بســم اللّـه الرّحمـن الرّحيــم
    
އާދެ، ދި ޓީ.ވީ، ދި އެފް.އެމް އަދި ދި އެފް.އެމް ޕްލަސް، ދި ޕްލަސް އަދި ހުރިހާ ޗެނަލެއްގެ ޗެއަރމަން މުޙަންމަދު މޫސާ އުއްޗު އަދި ޢަފީފް، އަދި ވަޑައިގެން ތިއްބެވި ވަޒީރުން، އަދި މިނިވަން މުއައްސަސާތަކުގެ ވެރިން، އަދި ހަމައެހެންމެ ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
 އާދެ، މިރެޔަކީ ވަރަށްވެސް އުފާވެރި ރެއެއް. އެއީ ދި ޓީ.ވީ.ގެ އަހަރީ ރޭ. އާދެ، އެނގިވަޑައިގަންނަވާނޭ ފަދައިން، ދި ޓީ.ވީ އަކީ، ދި އެފް.އެމް އަކީ، އަދި ހުރިހާ ޗެނަލްތަކަކީވެސް އަޅުގަނޑުމެންނަށް ޤައުމު އެންމެ ބޭނުންވި ދުވަހު ނުވަތަ އެންމެ ދަތި ދަނޑިވަޅުގައި، އާދެ، ޤައުމުގެ މިނިވަންކަމަށް 50 އަހަރު ފުރިގެން މިއަދު ފާހަގަކުރާއިރުގައި، މި ޤައުމަށް އައި އެންމެ ނުރައްކާތެރި ވަގުތުތަކުގައިވެސް އެންމެ އިންޞާފުން ޚަބަރުތައް ގެނެސްދިން ފަރާތަކީ ދި ޓީ.ވީ.ކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި ޙަޤީޤަތުގައި، އަޅުގަނޑުމެން ކަހަލަ ޒުވާނުން ސިޔާސީ މައިދާނުގައި ކުރިއެރުމަށްޓަކައި އަދި ޚާއްޞަކޮށް، އޭރު އަޅުގަނޑުމެން ކިޔަވައިގެން އައިސް، 2008 ވަނަ އަހަރަށްފަހު، ރާއްޖޭގެ މަސްރަޙުގައި މަސައްކަތްކޮށް، އަޅުގަނޑުމެންނަށް އެއްޗެއް ބުނެލާނެ ހަމައެކަނި ޕްލެޓްފޯމަކަށް އޮތީ ދި ޓީ.ވީ. އެހެންވީމާ، ދި ޓީ.ވީ އިން އޭރުވެސް އަޅުގަނޑުމެންނަށް ފުރްޞަތު ދިނީތީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ހިސާބަށް އާދެވުމުގެ ވަރަށްބޮޑު ރޯލެއް ދި ޓީ.ވީ އިން ކުޅެފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި ހަމައެހެންމެ، ދި ޓީ.ވީ.ގެ ވެރިންނަށާއި އަދި ޚާއްޞަކޮށް، މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރަކާއި މަރްޙަބާ އަޅުގަނޑު ދަންނަވާލަން.
 
 އާދެ، މިހާރު އަޅުގަނޑުމެން މިވަނީ މި މަރުޙަލާތައް ކަޑައްތުކޮށް، ހަމަގައިމުވެސް މިއަދު މިއޮތް ވެރިކަމަކީ، އިރާދަކުރެއްވިއްޔާ މީޑިއާއަކީ 4 ވަނަ ބާރުކަން ދަނެ، މީޑިއާއިން ކިޔާ އެއްޗަކާ އަޅުގަނޑުމެން އަޅައެއްނުލަން. އާދެ، މިއަދުގެ ރައީސަކީވެސް މީޑިއާއިން އެ ބޭފުޅާއަށް ފާޑުކިޔުއްވިޔަސް، އެކަމާ އެއްވެސް ކަހަލަ ހިތްބުރަކަމެއްނެތި، ރަނގަޅު ކޮންސްޓްރަކްޓިވް ކްރިޓިޒިމެއް ދީފިއްޔާ، ހަމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަނެ، ސަރުކާރުން މިދަނީ އެކަންތައްތައް ރަނގަޅު ކުރަމުން. އަޅުގަނޑުމެންގެ ހިތާމަޔަކީ އަދިވެސް ބައެއް މީޑިއާތަކުން ޒިންމާދާރުކަން ކުޑަގޮތެއްގައި ތޯތޯއަށް ދައްކާ ވާހަކަތައް، ބޮޑެތި ޚަބަރުތަކަށް ހަދައި، ރައްޔިތުންނަށް ބައެއްފަހަރު އޮޅޭގޮތް ދިމާވޭ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ކައިރި އަވަށްޓެރި ޤައުމުތަކަށްވެސް ބައެއްފަހަރު މީގެ ސަބަބުން ޑިޕްލޮމެޓިކް މައްސަލަތައްވެސް ދިމާވޭ. އެއީ ހަމަ ތޯތޯ ވާހަކައެއް. ދައްކާލީމަ އެ ވާހަކަ ތޯތޯކޮށް ގެނެސްދޭތީ.
 
