ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ދެބޭފުޅުން، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެ ދެ ބޭފުޅުންނަކީ، ހެންވޭރު މެރިންވިއު ޑޮކްޓަރ ޢަލީ ޝަމީމާއި، ހުޅުމާލެ ފްލެޓް 01-ޖީ-62 އަލްފާޟިލް ޒަކަރިއްޔާ ޙުސެއިނެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އެބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.