން، އެ ޕްރޮޓޮކޯލްތަކުގައި، ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޕްރޮޓޮކޯލްތަކުގައި ޙަރަކާތްތެރި ބައިވެރިން ކަމުގައި ވެގެން އަޅުގަނޑުމެން އޭރު ކުރަން ފެށި މަސައްކަތަކީ، އަޅުގަނޑުމެންނޭ އަޅުގަނޑު މި ދަންނަވަނީ، އޭރު އަޅުގަނޑު ހަމަ މި ދާއިރާގައި ވަރަށް ގާތުން މަސައްކަތް ކުރި މީހަކަށްވާތީއާއެކީ. އޭރު ޓްރޭޑް މިނިސްޓަރެއްގެ ޙައިޘިއްޔަތުން އަޅުގަނޑު މި މަސައްކަތް ކުރަމުން ދިޔައީ. އަދި ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ޙަރަކާތްތެރިވުމުގެ މި ފުރްޞަތު އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ.
 
ކުރެވުނު މަސައްކަތްތަކަކީ ޑިއުޓީ ކުޑަކުރުން. އެހެންވީމާ، އެކުރެވުނު މަސައްކަތުގެ ތެރޭގައި 2002 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރު، 2012 ވަނަ އަހަރު، 2012 ވަނަ އަހަރާ ހަމަޔަށް ދިޔައިރު، އަޅުގަނޑުމެން މަސައްކަތްކުރީ، ދިވެހިރާއްޖެއަށް އާމްދަނީ، ޑިއުޓީގެ ތެރެއިން ލިބެންވެސް އެބަޖެހޭ. އެހެން ނަމަވެސް، އެޔާއެކީ އެއްވަނަ ދުނިޔޭގެ ޤައުމުތަކާ އެއްހަމަޔަކަށް ނާދެވުނު ކަމުގައިވީނަމަވެސް، ދުނިޔެ ގަބޫލުކުރާ ފެންވަރަކަށް އަޅުގަނޑުމެންގެ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރީ. އެހެންވީމާ، އެވްރެޖް ގޮތެއްގައި އަޅުގަނޑުމެންގެ ޑިއުޓީ ގާތްގަނޑަކަށް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ސީ.އައި.އެފް މުދަލުގެ އަގުގެ އެޑްވަލޯރެމް އަގެއްގެ ގޮތުގައި، އެވްރެޖް ޑިއުޓީއެއްގެ ގޮތުގައި ގާތްގަނޑަކަށް 14 ޕަސެންޓާ ހަމަޔަށް، ސަރުކާރުން އޭރު ތިރިކުރި. އެކިފަހަރު މަތިން މިކަހަލަ ނެގޯސިއޭޝަންތައް ގެންދިޔުމާއެކީ، އެކިފަހަރު މަތިން އިމްޕޯޓް އެކްސްޕޯޓް ޤާނޫނު، އެއީ ޤާނޫނު ނަންބަރު 79/31 އަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ކުރެވުނު މަސައްކަތްތަކަކީ، އެކިފަހަރު މަތިން މިދެންނެވި ގޮތަށް ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް.
 
 އެ މަސައްކަތުގެ ތެރޭގައި، މި ޒަމާނުގެ ކަސްޓަމްސްއަކަށް، ކަސްޓަމްސްގެ އިންތިޒާމުތައް ބަދަލުކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދިޔައީ. ހާރމަނައިޒް ސިސްޓަމެއް ތަޢާރުފް ކުރެވުނު. އަދި ކަސްޓަމްސްގެ ވާހަކަ ދައްކާފައި ނިންމާލާ ކަމަށްވަންޏާ، މުދާ ޑިކްލެއަރ ކުރުމުގެ ފޯމްތަކުގެ ވާހަކަ، ކުރީގައި A ފޯމް. މިހާރު މި ފޯމްތައް، ޑިކްލަރޭޝަން ފޯމްތައް، ކަސްޓަމްސްއާ ބެހޭގޮތުން ވާހަކަދައްކާ ކަމަށްވަންޏާ، އަސިކުޑާގެ ނަން ނައިހެއް ނުދާނެ. އަސިކުޑާއިން، އަސިކުޑާ ޕްލަސްޕްލަސް އިން މިހާރު އަސިކުޑާ ވާރލްޑަށް އަޅުގަނޑުމެން މައިގްރޭޓް ކުރަން، ހިޖުރަ ކުރުމުގެ މަސައްކަތް މި ކުރަނީ. އޭގެ ބޭނުމަކީ މިދެންނެވި ޑިކްލަރޭޝަންތައް ފަސޭހަކުރުން. މިހާރު އޮންލައިންކޮށް، މިކަން ކުރެވޭ ކަމަށް، ދެންމެ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަޅުގަނޑުމެންނަށް އެ އިޢުލާނު ކުރެއްވީ. އާދެ، އެހެންވީމާ ކަސްޓަމްސްއަކީ ވިޔަފާރިއަށް ދަތި އުނދަގޫ ތަނެއްގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރަމުން އައީ.
 
ދިވެހިރާއްޖޭގައިވެސް ކަސްޓަމްސްއަކީ މިދެންނެވި ގޮތަށް ފަސޭހަ ތަނެއް ނޫން. ކަސްޓަމްސްއާއި އިމިގްރޭޝަނާ، މި ތަންތަނަކީ އޭގެ ޒާތުގައި އެއްގޮތަކަށްވެސް ދިވެހިރާއްޖެއަށް ނިސްބަތްކޮށް އަޅުގަނޑު ދައްކާ ވާހަކައެއް ނޫން މި ދައްކަނީކީ. އެހެން ނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވަނީ، ޠަބީޢަތުގައި މިކަން ހިމެނިގެންދާއިރު، މިތަންތަނުން ނަގާ މަޢުލޫމާތަށް ބަލާއިރު، މިތަންތަނުން ކްލިއަރ ކުރުމަށްޓަކައި، ނޫނިއްޔާ ކްލިއަރެންސެއް ހޯދުމަށްޓަކައި ކުރާ މަސައްކަތަށް ބަލާއިރު، މިއީކީ އެކަމާ ކުރިމަތިލައިގެން ހުންނަ މީހަކަށް ފަސޭހަ ކަމެއް ނޫން. ރާއްޖެއިން ފުރައިގެން، މިސާލަކަށް އިނގިރޭސިވިލާތަށް ދަތުރުކުރާ ކަމަށްވަންޏާ، މިހާރަކު ނޫން، ތަންކޮޅެއް ކުރިޔާ ޖެހެންދެން، މީގެ ދިހަވަރަކަށް އަހަރު ކުރިޔާ ހަމަޔަށް ޖެހިލަންޏާ، 12 ގަޑިއިރު، 14 ގަޑިއިރު ދަތުރުކޮށްފައި ގޮސްފައި، ހިތްޕުޅަށް ގެންނަވާ، A4 ސައިޒްގެ ނޫނީ A3 ސައިޒްގެ އިމިގްރޭޝަން ފޯމެއް ދިއްކޮށްލަނީ، 2 ޞަފްޙާގެ ފޯމެއް ފުރާލަން. ބައިވަރު ތަފާސް ހިސާބާއި، ބައިވަރު އަމިއްލަ މަޢުލޫމާތާއި، ބައިވަރު މަޢުލޫމާތުތަކެއް ފުރަން. ދަތުރުފަތުރުކުރާ މީހުންނަށް، މަތިންދާބޯޓުގެ މަގުން ދަތުރުފަތުރުކުރާ މީހުންނަށް، މިއަށްވުރެ އުނދަގޫ ހަމަ އެއްވެސް ކަމެއް ދިމައެއްނުވާނެ. އެމެރިކާއަށް ދަތުރުކުރާ ކަމަށްވަންޏާ، އަދި ހަމަ މިކަން މިއަށްވުރެ އުނދަގޫ. އަޅުގަނޑުމެންނަށް އޭރު އެޑްވައިޒް ކުރަނީ، އެމެރިކާގެ އިމިގްރޭޝަން ފޯމް ފުރާކަމަށްވަންޏާ، އެންމެފަހަތު ޞަފްޙާގެ އެންމެފަހަތު ފޮޅުވަތުން ފުރަން. އެހެން ނޫނިއްޔާ އަކުރުތައް، ނޫނިއްޔާ ނަންބަރު ލައިންތައް ދިމާވާގޮތުން، ފޯމް ނިންމާތަނުން އެނގެނީ، އާނ އަދި މި ފުރުނީކީ ރަނގަޅަކަށް ނޫންކަން. އެހެންވީމާ، ދަތުރުފަތުރުކުރާ މީހުންނަށް އިމިގްރޭޝަނަކީ، ނޫނިއްޔާ އެއަރޕޯޓްގެ ތެރޭގައި މި ފުރަންޖެހޭ ފޯމްތަކަކީ ނައިޓް މެއަރިޝް ކަމެއް. ނައިޓް މެއަރއެއް. ހަމައެގޮތަށް، ވިޔަފާރިކުރާ މީހުންނަށް، މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް،  A4 ފޯމްގެ ނަމުގައި، ނޫނިއްޔާ އެހެންވެސް ކަސްޓަމްސް ޑިކްލަރޭޝަން ފޯމްގެ ނަމުގައި އެތަކެއް މަޢުލޫމާތުތަކެއް އެއްކޮށް، އެތަކެއް މަޢުލޫމާތުތަކެއް ޑިކްލަރޭޝަންގެ ގޮތުގައި ހުށަހަޅަންޖެހުމަކީ، އޭގެ ޒާތުގައި ހަމަ ވަރަށް އުނދަގޫ ކަމެއް.
 
