ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ތިންބޭފުޅުން، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެ ތިން ބޭފުޅުންނަކީ، ހެންވޭރު ހަބަރުގޭ އާމިނަތު އީނާސާއި، ފުވައްމުލަކު ފާތު ޝިފާޤް މުފީދާއި، މާފަންނު ކޮރަލްގާޑްންސް ޢާއިޝަތު އަފްރީން މުޙައްމަދެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އެބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.