بســم اللّـه الرّحمـن الرّحيــم

                 اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދު މިއީ ހުޅުމާލޭގެ ތާރީޚުގައި ވަރަށް ޚާއްޞަ ދުވަހެއް. އަދި ހަމައެހެންމެ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ވަރަށް މުހިންމު ދުވަހެއް. އަދި ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އިޖްތިމާޢީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް ވަރަށް ޚާއްޞަ ހިތްހަމަޖެހުމެއް ލިބިގެންދާ ދުވަހެއް. މި ސަބަބުތަކަށްޓަކައި މިއަދަކީ އަޅުގަނޑަށްވެސް ވަރަށް އުފާވެރި ދުވަހަކަށް ވެގެން މިދަނީ.

އާދެ، މިއަދުގެ ބާއްޖަވެރި ވަގުތުގައި ބިންގާ އެޅިގެން މިދަނީ، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައިވެސް ހަމަ ހުންނާނެ އެންމެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ކަމަށް، މި ހޮސްޕިޓަލަށް އިންވެސްޓްކުރާ ފަރާތްތަކުން އަޅުގަނޑަށް މަޢުލޫމާތު ދެއްވާ. ޝައްކެއްވެސްނެތްގޮތުގައި، މިހާރުގެ ފަސޭހަތަކާއި އަދި ކަޓިންގ އެޖް ޓެކްނޮލޮޖީ، މި ޑައިގްނޯސްޓިކް ސެންޓަރ ކަހަލަ ކަންކަމުގައި ބޭނުންކުރައްވައިގެން، މި އެޅިގެންދާ ހޮސްޕިޓަލްގެ މަންފާ، 2017 ވަނަ އަހަރުން ފެށިގެން ﷲގެ ރަޙްމަތުން މި ސަރަޙައްދުގައި ދިރިއުޅޭ، އާދެ، ހުޅުމާލެއާއި މާލޭގެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް އަދި އެހެން ފަރާތްތަކަށްވެސް ލިބިގެންދާކަމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް.

ޙަޤީޤަތުގައި ރާއްޖޭގައި ހުރި ހޮސްޕިޓަލްތަކަށް ބަލާކަމަށްވަންޏާ، މިކަހަލަ އިތުރު ފެސިލިޓީޒް އަދިވެސް އެބަ ބޭނުންވޭ. އަޅުގަނޑު މިއަދު އެންމެ އުފާކުރާ ކަމަކީ، ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރައްވާ ފުންނާބު އުސް ވިޔަފާރިވެރިން، އިޖްތިމާޢީ ދާއިރާއަށް އަދި އެ ދާއިރާގައި މާބޮޑު ވިޔަފާރީގެ ފައިދާތަކެއް އިންތިޒާރު ނުކުރާއިރުވެސް މިކަހަލަ އިޖްތިމާޢީ ބޭނުންތެރި ކަންކަމަށް އަދި އިންސާނިއްޔަތަށް ޚިދްމަތް ކުރުމުގެ މިކަހަލަ މަސައްކަތަށް އެބޭފުޅުން ކުރިމަތިލައްވާކަމީ އަޅުގަނޑު އުފާކުރާ ކަމެއް. އިރާދަކުރެއްވިއްޔާ، މި ހޮސްޕިޓަލް ނިމިގެން ދިޔައިމާ، މި ހޮސްޕިޓަލްގެ ޚާއްޞަ، ނޫނިއްޔާ ސްޕެޝަލިޓީ ޑިޕާޓްމަންޓްތަކެއް އެބަހުރި. ވަކިން ޚާއްޞަ ގޮތެއްގައި ކާޑިއެކް މަސައްކަތް، ނޫނީ ހިތުގެ ބަލީގެ މަސައްކަތްތަކަށް ޚާއްޞަވެގެން ހިނގާ ޑިޕާޓްމަންޓްތަކެއް އެބަހުރި. ޝައްކެއްވެސްނެތްގޮތުގައި، މިއީ އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޭނުންތެރި ޚިދްމަތަކަށް ވެގެންދާނެ.