އެހެންވީމާ، ކަސްޓަމްސް، ނޫނިއްޔާ ކަސްޓަމްސްއިން މިކުރާ މަސައްކަތް، މުޅި ދުނިޔޭގައިވެސް މަޝްހޫރުވެފައި އޮންނަނީ، ރާއްޖޭގައިވެސް އެކަން އިސްތިސްނާއެއް ނުވާގޮތަށް، މިއޮންނަނީ އެއީ ވިޔަފާރިއާ ފަރިތަ ތަނެއް ނޫނޭ. ވިޔަފާރިއާ ދޯޅު ތަނެއް ނޫނޭ. މުޅިން އެހެން މަޢުލޫމާތުތަކެއް. ވިޔަފާރިވެރިންނަކަށް އެ ޕޭޝަންސެއް، ނޫނިއްޔާ އެ ހިތްވަރެއް ނުހުރޭ. އުނދަގޫ ކަމަކަށް ވެގެންދަނީ. އަޅުގަނޑުމެންގެ ތެރޭގައިވެސް ޑިކްލަރޭޝަން ފޯމް، އަސިކުޑާ ސިސްޓަމަށް ބަދަލުކޮށް، ފަސޭހަ އިންތިޒާމުތަކެއް، ނޫނީ ޓްރޭޑް ފެސިލިޓޭޓް ކުރުމަށްޓަކައި ފަސޭހަ ކަންތައްތަކެއް ކުރަންދެން އަޅުގަނޑުމެންނަށް މިއީ ހަމަ ދަތި އުނދަގޫ ކަމަކަށްވެފައި އޮތް ކަމެއް. މިހާރު ދާދި އިހަށްދުވަހު، އިފްތިތާޙު ކުރެވިގެން އެ ދިޔައީ، އެއަރ ކާގޯ، ނޫނިއްޔާ އެއަރޕޯޓަށް އަންނައިރުވެސް، ނޫނިއްޔާ ފަސިންޖަރުން ދަތުރުކޮށްފައި އަންނައިރު، ގްރީން ޗެނަލްއަކާއި، ރެޑް ބެލްޓަކާ ތަޢާރުފްވެގެން. ހަމައެހެންމެ، ކަސްޓަމްސްއިން މިކުރާ މަސައްކަތް އޮންލައިންކޮށް ކުރެވެމުން މި ދިޔައީ. އީ-ގޭޓް ތަޢާރުފް ކުރެވެމުން މި ދިޔައީ.
 
އެހެންވީމާ، ޒަމާނީ ފެންވަރަށް ކަސްޓަމްސްއިން މިކުރާ މަސައްކަތް ކުރުމުގެ މަސައްކަތްތަކެއް މިހާރު މިވަނީ ފެށިފައި. އެހެންވީމާ، މިހާރު މި މަސައްކަތް ކުރެވެނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު މިޞްރާބު ޖަހާފައި ހުރި ދިމާއަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ، މިދެންނެވި ކަހަލަ ފަސޭހަ ޚިދްމަތްތަކެއް، ނޫނިއްޔާ ވިޔަފާރިއާ ރަޙްމަތްތެރި، ޓްރޭޑް ފެސިލިޓޭޓް ކުރާ ކަހަލަ ގޮތަކަށް ކަސްޓަމްސްގެ މަސައްކަތްތައް ބަދަލުކުރަން ދިޔުން. އެކަމަކު މިކަން ކުރާއިރުވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ކަސްޓަމްސްއިން ކުރާ މަސައްކަތަކީ، ބޯޑަރ ކޮންޓްރޯލްގެ އެންމެ ފުރަތަމަ މަރްޙަލާގައި ކުރާ މަސައްކަތް.
 
ދުނިޔެއަކީ ޝައްކެއްވެސްނެތްގޮތުގައި، ބަވަނަވެފައި އޮތް ދުނިޔެއެއް. އަޅުގަނޑުމެންގެ ތެރޭގައި މިހާރު ކުށް ކުރަނީކީ، އެއް ޤައުމުގައި ހުރެގެން، އެ ޤައުމުގެ ތެރެއަކު ނޫން. ކުށް ކުރުމަކީވެސް އެކްރޮސް ދަ ބޯޑް، ނޫނީ ސިންޑިކޭޓް ކުރެވިގެން ކުރާ ކަންތައްތަކުގެ ގޮތުގައި އެކުރަނީ. ރާއްޖޭގައި ހުރެގެން ކުށްކުރާ ކަމަށްވަންޏާ، ރާއްޖޭގައި ހުރެގެން ކުށް މި ކުރަނީ، އަވަށްޓެރި ޤައުމުތަކުގައި، ނޫނިއްޔާ އެއަށްވުރެ ދުރު ކަނޑުތައް ހުރަސްކޮށްފައި ދާ ޤައުތަކުގައި މި ކުރެވެނީ، އެ ޤައުމުތަކުގެ އެކިއެކި ޖަމާޢަތްތަކާ ގުޅިގެން. މި ކުށް ކުރުމުގެ ތެރޭގައި، ހުރިހާ ފާޑެއްގެ ކުށްތައް ހިމެނޭ. މީގެތެރޭގައި، މަސްތުވާތަކެތި އެތެރެކުރާ ކަމަށްވަންޏާ، މަސްތުވާތަކެތި އެތެރެކުރަނީ ހަމައެކަނި ދެފަރާތެއްގެ ދޭތެރޭގައި ކުރެވޭ މުޢާމަލާތެއްގައެއް ނޫން މިހާރު. މިހާރު މިކަން މި ކުރަނީ، ނޫނިއްޔާ ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި ސިންޑިކޭޓުތަކުން މިކަން ކުރާއިރު، ދުނިޔޭގެ އެކި ޤައުމުތަކުގައި، އެމީހުންގެ ގޮފިތައް، ނޫނީ ސިންޑިކޭޓްގެ އެކިއެކި ޕާޓްނަރުން މި ތިބެނީ. އެހެންވީމާ، އަޅުގަނޑުމެން ޓްރޭޑް ފެސިލިޓޭޓިންގ ތަނަކަށް ކަސްޓަމްސް ހަދާއިރު އަދި ކަސްޓަމްސްގެ މަސައްކަތް ޓްރޭޑް ފެސިލިޓޭޓް ކުރާގޮތަށް މިކަން ކުރާއިރުވެސް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ، އެންމެ ވަރުގަދަ ފްރޮންޓިއަރ ކޮންޓްރޯލް ސިސްޓަމެއް އޮންނަންޖެހޭ ތަނަކީ ކަސްޓަމްސްކަން.
 
