بســم اللّـه الرّحمـن الرّحيــم
    
ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން،
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
 އާދެ، މިރެޔަކީ ވަރަށްވެސް ޚާއްޞަ ރެއެއް. އާދެ، މީރާއަށް 5 އަހަރު ފުރިގެން ގޮސް މީރާއަށް މިވަނީ މި 5 އަހަރު ތެރޭގައި، ވަރަށް ސާބިތުކަމާއެކީގައި އަޅުގަނޑުމެންގެ އިޤްތިޞާދުގައި އުފެދޭ ނުވަތަ މުޅި ޖީ.ޑީ.ޕީ.ގެ މުޅި ދުނިޔޭގެ އެހެން ގިނަ ޤައުމުތަކަށް ބެލިނަމަވެސް ޖީ.ޑީ.ޕީ. ގައި އުފެދޭ ނުވަތަ އަޅުގަނޑުމެންގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުން ވަރަށްބޮޑު ޕަސެންޓޭޖެއް ޓެކްސް ގޮތުގައި ނަގައި، އަދި ޓެކްސް ގޮތުގައި ނެގުން އެކަންޏެއް ނޫން، ވަރަށް އެފިޝަންޓްކޮށް، ވަރަށް މަސައްކަތާއި ހިންމަތާއެކީގައި އަދި ހަމައެހެންމެ، އެތައް ގޮންޖެހުމަކާ އެކީގައިވެސް އަޅުގަނޑުމެންނަށް މިދަނީ މީރާގެ ޚިދްމަތްތައް ފެންނަމުން.
 
އެހެންވެ މިރޭ، މީރާގެ ހިތްވަރުގަދަ ކޮމިޝަނަރ ޖެނެރަލަށާއި، އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް، ބޯޑު މެންބަރުން، އަދި ހީވާގި ޚިދްމަތްތެރިން، އަދި އަޅުގަނޑު ދަންނަވާލާނީ ވަރަށް ޑިސިޕްލިން އަދި ވަރަށް އެފިޝަންޓް، މީރާގެ ހުރިހާ މުވައްޒަފުންނަށް 5 އަހަރު ފުރުމުގެ މުނާސަބަތުގައި، ވަރަށް އުފާވެރި މަރްޙަބާއާއި ތަހުނިޔާ ދަންނަވާލަން.
 
އާދެ، މީރާއާ ބެހޭގޮތުން ވާހަކަ ދައްކާލިއިރު އަދި ޚާއްޞަކޮށް ޓެކްސްއާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ހަމަގައިމުވެސް އަޅުގަނޑަކީ މި މުނާސަބަތުގައި ވާހަކަ ދެއްކުމަށް އަޅުގަނޑު ދެކޭގޮތުގައި ހަމަ ވަރަށް ރަނގަޅު މީހެއް. އާދެ، އަޅުގަނޑުގެ ވިޔަފާރި ޖަމްޢިއްޔާގައި، އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި، ވިޔަފާރިވެރިންގެ ޙައްޤުގައި ޙަޤީޤަތުގައި އަޅުގަނޑާ މީރާއާ ދިމާވޭ ވަރަށްގިނަ މީޓިންގތަކުގައި، ޓެކްސްތައް ތަޢާރުފް ކުރަން އުޅުނު އެކި މަރްޙަލާތަކުގައި. އަދި ހަމައެހެންމެ، އަޅުގަނޑު ހަނދާން އެބަހުރި، މީރާއާއި މީރާގެ ބޭފުޅުންނާއި ލޯޔަރުންނާއި ހައިކޯޓުންވެސް ޖީ.އެސް.ޓީ ކަންތަކުގައި އަޅުގަނޑާދިމާވި ހަނދާން.
 
