بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

ވިލިނގިލީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ވިލިމާލޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި މި ދާއިރާ ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރު، މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން. ހެލްތް މިނިސްޓަރ އަދި މި ދާއިރާގައި މަސައްކަތް ކުރައްވާ ޢިއްޒަތްތެރި ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މީގެ އަހަރެއްހާ ދުވަސް ކުރިން ވިލިނގިއްޔަށް ކުރި ޒިޔާރަތެއްގައި އަޅުގަނޑާ މިކަން މަތިވެގެން އޭރު ދިޔައީ. އޭރު އަޅުގަނޑު އުންމީދު ކުރިން، ވިލިނގިލީގައި ދިރިއުޅުއްވާ ސާދަވަރަކަށްހާސް ބޭފުޅުންނަށް ޞިއްޙީ ފަރުވާލިބުމުގެ އިންތިޒާމު، އޭރު އޮތް ހިސާބުން ރަނގަޅު ހިސާބަކަށް ގެންނަން. އެގޮތުން ކުރެވުނު މަސައްކަތްތަކެއް. އައި.ޖީ.އެމް.އެޗް.ގެ ވަރަށްބޮޑު އެހީތެރިކަން ލިބިގެން ކުރެވުނު މަސައްކަތްތަކެއް. އިރާދަކުރެއްވިއްޔާ މިއަދުގެ ހަވީރުގެ މި އުފާވެރި ވަގުތު ޙަޤީޤަތަކަށް ވެގެން މިދަނީ. މިއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ ޝަރަފެއް. ވަރަށް ޚާއްޞަ އުފަލެއް. އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ކޮންމެވެސް ކަހަލަ އެހީތެރިކަމެއް، މިހާބޮޑު އާބާދީއެއް ދިރިއުޅޭ ރަށެއްގައި ލިބިގެން ދިޔުން މިއީ. ދެންމެ އައި.ޖީ.އެމް.އެޗް.ގެ ގަވަރނިންގ ބޯޑުގެ ޗެއަރމަން ޑޮކްޓަރ ޢަބްދުއްސައްތާރުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ވަރަށް އާދައިގެ ގޮތެއްގައި ވަރަށް ދޭސީގޮތެއްގައި ފެށިގެން އައި ޚިދްމަތް، އިރާދަކުރެއްވިއްޔާ މިއަދު މިވަނީ ޓަރޜަރީ ހޮސްޕިޓަލަކަށް، ނޫނިއްޔާ 3 ވަނަ ލެވެލްގެ ހޮސްޕިޓަލަކަށް ބަދަލުވެގެން ގޮސްފައި.

ދެން މި މަރްޙަލާއިން ވާރުތަވާން އޮތީ ނޫނިއްޔާ ހިޖުރަ ކުރަން، ދަތުރުކުރަން މިއޮތީ، މާލޭ އައި.ޖީ.އެމް.އެޗް.އާ އެއްފެންވަރަށް ދާން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަ އެ މަސައްކަތްވެސް ހަމަ އެގޮތުގައި ކުރެވޭތޯ ބަލާނަން. މިހާރު މާލޭ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ފިޔަވައި ދެން ހަމަ ހުރި ހޮސްޕިޓަލްތަކަށް ބަލާއިރު، ވިލިމާލޭގެ ހޮސްޕިޓަލަކީ އިރާދަކުރެއްވިއްޔާ މިފެންވަރުގެ ހޮސްޕިޓަލަކަށް ވެގެންދިޔައީ. މިވަރުގެ ހޮސްޕިޓަލަކަށް ވިލިމާލޭގެ ހޮސްޕިޓަލް ބަދަލުވެގެން ދިޔައިރު، އަޅުގަނޑުމެންނަށް ދެންމެ ގަވަރނިންގ ބޯޑުގެ ޗެއަރމަންގެ ވާހަކަފުޅުގައި އެނގިގެން ދިޔަގޮތުން، ވަރަށްގިނަ ފެސިލިޓީތަކެއް މިތަނަށް އިތުރުވެގެން ހިނގައްޖެ. އޭގެތެރޭގައި، ޑައިގްނޯސްޓިކް ފެސިލިޓީޒްތަކުގެ ވަރަށްގިނަ ކަންތައްތަކެއް، މިތަނަށް އިތުރުވެގެން މިދިޔައީ. ވިއްސާ ކޮޓަރިއާއި، އޮޕަރޭޝަން ތިއޭޓަރާ، މިހެންގޮސް ވަރަށްގިނަ ކަންތައްތަކެއް އިތުރުވެގެން ދިޔައީ.

އަދި ހަމައެޔާއެކީ، އަޅުގަނޑު އުފަލާއެކީ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑަށް މިއަދު ހެލްތް މިނިސްޓަރ ކަށަވަރުކޮށްދެއްވި. ވިލިނގިލީގައިވެސް ކިޑްނީގެ ބަލީގެ ފަރުވާ ހޯދަމުންދާ ފަރާތްތައް އުޅޭތީއާ އެކީގައި ޑައިލަސިސްއަށް މިވަގުތު މާލެއަށް މި އަންނަނީ. އިރާދަކުރެއްވިއްޔާ، ހަމަ މާލަސްތަކެއްނުވެ މިއަހަރުގެ ތެރޭގައި، މި ވިލިނގިލީގައި މި ހޮސްޕިޓަލުން ޑައިލަސިސްގެ ޚިދްމަތްވެސް ހަމަ ވަރަށް އަވަހަށް ލިބިވަޑައިގަންނަވާނެ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަމިއްލަ ފަރާތަކުން ހޮސްޕިޓަލްގެ ޚިދްމަތް ދެއްވުމަށްޓަކައި އެ ކުރައްވާ މަސައްކަތުގައި ހުޅުމާލޭގައި ހޮސްޕިޓަލެއްގެ ބިންގާ އެޅިގެން ދިޔައީ. އެހެންވީމާ، މި ސަރަޙައްދުން އިރާދަކުރެއްވިއްޔާ، 3 ވަނަ ކެޓަގަރީގައި ނޫނިއްޔާ ޓަރޜަރީ ހޮސްޕިޓަލްތަކެއް އުފެދިގެން މި އަންނަނީ.