އެހެންވީމާ، މިކުރާ ކަންތައްތައް ކޮމްޕްރޮމައިޒް ނުކޮށް، އަދި ސިންޑިކޭޓަޑް ކްރައިމް، ހުރިހާ ކަނޑުތައް ހުރަސްކޮށް ދިވެހިރާއްޖެއާ ހަމަޔަށް އަންނައިރު، އެންމެ ފާރަވެރިވާ ބަޔަކަށް  މި ތިބެންޖެހެނީ ކަސްޓަމްސް އޮފިސަރުން. އެހެންވީމާ، ކަސްޓަމްސްއިން މި ކުރައްވާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، ޤައުމީ ސަލާމަތާ ލާމެހި ގުޅިފައިވާ ކަމެއް. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާވެސް ހަމަ އެހާމެ ބޮޑަށް ލާމެހިފައި ހުރި މަސައްކަތެއް. އެހެންވީމާ، ސިސްޓަމްގެ ތެރެއަށް މި ފަސޭހަކަން ގެނައި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް ކޮމްޕްރޮމައިޒް ނުކުރެވޭނީ، ނޫނީ ފަހަރުގައިވެސް އަޅުގަނޑުމެންގެ ހަނދާނުން، ލޮލުން ކައްސާނުލެވޭނެ ކަމަކީ، ކަސްޓަމްސްއަކީ އެންމެ ފުރަތަމަ ސަފުގައި ދިވެހިރާއްޖެއަށް އެތެރެވާ މުދަލާއި، ދިވެހިރާއްޖެއަށް އެތެރެވާ އެކިއެކި ވިޔާނުދާ ކަންކަން ހުއްޓުވުމުގައި، އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަންޖެހޭ ބަޔަކީ ކަސްޓަމްސްކަން. ކަސްޓަމްސްގެ ޤާނޫނެއް ދާދި ފަހުން ހެދިހެން، ކަސްޓަމްސްގެ ޤާނޫނުގައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކެއް ލިޔެދީފައި އޮތްއިރު، މިހާރު އެ ބައި އެއޮތީ ޑޮކިއުމަންޓް ކުރެވިފައި. އޭގެކުރިންވެސް މިކަން ކުރަން ޤާނޫނީގޮތުން ޙަވާލުކޮށްފައި އޮންނަ ބަޔަކީ ކަސްޓަމްސް.
 
ދެން ކަސްޓަމްސްއާ ދޭތެރޭގައި އަޅުގަނޑުމެންގެ ޚިޔާލަށް އަންނަ އަނެއް ކަމަކީ، ކަސްޓަމްސްއަކީ ވިޔަފާރިއާ ބީރައްޓެހި، ނޫނިއްޔާ ވިޔަފާރިއާ ދުރު، ނޫނިއްޔާ ވިޔަފާރީގެ ހަތުރަކަށް ގަބޫލުކުރެވޭއިރު، ކަސްޓަމްސްއާ ބެހޭގޮތުން ކުރީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، ކަސްޓަމްސްއަކީ އެ ޤައުމަކަށް އެންމެބޮޑު އާމްދަނީއެއް ހޯދައިދޭ މުއައްސަސާއޭ. ދިވެހިރާއްޖޭގައި މިކަން އޮތީ މިގޮތަށް. އަޅުގަނޑު ދަންނަވާލިހެން، ދާދި އިހަށްދުވަހާ ޖެހެންދެން، 2011 ވަނަ އަހަރު، 2012 ވަނަ އަހަރާ ހަމަޔަށް އައިސް، ޖީ.އެސް.ޓީ ތަޢާރުފް ވަންދެން، ރާއްޖެއަށް އެއް ވަސީލަތަކުން، އެއް ދާއިރާއަކުން އެންމެބޮޑު އާމްދަނީއެއް ގެނެސްދޭ ދާއިރާއަކީ ކަސްޓަމްސް. އިމްޕޯޓް ޑިއުޓީ. އިމްޕޯޓް ޑިއުޓީ، އެއްދުވަސްވަރެއްގައި ރާއްޖޭގެ އުފެއްދުންތެރިކަން، ނޫނިއްޔާ ރާއްޖޭގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 15 ޕަސެންޓާ ހަމަޔަށް އިމްޕޯޓް ޑިއުޓީ ހޯދައިދިން. އިމްޕޯޓް ޑިއުޓީއަކީ ކަނޑު ހުރަސްކޮށް، ބޯޑަރުގެ ތެރެއިން ވަންނަ މުދަލުން ނަގާ ޑިއުޓީއަކަށްވާތީ، އިދާރީ ހިންގުމުގެ ޚަރަދު އެންމެކުޑަކޮށް، އެންމެ ފަސޭހައިން ނެގޭ ރެވެނިއުއަކަށް ވަނީ އިމްޕޯޓް ޑިއުޓީ. އެހެންވީމާ، ތަރައްޤީވަމުން އަންނަ ޤައުމުތައް، ނޫނީ ތަރައްޤީވެފައި ނުވާ ޤައުމުތައް، އެންމެ ފަސޭހައިން ބަރޯސާވަމުން އައީ އިމްޕޯޓް ޑިއުޓީ ނެގުމަށް.
 
އިމްޕޯޓް ޑިއުޓީ ދޫކޮށްލާފައި، ޓެކްސޭޝަންގެ ނިޒާމަށް ދެވެންދެން އަދި ޓެކްސޭޝަންގެ ނިޒާމު ފުރިހަމަކުރެވެންދެން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މި ނޫން އެހެން ޗޮއިސްއެއް ނެތް. މި ޑިޕެންޑް މި ކުރަންޖެހެނީ، ހަމަ މި ކަލެކްޓް ކުރާ ފްރޮންޓިއަރ ޓެކްސަސްއަށް. އެއީ މައިގަނޑު އެއްޗަކީ އިމްޕޯޓް ޑިއުޓީ. އެހެންވީމާ، ދިވެހިރާއްޖޭގައިވެސް މިކަން އޮތީ މިގޮތަށް. އިމްޕޯޓް ޑިއުޓީއަކީ 2002 ވަނަ އަހަރާ ހަމަޔަށް ބަލާކަމަށްވަންޏާ، އޭރު ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވޭ ޖުމްލަ މުދަލުގެ ވެލިއުއަށް ބަލާކަމަށްވަންޏާ، ގާތްގަނޑަކަށް 5 ބިލިއަން، 6 ބިލިއަން ރުފިޔާގެ މުދާ އެތެރެވަނީ. އެ މުދަލުން ދައުލަތަށް ލިބޭ އާމްދަނީއަށް ބަލާކަމަށްވަންޏާ، އެކަމުން އެބަ ލިބޭ ބިލިއަނެއްހާ ރުފިޔާ. އެހެން ނަމަވެސް، މިއަދު މި ޢަދަދު މިއޮތީ އެތައް ގުނައެއް އިތުރުވެގެން ގޮއްސަ. މި ޢަދަދު އެތައް ގުނައެއް އިތުރުވެގެން މިދަނީ ދިވެހިރާއްޖޭގައި މިހާރު މިއޮތީ ވަރަށް ބޮޑަށް ވިޔަފާރިއަށް މަރްޙަބާ ކިޔާ، ހުޅުވާލެވިފައި އޮތް އިޤްތިޞާދީ ވިޔަފާރީގެ ސިޔާސަތެއް.
 
ރާއްޖެއަށް މިއަދު އިމްޕޯޓް ކުރާ މުދަލަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މި ދައްކަނީ، ތިރީހަކަށް ބިލިއަން ރުފިޔާގެ މުދަލުގެ ވާހަކަ. އޭގެކުރިން އަޅުގަނޑުމެން ދެއްކީ 6 ބިލިއަންގެ ވާހަކަ. މިހާރު މި ދައްކަނީ ތިރީހަކަށް ބިލިއަން ރުފިޔާގެ މުދަލުގެ ވާހަކަ. އެކަމަކު އިމްޕޯޓް ޑިއުޓީ ކުޑަކުރަމުން ގޮސްފައި އަދި އިމްޕޯޓް ޑިއުޓީއަށް ބަރޯސާވުން ކުޑަކުރަމުން ގޮސްފައި، ޖީ.އެސް.ޓީ ތަޢާރުފް ކުރުމާއެކީ، އަޅުގަނޑު ދަންނަވާލާނީ، އިމްޕޯޓް ޑިއުޓީއަށް މިއަދު މި ނެގޭ އެއްޗަކީ، ނިސްބަތުން ހަމަ ވަރަށް ކުޑަކުޑަ އެއްޗެކޭ. ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ. ދެ ބިލިއަނެއްހާ ރުފިޔާ، ދެހާސް މިލިއަން ރުފިޔާ މި ނެގެނީ. ކުރީގެ ނިސްބަތްތަކުން 14 ޕަސެންޓް، 15 ޕަސެންޓް ނަގާކަމަށްވަންޏާ، މި ދައްކަނީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ ރެވެނިއުގެ ވާހަކަ މި ދައްކަނީ.
 
