މިދިޔަ އަންގާރަދުވަހު އިންޑިޔާގެ ބެންގަލޫރުގައި އަވަހާރަވި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަށިކޮޅު މިއަދު ހެނދުނު ރާއްޖެ ގެންނަވައިފިއެވެ. އެމަނިކުފާނުގެ ހަށިކޮޅު ގެންނެވީ، މިއަދު ހެނދުނު 10.15 ހާއިރު އެއާ އިންޑިޔާގެ މަތިންދާބޯޓުންނެވެ. އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ސަންދޯއްޕުޅު މަތިންދާބޯޓުން ބޭލީ ފުރިހަމަ ޢިއްޒަތުގައެވެ.

އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަށިކޮޅު، އެކަމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދުގައި ހުޅުލެއިން ގެނެވުނީ، ޢިއްޒުއްދީން ފާލަމަށެވެ. އެމަނިކުފާނުގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށްޓަކައި މާލެ ގެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މޫނުފުޅު ދެއްކުން މިއަދުގެ 14.30 އިން މިރޭ 19.00 އަށް އިސްލާމީ މަރުކަޒުގައި ހިނގަމުންދާނެއެވެ. އެމަނިކުފާނުގެ ކަށުކަމާކެމީގެ އެންމެހާ ކަންތައްތައް ގެންދަވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ، މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރްކަޒުގައެވެ. އެއަށްފަހު، ފަސްދާނުލުމަށްޓަކައި މަރްޙޫމްގެ ހަށިކޮޅު ގަލޮޅު ސަހަރާއަށް ގެންދެވޭނެއެވެ. ސަންދޯއްޕުޅު ގަލޮޅު ސަހަރާއަށް ގެންދާނީ ރަސްމީ ޢިއްޒަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މޮޓޯކޭޑުގައެވެ.