ދެން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ރާއްޖޭގެ ޖިއޮގްރަފިކަލް ތެރެއިން ނޫނިއްޔާ އާބާދީއަށް ބަދަލުވަމުން އަންނަ ގޮތަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަސައްކަތް ކުރަމުންދާނީވެސް މާލެއާއި ހުޅުމާލޭގެ މި ސަރަޙައްދުގައި. މާލެ، ހުޅުމާލެ، ވިލިމާލެ ސަރަޙައްދުގައި. އެހެންވީމަޔާއެކީ ސަރުކާރުން، މީގެކުރީގެ ސަރުކާރުތަކުންވެސް ޞިއްޙީ ދާއިރާއަށް ދެއްވާ ސަމާލުކަން މިހާރުވެސް ހަމަ އިތުރުވެގެން، އަޅުގަނޑުމެންގެ ސަރުކާރުންވެސް ކުރިއަށް މިދަނީ. އަޅުގަނޑުމެންގެ ވިސްނުމަކަށްވެސް މިއޮތީ އައި.ޖީ.އެމް.އެޗަކީ އަދި މި ސަރަޙައްދުގައި ނޫނިއްޔާ އަޅުގަނޑުމެން މި ވާހަކަ މިދަންނަވާ ސަރަޙައްދުގައި ހުރި ހަމަ އެންމެ ޚިދްމަތް ރަނގަޅު، އެންމެ ފުރިހަމަ ވަސީލަތެއް ޤާއިމުވެފައި ހުރި ހޮސްޕިޓަލަކަށް ވެގެންދިޔުން.

އައި.ޖީ.އެމް.އެޗް ރަނގަޅު ހޮސްޕިޓަލަކަށް ހެދުމަށްޓަކައި، ކުރީގައި ފާއިތުވެދިޔަ ސަރުކާރުތަކުންވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައިވޭ. ޝައްކެއްވެސްނެތް، ހުރިހާ ސަރުކާރަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ދާއިރާގައި ބޭނުންވާ ކަންތައްތައް ކުރުމަށް ވަރަށް ހީވާގިކަމާއެކީ މަސައްކަތްތަކެއްވަނީ ކުރައްވާފައި. އަޅުގަނޑުމެން މި ސަރުކާރުންވެސް މިކުރާ ކަމަކީ ހަމަ ޞިއްޙީ ދާއިރާގައި ހުރި މަސައްކަތްތައް ރަނގަޅު ކުރުމަށްޓަކައި، ވަސީލަތްތައް ރަނގަޅު ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް. މީގެތެރޭގައި، މީހުން ތަމްރީނު ކުރުމާއެކީ، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި އަދި ވަސީލަތުގެ ގޮތުން ތަނަވަސްކުރަން ކުރާ މަސައްކަތްތައް، އަޅުގަނޑުމެން ކުރެވޭތޯ މި ބަލަނީ.

އަޅުގަނޑުމެންގެ ސަރުކާރުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ނިމެންވާއިރަށް އައި.ޖީ.އެމް.އެޗަށް ބޭނުންވާ ޑައިގްނޯސްޓިކް ހަމަ ފުރިހަމަ ޚިދްމަތްތައް ލިބޭނެ ވަސީލަތްތައް، އައި.ޖީ.އެމް.އެޗްގައި ޤާއިމުވެގެން ދިޔުން. ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ޑޮކްޓަރަކަށްވެސް އެންމެ މުހިންމު ކަމަކަށްވާނީ، ރަނގަޅު ޑައިގްނޯސްޓިކް ފެސިލިޓީޒްގެ ބޭނުމުގައި، އެ ބައްޔެއް ދިރާސާކުރުމުގެ ފަސޭހަކަން ލިބިގެން ދިޔުން. އަޅުގަނޑުމެން ރާއްޖެއިން ބޭރަށް އަޅުގަނޑުމެންގެ ރައްޔިތުން މިކުރާ ދަތުރުތަކުގެވެސް އެންމެބޮޑު މައްސަލައަކަށްވެފައި މިއޮތީ މިކަން. އެހެންވީމާ، ރަނގަޅު ޑައިގްނޯސްޓިކް ފެސިލިޓީއެއް ލިބިފައި ހުރުމަކީ ، ޓަރޜަރީ ހޮސްޕިޓަލެއްގައި ހަމަ ކޮންމެހެންވެސް ލާޒިމު ކަމެއް.