އާދެ، އޭރުގައި ޖީ.އެސް.ޓީ. އާ، އަޅުގަނޑުމެން ކޯޓަށް ދިޔައީކީ އެއްގޮތަކަށްވެސް މީރާ ގޮވައިގެނެއް ނޫން. ވިޔަފާރި ޖަމްޢިއްޔާއިން އޭރުގައި ވިޔަފާރިވެރިން ކޯޓަށް ދިޔައީ ޖީ.އެސް.ޓީ އާއި އިމްޕޯޓް ޑިއުޓީއާ އެއްކޮށް ނަގަން އުޅޭތީ. އެހެން ނަމަވެސް، އެކަން އަޅުގަނޑުމެންނަށް ސަރުކާރުގެ ސަމާލުކަމަށް ގެނެވި، އެބޭފުޅުން ޖީ.އެސް.ޓީ އިމްޕްލިމެންޓް ކުރުމާ އެކީގައި، އެފަހަރު ޑިއުޓީ އުވާލެވިގެންދިޔަ. އަޅުގަނޑު ހަމަ އޭރުވެސް ފާހަގަކޮށްލަން، ހައިކޯޓުގައިވެސް މީރާގެ ޖަސްޓިފިކޭޝަންތަކާއި، އަދި ހަމައެހެންމެ މީރާއިން ދައްކަމުންދިޔަ ރިވެތި މިސާލު، އޭރުވެސް އަޅުގަނޑު ފާހަގަކުރަން. ކައިރިން މަސައްކަތް ކޮށްލަން ލިބުމަކީ އަޅުގަނޑު ދެކޭގޮތުގައި އަބަދުވެސް އެބައެއްގެ ފެންވަރާއި އަދި އެބައެއްގެ ޢަޒުމް އަބަދުވެސް އަންދާޒާކޮށްލަން ލިބޭ ފުރްޞަތެއް. އެހެންވެ، އަޅުގަނޑަކީ މީރާއާ އެކި ޙާލަތްތަކުގައި އެކިގޮތްގޮތަށް ދިމާވެ، ވަރަށް ގާތްކޮށް މަސައްކަތް ކުރަން ޖެހިފައި ހުރި މީހެއް.
 
އަޅުގަނޑު ފާހަގަކޮށްލަން، ޓުއަރިޒަމް މިނިސްޓަރުގެ ޙައިޘިއްޔަތުންވެސް އަޅުގަނޑާއި މީރާއާ އެކީގައި މަސައްކަތްކޮށްގެން، ވަރަށް ގިނަ ޢަދަދެއްގެ ޓެކްސް ޢަދަދުތައް ވަނީ ދައުލަތަށް ލިބިފައި. އަދި ހަމަ އަޅުގަނޑު ފާހަގަކޮށްލަން، މި މަސައްކަތުގައި އަޅުގަނޑުމެންގެ ތަޖުރިބާކާރު ފިނޭންސް މިނިސްޓަރ ޖިހާދަކީވެސް، އެންމެ ކުރީގައި އެބޭފުޅާ ވަޒީފާ ފެށްޓެވީވެސް އޭރުގެ ޓެކްސް އޮތޯރިޓީން. މިހާރު އެބޭފުޅާގެ މި ޓެކްސް ކަލެކްޓް ކުރުމުގެ ނިޒާމު މިވަނީ މިނިވަން މުއައްސަސާއަކަށްވެފައި.
 
އާދެ، މިނިވަން މުއައްސަސާތަކަށް އަޅުގަނޑުމެންގެ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ތަން މިދެނީ، އެއްވެސް ބައެއްގެ މޫނާއި ކަނދުރާއަށް ނުބަލައި، އެ ނަގަން އޮތް ޓެކްސެއް ނެގުމަށް. އާދެ، އެގޮތުގެ މަތީގައި ހިފަހައްޓާ ތަން ވަރަށް ސާބިތުކަމާއެކީ އަޅުގަނޑުމެންނަށް މީރާއިން ފެނޭ. އެހެންވީމާ، އަދިވެސް އެއްފަހަރު މީރާގެ ކޮމިޝަނަރ ޖެނެރަލް ޔަޒީދަށާއި، އަދި އެބޭފުޅާގެ ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވަން.
 
