ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ހަވަނަ ރީޖަނަލް 3R ފޯރަމް އިން އޭޝިޔާ އެންޑް ދަ ޕެސިފިކް ރަސްމީކޮށް ހުޅުއްވައިދެއްވަފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިފޯރަމް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ވަރަށް ބޮޑަށް ޤުދުރަތީ ވަޞީލަތްތައްކަށް ބަރޯސާވެފައިވާ ޤައުމެއްކަމުން ސަރުކާރުން އެއްމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ޤުދުރަތީ ވަޞީލަތްތައް ރަނގަޅުގޮތުގައި ބޭނުންކުރުމަށްކަމަށެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން ހިފުމަކީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭނެ ވަރަށް މުހިއްމު ކަމެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ރާއްޖޭގެ ތިމާވެށީގެ ދުޅަހެޔޮކަމަށް، އެކަށީގެންވާ ގޮތުގައި ކުނި ނައްތާލުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިޤްތިޞާދީ ކުރިއެރުމާއިއެކު ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުނި ނައްތާލުން ވަނީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ސަރުކާރުންވަނީ ޤައުމީ ފެންވަރުގައި ކުނި ނައްތާލުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އުޞޫލުތަށް އަޞްލަކަށް ބަލައިގެން ސިޔާސަތުތަކެއް އެކަށައަޅާފައެވެ. މި ސިޔާސަތުތަކަކީ ތިމާވެށީގެ ރޮނގުން ދެމެހެއްޓެނިވި، އިޤްތިޞާދީ ގޮތުން ބަލައިގަނެވޭ އަދި މުޖުތަމަޢަށް އެކަށީގެންވާ ގޮތަށް ބައްޓަންކުރެވިފައިވާ އިންތިޒާމްތަކެކެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި 3R ފޯރަމްގެ ޒަރީޢާއިން މި ސަރަޙައްދުގެ ޤުދްރަތީ ވަސީލަތްތަށް އެއްމެ އެދެވޭ ގޮތުގައި ބޭނުންކުރެވޭނެ ރަނގަޅު އާ ގޮތްތަށް ފޯރަމްގެ ބައިވެރިންނަށް އެގިގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވިއެވެ.
ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ނިމުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ބައިނަލްއަޤްވާމީ 3R އެގްޒިބިޝަން ހުޅުވައިދެއްވާފައެވެ.