އާދެ، މިކަހަލަ މަސައްކަތްތަކެއް ކުރާއިރު، އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުންވަނީ ސަރުކާރުގެ ފަރާތުން، އަމިއްލަ ފަރާތްތަކުން ކުރާ މިކަހަލަ ބޮޑެތި މަސައްކަތުގައި ދެވެންހުރި ހުރިހާ އެއްބާރުލުމެއް އިރާދަކުރެއްވިއްޔާ ދޭނަމޭ. މިހާރު ދިވެހިރާއްޖޭގައި އަޅުގަނޑުމެން މިހާރާއި ދެން ކައިރި މުސްތަޤްބަލަށް ވިސްނާކަމަށްވަންޏާ، ދިވެހިރާއްޖޭގައި ހަމަ އެންމެބޮޑު އަމާޒަކަށްވާނީ، އިޤްތިޞާދީ ދާއިރާ ވަރުގަދަކުރުންކަމާ ދޭތެރޭގައި ހަމަ ދެބަސްވާނެ އެއްވެސް މީހަކު ހުންނާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އަޅުގަނޑުމެން އިޤްތިޞާދީ ދާއިރާގައި ކުރިއަށްދާން ބޭނުންވާއިރު، އަމިއްލަ ފަރާތްތަކަށް އަދި އަމިއްލަ ދާއިރާގައި މަސައްކަތްކުރާ ބޮޑެތި ކުންފުނިތަކަށް ހިތްވަރު ލިބޭނެ އެތައް ބައިވަރު ކަންތައްތަކެއް އެބަ ކޮށްދޭންޖެހޭ. ސަރުކާރުގެ ފަރާތުން އިރާދަކުރެއްވިއްޔާ މިދަނީ އެކަންކަމަށް އެޑްރެސް ކުރަމުން. އަދި އެކަންކަމަށް ދޭންވާ ސަމާލުކަން ދެމުން.

އަޅުގަނޑު ހަމަ ކުޑަ ދެތިން މިސާލެއްވެސް ދަންނަވާލާނަން. އަޅުގަނޑުމެން މިދޭތެރެއިން ޤާނޫނަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި، ވަރަށް ކޮންޓްރޮވަރޝަލް ނޫނިއްޔާ އޭގެ ޒާތުގައި ވަރަށް ޚިޔާލު ތަފާތު މައްސަލަތަކެއް ނިމިގެން ހިނގައްޖެ. އެހެން ނަމަވެސް، ދިވެހިރާއްޖެ މިއަދު އައިއްސާ އޮތް ހިސާބުން އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، ބިޒްނަސް އޭޒް ޔޫޝުއަލް އޮވެގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވިދާނެ ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ، އިސްވެ އަޅުގަނޑުމެން ކުރިއަށްދާން ޢަޒުމެއް ހުރެގެން، އަޅުގަނޑުމެން އިސްވެ ކުރިއަށް ދިޔުމުގެ ރޫޙެއް ހުރެގެން، ބޮޑެތި ކަންތައްތަކެއް ކުރުމަށްޓަކައި އަޅުގަނޑުމެން މަގުކޮށަންޖެހޭ ކަމަށް.

އެގޮތުން، އިޤްތިޞާދީ ދާއިރާގައި ބޮޑެތި ކަންތައްތައް ކުރުމަށްޓަކައި އަދި އަމިއްލަ ވިޔަފާރިތަކަށް މި ދާއިރާގައި ކުރިއަށް ދިޔުމަށްޓަކައި ފަސޭހަތަކެއް، ނޫނިއްޔާ އިތުބާރުތަކެއް ހޯދައިދިނުމަށްޓަކައި ވަރަށްގިނަ ކަންތައްތައް ކުރެވޭތޯ މި ސަރުކާރުން އެބަ މަސައްކަތް ކުރޭ. އޭގެތެރޭގައި، މިދިޔަ އަހަރު އަޅުގަނޑުމެން އިޢުލާނު ކުރިން، ޓުއަރިޒަމް ދާއިރާގައި، ނޫނީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓްކުރާ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބޭރުން ކެޕިޓަލް އިންޓްރެސްޓް 4 ޕަސެންޓަށްވުރެ ދަށްކޮށް ހޯދާ ކަމަށްވަންޏާ، ސަރުކާރުން މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެންމެ ފުރަތަމަ މިކަންކުރާ ފަހަރު. އަމިއްލަ ފަރާތްތަކަށް ސަރުކާރުން ސޮވްރިންގ ގެރެންޓީ ދޭނަމޭ. ނޫނިއްޔާ ސަރުކާރުގެ އަންޑަރރައިޓިންގއެއް ދޭނަމޭ، އެ ފަރާތްތަކަށް ފައިސާ ދައްކަން ދަތިވެއްޖެ ޙާލުގައި ސަރުކާރުން އެ ފަރާތްތަކަށް އެހީތެރިވާނެ ކަމަށް. މިއީ އަޅުގަނޑު ގަބޫލުކުރާގޮތުން އަމިއްލަ ވިޔަފާރިވެރިންނަށް ވަރަށްބޮޑު ފައިދާ ލިބިގެންދާނެ ކަމެއް. އަދި ލެންޑިންގ އިންސްޓިޓިއުޝަންސަށް މިކަމުގެ ސަބަބުން ވަރަށްބޮޑު އިތުބާރެއް އިތުރުވެގެންދާނެ ކަމެއް.