ހަމައެޔާއެކީ، ހޮސްޕިޓަލަކަށް ބޭނުންވާ ވަސީލަތާއި އަދި ހޮސްޕިޓަލަށް ބޭނުންވާ އިތުރު ތަނަވަސްކަން ހޯދައިދިނުމާ އެކުގައިވެސް ހޮސްޕިޓަލް ހިންގުމުގައި، މިފަދަ ޚިދްމަތެއް ދިނުމުގައި އެންމެ މުހިންމު ދާއިރާއަކަށް މިވަނީ ހަމަ ޙަޤީޤަތުގައިވެސް އެ ދާއިރާއެއްގެ މެނޭޖްމަންޓް. އަޅުގަނޑު ހަމަ މިއަދު ތިޔަބޭފުޅުންގެ ޙާޒިރުގައި އުފަލާއެކީ ދަންނަވާލަން ބޭނުންވަނީ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު އައި.ޖީ.އެމް.އެޗް.ގެ މެނޭޖްމަންޓާ ޙަވާލުވެވަޑައިގެން އަދި ޑެޕިއުޓީއެއްގެ ގޮތަށް ރިޝްވާން ޙަވާލުވެވަޑައިގަތުމާއެކީ، އައި.ޖީ.އެމް.އެޗް.ގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އަދި ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، ކުރީގައި އޮތް ކިޔޫގައި ތޮއްޖެހުމާއި އަދި އިދާރީގޮތުން، އިންތިޒާމުގެ ގޮތުން އަޅާނުލެވިހުރި ވަރަށްގިނަ ކަންތައްތަކެއް ފުރިހަމަވެގެން ގޮއްސި. މިއަދު އައި.ޖީ.އެމް.އެޗާ ދޭތެރޭގައި ޝަކުވާ ކުޑަ ހޮސްޕިޓަލެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެހެން ނަމަވެސް، މިދަންނަވަނީ އަޅުގަނޑަށް އެނގޭ، އަޅުގަނޑު މި ވާހަކަ ދައްކާ ނިމޭއިރު، އައި.ޖީ.އެމް.އެޗް ގައި ހުރި މައްސަލަތަކުގެ ވާހަކަ ލިޔާނެކަންވެސް. އެއްވެސް ކަމެއް ފުރިހަމައެއް ނުވާނެ. އެހެން ނަމަވެސް، މިކުރެވޭ މަސައްކަތަކީ އަބަދުވެސް ޓު ބެޓަރ އަވަރސެލްވްސް ދޮގެއްތޯ. އަބަދުވެސް އެކުރާ ކަމެއް، އެއަށްވުރެ ރަނގަޅަށް ކުރެވޭތޯ ކުރާ މަސައްކަތް. ހަމަ ޝުކުރު ޙައްޤު މަސައްކަތްތަކެއް، ފަރުޙަތު ޝަހީރު ކުރައްވަމުން އެ ގެންދަވަނީ. ހަމައެޔާއެކީ، އައި.ޖީ.އެމް.އެޗް.ގެ ގަވަރނިންގ ބޯޑުގެ ފަރާތުންވެސް ގައިޑެންސް ދެއްވަމުން، އެ ކުރައްވަނީ ހަމަ އެކަށީގެންވާ ރަނގަޅު މަސައްކަތްޕުޅުތަކެއް.

އަޅުގަނޑުމެންގެ ސަރުކާރުން ވަރަށްފަހުން ގެނައި ބަދަލަކީ، އައި.ޖީ.އެމް.އެޗް ހިންގުމަކީ ގަވަރނިންގ ބޯޑެއް އޮވެގެން، ގަވަރނިންގ ބޯޑުގައި، އައި.ޖީ.އެމް.އެޗް.ގައި މި ދެވޭ ޚިދްމަތްތައް ނޫނީ އައި.ޖީ.އެމް.އެޗް.ގައި ކުރާ މަސައްކަތަށް ޚިޔާލުދެވޭ ތަފާތު ފެންވަރުގެ ބޭފުޅުން، އަދި ތަފާތު ދާއިރާގެ ބޭފުޅުންތަކެއް ހިމެނޭ ބޯޑަކަށް ހަމަޖައްސާފައި. އައި.ޖީ.އެމް.އެޗް ހިންގުމަކީ ވާހާ އޮޓޯނަމަސްކޮށް ސަރުކާރާ ވީހާ ވަކިން، މިނިވަންކަމާއެކީ ނިންމާ ނިންމުންތަކެއް، އަވަސްކަމާއެކީ ނިންމޭގޮތަށް ހިންގާ ތަނެއް ކަމަށް ބަދަލުވެގެން ދިޔުން.

ކުރީގައި އެއްގޮތަކަށްވެސް، މިނިސްޓަރ އިންނެވީމަ ޑިސްކަރޓިޔަސްވާކަށެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވުނީ، އަޅުގަނޑަކީވެސް ކޮންމެވެސްވަރަކަށް މެނޭޖްމަންޓްގެ ދާއިރާގައި މަސައްކަތްކޮށްފައި ހުރި މީހަކަށްވާތީ، އަޅުގަނޑަށް ގަބޫލުކުރެވުނީ، ހަމަ މިނިސްޓަރު، އައި.ޖީ.އެމް.އެޗް.ގެ ހުރިހާ ކަމެއް ބެއްލެވުން އެއީކީ އޭގެ ޒާތުގައި އައި.ޖީ.އެމް.އެޗް.ގެ ދުވެލި ހަލުވިވާނެ ގޮތަކަށް ނުވާނެއޭ. މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އެކަން އަޅުގަނޑުމެން އިޙްސާސް ކުރަމުން މިދިޔައީ. އެހެންވީމާ، އައި.ޖީ.އެމް.އެޗަކީ ވަކި ގަވަރނިންގ ބޯޑެއް އޮވެގެން އަދި އައި.ޖީ.އެމް.އެޗް މައިގަނޑު 3 ޑިޕާޓްމަންޓަކަށް ބަހާލާފައި، 3 ޑިޕާޓްމަންޓަކީވެސް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިވާ އޮޓޯނަމަސްކޮށް ހިނގާ 3 ޑިޕާޓްމަންޓަށް ބަދަލުވެގެން ދިޔައީމަ، އައި.ޖީ.އެމް.އެޗް.ގެ ހިންގުން ހަލުއިވެ ހަރުދަނާވާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން ގެނައި ބަދަލު. އެގޮތުން، ފަރުޙަތާއި ފަރުޙަތުގެ ޓީމުން މެނޭޖްމަންޓްގެ ދާއިރާގައި މަސައްކަތްތަކެއް އެ ކޮށްދެއްވަނީ. ފެސިލިޓޭޓިވް މަސައްކަތްތަކެއް. ކެޓަލިސްޓެއްގެ ގޮތަށް މަސައްކަތް ކޮށްދެއްވަނީ. ޑޮކްޓަރ ޢަބްދުﷲ ވަޙީދު މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓް ބަލަހައްޓަވައިދެއްވަނީ. ހަމަ ވަރަށް މިނިވަންކަމާއެކީ ޢަބްދުﷲ ވަޙީދަށް ޚިޔާލު އަރުވަން. ހަމަ މެޑިކަލް ޑޮކްޓަރުންގެ ޓީމެއް ޢަބްދުﷲ ވަޙީދާއެކީ މަސައްކަތް ކުރައްވާ. ހަމަ އެގޮތަށް ނަރސިންގ ޑިޕާޓްމަންޓްވެސް އަޅުގަނޑުމެން ވަކިކޮށްލީ. މިއީ ހޮސްޕިޓަލެއްގައި ވަރަށް މުހިންމު 3 ކޮމްޕޯނަންޓް.

