ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ހެންވޭރު މީނާޒް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ، ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. 56 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާއިރު، އެމަނިކުފާނަކީ ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ތަފާތު އެހެން އެތައް ދާއިރާއެއް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައި، ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ވަރަށް ހީވާގިކަމާއި މުރާލިކަމާއެކީގައި ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދްމަތް އެންމެ ބޮޑަށް ފާހަގަކުރެވިގެންދާ އެއް ދާއިރާއަކީ، ރާއްޖޭގެ އަތޮޅުތައް ހިންގުމުގެ ދާއިރާއެވެ. ޢުމުރުން އެންމެ 19 އަހަރުގައި ފާދިއްޕޮޅު އަތޮޅުވެރިކަމަށް ޢައްޔަނުކުރެއްވިއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ނައިބުގެ މަގާމުގައި ހުންނަވައިގެން، އަދި ފަހުން މިނސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްގެ މަޤާމުގައި ހުންނަވައިގެންވެސް އަދި އޭގެފަހުން މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އަތޮޅުތައް ހިންގެވުމުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި، އުފުއްލަވާފައިވާ ބުރަ މަސްއޫލިއްޔަތުތަކުގެ މަތިން ހަނދާންކުރަންޖެހެއެވެ. ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އަސާސީ ޚިދްމަތްތައް، އެ ރަށްރަށަށް ފޯރުކޮށްދެއްވުމުގަޔާއި، އަދި ރާއްޖޭގެ ޙާލަތު އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، އަތޮޅުތަކުގެ ތަރައްޤީއަށް އެމަނިކުފާނު ދެއްވި އަހަންމިއްޔަތާއި، ރަށްރަށް ތަރައްޤީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، މި ފުރްޞަތުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހޭ ޚިދްމަތްތަކެއްކަމާމެދަކު ޝައްކެއްނެތެވެ.

މި ފުރްޞަތުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމުގެ ފެންވަރު މަތިކުރައްވައި ކުރިއެރުއްވުމަށްޓަކައި ތަޢުލީމީ ދާއިރާގައި ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުތައްވެސް ޚާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ. ރާއްޖޭގެ ސްކޫލްތަކުގެ ހިންގުމަށް އެމަނިކުފާނުގެ ވަޒީރުކަމުގައި ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެން ދިޔައީ، ދަރިވަރުންނަށް ހެޔޮ ނަޞޭޙަތާއި އިރުޝާދުތައް ދެއްވަމުން ގެންދެވި، ހިތްޕުޅުހެޔޮ މުރުޝިދެއްގެ ގޮތުގައެވެ.

އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު، ސަރުކާރަށް ކުރެއްވި ޚިދްމަތްތަކަށް ބަލާއިރު، 1964 ވަނަ އަހަރު ރައީސް އިބްރާހީމް ނާޞިރު ފެށްޓެވި އެއަރޕޯޓް ހެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ. އެކަމުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ހީވާގިކަމާއެކު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ހަނދާންތައްވެސް މިއަދު އާކުރަންޖެހެއެވެ.

އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު ފާހަގަކުރެވިފައިވަނީ، ޤައުމުގައި އެއިރަކު ހުންނެވި ވެރިޔަކު އެމަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއްވެސް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން، އެ ޙަވާލުކުރެއްވި ކަމަކަށް ނޫނެކޭ ވިދާޅުނުވެ، ތެދުވެރިކަމާއެކު ޚިދްމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަކީ، ރާއްޖޭގެ ސިޔާސީ ދާއިރާގެވެސް މުހިންމު ޝަޚްޞިއްޔަތެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅު މެންބަރުކަން ލިބިވަޑައިގަތީ ޢުމުރުފުޅުން 22 އަހަރުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަޖިލީހަށް ޚިދްމަތް ކޮށްދެއްވާފައިވާ ސިޔާސީ ޝަޚްޞިއްޔަތެކެވެ. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން، އެ މަޖިލީހުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮށްދެއްވި ޚިދްމަތްތައްވެސް، މި ފުރްޞަތުގައި ހަނދާންކުރަމެވެ.

އެމަނިކުފާނަކީ ޤާނޫނީ ރޮނގުންވެސް ޚިދްމަތްތަކެއް ކުރައްވައި، ބައެއް މައްސަލަތަކުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ.

އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަކީ، ދިވެހިބަހާއި އަދަބިއްޔާތަށްވެސް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ދިވެހިބަހާ ދޭތެރޭގައި އެމަނިކުފާނުގެ ހިތްޕުޅުގައި ޚާއްޞަ ކުލުނަކާއި ލޯތްބެއް ވަނީ އުފެދިފައެވެ. ބަހުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް ލިޔާ ލިޔުންތަކާ ދޭތެރޭގައި ފުންކޮށް ވިސްނާވަޑައިގެން، އެކަންކަން އިޞްލާޙު ކުރެއްވުމަށް ޢަމަލީގޮތުން އެމަނިކުފާނު ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. ދިވެހިބަހުގެ ބަސްމޮށުންތެރިކަމުގެ ރޮނގުންވެސް ޚާއްޞަކޮށް، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން އެމަނިކުފާނަކީ، ފަހަކަށް އައިސް ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް ބޭފުޅެކެވެ. ވާހަކަފުޅު ދެއްކެވުމުގައި ބަހުގެ ގަވާއިދުތަކާއި ހަމަތައް ހިފަހައްޓަވައި، ބަހުގެ ފަށުވިކަމާއި ބަލާޣާތްތެރިކަން ގެންގުޅުއްވި ބޭފުޅެކެވެ. އެހެން މީހުންނަށް މި ފަންނު ދަސްކޮށްދެއްވައި ކުރިއަށް ގެންދެވުމަށް އެހީތެރިވެވަޑައިގެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން، ބަހާއި އަދަބިއްޔާތުގެ ދާއިރާ ތަރައްޤީ ކުރައްވައި ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައްވެސް ހަނދާނަށް ގެންނަންޖެހެއެވެ.

ލިޔުންތެރިކަމުގެ ރޮނގުންވެސް އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަކީ ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. އެރޮނގުން ތަފާތު އެތައް މައުޟޫޢަކަށް ވަރަށް ފުރިހަމަ ލިޔުއްވުންތަކެއް ވަނީ ދިވެހި އަދަބިއްޔާތަށް ދޫކުރައްވާފައެވެ. ދިވެހިބަހަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު، 1991 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހުން ވާހަކަދެއްކުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމުވެސް، 2000 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު ފުރުއްވާފައިވާ ބައެއް ޚާއްޞަ މަޤާމުތަކުގެ ތެރޭގައި، ވުޒާރަތުއް ދާޚިލިއްޔާގެ ސެކްރެޓަރީ ކަމާއި، ހިންގާ ސެކްރެޓަރީ ކަމާއި، ވުޒާރަތުއް ދާޚިލިއްޔާ (ހ)ގެ ޚާއްޞަ ވަކީލު ކަމުގެ މަޤާމާއި، އެއަރޕޯޓް އޮފީހުގެ ވެރިޔާ ކަމުގެ މަޤާމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމުގެ މަޤާމާއި، ހެންވޭރު އަވަށު އޮފީހުގެ ވެރިޔާ ކަމުގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މުހިންމު މަޤާމުވެސް ހިމެނެއެވެ. އެންމެފަހުން އެމަނިކުފާނު ފުރުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރ ކަމުގެ މަޤާމެވެ.

އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު ފާހަގަކުރެވިފައިވަނީ، ޢިލްމާއި ހުނަރުވެރިކަމުގެ ރޮނގުން ޤައުމަށް ޚިދްމަތްތެރި ވަރަށް ޢިލްމީ ހަރުދަނާ ޢާއިލާއެއް ބިނާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ބޭފުޅުންގެ ޚިދްމަތްތައް، ތަފާތު އެކި ރޮނގުތަކުން މިއަދުވެސް ދިވެހި ޤައުމަށް ދަނީ ލިބެމުންނެވެ.

އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ލޮބުވެތި ބޭބޭފުޅު ކަމަށްވުމާއެކު، ޢަބްދުﷲ ޙަމީދު އަވަހާރަވުމަކީ ރައީސުލްޖުމްހޫރިއްޔާއަށްވެސް ވަރަށް ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމެކެވެ. ހަމައެޔާއެކު، ޢާއިލާއަށް ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ދިވެހި ސަރުކާރު ބައިވެރިވެ، އެމަނިކުފާނުގެ ބޭބޭފުޅު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށާއި، ޢާއިލާގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައެވެ.

މާތްﷲ، އެ މަރްޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! ޢާއިލާއަށް މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ކެތްތެރިކަން މިންވަރު ކުރައްވާށި!