ހަމައެއާއެކީ، އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތްތަކުގައި އަދި އިޤްތިޞާދު އެހެން ލޭޔަރަކަށް ނޫނިއްޔާ އެހެން ފަށަލައަކަށް ޓްރާންސްފޯމް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައި ޤާނޫނަށް ބޮޑެތި ބަދަލުތައްވެސް އެބަ ގެނެވެމުންދޭ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ޚާއްޞަކޮށް، މިތަނުގައި ތިއްބެވި ވަރަށް ޒުވާން ޢުމުރުގައި ވިޔަފާރި ފެށްޓެވި ބޭފުޅުން، މިހާރު ދެން ހަމަ ވަރަށް ދޮށީ ޢުމުރަށް ވިޔަފާރީގައި ވަޑައިގަންނަވާފައި މި ތިއްބެވީ. އަދި ޢުމުރުފުޅުންވެސް ދުވަސްވެފައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ކަންތައްތައް ފެށިގެން އައިއިރު، ސަރުކާރުވެސް އުޅެނީ ލަރނިންގ ކަރވެއްގައި. އަމިއްލަ ވިޔަފާރިވެރިންވެސް އުޅެނީ ލަރނިންގ ކަރވެއްގައި. ހަމަ މުޅިންވެސް ރިސްކަށް އެކްސްޕޯޒްވެގެން ކުރާ ކޮންމެ ކަމެއް ކުރެވެނީ.

މިއަދު މި ބިންގާ އެޅޭ ހޮސްޕިޓަލަށް ބަލާކަމަށްވަންޏާވެސް، މި 170 އެނދުގެ ބިންގާ އެޅިގެން މިދާ ހޮސްޕިޓަލަކީވެސް މަދުވެގެން ކެޕިޓަލް އިންވެސްޓްމަންޓަށް ބަލާކަމަށްވަންޏާ، 80 ވަރަކަށް މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް. މިއީ ކުޑަ ޢަދަދެއްގެ ފައިސާއެއް ނޫން. އަނެއްކާ މީގެ ތެރޭގައި މި ހިމެނެނީ އެތައް ބައިވަރު ކޯޕަރޭޓް ލީޑަރުންތަކެއް ސިންޑިކޭޓް ކޮށްގެން ކުރާ ވިޔަފާރިއެއްގެ ގޮތުގައި، ހަދާ އިންވެސްޓްމަންޓެއްގެ ގޮތުގައި މިދަނީ. ސަރުކާރުން މިހެން ހަދާ އިންވެސްޓްމަންޓްތަކަށް، އަޅުގަނޑު ދަންނަވާލިހެން، މީގެކުރީގެ، އެންމެ ކުރީގެ ދިވެހިރާއްޖޭގެ ތާރީޚަށް ބަލާކަމަށްވަންޏާ، ހަމަ ސަރުކާރުވެސް އުޅުނީ ދަސްކުރުމުގެ މަގުގައި ކަމުގައިވާތީ، ނޫނީ ފިލާވަޅުތަކެއް ނަގާ ދުވަސްވަރެއްގައި ކަމުގައިވާތީ، ހަމަ ވިޔަފާރިއަށް އޭރު އޮތީކީ އެއްގޮތަކަށްވެސް ފަހި މާޙައުލެއް ނޫން. އޭގެ ސަބަބުން ވިޔަފާރިވެރިން، ވިޔަފާރީގެ ފައިދާ ނޫނީ ވިޔަފާރި ހޯދުމަށްޓަކައި ކުރަންޖެހުނު އެތައް ކަމެއްގެ ތެރޭގައި ވިޔަފާރިން ބަންދުވުމާ، މިކަހަލަ އެތައް ކަމެއް ހިނގައިގެންދިޔަ. ސަރުކާރުން އިސްވެ ފާސްކުރާ ޤާނޫނުތަކަކީވެސް ވިޔަފާރިވެރިންނަށް މާ ފައިދާހުރި ނޫނިއްޔާ ވިޔަފާރި ކުރަން މާ ފަސޭހަ ޤާނޫނުތަކަކަށް ވެގެނެއް ނޫން އޭރު ދިޔައީކީ.

އެހެން ނަމަވެސް، އެހިސާބުން މިއަދުގެ ލޭންޑްސްކޭޕިންގ އިރާދަކުރެއްވިއްޔާ މުޅިން މި ބަދަލުވަނީ، ވިޔަފާރިއަށް ފައިދާހުރި ގޮތަކަށް ކަންތައްތައް ކުރެވޭތޯ. އެހެންވެގެން މި ދެންނެވި ގޮތަށް، މިދިޔަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި އަޅުގަނޑުމެން އިޢުލާނު ކުރީ، ޓުއަރިޒަމްގެ ދާއިރާގައި ސޮވްރިންގ ގެރެންޓީ ސަރުކާރުން ދޭނެ ކަމަށް. މިއީ ޢާންމުކޮށް ޕްރައިވެޓް ސެކްޓަރުގައި ކުރާ މިކަހަލަ ކަންތަކަށް ބޭރުގެ ދައުލަތްތަކުންވެސް ސޮވްރިންގ ގެރެންޓީ ދޭ ކަމެއް ނޫން. އެހެން ނަމަވެސް، މި ރިސްކް ސަރުކާރުން މި ނަގަނީ ޙަޤީޤަތުގައި ރާއްޖެ މިހާރު އޮތް ހިސާބުން ޓްރާންސްފޮމެޓިވް މަރްޙަލާއަކަށް ބަދަލުވުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެންގެ ސަރުކާރަށް ގަބޫލުކުރެވިގެން.