އެހެން ނަމަވެސް، އެކަންތައް މިހާރު ވަރަށް މަދުވެ، އަޅުގަނޑުމެންނަށް މި ފެންނަނީ އިންވެސްޓިގޭޓިވް ޖަރނަލިޒަމް އުފެދި، ވަރަށް ވަރުގަދައަށް ކުރިއަށްދާތަން. އަދި ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މީޑިއާއާ އެކީގައި ކުރިއަށް ދާނީ. މީޑިއާއަކީ 4 ވަނަ ބާރުކަން ދަނެގެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދި އެފް.އެމް އާއި ދި ޓީ.ވީ އިން މިއަދުވެސް މި އަދާކުރާ ރޯލަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެޕްރިޝިއޭޓް ކުރާ ކަމެއް. ސަބަބަކީ މީޑިއާއެއް ހިންގުމަކީ އަދި މި ލެވެލްގައި މީޑިއާއެއް ހިފަހައްޓާލުމަކީ، އެއިން އެއްވެސް ނަފާއެއް ނުލިބި އަދިވެސް އަތުން ޚަރަދުކޮށްގެން ކުރަންޖެހޭ ކަމަކަށްވާތީވެ، ތިޔަބޭފުޅުން މި ޤައުމުގައި މީޑިއާ ކުރިއެރުވުމަށްޓަކައި ތިކުރައްވާ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކޮށްލަން.
 
އެހެންވީމާ، އަޅުގަނޑުގެ ހިތުގެ އަޑިން އަދިވެސް އެއްފަހަރު ޗެއަރމަން އުއްޗުއަށާއި އަދި ހަމައެހެންމެ، ޢަފީފަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި މިތާނގެ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެއީ، މީޑިއާ އެބަ އޮންނަންޖެހޭ. އަމިއްލަ މީޑިއާތައް އެބަ ހުންނަންޖެހޭ. އޭރަށް އަޅުގަނޑު މި ގަބޫލުކުރާ ގޮތުގައި އަދިވެސް މި ޤައުމުގެ ކުރިއެރުމަށާއި، މި ޤައުމަށް އެތައް ކަންތައްތަކެއްގެ ޙަޤީޤަތް ރައްޔިތުންނާ ހިސާބަށް ގެނެސްދެވޭނީ.
 
އެހެންވީމާ، އަދިވެސް އަޅުގަނޑު މަރްޙަބާ ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުގެ ހެޔޮ ދުޢާއާއި، އަޅުގަނޑު އަބަދުވެސް އެދެނީ ދި ޓީ.ވީ، ދި އެފް.އެމް، ދި ޕްލަސް، އަދި ހުރިހާ ޗެނަލްތަކަކަށްވެސް އުފާފާގަތިކަން. އާދެ، ދެން މިރޭ މި ލޯންޗްކުރި ސީޑީތަކަކީވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް މިދޭތެރެއިން ޔޫޓިއުބުން ފެނުނު. ވަރަށް ރަނގަޅު ޝޯތަކެއް. އަޅުގަނޑު އެދެނީ މިކަހަލަ ގިނަ ޝޯތައް، ދި ޓީ.ވީ އިންނާއި ދި އެފް.އެމް.އިން ކުރިއަށް ގެންގޮސްދެއްވައި، މި ޤައުމުގެ ފަންނާނުންނަށް އިތުރު ޕްލެޓްފޯމްތަކެއް ހަދައިދިނުން. އާދެ، ޝުކުރިއްޔާ!
 
 
والســّلام عليــكم ورحـمــة اللّـه وبـركاتـه