އާދެ، ކޮންމެ ޤައުމެއްވެސް، އެ ޤައުމެއްގެ އިންޖީނަކީ އިޤްތިޞާދު. އިޤްތިޞާދީ ޙަރަކާތްތައް. އާދެ، އިޤްތިޞާދީ ޙަރަކާތްތަކަކީ ކޮބައިތޯ؟ އާދެ، އިޤްތިޞާދީ ޙަރަކާތްތަކަކީ ވިޔަފާރިތައް. ޕްރައިވެޓް ސެކްޓަރ. ޕްރައިވެޓް ސެކްޓަރއަކީ އަޅުގަނޑުމެންގެ ދިރުން. އެ ޤައުމެއްގައި ޕްރައިވެޓް ސެކްޓަރއެއް ނެތިއްޔާ ނުވަތަ އިޤްތިޞާދީ ޙަރަކާތްތައް ހިންގާނެ ފަރާތްތަކެއް ނެތިއްޔާ، އެ ރިސްކް ނަގަން ނުކެރެންޏާ، އެ ޤައުމެއްގައި އޮންނާނީ ކޮން ދިރުމެއްތޯ؟ އަދި އެ ޤައުމެއްގައި ޓެކްސް ކުރާނީ ކޮންބައެއްގެ އަތުންތޯ؟
 
އާދެ، ހަމަގައިމުވެސް އަޅުގަނޑަކީ، މި ޤައުމަށް އައި އިޤްތިޞާދީ ބަދަލުތަކާއި، އަދި އިޤްތިޞާދަށް އައި ގޮންޖެހުންތަކުގެ ތެރޭގައި މަސައްކަތް ކޮށްލަން ލިބުނު މީހަކަށްވީތީ އަދި ރައީސް ޔާމީނާ އެކީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރަން ލިބުނު މީހަކަށްވީތީ، އަޅުގަނޑަށް ފާހަގަވާ އެންމެ ޚާއްޞަ ކަމަކީ، ރައީސް ޔާމީނަށް އަންދާޒާ ކުރެއްވޭ، މި ޤައުމުގެ ޕްރައިވެޓް ސެކްޓަރގެ ރޯލު. އާދެ، އެއްވެސް ޤައުމެއްގައި، އެ ޤައުމެއްގައި ޕްރައިވެޓް ސެކްޓަރގެ ރޯލު އޮޅި ނުވަތަ އަޅުގަނޑުމެންނަށް ފެނޭ މިއަދުވެސް ވަރަށްގިނަ ބޭބޭފުޅުން އަދި ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކޮށްލަން، ސިޔާސީ ފަރާތްތަކުން، އެބޭބޭފުޅުން ފާޅުކުރައްވާ ޚިޔާލުތައް. އާދެ، ޕޯޑިއަމްތަކުގައި ވިޔަސް، އަދި ޓުވިޓަރގައި ވިޔަސް އަދި ފޭސްބުކްގައިވިޔަސް، ވަރަށް ފަސޭހައިން ވަރަށް ރުޅިވެރިކަމާއެކީގައި އަޅުގަނޑަށް ފެނޭ، ވިޔަފާރިވެރިންނާ ދިމާއަށް އެއްޗެހި ކިޔާތަން. އާދެ، ކޮން ޙައްޤެއްތޯ އަޅުގަނޑު ދަންނަވާލާނީ ވިޔަފާރިވެރިންނާ ދިމާއަށް އެއްޗެހި ކިޔުން އޮތީ. އަޅުގަނޑުމެންގެ ޤައުމަކީ މިއަދާ ހިސާބަށްވެސް އަދި އިންކަމް ޓެކްސް ނެގޭ ޤައުމެއް ނޫން.  މި ޤައުމުގައި އަޅުގަނޑުމެންގެ މިތާނގައި ނެތް، އަޅުގަނޑުމެން ދެކޭގޮތުގައި ޕްރައިވެޓް ސެކްޓަރ ނޫން އެއްވެސް ފަރާތެއް. އަޅުގަނޑު މި ދަންނަވަނީ، އިޤްތިޞާދީ ޙަރަކާތް ހިންގާ ފަރާތެއް ނޫން އެހެން ފަރާތެއް ދިވެހިރާއްޖޭގައި ޓެކްސްއެއް ނުދައްކާ. އެހެންވެ، އަޅުގަނޑުމެން ބަނދަރެއް ހެދިޔަސް، އަޅުގަނޑުމެން މިސްކިތެއް އެޅިޔަސް، އަދި އަޅުގަނޑުމެން ކޮންމެފަދަ ކަމެއް ދައުލަތުން ކުރަން ޖެހުނަސް، ދައުލަތުގެ މުސާރައާއި ހުރިހާ އެއްޗެއް މިދެވެނީ، އިޤްތިޞާދީ ޙަރަކާތް ހިންގައިގެން، އެބޭފުޅުންގެ އަތުން އެ ނެގޭ ޓެކްސުން.
 
