18 އޮގަސްޓް ވީ އަންގާރަދުވަހު އިންޑިޔާގެ ބެންގަލޫރުގައި އަވަހާރަވި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު ސޮއިކުރައްވައި ލިޔުއްވި ބަޔާނުގައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަކީ ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއިއެކު 56 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައިފައިވާ، ރައްޔިތުންގެ ގިނަ ބައެއްގެ ރުހުން ލިބިވަޑައިގެންފައިވާ، ރާއްޖެ ދުށް ވަރަށް އަގުހުރި ދިވެހި ދަރިއެއްކަމަށް ލިޔުއްވާފައިވެއެވެ. މީގެ އިތުރުން އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު އެކި ގޮތްގޮތުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދްމަތްތަށް ފާހަގަކުރައްވާ އެމަނިކުފާނުގެ ޚިދްމަތްތަށް އަބަދުވެސް ހަނދާނުގައި ދެމިހުންނާނެކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުވެސް މިއަދު ސޮއިކުރެއްވިއެވެ.