ދެން މީގައި ރަނގަޅު ގޮތަކީ ކޮބައިތޯ. ރަނގަޅު ގޮތަކީ ކޮބައިތޯ، މި ސުވާލުކުރާ ކަމަށްވަންޏާ، އިމްޕޯޓް ޑިއުޓީއަށް ބަރޯސާވުން ކުޑަކުރާނީތޯ، ޖީ.އެސް.ޓީ.އަށް ބަރޯސާވުން ބޮޑުކުރާނީތޯ. މީގައި ދެގޮތްވެސް ރަނގަޅު. އެހެން ނަމަވެސް، މީގެތެރޭގައި އުޅެނީ ސްޓްރެޓެޖީ ނުވަތަ މެކޭނިޒަމްގައި އުޅޭ ތަފާތެއް. ރާއްޖޭގައި ފިހާރައަކުން ވިއްކާ ކޮންމެ މުދަލަކުން ޖީ.އެސް.ޓީ ނަގާކަމަށްވަންޏާ، މީގެތެރޭގައި ޝައްކެއްވެސްނެތް، މީރާއިން އަދި ކިތަންމެ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ރާއްޖޭގައި އެކި ހިސާބުގައި ހުރި ފިހާރަތަކުން މި އޮޑިޓެއް ހަދާކަމަށްވަންޏާ، ނޫނިއްޔާ ޕަންޗްކުރާ ކޮންމެ ވިކުރާއަކުން އަޅުގަނޑުމެން މި ބަލާކަމަށްވަންޏާ، އަޅުގަނޑު ނުދަންނަވާނަން، ޖީ.އެސް.ޓީ ލިބިގެންދަނީކީ އަޅުގަނޑުމެންނަށް ލިބެންވާ ވަރަކަށޭ. ޖީ.އެސް.ޓީ.ގެ ތެރޭގައި، ހަމަ ޝައްކެއްވެސްނެތްގޮތުގައި، ފޭދިގެންދާ ބައި މަދެއްނުވާނެ. އެހެން ނަމަވެސް، ކަސްޓަމްސް ޑިއުޓީ ނަގާ ކަމަށްވަންޏާ، ފޭދިގެން ދާ ބައެއް ނޫޅޭނެ. ކަސްޓަމްސް ޑިއުޓީ ނަގާއިރު، ނުކުންނަ މައްސަލައަކީ މުދަލުގެ އަގުކުރުމުގެ މައްސަލަތައް. ވިޔަފާރިކުރާ މީހުން، ވިޔަފާރި އެތެރެކުރާ މުދަލުގެ އަގުކަމަށް ބުނާ އަގު، ކަސްޓަމްސްއަށް ގަބޫލުނުކުރެވި ހިނގައިދާނެ. ޤާނޫނުން އެކަމަށް ޖާގަދީގެން މިހާތަނަށް މިއައީ. އަދި މިހާރުވެސް ޖާގަ ލިބޭ. އެހެންވެގެން ދުނިޔޭގައި ގަބޫލުކުރެވޭ އެކިއެކި ސިސްޓަމްތަކަށް މައިގްރޭޓްވަމުން، ހިޖުރަ ކުރަމުން ކަސްޓަމްސްއިން މި ގެންދަނީ. އެހެންވީމާ، އާމްދަނީއަށް ބަލާކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ޖީ.އެސް.ޓީ. އާއި ކަސްޓަމްސް ޑިއުޓީއާއެކީ، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ޤައުމަކުން ކުރިއަށް އޮތް ތަނުގައިވެސް ދަތުރުކުރާނީ. އެހެން ނަމަވެސް، ކުރިއަށް އޮތް މަންޒަރަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަކީ ދުނިޔޭގައި ކޮންމެވެސް ހިސާބެއްގައި އިޤްތިޞާދުގައި އުޅެން ބޭނުންވާ ބަޔަކަށްވެފައި، މިހާރުގެ ސަރުކާރުގެ ފުރިހަމަ އަމާޒު މިއޮތީ، އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަކީ ވަރުގަދަ ތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް ކަމުގައިވާތީ، އަޅުގަނޑު ހަމަ ދަންނަވާލާނަން ބައެއް ތަފާސް.
 
 އަޅުގަނޑުމެން މިއަދު ތިބެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މި ދައްކަނީ ޤައުމީ އުފެއްދުންތެރިކަން ބޮލަކަށްޖެހޭ ނިސްބަތަށް ވެއްޖިއްޔާ، އަޅުގަނޑުމެން މި ދައްކަނީ 6000 ނޫނިއްޔާ 7000 ޑޮލަރުގެ ވާހަކަ. ގާތްގަނޑަކަށް 7000 ޑޮލަރުގެ އާމްދަނީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން، އަޅުގަނޑުމެން ބޯބޯމަތިން ބަހާލައިފި ކަމަށްވަންޏާ މި ޖެހެނީ. އެއީކީ ކުޑަކުޑަ ޢަދަދެއް ނޫން. މި ސަރަޙައްދަށް ބަލައިފި ކަމަށްވަންޏާ، ޝައްކެއްވެސްއެތްގޮތުގައި އެއީ ހަމަ އެންމެބޮޑު އާމްދަނީ.
 
 އެޔާއެކީ ދެން އަޅުގަނޑުމެން ވިސްނަންހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އިޤްތިޞާދުގެ އެކި ދާއިރާތަކުން މި އަންނަނީ އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ކުރިއެރުންތައް ހޯދަމުން. ވިޔަފާރި ފަސޭހަކުރަން ކުރާ އެކިއެކި މަސައްކަތްތަކެއް މިކުރެވެނީ. މިއަދު އަޅުގަނޑުމެން އެ އިޙްތިފާލެއް ފާހަގަކުރަމުން ގެންދާ ކަސްޓަމްސްއަކީ، ވިޔަފާރީގައި ޕާޓްނަރެއް ކަމަށް ބަލާކަމަށްވަންޏާ، ވިޔަފާރީގެ އެންމެބޮޑު ޕާޓްނަރަކަށް މިވަނީ ކަސްޓަމްސްއާއި ޕޯޓާ. ކަސްޓަމްސްއަށް މި އަންނަ ތަރައްޤީ، ނޫނިއްޔާ ކަސްޓަމްސްއަށް މި ގެންނަ ޒަމާނީ ބަދަލު، އަޅުގަނޑުމެންގެ ޕޯޓަށް އެބަ އަންނަންޖެހޭ. ޕޯޓަކީ އޭގެ ޒާތުގައި އޭގެ ލޮޖިސްޓިކްސް ބަލަހައްޓާ ފަރާތް. ކަސްޓަމްސްއަކީ އޭގެ ޒާތުގައި އޭގެ ކަރުދާސްތައް ބަލަހައްޓާ ފަރާތް. ޕޯޓަށް ގެންނަންވާ ބަދަލުތައް އަޅުގަނޑުމެންނަށް ނުގެނެވޭ ކަމަށްވަންޏާ، ކަސްޓަމްސްގެ މަސައްކަތް އަދި ކިތަންމެ ހަލުއިވެގެންދިޔަ ކަމުގައިވީނަމަވެސް، އަޅުގަނޑުމެން އިޤްތިޞާދީ ގޮތުން ދާން ބޭނުންވާ ހިސާބަށް ދިޔުމުގައި، ހުރަސްތަކެއް އެބަހުރި، ދަތިތަކެއް އެބަހުރި. ވަރަށްގިނަ މަސައްކަތްތަކެއް މި ކުރެވެނީ.
 
