ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަރިހަށް، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އިންޑަސްޓްރީޒް، ޢާމިރު ޙުސައިން އާމު، އިޙްތިރާމުގެ ‏‏ޒިޔާރަތެއް ކުރައްވައިފިއެވެ.‏ މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައިވާ އެއްގޮތްކަން ފާހަގަކުރައްވައި، ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ބަންގްލަދޭޝްގެ މިނިސްޓަރ ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ގިނަ ޢަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރާކަން ފާހަގަކުރައްވައި، ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކޮށްދެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ސަރުކާރުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އިންޑަސްޓްރީޒް މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ވިޔަފާރީގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.