އެހެންވެ، އަޅުގަނޑުމެން އެބަޖެހޭ މިއަދު މި ޤައުމުގައި ޕްރައިވެޓް ސެކްޓަރ އެޑްމަޔަރ ކުރަން، އެބޭފުޅުން އެކުރާ ހިތްވަރަށް ސާބަސްދޭން. އާދެ، މި ޤައުމުގެ މުޅި ފަޅުރަށްތައް ނުވަތަ ފަޅުރަށެއް އަދި މީހަކަށް ލިބުނަސް، އެ ފަޅުރަށުން އާމްދަނީއެއް ނުހޯދޭ. އެތައް ބައިވަރު އިންވެސްޓްމަންޓްތަކެއް ހަދަންޖެހޭ. އާދެ، މި ޤައުމުގައި، އެބޭފުޅުން އެ ފަޅުރަށުގައި ކަރަންޓްވެސް އުފައްދަންޖެހޭ. ފެންވެސް އުފައްދަންޖެހޭ. އަދި އެހެން ޤައުމުތަކުން ހޮޓަލަށް އަންނަ މުވައްޒަފުން، އެ ހޮޓަލެއްގައި ނިދައި، އެ ހޮޓަލުގައި ކައިބޮއި ފެންވަރާ، މިހުރިހާ ކަމެއް ނުކުރާނެ އެހެން ޤައުމުތަކުގައި. އެހެން ނަމަވެސް، މިއަދުގެ އިޤްތިޞާދުގައި، އަޅުގަނޑުމެންގެ އިޤްތިޞާދުގައި، މި ތިއްބެވި ޓުއަރިޒަމް ބޭފުޅުންނަށް ދިމާވި ޗެލެންޖަސްތަކުގެ ތެރެއިން އެބޭފުޅުންނަށް، އެހުރިހާ ޗެލެންޖެއް ތެރޭގައި، އަދި އޭރުގައި ރަށްތައް ދެވިގެން ދިޔައީ 5 އަހަރަށް، 10 އަހަރަށް، 12 އަހަރަށް. އެވަރަށް ދެއްވިއިރު، އެހާ ކުރު މުއްދަތަކަށް ދެއްވިއިރުވެސް އަމިއްލަ ރިސްކް ނަގައި، 12 މިލިއަން، 15 މިލިއަން، 20 މިލިއަން، އެތައް މިލިއަނެއް އޭރުވެސް އިންވެސްޓް ކުރަން ކެރުނު އަޅުގަނޑުމެންގެ ދިވެހި ދަރިންތަކެއް ތިބީތީ، މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދުގައި އަދިވެސް އަޅުގަނޑުމެންގެ އަމިއްލަވަންތަކަމެއް މިއަދުވެސް މިއޮތީ.
 