މާލޭގެ ޕޯޓް މިހާރުވެސް އެއޮތީ ތޮއްޖެހިފައި ކަމުގައިވާތީ، މާލޭގެ ޕޯޓް މިއަށްވުރެ ފަސޭހަގޮތަކަށް މިކަން ކުރެވޭތޯ. ތިލަފުށްޓަށް ބަދަލުކުރާނީތޯ، ނޫނިއްޔާ ޓްރާންސްޝިޕްމަންޓް ޕޯޓެއް ކޮންމެވެސް ހިސާބެއްގައި ހަދާނީތޯ. ހުރިހާ ސަރުކާރުތަކުންވެސް ދައްކާ ވާހަކައެއް. އަޅުގަނޑުމެންގެ ސަރުކާރުން ވަކިން ޚާއްޞަ މަސައްކަތްތަކެއް މިކަމަށް ކުރެވޭތޯ ބަލަނީ. މީގެތެރޭގައި މި އަންނަނީ އިންޓަރގްރޭޓަޑް އެކިއެކި މަޝްރޫޢުތައް. އަންނައިރު އެންމެ ނަން ހިނގާގޮތަށް އަޅުގަނޑުމެން މި ދައްކަނީ އައިހެވަން މަޝްރޫޢެއްގެ ވާހަކަ. އައިހެވަންއާ ހަމަޔަށް ދިޔުމުގެ ކުރިންވެސް، މާލެއިން ބޭރަށް ނުކުމެ، މާލޭގެ ޕޯޓްގެ ވާހަކަ ދައްކާ ކަމަށްވަންޏާ، ތިލަފުށީގައި އަޅުގަނޑުމެންގެ ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދެން އެބަޖެހޭ. މާލޭގައި އޭގެ ޒާތުގައި ދެން އިތުރު ޤަބުރުސްތާނު ހަދާނެ ބިން ނެތް ފަދައިން، މާލޭގެ ޕޯޓް ބޮޑުކުރެވޭނެ ގޮތެއް މާލެއަކު ނެތް. މާލޭގެ ޕޯޓް ބޮޑުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މިޖެހެނީ، އަޅުގަނޑުމެންގެ ޞިނާޢީ ސަރަޙައްދާ ހަމަޔަށް ޖެހިލަން. އެންމެ ކައިރީގައި އޮތް ޞިނާޢީ އަވަށްޓެރިއެއްގެ ގޮތުގައި މިއޮތީ ތިލަފުށި. ތިލަފުށްޓާ ހަމަޔަށް އަޅުގަނޑުމެންގެ ބަނދަރު ގޮސްގެން، މި ފަސޭހަކަން ގެނެވިގެން ނޫނިއްޔަކާއެއް، އަޅުގަނޑުމެންނަކަށް ކަސްޓަމްސްއިން މި ހޯދާ ކުރިއާ އެއްވަރަކަށް ފައިތިލަ ހަމަކޮށްގެން ހިނގޭނެ ގޮތެއް، އަޅުގަނޑުމެންގެ ވިޔަފާރިއަކު ނެތް.
 
އެހެންވީމާ، ވިޔަފާރީގެ އެންމެ ބޮޑެތި ބައިވެރިންގެ ގޮތުގައި މިތިބީ ޙަޤީޤަތުގައި ވިޔަފާރީގެ ނިޒާމުތަކުގެ އެންމެ ބޮޑެތި ބައިވެރިންގެ ގޮތުގައި މި ތިބީ ކަސްޓަމްސް އާއި ޕޯޓާ. ޕޯޓަށް  މި ކުރިއެރުން ނައިސް އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބަކަށް އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ބޭނުންވާ އަވަސްމިނަކު ނުދެވޭނެ. އެހެންވީމާ، ސަރުކާރުގެ އަމާޒަކަށް މިހާރު ވެފައި މިއޮތީ، ކުރިއަށް އޮތް އަހަރެއް، ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، މާލޭގެ ޕޯޓް ކޮންމެވެސްގޮތަކަށް ރީލޮކޭޓް ކުރެވޭނެ ގޮތެއް، އޭގެ މާނައަކީ މާލޭގެ ޕޯޓް ހުއްޓާލާ ވާހަކައެއް ނޫން. އެކަމަކު މިއަށްވުރެ ފަސޭހަކަމާއެކީ، މިއަށްވުރެ ގިނަ އުނޅަދުފަހަރަށް އައިއްސަ ފަސޭހަކަމާއެކީ ޝިޕް ޑައުން އެރައުންޑް ޓައިމް ނޫނިއްޔާ މުދާ ހުސްކޮށްފައި ދާ ވަގުތު އަވަސްކުރެވޭނެ ގޮތްތަކަކަށް، އަޅުގަނޑުމެންގެ އިޤްތިޞާދު އެބަ ބަދަލުވާންޖެހޭ. އަޅުގަނޑުމެންގެ މިހާރު ހުރި ވަސީލަތަށް ބަލާކަމަށްވަންޏާ، މިކަމެއް ނުވޭ. އެހެންވީމާ، ވިޔަފާރީގެ ބައިވެރިޔަކަށް ކަސްޓަމްސްވާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ އާމްދަނީ ހޯދައިދޭ އެންމެ ވަރުގަދަ ވަސީލަތަކަށް ޙަޤީޤަތުގައި ބަދަލުވެގެން މިދަނީ ހަމަ ކަސްޓަމްސް.
 
ދެން އަޅުގަނޑުމެން ތަންކޮޅެއް ދުރަށްޖެހިލާ ކަމަށްވަންޏާ، އަޅުގަނޑުމެން މި ދައްކަނީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ވާހަކަ. އަދި އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް މިހާރު އޮތް ފެންވަރުން އެތަނަކީ ހަމަ ފުރި ބާރުވެފައި ނޫނީ ތޮއްޖެހިފައި އޮތް ތަނަކަށްވާތީ، ޚިދްމަތުގެ ގޮތުން ޚިދްމަތް ކްލޮގް ވެފައި އޮތް ތަނަކަށްވާތީ، އަޅުގަނޑުމެން ގަބޫލުކުރަނީ، ދިވެހިރާއްޖެ ދެން ދާން ބޭނުންވާ ހިސާބަކަށް، ކުރިއަށް އޮތް ދެ އަހަރު، ތިން އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް އޮތް ޕޮޓެންޝަލާ ހަމައަށް އަޅުގަނޑުމެންނަށް ކައިރިއަކަށްވެސް ނުދެވޭނެ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް ބޮޑުކޮށްގެން ނޫނީ. އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް ބޮޑުކުރުމަކީ، ގެއެއް އަޅާފައި، ގޭގެ އެނެކްސްއެއް ގޮތަށް، ޖެހިގެން ހުރި ޢިމާރާތުގައި އެނެކްސްއެއް އެޅޭގޮތަށް ކުރެވެން އޮތް ކަމެއް ނޫން. އަޅުގަނޑުމެން ހަމަ ޖެހޭނީ އާ އެއަރޕޯޓެއް ހަދަން. އެހެންވީމާ، މި ދައްކަނީ ގާތްގަނޑަކަށް 700، 800 މިލިއަން ޑޮލަރުގެ ވާހަކަ. އެހެން ނަމަވެސް، އިޤްތިޞާދުގައި، ގެއްލޭ ދުވަހަށް ބަލާފައި، އަދި ގެއްލޭ ވަގުތަކީ، އިޤްތިޞާދީ ގޮތުން ގެއްލޭ ލާރި ކަމަށް، އިޤްތިޞާދީ ޢިލްމުވެރިން ގަބޫލުކުރާއިރު، އަޅުގަނޑުމެން މި އޮޕޮޗުނިޓީ، މި ފުރްޞަތުގެ ބޭނުން ނުހިފާ ދޫކޮށްލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް 21 ވަނަ ޤަރުނުގައި ހިނގުމުގެ ފުރްޞަތެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. އެހެންވީމާ، މިހާރުގެ ސަރުކާރުގެ ވިސްނުމަކަށް މިއޮތީ، ބައިނަލްއަޤްވާމީ އާ އެއަރޕޯޓަކާއި، އާ ރަންވޭއަކާއި، އާ ޓަރމިނަލެއް ހެދުމުގެ މަސައްކަތެއް. މިކަން ކުރާ ކަމަށްވަންޏާ، ދެންމެ ކޮމިޝަނަރ ޖެނެރަލްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އެސް.އީ.ޒެޑާއި، އެއަރޕޯޓްގެ ވާހަކަ ދައްކާ ކަމަށްވަންޏާ، މި ދައްކަނީ 60000 ވަޒީފާގެ ވާހަކައެއް ނޫން. ކަސްޓަމްސްއަށް އެކަނި ބެލި ކަމުގައިވީނަމަވެސް، އެތައްހާސް އިތުރު ވަޒީފާގެ ވާހަކަ މި ދައްކަނީ. އެކަމަކު މިއީ އަޅުގަނޑުމެންގެ ތަޞައްވުރު. މިއީ އަޅުގަނޑުމެން އުންމީދުކުރާ ގޮތް. މިއީ އަޅުގަނޑުމެން ދާން ބޭނުންވާ މިޞްރާބު. ދެން މިކަން ޙާޞިލުވާނީ މާދަންތޯ، މިއަންނަ އަހަރުތޯ، ޖެހިގެން އޮތް ދެ އަހަރުގެ ތެރޭގައިތޯ، އެއީ، އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި ކަންކަމާ ގުޅިފައި ހުރި ކަންކަން. އަޅުގަނޑުމެންގެ އިޤްތިޞާދާއި، އަޅުގަނޑުމެންނަށް އާމްދަނީ ލިބޭ ގޮތްތަކާއި އަދި މިކަހަލަ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް އަޅުގަނޑުމެންނަށް ފުރްޞަތު ލިބޭ މިންވަރާ ގުޅިފައި ހުރި ކަންކަން.
 