އެހެންވީމާ، މިޔާއެކީ ޙަޤީޤަތުގައިވެސް އައި.ޖީ.އެމް.އެޗަށް މިހާރު އަންނަމުންދާ ބަދަލުތަކަކީ، ސަރުކާރުން އަދި ވަސީލަތް ތަނަވަސްކޮށްދިން ކަމުގައިވީނަމަވެސް، ޙަޤީޤަތުގައި މިބޭބޭފުޅުންގެ މަސައްކަތްޕުޅު، އަދި ހަމައެއާއެކީގައި އައި.ޖީ.އެމް.އެޗް.ގެ ސީ.އީ.އޯ އާއި ޑެޕިއުޓީ ސީ.އީ.އޯ އިން ކުރައްވާ މަސައްކަތްޕުޅު. އެހެންވީމާ، އަދި އެއްފަހަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

އަޅުގަނޑުވެސް އުންމީދު ކުރަނީ، މާލެއާއި ހުޅުމާލެއާ މި ސަރަޙައްދު އެކުވެގެންދާއިރު، އައި.ޖީ.އެމް.އެޗަކީ އެންމެ ޚިދްމަތްތެރި އަދި އެންމެ ގިނަ ރައްޔިތުންގެ މަޤްބޫލުކަން އޮތް ހޮސްޕިޓަލަކަށް ބަދަލުވެގެން ދިޔުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން ވަސީލަތުގެ ތަނަވަސްކަމަށް ކޮށްދޭންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކޮށްދޭނަން.

އާދެ، އަޅުގަނޑު މިތަނަށް އައިއިރު، ވިލިމާލެއަށް ނޫނީ ވިލިނގިއްޔަށް ބޭނުންވާ ހަމަ ވަރަށް ބޭނުންވެފައި އޮތް އެހެން ދެކަމެއްވެސް ކުރެވެމުން އެ ދަނީ. މިތަނަށް ބޭނުންވާ އެންމެބޮޑު މިސްކިތުގެ ބިންގާ މިހާރު ވަނީ އެޅިފައި. އާދެ، މިއީ އަމިއްލަ ފަރާތަކުން ވިލިނގިލީގެ ރައްޔިތުންނަށް، އަދި އަޅުގަނޑުމެންނާ އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ޢަބްދުﷲ މުޙަންމަދު، ވިލިނގިލީގެ ރައްޔިތުންނަށް ހަދިޔާ ކުރެއްވި މިސްކިތެއް. ޢަބްދުﷲ މުޙަންމަދަށް އިރާދަކުރެއްވިއްޔާ މިކަމުގެ ދަރުމަ، މާތްރަސްކަލާނގެ މިންވަރު ކުރައްވާނެ. ޝައްކެއްވެސްނެތްގޮތުގައި، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް މިއީ ހަމަ ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް. ވަރަށް ފަސޭހަވެގެންދާނެ ކަމެއް. ވަރަށްބޮޑު މިސްކިތެއް. ވަރަށް ރީތި މިސްކިތަކަށްވެގެން، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު މި މިސްކިތް ހުޅުވައިދިނުމުގެ އުފާވެސް އަޅުގަނޑަށް ލިބޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން.


މި ހޮސްޕިޓަލް ހުޅުވިގެން މިހާރު މިދަނީ. މި ރަސްމިއްޔާތު ނިމުމާއެކީ، ހައުސިންގ މިނިސްޓަރު ވަޑައިގެން ވިލިނގިލީގެ ބަނދަރުގައި ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދެއްވުމުގެ މަސައްކަތް މި ކުރައްވަނީ. މިއީވެސް ފައިސާގެ ގޮތުން، ހޭދަކުރަންޖެހޭ ފައިސާގެ ގޮތުން ބޮޑު މަޝްރޫޢެއް. ޝައްކެއްވެސްނެތްގޮތުގައި، ވިލިނގިއްޔަށް ހަމަ ކޮންމެހެންވެސް ބޭނުންވެފައި އޮތް ކަމެއް. އަޅުގަނޑަށް މި ދާއިރާގެ މެންބަރު ހަނދާންކޮށްދެއްވާ ގޮތުން ވެއްޖިއްޔާ، މި ތިން ކަންތައް ފުރިހަމަވެގެން ދިޔައިމާ، އޭރު ރިޔާސީ އިންތިޚާބުގައި ފޯރިގަދަ ވާދައިގެ ތެރޭގައި، ވާދަވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން އުޅުނުއިރު، ވިލިނގިލީގެ ރައްޔިތުންނާ މުޚާޠަބުކޮށް، އެކިފަހަރު މަތިން ވިލިނގިއްޔަށް ބޭނުންވެފައި ހުރި ކަންތައްތައް ދެނެގަތުމަށާއި އަދި އެކަންކަން ވިލިނގިއްޔަށް ފަސޭހަކޮށްދިނުމަށްޓަކައި އަޅުގަނޑަށް ދެއްކިފައި ހުރި ވާހަކަ، ކޮންމެވެސްވަރަކަށް ފުރިހަމަވެގެން މިދިޔައީ.

