ރާއްޖޭގެ ރިޒޯޓްތަކުގެ ތެރެއިން ތިމާވެށްޓާ ރައްޓެހި ގޮތަކަށް ރިޒޯޓް ހިންގަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން "ނޭޝަނަލް R3 އެވޯޑް" ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އިޢުލާނު ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ، "ރީޖަނަލް R3 ފޯރަމް އިން އޭޝިޔާ އެންޑް ދަ ޕެސިފިކް"ގެ 6 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި މިއަހަރުގެ ޝިޔާރު ކަމަށްވާ "އަހަރެމެންގެ ތިމާވެށި - އަހަރެމެންގެ އިޤްތިޞާދު، އަހަރެމެންގެ މުސްތަޤްބަލް"ގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މިއީ ރާއްޖެއާ ވަރަށް ގުޅުންހުރި ޝިޔާރެއްކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވުމާ ހިސާބުން ފެށިގެން މިއަދާ ހަމައަށް އައިއިރު، ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވާ ކަމާއި، މި ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ޤުދުރަތީ ތިމާވެށީގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، ފަތުރުވެރިކަމާބެހޭގޮތުން ރާއްޖޭގައި ފުރަތަމަ އެކުލަވާލެވުނު އުޞޫލުތަކުގައިވެސް ތިމާވެށްޓަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިހާ ހަލުވިކޮށް ކުރިއަރައިގެން ދިއުމުގެ ފަހަތުގައި އަމިއްލަ ވިޔަފާރިވެރިންގެ ޙިއްޞާ ބޮޑުކަން ފާހަގަ ކުރެއްވިއެވެ. އަދި، އެކަމުގެ ސަބަބުން މިއަދު ރާއްޖެއަކީ ދުނިޔެއަށް މަޝްހޫރު، އެއްވަނަ ދަރަޖައިގެ ފަތުރުވެރި މަންޒިލަކަށް ވެއްޖެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގެ މި ކާމިޔާބީގެ އަސްލަކީ، އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންގެ ރަށްތައް، އޭގެ ޤުދުރަތީ ރީތިކަން މަތީ އަޅުގަނޑުމެންނާ ހިސާބަށް ފޯރުކޮށްދެއްވުން ކަމަށާއި، އެހެންކަމުން އަޅުގަނޑުމެންވެސް ކުރިއަށް އަންނަން އޮތް ޖީލުތަކާ ހަމައަށް ހަމަ އެފަދަ ގޮތަކަށް މިރަށްތައް ވާޞިލްކޮށްދޭން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.