އެހެން ނަމަވެސް، އުފަލާއެކީ މިރޭވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ވިޔަފާރިއާއި އިޤްތިޞާދީ އެހާބޮޑަށް ލާމެހި ގުޅިފައި އޮތް ތަނަކަށް ކަސްޓަމްސްގެ މަސައްކަތް ވެގެންދާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން މިކުރާ އުންމީދުތަކުގައި ޙަޤީޤީ ކުލަ އިރާދަކުރެއްވިއްޔާ އެބަ ޖެހެޔޭ. އެއަރޕޯޓަށް ބޭނުންވާ އިނީޝިއަލް ފަންޑިންގ އިރާދަކުރެއްވިއްޔާ އެހެރީ އަޅުގަނޑުމެން ޕްލެޖްކޮށްފައި. ޕްލެޖްވެފައި އެހެރީ. އަޅުގަނޑުމެންނަށް އެ ފަންޑިންގ އެބަ ލިބޭ. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ފަށްޓައިގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކަށް މިހާރު ވެފައި އެއޮތީ 2017ގެ ނިޔަލަށް ނޫނީ 2018 އާ ހަމައަށް އަންނައިރު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޓަރނޭޝަނަލް އެއަރޕޯޓެއް ގޮތުގައި، އަޅުގަނޑުމެންގެ އާ އެއަރޕޯޓް ހުޅުވުން.
 
އަޅުގަނޑު ހަމަ ރައްޔިތުންގެ ކުރިމަތީގައި ހުއްޓި ހުރެ މިކަހަލަ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ހަމަ ބައެއް ޙަޤީޤަތްތައް، ހިންގަވާ އިނގިލިން ގުނާލާފައި އޮޑިޓްކޮށްލަމާ! އިނގިލިން ގުނާލާފައި އޮޑިޓްކޮށްލަމާ ހިންގަވާށޭ. މާލެއާއި ހުޅުމާލެއާ، އެއް ބައްރަކަށް ބްރިޖްގެ ތެރެއިން، ބްރިޖްގެ ވަސީލަތުން ނޫނިއްޔާ ވާސިޠާގެ ތެރެއިން ވެގެންދާއިރު، އަޅުގަނޑުމެން އެއްވެސް ބޭފުޅެއްގެ ޚިޔާލުފުޅަށް އެބަ ގެންނަވަންތޯ؟ އަޅުގަނޑު ހަމަ ދެންމެ އިޝާރާތްކުރި ގޮތަށް، މާލޭގައި ދެން އެބައޮތްތޯ، އިތުރު ޤަބުރުސްތާނެއް ހަދާނެ ބިން. މާލޭގައި އިތުރު ޤަބުރުސްތާނު ހަދާނެ ބިމެއް ނެތް. މިހާރު ހުރި ޤަބުރުސްތާނުތައް އެހެރީ ފުރި ބާރުވެފައި. އާ ސަހަރާ އެ ފުރެނީ. އާ ސަހަރާ ބޮޑުކުރެވޭނެ ގޮތެއްވެސް ނެތް. އެހެންވީމާ، އަޅުގަނޑުމެން ޤަބުރުސްތާނާ ދޭތެރޭގައި، އަޅުގަނޑުމެން ހަމައެކަނި ވިސްނަން މިޖެހެނީކީ އިޤްތިޞާދީ މަސައްކަތް ކުރާކަށެއް ނޫން. މިކަހަލަ ޟަރޫރީ، އިޖްތިމާޢީ، ނޫނިއްޔާ ދުވަހުން ދުވަހަށް ދިރިއުޅުމާ ގުޅުންހުރި ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. އަޅުގަނޑުމެން ވިސްނަންޖެހެނީ ހަމައެކަނި އެއަރޕޯޓަކާ ދޭތެރެއަކު ނޫން. ހަމަ މިގޮތަށް އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ފުޅާކުރަން ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރު އޮތް ދުވެލިން އެހެން ހިސާބަކަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ މި ދެންނެވީ.
 
ހަމައެޔާއެކީ، ކުރަންހުރި ބޮޑެތި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ވައިގެ ބަނދަރު، އަޅުގަނޑުމެން އާ ބަނދަރަކަށް ބަދަލުކުރާއިރު، އަޅުގަނޑުމެންގެ ސީ ޕޯޓްވެސް، ނޫނިއްޔާ އަޅުގަނޑުމެންގެ ޕޯޓްވެސް އެބަޖެހޭ އެހެން ޕޯޓަކަށް ބަދަލުކުރަން. އެހެން ނޫނިއްޔަކާއެއް މިދާ އިޤްތިޞާދީ ހަލުއި ދުވެލީގައި، އަޅުގަނޑުމެންނަކަށް ނުގެންދެވޭނެ. ޚިޔާލުފުޅަށް ގެންނަވާ! 2002 ވަނަ އަހަރު، ކަސްޓަމްސްގެ ޚިދްމަތުގައި، ދިގު މުއްދަތުގައި ތިއްބެވި ބޭފުޅުންނަށް، އެއީ ދާދި އިހަށްދުވަހުގެ ވާހަކައެއް މި ދައްކަނީ. A ފޯމްތައް ފުރަމުން، އެ ފޯމްތައް ޗެކް ކުރަމުން، އެ ފޯމްތަކުގައި ހުރި މަޢުލޫމާތުގެ މައްޗަށް މުދާ ދޫކުރަމުން ގެންދިޔައިރު، 2002 ވަނަ އަހަރަކީ އިއްޔެ މެންދުރުގެ ދުވަހެއް ގޮތަށް ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ. އޭރު ރާއްޖެއަށް އެތެރެވާ ޖުމްލަ މުދަލުގެ ޢަދަދަކީ 5 ބިލިއަން، ނޫނީ 6 ބިލިއަން ރުފިޔާ. 5000 މިލިއަން، 6000 މިލިއަން ރުފިޔާ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ނިދާފައި ތެދުވެ، އިއްޔެގެ މާޒީ ފަހަތަށް ދުއްވާލާފައި މިއަދާ ހަމަޔަށް އައިސް ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މި ދައްކަނީ، މި ޢަދަދު ތިރީސްހާސް މިލިއަނަށް އިތުރުވި ވާހަކަ. 5 ގުނަ، ނޫނީ 6 ގުނައަށް މި އިތުރުވި ވާހަކަ މި ދައްކަނީ.
 