އެންމެބޮޑު ކަމަކަށް މިވަނީ މިތަން ގްރޭޑް 3ގެ ހޮސްޕިޓަލަކަށް ނޫނީ ކެޓަގަރީ 3ގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާ ދިޔުން. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ މިއަދު އެކަން ފުރިހަމަވީ. ދެން މި ދެންނެވި އަނެއް ދެކަންތައް ނިމިގެން ދިޔައިމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޕްލެޖުތަކުގެ ތެރެއިން ނޫނިއްޔާ ވިލިނގިލީގެ ރައްޔިތުންނާ މިހާރުގެ ސަރުކާރާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ކުރިއަށް މި ދިޔައީ. އޭގެ މާނައަކީ އިތުރު މަޝްރޫޢެއް އެއްގޮތަކަށްވެސް ވިލިނގިއްޔަށް ނައުމެއްނޫން. ދެން ވިލިނގިއްޔަށް މަޝްރޫޢެއް ނައިއްސިއްޔާ، އަޅުގަނޑަށް ހަމަ ނިދަންވެސް ނޯވެވޭނެ ދޮގެއްތޯ. އަޅުގަނޑުމެންގެ ޕީ.ޖީ ލީޑަރަކީ ނިހާން. އެހެންވީމާ، އެކަމެއް އެހެނެއް ނުވާނެ.

ދެން ޞިއްޙީ ދާއިރާގެ މިކަހަލަ ކުރިއެރުމެއް ލިބޭ ވަސީލަތްތަކެއް ހަމަޖެހިގެންދާއިރު، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް، މި ހޮސްޕިޓަލްތަކުގެ ބޭރުން ކުރެވޭ މަސައްކަތްތަކާ ދޭތެރޭގައިވެސް ހަމަ ކުޑަ ވާހަކައެއް އަޅުގަނޑު ދަންނަވާލަން ބޭނުން. އޭގެތެރޭގައި ވިލިނގިއްޔަށްވެސް ހަމަޖެހިގެންދާނެ ކަންތައްތައްވެސް އަޅުގަނޑު ދަންނަވާލާނަން. ވިލިނގިލީގެ މި ހޮސްޕިޓަލް އަދި ގްރޭޑް 3ގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދިޔަ ނަމަވެސް، ހަމަ ބަލިމީހުން މާލެއަށް ބަދަލުކުރުމާ، މިކަންކަން ހަމަ ވިލިނގިލީގައިވެސް ހިނގާނެ. އަޅުގަނޑުމެން އޭރު ފެށި މަސައްކަތް މިއީވެސް އަޅުގަނޑުގެ ކެމްޕެއިންގެ ޕްލެޖެއް. އަޅުގަނޑުމެންނަށް ހުރިހާ ހޮސްޕިޓަލަކަށް، ރާއްޖޭގެ އެކި ކަންކޮޅުގައި މިހިރަ ހުރިހާ ހެލްތް ފެސިލިޓީތަކަކަށެއް އަޅުގަނޑުމެންނަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންނެއް، ނޫނިއްޔާ އެ ބަލިބައްޔަށް ފަރުވާ ބޭނުންވާ އެންމެ ފުންނާބު އުސް ޑޮކްޓަރުންނެއް ހަމަކޮށެއް ނުދެވޭނެ. އެކަން ކުރުމަށް ދުވަސްތަކެއް ނަގާނެ. އެހެންވީމާ، އޭރު އަޅުގަނޑުމެން ގަބޫލުކުރީ އެކަން އެންމެ ފަސޭހަގޮތަކަށް، އެ ބޭނުންވާ ޚިދްމަތް ފުދިގެންދާނީ، އެމްބިއުލޯންޗް ޚިދްމަތްތަކެއް ތަޢާރުފްކޮށްގެން ކަމަށް. އޭރު އަޅުގަނޑުމެން ޓައިމްލައިނެއްވެސް އެރުވިން. ކުޑަކުޑަކޮށް ޓައިމްލައިން ކައްސާލައިގެންވެސް ދިޔައީ. ކައްސާލައިގެންދާއިރު، ދެ ހެލްތް މިނިސްޓަރުން ބަދަލުވެގެންދިޔަކަންވެސް އަޅުގަނޑުމެން ހަނދާންކުރަންވާނެ.

އެއާއެކީވެސް އަޅުގަނޑު މިއަދު އުފަލާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަދު ރާއްޖޭގައި މީހުން ދިރިއުޅޭ ހަމަ ހުރިހާ އަތޮޅެއްގައި، 20 އަތޮޅުގައި، 20 ދާއިރާގައި އެމްބިއުލޯންޗްގެ ޚިދްމަތް ދެމުން އެބަދެޔޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ޚިދްމަތް ހަމަ ކުރިއަށް އޮތް ތާނގައި އިތުރަށް ފުޅާވެގެންދާނެ. ވިލިނގިލި މާލެ، މި ސަރަޙައްދަށް ބޭނުންވާ އެމްބިއުލޯންޗްވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަޅުގަނޑަށް މިއަދުވެސް ކަށަވަރުކަން ދެއްވި. އިރާދަކުރެއްވިއްޔާ، އެއީވެސް ހަމަ ވިލިނގިއްޔަށް އިތުރުވެގެންދާނެ ފަސޭހަކަމަކަށް ވެގެންދާނެ.

އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ރާއްޖޭގައި ހުރި ހުރިހާ ހެލްތް ފެސިލިޓީތަކުގައި ސްޕެޝަލިސްޓް ޑޮކްޓަރުން، ހުރިހާ ދާއިރާއަކުން އަޅުގަނޑުމެންނަކަށް ފީލްޑެއް ނުކުރެވޭނެ. އެއީ، ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދައްކާފައި، އެންސްޕާއިން އިސްނަންގަވައިގެން، އެންސްޕާ އާއި އާސަންދައިން އިސްނަންގަވައިގެން، މި މަސައްކަތް ފަށްޓަވާފައި މިއޮތީ ހެލްތް މިނިސްޓްރީއާއެކީ މަޝްވަރާ ކުރައްވައިގެން. ރާއްޖެއިން ބޭރުން އަވަށްޓެރި ޤައުމުތަކުން މިހިސާބުގަނޑުން ސުޕަރ ސްޕެޝަލިސްޓުން، އާދެ، ފަންނީގޮތުން ހަމަ އެ ދާއިރާގެ އެންމެ ފުންނާބު އުސް ސްޕެޝަލިސްޓުން ރާއްޖެއަށް އެ ސްޕެޝަލިސްޓުންގެ އެހީތެރިކަން ހޯއްދަވަން. މިދިޔަ އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ 4 އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅުތަކަށް ސުޕަރ ސްޕެޝަލިސްޓުން ޒިޔާރަތް ކުރެއްވި. އެބޭފުޅުންގެ ދާއިރާގައި ކޮންސަލްޓަންސީ ދޭންޖެހޭ އަދި ފަރުވާދޭންޖެހޭ ފަރާތްތަކާ ބައްދަލުކޮށް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ގާތްގަނޑަކަށް 3200 ވަރަކަށް ޕޭޝަންޓުން ބެލި. އެ ޕޭޝަންޓުންނަށް ބޭނުންވާ ފަރުވާ އެހެރީ ދެވިފައި.

ދެން މިއާއެކީ ކުރީގައިވެސް ފެށްޓިފައި އެހެން ނަމަވެސް ހީނަރުވެގެންދިޔަ ޓެލެ-މެޑިސިންގެ ޚިދްމަތް، އަޅުގަނޑުމެން އަނެއްކާވެސް މިއުޅެނީ ރިވައިޒް ކުރެވޭތޯ ބަލަން. އޭރުން އަޅުގަނޑު ހިތުން އައި.ޖީ.އެމް.އެޗާއި ރާއްޖޭގެ އެކި ހިސާބުގައި ކިއޮސްކްތަކެއް ޤާއިމުކުރެވުނީމަ، އަޅުގަނޑުމެން މިހާރު މިދޭ އައުޓްރީޗް ޕްރޮގްރާމް ފުޅާވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ބާކީއޮތް 4 އަތޮޅުގެ ސުޕަރ ސްޕެޝަލިސްޓުންގެ ކޮންސަލްޓަންސީގެ މަސައްކަތް، އަޅުގަނޑު މި ވާހަކަ ދައްކަމުންދާއިރު ހިނގަމުން އެބަދޭ. މިހާރު، ދާދި އިހަށްދުވަހު ވަޑައިގެން އެބަ އުޅުއްވާ، މި ސަރަޙައްދުގެ ގާތްގަނޑަކަށް ސާޅީހަކަށް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން. އެ ބޭފުޅުންގެ ޚިދްމަތް އެ 4 އަތޮޅަށް މި ކަވަރު ވަނީ.

އެހެންވީމާ، މިއީ ހަމަ އޮންގޮއިންގ ކަމެއްގެ ގޮތުގައި، ރާއްޖޭގައި ހަމަ ކޮންމެ އަހަރަކު ބުރުއަޅާ ކަމެއްގެ ގޮތުގައި މިދަނީ. ހަމައެއާއެކީ އަޅުގަނޑަށް އެބައޮތް، ހަމަ ވަރަށް ރިފްރެޝިންގ އަދި އަޅުގަނޑުމެން ވަރަށް އިންތިޒާރު ކުރާ އޮފަރއެއްވެސް އަޅުގަނޑަށް ލިބިފައި އެބައޮތް. ހަމަ 1 ވަނަ ދުނިޔޭގެ، ޞިއްޙީ ދާއިރާގެ އެންމެ ފުންނާބު އުސް، 1، 2، 3ގެ ތެރޭގައި ހިމެނޭ ޤައުމަކުން އަޅުގަނޑަށް އެބައޮތް އޮފަރއެއް ލިބިފައި. އަޅުގަނޑު ބައެއް ކަންތައްތައް ސަރުކާރުގެ ތެރެއިން ހަމަޖައްސައިދޭންޖެހޭ. އޭރަށް އެ ޤައުމުގެ ހަމަ ތިބި ދާއިރާތަކުގެ އެންމެ ޓޮޕް ސްޕެޝަލިސްޓުން މިހާރުވެސް އައި.ޖީ.އެމް.އެޗާއެކީ ކޮންސަލްޓޭޝަން ތަކެއް ހިނގާފައި، އަދި އައި.ޖީ.އެމް.އެޗުން އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުން އިތުރަށް ތަމްރީނު ކުރުމަށާއި، އަދި އައި.ޖީ.އެމް.އެޗަށް ކޮން ދާއިރާތަކުންތޯ ޚިދްމަތް ބޭނުންވަނީ، މީގެ ހަމަ ތަފްޞީލު މަސައްކަތްތަކެއް ކުރެވިފައި މިވަނީ. އެކަމުގެ ޚިދްމަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަންނަ އަހަރުގެ ތެރޭގައި ފެށޭތޯ ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކެއް މިދަނީ ކުރަމުން.