އާދެ، ދިވެހި އިންވެސްޓަރުން އޭރުގައި ނެތްނަމަ، ހިތްވަރު ނުކުރިނަމަ، އަޅުގަނޑުމެންގެ ޓުއަރިޒަމް، އަޅުގަނޑަށް ހަމަ ޔަޤީންކަމާއެކީގައި މިއަދުވެސް ދަންނަވަން ކެރޭ، މިއަދުވެސް މިހިސާބަކަށް ނައިސް. އަޅުގަނޑުމެންގެ އިޤްތިޞާދުވެސް މިހިސާބަކަށް ނައިސް. އެހެންވެ، މިއަދު އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ، ޔުނިވަރސަލް ގްރޫޕަށް ބަލައިލި ކަމުގައިވިޔަސް، ޗަމްޕާ ބްރަދަރސް ނުވަތަ ކާސާ ހޯލްޑިންގްސް، ވިލާ ގްރޫޕްވިޔަސް، އަދި ސަން ޝިޔާމް ގްރޫޕް ކަމަށްވިޔަސް. އަދި ހަމައެހެންމެ، ދިވެހި އެތައް ކުންފުންޏަކަށް ބަލައިލި ކަމުގައިވިޔަސް، އެބޭބޭފުޅުން އެ ރިސްކް ނުނެންގެވިނަމަ ނުވަތަ އެބޭބޭފުޅުން އެ ބުރަ މަސައްކަތް ނުކުރެއްވިނަމަ، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާ ފުޅާވެގެން އައިސްތޯ؟ އަޅުގަނޑުމެންގެ ކޮން އިޤްތިޞާދީ ޙަރަކާތްތަކެއްތޯ އޮންނާނީ؟ ނުވަތަ އަޅުގަނޑުމެން އަދިވެސް ތިބޭނީ މުންޑުގައިތޯ؟ ނުވަތަ އަޅުގަނޑުމެން ތިބޭނީ މިއަދު އައިފޯނު ހިފައިގެން، ކޮންމެ ބޭފުޅެއްވެސް ޓްވީޓް ކުރައްވަންތޯ؟ ފޭސްބުކްގައިތޯ ތިޔަބޭފުޅުން އުޅުއްވާނީ؟ ނުވަތަ އަޅުގަނޑުމެންނަށް އަދިވެސް ޖަޒީރާ ގިނަ ޤައުމުތަކުގައި އިންޓަރނެޓްގެ ޚިދްމަތް ނުލިބި، ފެނުގެ ޚިދްމަތް ނުލިބި. އަޅުގަނޑު ނުދަންނަވަން އަދި އަޅުގަނޑުމެން އެންމެ ތަރައްޤީވީއެކޭ. އެހެން ނަމަވެސް، އަޅުގަނޑުމެން މިއަދުވެސް އެންމެ ފުރަތަމަ ފިޔަވަޅަކަށް ނަމަވެސް، އަޅުގަނޑުމެން އަޅުގަނޑު ގޮވާލަން، ހުރިހާ ސިޔާސީ ފަރާތްތަކުންވެސް، ރައްޔިތުންނަށް އޮޅުވާނުލާ، އިޤްތިޞާދީ ޙަރަކާތް ހިންގާ، ރިސްކް ނަގާ، އެބޭފުޅުން ވަޒީފާތައް އުފައްދާ އަދި ޤައުމަށް ޓެކްސް ދައްކާ ފަރާތްތަކަށް އިޙްތިރާމް ކުރަން. އެހެންވީމާ، އަޅުގަނޑު ހަމަ މިރޭ، އަޅުގަނޑު ކުރާ އިލްތިމާސަކީ، އަޅުގަނޑުމެން ހުއްޓާލަންވެއްޖެޔޭ، ސިޔާސީގޮތުން މިކަހަލަ ވާހަކަ ދެއްކުން.
 
