ޤައުމަށް އެތެރެވާ ފަސިންޖަރުން ގެންނަ ދާގީނާ ކަސްޓަމްސްއިން ދޫކުރުމުގައި ބޭނުންކުރާ ނިޒާމު "ރެޑް އެންޑް ގްރީން ޗެނެލް"، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިނިޒާމު އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިއަދު މި ތަޢާރަފްކުރެވުނު ނިޒާމްގެ ސަބަބުން، ވައިގެ މަގުން ރާއްޖެ އެތެރެވާ ފަސިންޖަރުން ގެންނަ ދާގީނާއާ ހަވާލުވުމަށްފަހު، އަންނަ މީހުންގެ ގިމަތަ ތެރޭގައި އެފަސިންޖަރުން މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓްގައި "ރެޑް އެންޑް ގްރީން ޗެނެލް"ގެ ނިޒާމު އިފްތިތާޙު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ޤައުމަކަށް އިޤްތިޞާދީ ކުރިއެރުން އަންނާނީ އެތަނަކުން މުދަލާއި ފަސިންޖަރުންގެ ޚިދުމަތްތައް އަވަސްވި ވަރަކަށްކަމުގައި ވިދާޅުވިއެވެ. އަދި، ޚާއްޞަކޮށް ރާއްޖޭ ފަދަ، ފަތުރުވެރިކަމަށް މުޅި އިޤްތިޞާދު ބަރޯސާވެފައިވާ ޤައުމެއްގައި، ވީހާވެސް އަވަހަކަށް ފަތުރުވެރިން އައުމާއި ފުރުމުގެ ކަންތައް ހަމަޖެހުމަކީ އެ އިޤްތިޞާދަކަށް ލިބޭނެ ކުރިއެރުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންމެ ބޮޑު އެއްއަމާޒުފުޅަކީ އެއާޕޯޓް ތަރައްޤީކުރުންކަން ފާހަގަ ކުރައްވައި، އޭގެ ބޭނުންފުޅަކީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި، އިރާދަކުރެއްވިއްޔާ އެއާޕޯޓަށް ސަރުކާރުން ގެންނަވާ ތަރައްޤީއަށްފަހު ރާއްޖޭގެ އިޤްތުޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.