ހަމައެއާއެކީ މިދިޔަ އަހަރު އަޅުގަނޑުމެން ޤާނޫނަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި، ވިޔަފާރީގެ ދާއިރާގައި ޢާންމުކޮށް ކުރާ ވިޔަފާރީގައި އެކިއެކި ހިފެހެއްޓުންތައް އަދިވެސް ހުރީމަޔާއެކީ، އެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ހިފެހެއްޓުންތައް ވީހާވެސް ދޫކޮށްލެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ، ދިވެހިރާއްޖޭގެ ޢާންމު ޤާނޫނު ހިނގާ އުޞޫލު އޮންނައިރު، އެ ހިނގާ ބިންތަކާއި، ޢާންމު ޤާނޫނަށްވުރެ ބޮޑެތި އިޚްތިޔާރުތަކެއް ނޫނީ ބޮޑެތި ފަސޭހަތަކެއް ބޮޑެތި ވިޔަފާރިތަކަށް ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދޭން އެއް ޤާނޫނެއްގެ ތެރެއިން އެއް ޖުރިސްޑިކްޝަނެއްގެ ތެރެއިން މިކަން ކުރަން ދަތިވާތީ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް އަޅުގަނޑުމެން ކަނޑައެޅީ. މިއީ މެގަ އިންވެސްޓްމަންޓްސް ދިވެހިރާއްޖެއަށް ގެނައުމަށްޓަކައި. މިތަންތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް، ޢާންމުކޮށް ވިޔަފާރިކުރާ އުޞޫލާ ޚިލާފަށް، ބޮޑެތި ފަސޭހަތަކެއް އަދި މިނިވަންކަމާއެކީ އެމީހުންގެ އިންވެސްޓްމަންޓް ޑިޒިޝަންސް ނޫނިއްޔާ އިންވެސްޓް ކުރުމުގައި ބޮޑެތި ލެވަރޭޖްތަކެއް ލިބިގެން އެބަދޭ.

ހަމައެއާއެކީ، އެންމެ ކޮންޓްރަވަރޝަލް ނޫނިއްޔާ އެންމެ ފާޑުކިޔުން އަމާޒުވި އެއްކަމަކަށް މިވަނީ އަޅުގަނޑުމެން މިއަދު މި ހިއްކާފައި މިއޮތް ބިމުގައި ތިބޭއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ. ދިވެހިރާއްޖޭގައި އޮތް މުއްސަނދި ކަމަށް ބަލާކަމަށްވަންޏާ، ޝައްކެއްވެސްނެތް، ފަތުރުވެރިކަމަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޓުއަރިޒަމް ޞިނާޢަތު ކުރިއަށް ދެވޭނެގޮތް އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ މިއޮތީ ތަނަވަސްވެފައި. ރީތި ގޮނޑުދޮށްތަކަކާއި ރީތި މޫދާއި އަދި ހީވާގި މަސައްކަތް ކުރާނެ މީހުންތަކަކާއި އަދި މިކަމަށް ޑެޑިކޭޓަޑް ކޯޕަރޭޓް ލީޑަރުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެހެންވީމާ، ޓުއަރިޒަމް 1972 ން ފެށިގެން މިއަދާ ހަމަޔަށް އައިއިރު، ދުނިޔޭގެ އެންމެ ނަން މަޝްހޫރު، ނޫނިއްޔާ އެންމެ ކުރީގައި އުޅޭ ހޮޓެލް ބްރޭންޑްތައް ދިވެހިރާއްޖޭގައި މިއަދު ހުރި. އެއީ އަޅުގަނޑުމެންގެ ތެރެއިން މިދެންނެވި އެންޓަރޕްރައިޒް ދައްކައިދެވުނު މިސާލެއް، ނޫނީ ނަމޫނާއެއް.

