ވިލިމާލޭގެ ހޮސްޕިޓަލް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި "މިއަހަރުގެ ތެރޭގައި ވިލިމާލެއަށް ބޭނުންވާ އެމްބިއުލޯންޗު ލިބިގެންދާނެ" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ވިލިމާލޭގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ވިލިމާލޭގައި ހޮސްޕިޓަލެއް ހުޅުވުމުގެ މަރްޙަލާއަށްފަހު ދެންއޮތީ ޞިއްޙީ ޙިދުމަތް ދިނުމުގައި އައި.ޖީ.އެމް.އެޗް އާ އެއްފެންވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމެވެ. މިގޮތުން މިއަދު ވިލިމާލޭ ހޮސްޕިޓަލް ހުޅުވިގެން ދިޔައިރު އިތުރުކުރެވުނު ވަޞީލަތްތަކުގެ ތެރޭގައި ވިއްސާ ކޮޓަރިއާއި އޮޕަރޭޝަން ތިއޭޓަރު ހިމެނިގެން ދިޔަކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން، ވިލިމާލޭގައި މިއަދު މިހުޅުވުނު ހޮސްޕިޓަލުންވެސް ވަރަށް އަވަހަށް ކިޑްނީ ބަލީގެ ފަރުވާހޯދަން ބޭނުންވާ ފަރާތްތަކަށް ޑައިލަސިސްގެ ޚިދްމަތް ދެވިގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ. ޞިއްޙީ ދާއިރާއަށް ބޭނުންވާ ކުރިއެރުން ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި އަދި ވަޞީލަތުގެ ގޮތުން ތަނަވަސްކުރަން ކުރާ މަސައްކަތްތަކަކީ މިސަރުކާރުން ކުރަމުންދާ ކަންތައްތައްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައި.ޖީ.އެމް.އެޗުގެ ހިންގުމާ ހަވާލުވެހުންނެވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރަށް އެމަނިކުފާނުކުރައްވާ ބުރަމަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވަމުން އެހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަޞީލަތާއި ތަނަވަސްކަން ހޯދައިދިނިމުގައި ބެނުންވާ ހުރިހާ ކަމެށް ސަރުކާރުން ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި " ކޮންމެ ޑޮކްޓަރަކަށްވެސް އެންމެ މުހިންމު ކަމަކަށްވާނީ، ރަނގަޅު ޑައިގްނޯސްޓިކް ފެސިލިޓީޒްގެ ބޭނުމުގައި، އެ ބައްޔެއް ދިރާސާކުރުމުގެ ފަސޭހަކަން ލިބިގެން ދިޔުން" ކަމުގައި ވިދާޅުވިއެވެ. އަދި، ކުރީގައިވެސް ފެށްޓިފައިވާ، ނަމަވެސް ހީނަރުވެފައިވާ ޓެލެމެޑިސިންގެ ޚިދްމަތް އަންނައަހަރު އަނެއްކާވެސް ފެށިގެންދާނޭކަމުގައި ވިދާޅުވިއެވެ.

އަދި މިސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތައްކަމުގައިވާ ވިލިމާލޭގައި ފެންވަރު ރަނގަޅު ޖާގަބޮޑު މިސްކިތެއް އަޅައިދުނުމުގެ ވަޢުދު ފުއްދުމުގެ ގޮތުން މިހާރު ވިލިމާލޭގައި ބޮޑު މިސްކިތެއް އެޅުމުގެ މަސައަކަތް ކުރަމުންދާ ކަންފާހަގަކުރައްވާ އަންނަ އަހަރު މި މިސްކިތް ހުޅުވިގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިލިމާލެ އަކީ ނަމޫނާ "ރެސިޑެންޝަލް ސިޓީ" އެއްގެ ގޮތުގައި ތަރައްޤީ ވެގެންދާނެތަނެއް ކަމުގައި ވިދާޅުވަމުން، ވިލިމާލޭގައިވެސް 6 ބުރިއަށް ޢިމާރާތްކުރުމުގެ ހުއްދަ މިއަހަރުގެ ނިޔަލަށް ދެވިގެންދާނެކަމުގައި ވިދާޅުވިއެވެ.