އާދެ، އެހެން ޤައުމުތަކުގައިވެސް ވަރަށް ގިނައިން އުޅޭ މިކަހަލަ ވާހަކަ ދައްކާ ބޭފުޅުން. އެބޭބޭފުޅުންނަށް އެ ޤައުމުތަކުގައި ކިޔަނީ ވައަތު ފިޔައިގެ މީހުން. އާދެ، ލެފްޓިޝް ނުވަތަ ވައަތު ފިޔައަށް ގޮސް ބުރަވެފައިވާ މީހުން. ވައަތު ފިޔައިގެ ބޭފުޅުންނަށް ވަރަށް ފަސޭހަވާނެ ވާހަކަ ދައްކަން. އެބޭބޭފުޅުން، ތިޔަބޭފުޅުންނަށް އައިޑެންޓިފައިވާނެ. އެބޭފުޅުން ދައްކާ ވާހަކައިގައި، އަބަދު ދައްކާނީ ކީއްވެހޭ މި ޤައުމުގައި މިވެނި ޚިދްމަތެއް ނެތީ؟ ކީއްވެހޭ މިވެނި ކަމެއް ނެތީ؟ ކީއްވެހޭ އެންމެންނަށް، ކޮންމެ މީހަކަށް އެޕާޓްމަންޓެއް ނެތީ؟ އެކަމަކު އެ އެޕާޓްމަންޓް ހަދާނެގޮތެއް އެބޭފުޅުންނަކަށް ނޭނގޭނެ. އެ އެޕާޓްމަންޓް ހަދަން ހޯދާ ލާރި ހޯދަންޖެހޭނެ ގޮތެއް ނޭނގޭނެ. އަދި ހަމައެހެންމެ، އެންމެފަހުން ބަލައިލާއިރުގައި، އެބޭފުޅާއަކީވެސް މި ޤައުމަށް އެއްވެސް އިޤްތިޞާދީ ޙަރަކާތެއް ނުހިންގާ ތާނގައި އެއްވެސް ޓެކްސެއް ދައްކާ ފަރާތަކަށް ނުވާނެ. އެހެން ނަމަވެސް ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަކަމެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ވާހަކަ ދައްކައިލެވިދާނެ. މިވެނި ކަމެއް ކީއްވެހޭ ނެތީ؟ އެވެނި ކަމެއް ކީއްވެހޭ ނެތީ؟ އަޅުގަނޑު ދަންނަވާލަން އޮތީ، އެ ވާހަކަ ދައްކާ ބޭފުޅާ، މި ޤައުމަށް ބަދަލެއް ގެނައުމަށްޓަކައި، މި ޤައުމުގެ އިޤްތިޞާދު ބިނާކުރުމަށްޓަކައި ކޮން މަސައްކަތެއްތޯއޭ ކުރެއްވީ؟ އާދެ، އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމު ފުރަތަމަ އަމާޒަކަށް ހިފާއިރުގައި، އަޅުގަނޑުމެން އެބަޖެހޭ ސަރުކާރާއި އަޅުގަނޑުމެންގެ ޕްރައިވެޓް ސެކްޓަރާ ގުޅިގެން މިކުރާ މަސައްކަތުން ހަމަގައިމުވެސް ކުރިއެރުންތައް ހޯދަން.
 
އަޅުގަނޑު ފާހަގަކޮށްލަންޖެހޭ، މިއަދުވެސް އަޅުގަނޑުމެންގެ 50 އަހަރު ފުރިގެންދާއިރުގައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރިގެންދާއިރުގައި، އަޅުގަނޑު ހަނދާން އެބަހުރި، 2012 ގައި އަލަށް މިނިސްޓަރުކަން ލިބިގެން އަޅުގަނޑުމެން ޙަވާލުވެ ބަޖެޓް ބަލައިލިއިރުގައި، އަޅުގަނޑުމެން ދަރާ އެތައް ދަރަންޏެއް އޮތްތަން އަޅުގަނޑު ދުށިން. އަޅުގަނޑުމެން ދުށިން، ބޭރު ޤައުމުތަކަށް ބޮންޑްތައް ދައްކަން އޮތްތަން. ނުދައްކައިފިއްޔާ އަވަސް އިންތިޚާބަކަށް ގޮވާލައި، އަޅުގަނޑުމެންގެ ފުންނާބު އުސް އެތައް ބޭފުޅުންނެއް، އެތައް ސިޔާސީ ބޭފުޅުންނެއް ކަރުނައަޅައި ރުއިތަން ހަމަގައިމުވެސް އަޅުގަނޑު ދެލޮލުން ދުށިން.
 