މިޔާއެކީ މި އަންނަ ތަރައްޤީއާ އެއްކޮށް، އަޅުގަނޑުމެންގެ ވަސީލަތްތަކާއި، ޚިދްމަތް ދެވޭނެ ގޮތްތައް، ފައިހަމަ ނުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން އުޅޭނީ ދުވެލި ފަހަތުގައި. ނޫނިއްޔާ އަޅުގަނޑުމެންނަށް ގެއްލޭ ފުރްޞަތުތައް އިންތިހާއަށް ބޮޑުވެގެން އެ ދަނީ. ޓޫރިޒަމްގެ ދާއިރާ، ކަސްޓަމްސް އަށް އެންމެބޮޑު އާމްދަނީއާ ގުޅިފައި ހުރި ދާއިރާއަކީ ޓޫރިޒަމްގެ ދާއިރާ. މިހާރުވެސް ތިރީހަކަށް ރިޒޯޓް ހެދުމުގެ މަސައްކަތް މި ކުރެވެމުން ދަނީ. ރިޒޯޓް ހެދޭތީ، ވިޔަފާރީގެ ފުރްޞަތުގެ ބޭނުން ހިފޭތީ، އެއްވެސް މީހަކު އެކަމާ ހިތްދަތިވެގެނެއް ނުވާނެ. އެކަމަކު އެކަންކަން ކުރުމުގައި، އިޤްތިޞާދީ ގޮތުން ދަތިތަކެއް ހުރީމަ، މަސައްކަތް ކުރާ މީހުންނަށް ޚިދްމަތް ދިނުމަށް ދަތިވާތީ، އުނދަގޫތަކެއް އުފުލަންޖެހޭނެ. އެހެން ނަމަވެސް، ވިޔަފާރީގައި ފުރްޞަތެއްގެ ބޭނުންހިފުމަކީ، އޭގެ ޒާތުގައި އަޅުގަނޑުމެން އެކަމާ [ސޮރީ]އޭ ބުނަންޖެހޭ ކަމެއް. އެއީ ކުރަންޖެހޭ ކަމެއް. ދެން ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ގުޅިގެން އެކަމަށް ފަހިވާނެގޮތަށް ކަންތައްތައް ކުރުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ވިޔަފާރީގެ ފުރްޞަތެއް ގެއްލުވައެއްނުލެވޭނެ. އެހެންވީމާ، އިތުރު  30 ރިޒޯޓް ހެދިގެން ދާ ކަމަށްވަންޏާ އަދި ފަތުރުވެރިންގެ ޢަދަދު، އަޅުގަނޑުމެން ވިސްނާގޮތުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓަކީ، އާ އެއަރޕޯޓް ހެދުނީމަ. މިހާރު އަޅުގަނޑުމެންނަށް މި ޒިޔާރަތް ކުރަނީ ގާތްގަނޑަކަށް ދޮޅު މިލިއަނެއްހާ މީހުން ކަމަށްވަންޏާ، އަޅުގަނޑުމެންގެ އެއަރޕޯޓް، އަޅުގަނޑުމެން ޓާގެޓް މިކުރަނީ، ގާތްގަނޑަކަށް 6 މިލިއަން މީހުން ނޫނީ 6 މިލިއަން ފަސިންޖަރުން ހެންޑްލް ކުރުމަށް. 6 މިލިއަން ފަސިންޖަރުން ހެންޑްލްކޮށްފައި، މިހާރުގެ ތިރީސްހާސް މިލިއަން ރުފިޔާގެ އިމްޕޯޓް، އެތައް ސަތޭކަ ބިލިއަނަކަށް އިތުރުވެގެންދާ ކަމަށްވަންޏާ، މި ދައްކަނީ ކިތައް ވަޒީފާގެ ވާހަކަތޯ؟
 
މި ތަރައްޤީގެ މަރްޙަލާތަކުގައި، ނޫނިއްޔާ މި ތަރައްޤީގެ ދުވެލީގައި އަޅުގަނޑުމެންނަށް ފައިތިލަ ހަމަކުރަން އެބަޖެހޭ. ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް، އިތުރު ތަމްރީނުތަކާއެކީ ކުރައްވަންޖެހޭ ކަމަކީ، މިދެންނެވި ކަހަލަ ކަންތައްތަކަށް ހޭލާ ތިބުން. އަބަދުވެސް ދޮރުން އެތެރެވަނީ ކޯއްޗެއްތޯ ފާރަވެރިވާ ފަދައިން، އިޤްތިޞާދީ ދުވެއްޔާ ދޭތެރޭގައި އެންމެ ފުރަތަމަ ފާރަވެރިވާންޖެހޭ ބަޔަކަށްވަނީ ކަސްޓަމްސްގެ މުވައްޒަފުން. އަދި ހަމައެހެންމެ ޤައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކާއި ނުރައްކާތަކަށް ބަލާކަމަށްވަންޏާ، ނޫނިއްޔާ މިދެންނެވި ގޮތަށް ކަނޑު ހުރަސްކޮށް އަންނަ އެކިއެކި ޖިނާއީ ބޮޑެތި ކަންތައްތައް، ނޫނީ ޖިނާއީ ބޮޑެތި ކުށްތައް ކުރުމަށްޓަކައި އަންނަ ކަންތައްތަކަށް ބަލާކަމަށްވަންޏާވެސް، އެންމެ ފުރަތަމަ ދޮރުފާރަވެރިންގެ ގޮތުގައި ތި ތިބީ ހަމަ ކަސްޓަމްސްގެ މުވައްޒަފުން. އެހެންވީމާ، ކަސްޓަމްސްއަކީ ކޮންމެ ދައުލަތަކަށްވެސް އެހާ މުހިންމު ތަނެއް. ދިވެހިރާއްޖެއަށް ބަލައިފި ކަމަށްވަންޏާ، އެންމެ މުހިންމު މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އެއް މުއައްސަސާއަށް ކަސްޓަމްސް ވެގެން އެބަދޭ.
 
އެހެންވީމާ، އަޅުގަނޑު ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަހު، ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަމުން އަދި ކަސްޓަމްސްގެ ފެމިލީއަށް، އެއީ ދާދި އިހަށްދުވަހު ރިޓަޔަރ ކުރެއްވި ބޭފުޅުންވެސް ތިއްބަވާނެ. އަދި އަޅުގަނޑުމެންނާއެކީ ކުރީ ސަފުގައި، އެބޭފުޅުންގެ މިއަށްވުރެ ޒުވާން ދުވަސްކޮޅު، ކަސްޓަމްސްއަށް ކިތަންމެ ކުޑަ ވަގުތުކޮޅެއްގައި ނަމަވެސް ހޭދަކުރެއްވި ބޭފުޅުންވެސް ތިއްބެވިހެން އަޅުގަނޑަށް ހީވޭ. އެބޭބޭފުޅުންވެސް ކަސްޓަމްސްގައި އުޅުއްވާފައި ހުރީމަޔާއެކީ، އަޅުގަނޑު ހަމަ އެ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކަސްޓަމްސްއަކީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ މޫނުބަލާ ލޯގަނޑޭ. ހަމަ އެއަރޕޯޓަކީ ދަތުރުފަތުރު ކުރާ މީހުން އެންމެ ފުރަތަމަ އަންނަ ތަން ފަދައިން، މުދާ އެންމެ ފުރަތަމަ ޖަމާވާ ތަނަކަށް މިވަނީ ކަސްޓަމްސް، އަޅުގަނޑުމެންގެ ޕޯޓް.
 