ހަމައެހެން، އެ ބީދައިން އަޅުގަނޑު ދަންނަވާނީ، މިއަދު މި ބިމުގައި ހުރެގެން އަޅުގަނޑުމެން ވާހަކަ ދައްކާއިރު، މީގެ 10 ވަރަކަށް އަހަރު ކުރިން މީހުންނަކަށް ގަބޫލުކުރާކަށް މާ ފަސޭހަ ކަމަކަށްނުވި، މިކަހަލަ ބޮޑު ބިމެއް ކްރިއޭޓް ކޮށްގެން ދިވެހިރާއްޖޭގެ މުއްސަނދިކަން އިތުރުކުރަން ކުރާ މަސައްކަތަކީ، އެހާ ފަސޭހަ ކަމަކަށް ވެދާނެ ކަމަކަށް. މި ބިން ހިއްކަން، ނޫނިއްޔާ ހުޅުމާލޭގެ ފޭސް އެކެއް ހިއްކަން، އޭރުގައި ކުރެވުނު މަސައްކަތްތަކުން 7 އަހަރުގެ މުއްދަތެއް ނެގި. ވަރަށްބޮޑު ޚަރަދު ހިނގައިގެން އެކަން ކުރެވުނީ. އެހެން ނަމަވެސް، ދިވެހިރާއްޖޭގައި ހުރި ވަސީލަތްތަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގައި ހުރި ވަސީލަތްތަކުގެ ތެރޭގައި، ޓުއަރިޒަމްގެ މަސައްކަތަށް ހުރި ރީތި ގޮނޑުދޮށްތަކާއި ރަށްތައް އަޅުގަނޑުމެންގެ ފަޅުތައް ޓުއަރިޒަމްގެ މަސައްކަތަށް މިހާރު ބަދަލުކުރެވޭނެ. ނޫނީ އެންމެ ޕްރައިމް ޕްރޮޕަޓީއަށް ބަދަލުކުރެވޭނެ.

ދެން އޮތީ އަޅުގަނޑުމެންގެ ބިމުގެ މުއްސަނދިކަމާއި، ވިޔަފާރީގެ ވިސްނުން ހުންނަ ލީޑަރުންގެ ޚިޔާލުގެ ތަނަވަސްކަން. މިކަންކަން އަޅުގަނޑުމެންނަށް ﷲގެ ރަޙްމަތުން މިހިރީ ހަމަޖެހިފައި. ދެން އަޅުގަނޑުމެންނަށް ކެރިގެން ކުރިއަށް ނުކުމެ، ފްރޮންޓިއަރޒް ބްރޭކް ކުރަން ކެރޭ ކަމަށްވަންޏާ، ވިޔަފާރިއަށް ބޭނުންވާ ފައިސާ ހޯދުމުގެ ޤާބިލުކަންވެސް އަޅުގަނޑުމެންގެ ލީޑަރުންގެ، ނޫނިއްޔާ ކޯޕަރޭޓް ލީޑަރުންގެ އެބަހުރި. މި ބިން ހިއްކިގެން، މީގެ ފައިދާ ދިވެހި ރައްޔިތުންނަށް ކުރާކަމާ ދޭތެރޭގައި ޝައްކެއްނުއުފެދޭ. ދިވެހިރާއްޖޭގައި ހުރި މުއްސަނދި ކަމަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ތެރޭގައި މި ހިމެނެނީ ބިންތައް ހިއްކުން. ބިން ހިއްކުމާއި އަދި ބިމުގައި ބޮޑެތި މަސައްކަތް ކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވުނީ. މިއީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެގެންދިޔަ ކަމެއް. އަދި ފާޑުކިޔުމުގެ ތެރޭގައި އެންމެ ކޮންޒަރވޭޓިވް ވިސްނުން މީގެތެރެއަށް އައި. ދިވެހިރާއްޖޭގައި ދިވެހިން އުޅޭނެ ބިންކޮޅު ނެތްކަމުގެ ވާހަކަ. އަޅުގަނޑުމެން ހުޅުމާލޭގެ 2 ފިޔަވަހި ނިމިގެންދާއިރު، އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ، އަދި މާލޭގައިވެސް އަދި އެހެން ތަންތަނުގައިވެސް މިހާރު 20 ބުރި، ނޫނިއްޔާ 25 ބުރިއަށްވުރެ މައްޗަށް ޢިމާރާތް ކުރުމުގެ ހުއްދަ ދިނުމާއެކީ، އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ، ދިވެހިރާއްޖޭގައި މިއަދު ދިރިއުޅޭ އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓް، ހުޅުމާލޭގައި ވަޒަންވެރިކުރެވޭނޭ 2 ފިޔަވަހީގައި. ހުޅުމާލޭގެ 2 ފިޔަވަހީގައި ދިވެހިރާއްޖޭގެ މިއަދު ދިރިއުޅޭ އާބާދީގެ 70 ޕަސެންޓް ވަޒަންވެރިކުރެވޭނޭ.