އާދެ، އަޅުގަނޑުމެން ޤައުމެއްހެން މަސައްކަތް ކުރަން ބޭނުމިއްޔާ، އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭ. އަޅުގަނޑުމެން މިނިވަންކަން ބޭނުމިއްޔާ، އަޅުގަނޑުމެން ފުރަތަމަ އިޤްތިޞާދީ ގޮތުން މިނިވަންވާންޖެހޭ. އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑުމެން ބޭރުގެ ޤައުމުތަކަށް ދައްކަންހުރި ބޮންޑްތައް، އަޅުގަނޑުމެން ދެއްކީކީ ބޭރު ފަރާތްތަކެއްގެ އެހީއެއް ހޯދައިގެނެއް ނޫން އަނެއްކާވެސް. އަޅުގަނޑުމެން އެ ބޮންޑްތައް ދެއްކީ، ދިވެހި ވިޔަފާރިވެރިން އެކިގޮތްގޮތުން އެބޭފުޅުންނަށް ޕްރޮމިސްކޮށްދީގެން، އެބޭފުޅުންގެ އަތުން ޓީ-ބިލްސް އެކިގޮތްގޮތުން ގަނެގެން، އޭރުގެ ދަރަނި ފުއްދައި، މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދު އަރަނިވެ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ރިޒަރވަށް ބަލައިލީމާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެންނަށް އިޤްތިޞާދު ދަންނަ، އިޤްތިޞާދު ހިންގަން އެނގޭ ވެރިޔަކު. އާދެ، ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތުތައް ހިނގާތަން އެބަ ފެނޭ އަޅުގަނޑުމެންނަށް، ހަމައެކަނި ފޮރިން އެކްސްޗޭންޖަށް ބެލި ކަމުގައިވީނަމަވެސް.
 
އެހެންވީމާ، އިޤްތިޞާދަށް މުހިންމުކަންދޭ، އަޅުގަނޑުމެންގެ ޕްރައިވެޓް ސެކްޓަރ ފުޅާކުރަން ކެރޭ، އެބޭފުޅުންނާއެކީގައި މަސައްކަތް ކުރަން ކެރޭ ލީޑަރެއްގެ އަރިހުގައި މިއަދު އަޅުގަނޑު މަސައްކަތް ކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަށް ލިބޭ ފަޚްރެއް. އަދި ހަމައެހެންމެ، އެބޭފުޅާގެ ސިޔާސަތުތަކަކީ، ކޮންމެ ދުވަހަކު ހެނދުނު ބަދަލުވާ ސިޔާސަތުތަކެއް ނޫން. ކޮންމެ ދުވަހަކު ހެނދުނު ހެނދުނު ތެދުވެ، އެ ސިޔާސަތުތައް ބަދަލުވެ، މި ސިޔާސަތުތައް ބަދަލުވެ، މިއަދު ސްޕާރ ބަންދުކޮށް، އަނެއްދުވަހު އަނެއް ތަނެއް ބަންދުކޮށް ކުރާނެ ބޭފުޅެއް ނޫން ހަމަގައިމުވެސް އެބޭފުޅާއަކީ. އަދި މިއަދު ސަރުކާރަކީ އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ ޓެކްސްގެ ނިޒާމުތައްވެސް، ޓެކްސް މަތިކުރާ ރޭޓްތައްވެސް، އެކަންތައްތަކަކީވެސް ހަރުދަނާ ގޮތެއްގައި ނޫނީ އަޅުގަނޑުމެން ނުކުރާނެ ވާހަކަ، ފުރިހަމަ ޔަޤީންކަން، އާދެ، ޓެކްސް ޕޭޔަރުންނަށްވެސް އަރުވަން.
 