އެހެންވީމާ، އެކަންކަމުގައި ވިޔަފާރިއަށް މި ގެންނަ ފަހިކަން ގެނައުމުގައި، މުދާ ކްލިއަރ ކުރާ މީހުންނަށް ރަޙްމަތްތެރިކަމާއެކީ، އޯގާތެރިކަމާއެކީ، ހަލުއިކަމާއެކީ ކަސްޓަމްސްގެ އޮފިސަރުން އެބަޖެހޭ ޑީލްކުރަން. އެހެން ނުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ވިޔަފާރީގެ ފުރްޞަތު ފުޅާކުރަން ބޭނުންވާ މިންވަރަކާ ކައިރިއަށްވެސް މި ޚިދްމަތްތަކެއް ނުދެވޭނެ. މިއަދުގެ ކަސްޓަމްސްގެ މެނޭޖްމަންޓުން އަދި ފަހުން މި އައި ކަސްޓަމްސްގެ މެނޭޖްމަންޓުން އަޅުގަނޑު ދެންނެވި ގޮތަށް، ކުރީގައި އޮތް ވިޔަފާރިއާ ބީރައްޓެހި އެޓިޓިއުޑް ދޫކޮށްލާފައި، ވިޔަފާރިއަށް ފަސޭހަކޮށްދޭ، ވިޔަފާރިއަށް ނޫނީ ޓްރޭޑް ފެސިލިޓޭޓްކޮށްދޭ ތަނަކަށް ކަސްޓަމްސް ބަދަލުވެގެންދާ ކަމަކީ، ޝައްކެއްވެސްނެތްގޮތުގައި، ޒަމާނުގެ ތަރައްޤީގައި ކަސްޓަމްސް ފައިހަމަކުރުމަށް ކުރާ މަސައްކަތް. އެއީކީ އިޚްތިޔާރީ ކަމެއް ނޫން. އެއީކީ ޗޮއިސްއެއް އޮތް ކަމެއް ނޫން. އެއީ ކުރަންޖެހޭ ކަމެއް.
 
އެހެންވީމާ، އެ ޚިދްމަތުގައި ކަސްޓަމްސްގެ ވެރިން ކޮށްދެއްވި ހުރިހާ މަސައްކަތްތަކަށް، އަދި މިހާރުގެ ކޮމިޝަނަރ ޖެނެރަލް މިކޮށްދެއްވާ މަސައްކަތްޕުޅުތަކަށް، އޭނަ އަރިހުގައި މަސައްކަތް ކުރާ ވެރިންގެ ޓީމުން އަދި މުވައްޒަފުން ކޮށްދެއްވާ މަސައްކަތަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ، ކަސްޓަމްސްއަކީ އަދި ކަސްޓަމްސްއިން ކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު، އަޅުގަނޑުމެން ދެކެން ބޭނުންވާ ހިސާބަށް ގެންދިޔުމަށްޓަކައި އެންމެ އިސް ދައުރެއް، އެންމެ ކެޓަލިޓިކް ދައުރެއް އަދާކުރާ އެއް މުއައްސަސާގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަންނާތީ. އަޅުގަނޑުމެންގެ އުންމީދުތައް ގުޅިފައި މިއޮތީ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރަން. އަޅުގަނޑުމެންގެ އުންމީދުތައް ގުޅިފައި މިއޮތީ، އަޅުގަނޑުމެން ޒުވާނުންނަށް ބޯހިޔާވަހިކަމާއި އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމާއި، ޒުވާނުންގެ ޖީބުތައް ތަނަވަސްކުރަން ކުރާ މަސައްކަތް. މި މަސައްކަތްތަކަކީ ރާއްޖެއިން ބޭރުގެ ބަޔަކު، އަޅުގަނޑުމެން ނުކުރާ މަސައްކަތްކޮށް، އަޅުގަނޑުމެންނަށް ކޮށްދޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރާނީ އަޅުގަނޑުމެން.
 
އެހެންވީމާ، އަމާޒެއް އޮވެގެން، އެޔާ ހަމައަށް ވާސިލުވުމަށްޓަކައި ކުރާ މަސައްކަތުގައި، އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކުރަން. އަޅުގަނޑުމެންނަށް ލިބޭ ޖުމްލަ އާމްދަނީ އިތުރުކުރަން. އަދި އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތްތައް އަޅުގަނޑުމެން ކުރަންޖެހޭނެ. މިކަން ކުރާއިރު، އަޅުގަނޑުމެން ފައިސާ ހޯދުމާއި، އަދި ފައިސާގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަކީ، އަޅުގަނޑުމެން ކުރަން މަޖުބޫރު ކަންކަން. އޭގެ ނަތީޖާއަކަށްވާނީ، އެގޮތުގައި އަދި އެއަށް ބޭނުންވާ ޤާނޫނުތައް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު އެ ޙަރަކާތްތެރިވެވަޑައިގަންނަވާ ފަސޭހަކަމާއެކީ ކޮށްދެއްވާ ކަމަށްވަންޏާ، މީގެ ނަތީޖާއަކަށްވާނީ، އަޅުގަނޑުމެންގެ އިޤްތިޞާދު އަދި އަޅުގަނޑުމެންގެ ދިވެހި ދައުލަތް، އަޅުގަނޑުމެން ގެންދަންވާ ހިސާބަށް ގެންދިޔުން.
 
މިނިވަންކަމުގެ 50ގެ ހިޔާވަހިކަމުގައި ތިބެގެން، މިކަހަލަ ވާހަކައެއް ދައްކާފައި ނިންމާލާއިރު، ހަމަ ދަންނަވަން ބޭނުންވަނީ، މި ހުރިހާ އިންޓަރެކްޝަންތަކާއެކީ، ދުނިޔޭގެ ހުރިހާ ފަރާތްތަކާ، މުދަލުގެ ތެރެއިން، ވިޔަފާރިކުރާ މީހުންނާއި، ޝިޕަރުންނާއި އަދި ޝިޕިންގ އޭޖެންޓުންގެ ތެރެއިން އަޅުގަނޑުމެން ލާމެހިގެން މިކުރާ މަސައްކަތް ކުރާއިރުވެސް، އަޅުގަނޑުމެން ދޫނުކޮށްލާނެ ކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމަށް އެއްވެސްކަހަލަ އަސަރެއް، ނުރަނގަޅު އަސަރެއް ކުރާނެ ކަމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އަދި އެއްވެސް ކަހަލަ ލޮޅުމެއް އަރާ އެއްވެސް ކަމެއް، ވިޔަފާރީގެ މުޢާމަލާތެއްގެ ތެރެއިންވެސް ކުރުމަކީ، އަޅުގަނޑުމެންގެ ސިޔާދަތަށް ގެއްލުންވާ ކަމެއް ކުރުމަކީ، މިއަދުގެ ދިވެހި ދައުލަތް ގަބޫލުކުރާނެ ކަމެއް ނޫން.
 
އެހެންވީމާ، މިކަންކަން ކުރުމުގެ ހެޔޮ ތައުފީޤު ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އަދި އިޤްތިޞާދު ވަރުގަދަކުރަން ކަސްޓަމްސް އިން މި ގެންދަވާ ވަރުގަދަ ދައުރު، ނޫނިއްޔާ މި ޒަމާނުގެ ޚިދްމަތްތަކަށް މި ކުރައްވާ މަސައްކަތަކީ، އަބަދުވެސް ކަސްޓަމްސްގެ މުވައްޒަފުންނާއި ވެރިންނަށް، އެކަމުގެ ހިތްވަރާއި ސާބިތުކަމާއެކީ ކުރިއަށް ގެންދެވޭނެ މަސައްކަތެއްގެ ގޮތުގައި، އެ ހެޔޮ ތައުފީޤު ކަސްޓަމްސްގެ މުވައްޒަފުންނަށް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އަދި ކަސްޓަމްސްގެ ފެމިލީއަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިންނަކީ ކަސްޓަމްސް ކަމަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް އުފާވެރި ދުވަސްތަކަކަށް އެދެން. އަދި އޭގެ ނަތީޖާއަކަށް ވެގެންދާނީ، މުޅި ޤައުމު ހިނިތުންވާ ކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި، ކަސްޓަމްސްގެ ޢާއިލާވެސް ހިނިތުންވާނެ. އެ އުފާ އަޅުގަނޑުމެން ޙާޞިލުކުރާނީ. އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ހެޔޮ ރަޙްމަތާއި ބަރަކާތް މިންވަރު ކުރައްވާށި!
 
 
والســّلام عليــكم ورحـمــةاللّـه وبـركاتـه