އަޅުގަނޑުމެން ހަމަ އެއާއެކީ، ޕޮޕިއުލޭޝަން ގްރޯތަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން އެހާ ތަރުޙީބުދޭ ކަމެއް ނޫން، އަޅުގަނޑުމެންނަށް ނޫނިއްޔާ ފުދުންތެރިކަމާއި އަދި އިޤްތިޞާދީ ދުވެއްޔާ ނުބައްދަލު ބާރު ދުވެއްޔެއްގައި އާބާދީ އިތުރުވުމަކީވެސް އަޅުގަނޑުމެން ގަބޫލުކުރާ ކަމެއްނޫން. އެހެންވީމާ، ސަރުކާރުގެ ނޫނިއްޔާ ދައުލަތުގެ މި ސިޔާސަތަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހިފެހެއްޓޭ މިންވަރަކަށްވުރެ ބޮޑު ރޭޓެއްގައެއް ޕޮޕިއުލޭޝަން އިންކްރީޒެއް ނުވާނެ. އެއީ އަޅުގަނޑުމެން ކޮންޓްރޯލް ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ވަސީލަތްތަކާއި، އަޅުގަނޑުމެންގެ ވިސްނުން މިހާރު ހުރި ގޮތުން. އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެންމެންވެސް ގަބޫލުކުރާ ކަމެއް އެއީ. ހުޅުމާލޭގެ 2 ހުޅުމާލެ. 2 ހުޅުމާލެ ހިއްކީމާ، 2 ހުޅުމާލޭގެ ބޮޑުމިނަކަށް މި އަންނަނީ ގާތްގަނޑަކަށް 428 ހެކްޓަރު. ސައިމަންވެސް މިތާ އެބަ އުޅުއްވާ. އެހެންވީމާ، އަޅުގަނޑު ހަމަ ބަރާބަރު ފިގަރ ދަންނަވަންވާނެކަންނޭނގެ.