އަދި ހަމަ އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ގްރީން ޓެކްސަސް މިއަދު މިވަނީ މި ޤައުމަށް ތަޢާރުފް ކުރެވިފައޭ. ގްރީން ޓެކްސްއަކީ، ހަމައެކަނި ރިޒޯޓްތަކުން ދައްކާ ޓެކްސްތަކެއް. އެބޭފުޅުން އެ އެއްބަސްވީ، އެބޭފުޅުން ގަބޫލުކުރައްވާ، ކުދި ވިޔަފާރިތަކުގައި، މިސާލަކަށް، ގެސްޓްހައުސް ވިޔަފާރިން ގްރީން ޓެކްސް ނަގަން ނުޖެހޭކަން. އާދެ، މިއީވެސް އަޅުގަނޑު ދެކޭގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ތިއްބެވި ބޭފުޅުން މި ޤައުމަށް ދެއްކެވި މިސާލެއް. އެބޭފުޅުން މި ޤައުމުގެ އިޤްތިޞާދު އެ ލީޑް ކުރައްވަނީ. އަދިވެސް ލީޑް ކުރައްވާނެ. އަދި އަޅުގަނޑު ދެކޭގޮތުގައި، މި ޤައުމުގެ އިޤްތިޞާދު ފުޅާވެ، އެތައް ބައިވަރު ބޭފުޅުންނެއް، މި ޤައުމުގެ އިޤްތިޞާދީ ދުވެލީގައި ބައިވެރިވާނެ. އާދެ، އެއީ އަޅުގަނޑުމެންގެ ޢަޒުމަކީ. އެއީ، އުންމީދަކީ. އަޅުގަނޑުމެންގެ ޗެލެންޖަކީ، ޓެކްސް ދައްކާނެ ގިނަ ފަރާތްތަކެއް އުފައްދައި، ޓެކްސް ގިނަގިނައިން ލިބުން. އާދެ، ޓެކްސް ގިނަގިނައިން ލިބުމަކީ، ހަމަގައިމުވެސް ދައުލަތަށާއި އަދި ދިވެހި ރައްޔިތުންނަށް، އެ ދޭންޖެހޭ ޚިދްމަތްތަކާއި ހުރިހާ ކަމެއް ފޯރުކޮށްދިނުމުގައި ހަމަގައިމުވެސް އަޅުގަނޑުމެންގެ ޤައުމަށް ކުރިއެރުން ލިބިގެންދާނެކަމެއް.
 
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުން އެންމެ މުހިންމު ވާހަކައަކީ، ޓެކްސް އަޅުގަނޑުމެންނަށް ލިބުމެއް ނޫނޭ މުހިންމީކީ. އެ ޓެކްސްއަށް ލިބޭ ފައިސާ އެންމެ ބޭނުންތެރި ގޮތެއްގައި ބޭނުންކުރުން. ދިގު މުއްދަތަށް އަޅުގަނޑުމެންގެ ޤައުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އާއި، އާދެ، އަޅުގަނޑުމެން ހަމައެކަނި މުސާރައަށާއި ދައުލަތުގެ ރިކަރެންޓް ޚަރަދަށް އޭތި ޚަރަދުކޮށްލުމުގެ ބަދަލުގައި، އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ސިޔާސަތަކީ، އަޅުގަނޑުމެންގެ ޤައުމަށް ކުރިއަށް ބޭނުންވާ 21 ވަނަ ޤަރުނުގެ އިންފްރާސްޓްރަކްޗަރތައް މި ޤައުމުގައި ބިނާކޮށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަރުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
 
އަދިވެސް އެއްފަހަރު މީރާގެ ހުރިހާ މުވައްޒަފުންނަށާއި، މީރާގެ ވެރިންނަށް ވަރަށް ބޮޑަށް މަރްޙަބާއާއި ޝުކުރު ދަންނަވަން.
 
 
والســّلام عليــكم ورحـمــة اللّـه وبـركاتـه