އެހެންވީމާ، މި ލިބެނީ ހަމަ ދުނިޔޭގެ އެންމެމަތީ ފެންވަރު. ކޮންމެހެން މިހާރު އަޅުގަނޑުމެން މި ގެންނަ ސުޕަރ ސްޕެޝަލިސްޓުންނެއްވެސް ނޫން. ހަމަ ޓޮޕްނޮޗް ހެލްތް ސަރވިސް، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. ދެން އެހެންނަމަވެސް، ސަރުކާރުގެ ތެރެއިން ކުރަންހުރި މަސައްކަތްތައް މިކަމުގައި ވަރަށްބޮޑު.

އަޅުގަނޑު އެދެނީ، ޞިއްޙީ ދާއިރާއަށް ހަމަ އަދަށްވުރެ ފެހި މާދަމައެއް. ދުޅަހެޔޮ ޞިއްޙަތެއްގައި އަޅުގަނޑުމެން ހުރިހާ އެންމެން ތިބެންޖެހޭނީ ޝައްކެއްވެސްނެތްގޮތުގައި. އެއީ އަޅުގަނޑުމެން އިންސާނުންނަށް އެންމެ މުހިންމު އަސާސް. އެކަމުގެ މަތީގައި އަޅުގަނޑުމެންނަށް ތިބެވޭނީ. ހަމަ މިއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ހޭލުންތެރިކަންވެސް އިތުރުވެގެން، އަދި ޞިއްޙީ ދާއިރާގެ ޕްރެކްޓިސްތައް، އަޅުގަނޑުމެން އަމިއްލަގޮތުން، ފަރުދީގޮތުންވެސް ކުރުން ރަނގަޅު ކުރެވިގެން. އެހެންވެގެން ޕަބްލިކް ހެލްތްވެސް މިއޮންނަނީ ދޮގެއްތޯ. ހަމައެކަނި ޑޮކްޓަރުންނަށް ދެއްކުމެއް ނޫން، ހަމަ ޕްރިވެންޝަނަށް ކުރެވޭ މަސައްކަތްތަކެއްވެސް ކުރެވޭ. ޞިއްޙީ ދާއިރާގައި މިއަދު މި އެޅޭ ބިންގަލަކީ، ނޫނިއްޔާ މިއަދު މި ހުޅުވިގެންދާ ހޮސްޕިޓަލަކީ، ޝައްކެއްވެސްނެތްގޮތުގައި، ވިލިނގިލީ ނޫނިއްޔާ ވިލިމާލެ ދާއިރާއަށް ވަރަށްބޮޑު ފަސޭހަކަމެއް، ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް.

މިއާއެކީގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ވާހަކަ ނިންމާލަމުން، ޞިއްޙީ ދާއިރާއިން ކުޑަތަންކޮޅެއް ބޭރަށް ޖެހިލާފައި ދަންނަވާލަން ބޭނުންވަނީ، އަނެއްކާވެސް ވިލިނގިލީ ދާއިރާއަށް، ނޫނީ މި ދާއިރާއަށް ހަމަ ވަރަށް ބޭނުންވެފައި އޮތް ކަމެއް. އަޅުގަނޑުމެން ސަރުކާރުން މިކުރާ މަސައްކަތުގައި، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މިކުރާ ހުރިހާ މަސައްކަތަކީވެސް ސަރުކާރުން މަރްޙަބާކިޔާ މަސައްކަތްތަކެއް. އެއީ، ހަމައެކަނި ވިޔަފާރި ކުރުމަކު ނޫން. ރާއްޖޭގައި މިހާރު އިންވެސްޓް ކުރުމާ ދޭތެރޭގައި، އިންވެސްޓަރުން ނޫނިއްޔާ ފައިސާ ގެންގުޅޭ މީހުން އެކިއެކި މަޝްރޫޢުތަކަށް ވަނުމަށް ސަރުކާރާއި ނޫނީ ރާއްޖޭގެ ނިޒާމާ ދޭތެރޭގައި އޮތް އިތުބާރު ބޮޑުވެގެން ދިޔައިމާ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ދާދި އިހަކަށްދުވަހަކު ހުޅުމާލޭގައި ބިންގާ އެޅިގެން މި އަންނަ އަހަރުގެ ހަމަގައިމުވެސް ތްރީ ކުއަރޓަރސްއާ ހަމަޔަށް ދާންވާއިރަށް، އެ ހޮސްޕިޓަލް ނިމިގެންދާނެކަމަށް. އެއީ ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ފުންނާބު އުސް ކުންފުންޏަކުން މިކަން މި ކުރައްވަނީ. މި ސަރަޙައްދުގައި ހުރި، ސިންގަޕޫރުގައި ހުރި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތަކާ ހަމަ ވާދަކޮށްލެވޭވަރުގެ ހޮސްޕިޓަލަކަށް، މި ހޮސްޕިޓަލް ވެގެންދާނެ ކަމަށް އެދުވަހުވެސް ތަޢާރުފްގައިވެސް އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ. އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތައް.

އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލަމުން، މިދެންނެވި ކުޑަކުޑަ ޑައިރެކްޝަނަކާއެކީ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ކޮށްދެވޭތޯ ބަލާނަން، ވިލިނގިލީގައިވެސް އަމިއްލަ ފަރާތްތަކުން ޢިމާރާތްކުރާ ޢިމާރާތްތައް މިހާރު މިއޮތީ 4 ވަނަ ފަންގިފިލާ ނޫނީ 4 ބުރިއަށް އުފުލޭގޮތަށް. އެހެން ނަމަވެސް، ދެންމެ އަޅުގަނޑާ ހައުސިންގ މިނިސްޓަރާ މި ވާހަކަ ދެއްކީ. އަޅުގަނޑުމެން މި ހުއްދަ ދޭނަން އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، 6 ބުރިއަށް ހެދުމުގެ ހުއްދަ އަޅުގަނޑުމެން ދޭނަން. އެނގިވަޑައިގަންނަވާނެ، މިހާރުވެސް ވިލިނގިލީގައި ސަރުކާރުގެ ޢިމާރާތްތައް އެބަހުރި 6 ބުރިއަށް ހަދަން ހުއްދަ ލިބޭ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، ހަމަ މި ފަސޭހަކަން ނޫނިއްޔާ މިކަން އިތުރުކޮށްލާފައި، ވިލިނގިލީގައި އިންވެސްޓް ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް، ރިއަލް އެސްޓޭޓް ނޫނީ އެހެންވެސް ޢިމާރާތް ކުރުމުގެ މަސައްކަތްތަކުގައި އިންވެސްޓް ކުރާ ފަރާތްތަކަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ބޭނުންވަނީ ހަމަ ވިލިނގިލީގައި 6 ބުރިއަށް ޢިމާރާތް ކުރުމުގެ ހުއްދަ ދޭން. ދެން އެޔާއެކީވެސް ހަމަ ދަންނަވާލާނަން. މާލޭގައި 25 ބުރިއަށް ޢިމާރާތް ކުރެވިފައި، ވިލިނގިލީގައި 25 ބުރިއަށް ޢިމާރާތް ނުކުރެވެނީ ކީއްވެތޯ؟ މި ސުވާލުވެސް އަންނާނެ. އެހެންނަމަވެސް، ދެންމެ އަޅުގަނޑުމެންނަށް މިކަމުގެ ތަޢާރުފެއް ލިބިގެންދިޔައިރު، ބޮޑެތި ކަންތައްތައްވާނީ ލަހުންނޭ. ރަނގަޅު ކަންތައްތައްވެސް ވާނީ ހަމަ ޑެސްޓިނޭޝަން ޕީރިއަޑަކާއެކީ. ވިލިނގިއްޔަކީ ނަމޫނާ މޮޑެލްސިޓީއެއް ގޮތަށް، އޭރު ރައީސް މައުމޫން ހަމަ ވަރަށް ވިސްނުންފުޅާއެކީ ކުރިއަށް ގެންދެވި މަޝްރޫޢެއް. ހަމަ އަޅުގަނޑުގެވެސް ވިސްނުން އޮތީ ހަމަ ވިލިނގިއްޔަކީ ނަމޫނާ ހަމަ ރެޒިޑެންޝަލް މޮޑެލް ސިޓީއެއް ގޮތަށް އޮވެގެން ދިޔުން. އެހެންވީމާ، މިތަނުގައި ކޮންމެހެން ވިލާތަކުގައި ޖެހޭވަރަށް އަޅުގަނޑުމެންގެ ބެލްކަނިތައް އުސްވެގެން ދިޔުމަކީ، އަޅުގަނޑުމެން އެހާ ތަރުޙީބުދޭ ކަމަކަށް ނުވެ ހިނގައިދާނެ. އެހެން ނަމަވެސް، މިދެންނެވި ގޮތަށް މިހާރުވެސް ސަރުކާރުގެ ޢިމާރާތްތައް 6 ބުރިއަށް ހެދުމުގެ ހިއްލާލުމުގެ ހުއްދަ އޮތީމަޔާއެކީ، އެ ތަފާތު ނައްތާލާފައި، ވިލިނގިލީގައިވެސް އަމިއްލަ ފަރާތްތަކުންވެސް މިކުރައްވާ މަސައްކަތުގައި 6 ބުރިއަށް ޢިމާރާތް ކުރުމުގެ ހުއްދަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި އަރުވާނަން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އިރާދަކުރެއްވިއްޔާ ހުރިހާ ދާއިރާއަކުންވެސް ރައްޔިތުންނަށް މިހާރު ބޭނުންވެފައި ހުރި ކަންތައްތައް، ތަންކޮޅެއް އަވަސް ސްޕީޑެއްގައި ކަންތައްތައް ކުރެވޭތޯ ގެންދިޔުން. އަޅުގަނޑަށް އެނގޭ، ވިއްސާ ކޮޓަރީގައިވެސް 9 މަހާއި 9 ދުވަހު އޮންނަން ޖެހިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ އެހާ ޕޭޝަންޓް ބައެއް ނޫން. އަޅުގަނޑުމެން ކުރާ އެހެން މަސައްކަތްތައް ބޭނުންވަނީ، މި ޑެސްޓިނޭޝަން ޕީރިއަޑް ތަންކޮޅެއް އަވަސްކޮށްލެވޭތޯ ބަލަން.

އިރާދަކުރެއްވިއްޔާ، މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖެއަށް ފަހި ދުވަސްތަކެއް. އަދި އަޅުގަނޑުމެންނަކީ ކުރިޔަށް ދިއުމުގެ ރޫޙުގައި މަސައްކަތް ކުރަން ކެރޭ ބަޔަކަށް ވެގެންދިޔުން. ސިޔާސީ ވާދަވެރިކަން ދޫކޮށްލާފައިވެސް ޤައުމު ކުރިޔަށް ގެންދިއުމުގައި އަޅުގަނޑުމެންނަކީ އެކައްޗެއް ކިޔަން އެނގޭ ބަޔަކަށްވެ، އަދި ރައްޔިތުންނަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ފައިދާ ހޯދައިދޭން މަސައްކަތް ކުރަން ކެރޭ ބަޔަކަށް ވެގެންދިއުން. އިރާދަކުރެއްވިއްޔާ، މާތްﷲ އަޅުގަނޑުމެންގެ މަސައްކަތްތަކުގައި ބަރަކާތް ލައްވާނެ.

والســّلام عليــكم ورحـمــة اللّـه وبـركاتـه.

_______________________________