އަޅުގަނޑުމެން އިހަށްދުވަހު ހިސާބުކޮށްލީ މި ބިމުގެ މައްސަލަތައް. ދިވެހިން ދިރިއުޅޭނެ ބިންކޮޅެއް ނެތިގެން ކަންބޮޑުވެގެން އުޅޭ ދިވެހި ފަރާތްތައް، ޒިންމާދާރު މަސްއޫލު ފަރާތްތައް އުޅޭތީ، އަޅުގަނޑުމެން އިހަކަށްދުވަހަކު ކަލްކިއުލޭޓްކޮށްލީ. އެންމެ 4 ފަޅަކަށް ބަލައިލީ. ހަތަރު ފަސް ފަޅަކަށް ބަލައިލީ. ވ. އަތޮޅާއި، ޅ. އަތޮޅާ މިހެންގޮސް ހަތަރު ފަސް ފަޅަކަށް ބަލައިލީ. އަޅުގަނޑުމެންގެ ކެޕިޓަލް އިންވެސްޓްމަންޓަށް ދާކަމަށްވަންޏާ، މި ޝޯ ޕްރޮޓެކްޝަނާއެކީ ގާތްގަނޑަކަށް ބައި ބިލިއަން، 500 މިލިއަން ޑޮލަރު މިއަށް ދަނީ. 500 މިލިއަން ޑޮލަރު ގޮސްގެން ބިން އުފައްދަން އަޅުގަނޑުމެން އެންމެ 5 ފަޅުން މިކުރާ މަސައްކަތުގައި، މިހާރު މިއޮތް 2 ހުޅުމާލެ. 2 ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އާބާދީގެ، މިއަދުގެ އާބާދީގެ 70 ޕަސެންޓް ކޭޓަރ ކުރަން ނޫނީ ހައުސް ކުރެވޭވަރުގެ ޖާގަ އޮތް ތަނެއް ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. އަދި އެގޮތަށް ޑިޒައިންކޮށް ޕްލޭން ކުރެވިގެން މިދަނީ. މިހާރު މިއޮތް 2 ހުޅުމާލޭގެ 32 ހުޅުމާލެ، މި 5 ފަޅުން އަޅުގަނޑުމެންނަށް އުފެއްދޭ. 32 ހުޅުމާލެ. މިއީ ހާފް އަ ބިލިއަން ޑޮލަރސް. 500 މިލިއަން ޑޮލަރު، ސީ ޕްރޮޓެކްޝަނާއެކީ، ކޯސްޓަލް ޕްރޮޓެކްޝަނާއެކީ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިއަށްދާން ބޭނުންކަމަށްވަންޏާ، މިކަހަލަ ކަންތަކަކާއެކީ އަޅުގަނޑުމެން އެހާ ބޮޑަށް ޖެހިލުންނުވެ، ކުރިއަށްދާން އެބަޖެހޭ. އަޅުގަނޑު ވަރަށް ފަހުން ވާހަކައެއްގައި ދަންނަވާލި ގޮތަށް، މުސްތަޤްބަލް އާރާސްތު ކުރުމާއި އަދި މުސްތަޤްބަލް އޮންނާނެ ގޮތަށް ޝޭޕްކުރަން ޑައިރެކްޝަން ނެގުމުގައި އަޅުގަނޑުމެން އެހާ ބިރުގަންނާކަށް ނުވާނެ. އަޅުގަނޑުމެން ޖެހޭނެ، ކުރިއަށްދާން ކެރެން. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރޭގައި، ކޮންމެ ވިޔަފާރިއެއްގައިވެސް ކުރެވޭ ކަންތައް، ނެގޭ ޑިޒިޝަންސްގެ ތެރޭގައި ބައެއްފަހަރު އެންމެ ރަނގަޅު ޑިޒިޝަންސް ނޫން ޑިޒިޝަންސް ނެގޭނެ ކޯޕަރޭޓް ބޯޑުން. އެނގޭ ހިސާބުން ބޯޑުން އަނެއްކާވެސް އެ ޑިޒިޝަން ބަދަލުކޮށްފައި ރަނގަޅު ކުރާނެ. ސަރުކާރެއް ހިންގުމަކީ މިއާ މާބޮޑު ތަފާތު ކަމެއް ނޫން. ސަރުކާރުން މަސައްކަތް ކުރާއިރުވެސް އަޅުގަނޑުމެން މަސައްކަތް ކުރަނީ، ކޮންމެ ސަރުކާރެއް މަސައްކަތް ކުރާއިރު، އޭރު ލިބިފައި ހުރި މަޢުލޫމާތުގެ އަލީގައި އަދި ވިސްނުންތަކެއް ވިސްނައިގެން އެންމެ ރަނގަޅު ފިޔަވަޅު އެޅޭތޯ. ނޫނީ އެންމެ ރަނގަޅު ގޮތަކަށް ކަންތައްތައް ކުރެވޭތޯ. ސަރުކާރުން މިކަހަލަ ކަންތައްތައް ކުރާއިރު، ހަމައެކަނި ވިޔަފާރީގައި އަމިއްލަފަރާތްތަކާއޮތް ތަފާތަކީ، ސަރުކާރަށް ޖަވާބުދާރީވާން އެބަޖެހޭ، ބޮޑު އާބާދީއަކަށް ނޫނިއްޔާ ސަރުކާރެއް އިންތިޚާބު ކުރި ރައްޔިތަކަށް. އެހެން ނަމަވެސް، ކުރާ މަސައްކަތުގައިވެސް އަޅުގަނޑުމެންވެސް އެންމެ ރަނގަޅު މަޢުލޫމާތު ނުލިބި ކުރެވޭ ކަންކަމުގައި އަޅުގަނޑުމެންނަށްވެސް ގޯސް ހެދޭނެ. ކަންކަން އެނގޭ ހިސާބުން ރަނގަޅުކޮށްފައި ކުރިއަށް ދިޔައީމާ، އަޅުގަނޑު ހިތުން ރަނގަޅުވާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން މިއަދު މިކުރާ މަސައްކަތަކީ، ވަރަށް ކުރުކުރު މުއްދަތެއް ސަރުކާރަކަށް ލިބިފައި އޮންނައިރު، އެއާ ނުބައްދަލު ޓޯލް ޕްލެޖްތަކެއް ނޫނިއްޔާ އެޖެންޑާތަކެއް ހުރީމަ، ރައްޔިތުންނަށް އެކަންކަން ޙާސިލުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް ކުރާއިރު، މިދެންނެވި ގޮތަށް މި ލޭންޑްސްކޭޕް ބަދަލުކުރުމުގެ ވިސްނުމާއި، އެކަމުގެ ކެރުންތެރިކަން އަޅުގަނޑުމެންގެ ހުންނަންވާނެ. އެހެންވީމާ، ޤާނޫނަށް ގެންނަ ބަދަލުތައްވެސް މި ގެންނަނީ. އަދި ކުރަންޖެހޭ އެހެން ކަންތައްތައްވެސް މިގެންނަނީ. އެއްގޮތަކަށްވެސް މިއީކީ އެއްދުވަހަކު ނިދާފައި ތެދުވާއިރު، އެރޭ ފެންނަ ހުވަފެނެއްގެ މައްޗަށް ކުރާ ކަންކަމެއް ނޫން. އޭރު ލިބެންހުރި މަޢުލޫމާތުތަކުގެ އަލީގައި ދިރާސާތަކެއް ކުރެވިފައި، އެ ދިރާސާތަކުގެ އަލީގައި ދެން ސަރުކާރު ކުރިއަށްދާއިރު، ނޫނިއްޔާ ޕަބްލިކް ޕޮލިސީ ކަނޑައަޅާއިރު، ކަންތައްތައް ކުރިއަށްދާންވާނީ އެގޮތަށް ކަމަށް ގަބޫލުކުރެވިގެން.

އެހެންވީމާ، އަޅުގަނޑު މިއަދު ވިޔަފާރިވެރިންގެ އިސް ބޭފުޅުންކޮޅެއް އިސްނަންގަވައިގެން މި މަސައްކަތް ކުރައްވާތީއާއެކީ، އަޅުގަނޑު ތިޔަބޭފުޅުން މެދުވެރިކޮށްވެސް އަޅުގަނޑު ހަމަ ވިޔަފާރީގެ ދާއިރާގައި އިސްކޮށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ، ވިޔަފާރީގެ ދާއިރާގައި ކުރިއަށް ވަޑައިގަންނަވާއިރު، ސަރުކާރަށް ކޮށްދެވެން ހުރި ހަމަ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވާހަކަ ދައްކާފައި، އެބޭފުޅުންނަށް ގަބޫލުފުޅު ކުރެއްވިގެން ހަމަ އަނެއްކާވެސް ހަމަ ވަރަށް ވަރުގަދަ އިނީޝިއޭޓިވެއް އެއޮތީ ނެގިފައި. ފައިނޭންޝަލް އިންޓަރމީޑިއަރީސް، ނޫނިއްޔާ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ލީސިންގ ކުންފުނިތަކާ، މިކަހަލަ ފައިނޭންޝަލް ޚިދްމަތްތައްދޭ ފައިނޭންޝަލް އިންޓަރމީޑިއަރީސުން އެކި ފަރާތްތަކަށް ދޫކުރާ ލޯނުތައް. އަޅުގަނޑުމެންގެ ޘަޤާފަތް ހުރިގޮތުން، އަޅުގަނޑުމެންގެ ކަންތައްތައް ހުރިގޮތުން ބޭންކް ލޯނުތައް އެބަހުރި ކޯޓުގެ ތެރޭގައި، ކޯޓުގެ މަރްޙަލާގައި މުޅިން ނުނިންމި ހުރި، ދިގުލައިގެން ގޮއްސައިހުރިމައްސަލަތައް އެބަހުރި. ބޭންކުގައި ހުންނަ ފައިސާއަކީ އިންވެސްޓަރުންނަށް ބޭނުންވާނެ ފައިސާ. ކޯޕަރޭޓް ލީޑަރުންނަށް ބޭނުންވާނެ ފައިސާ. އެހެންވީމާ، ބޭންތަކަށް ދޫކުރާ ލޯނުތަކަށް، ގަވާއިދުން ފައިސާ ނުދައްކާ ކަމަށްވަންޏާ، ލޯނުތައް އިތުރަށް ދޫކުރުމުގައި ދަތިތަކެއް އުޅޭނެ. އަދި އެމީހުންގެ ކޯޕަރޭޓް ހެޑް އޮފީސްތަކުން ނޫނިއްޔާ ހެޑް ބޭންކްތަކުން ނޫނިއްޔާ އެހެން ކޯޕަރޭޓް އިންޓަރ ބޭންކިންގ ލެންޑިންގ ހަދަންވެސް ބޭންކްތަކަށް އުނދަގޫވާނެ، މިހެން ދިގުލައިގެން ލޯނުތައް ނުނިމި މައްސަލަތައް ހުންނަ ކަމަށްވަންޏާ.

މިހާރު ދައުލަތުގެ އުއްތަމަ ފަނޑިޔާރަށްވެސް ގަބޫލުފުޅު ކުރެއްވިގެން، މިއީ ސަރުކާރުގެ އިނީޝިއޭޓިވްއެއް، ގަބޫލުފުޅު ކުރެއްވިގެން މި ނިންމަވަނީ ދުނިޔޭގައި އަލަށް، ދުނިޔޭގެ އެއްވެސް ޤައުމެއްގައި އަދި އިރާދަކުރެއްވިއްޔާ މިހާތަނަށް ކުރެވިފައި އޮތް ކަމެއް ނޫން. މިދެންނެވި ފައިނޭންޝަލް އިންޓަރމީޑިއަރީސް މެދުވެރިކޮށް ހިނގާފައި ހުންނަ ލޯނުތައް، ނޫނިއްޔާ ދޫކުރެވިފައި ހުރި ފައިސާ، 6 މަސްދުވަހުގެ ތެރޭގައި މަދަނީ ކޯޓުގެ ފުރަތަމަ މަރްޙަލާއާއި، އިސްތިއުނާފުގެ 2 މަރްޙަލާ ނިމިގެން 6 މަސްދުވަހުގެ ތެރޭގައި، އެ ޖަޖްމަންޓް އެންފޯސް ކުރުމުގެ ހިސާބަށް ދިޔުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރެވިފައި އޮތް ކަމެއް ނޫން. އެކަމަކު މިއަދު ސުޕްރީމް ކޯޓުންވެސް މިއޮތީ ނިންމަވާފައި އަދި ދައުލަތުން މިއޮތީ އިރާދަކުރެއްވިއްޔާ މި އިނީޝިއޭޓިވް ނަގައިގެން މިކަން ކުރެވޭތޯ ބަލަން. މީގެ ފައިދާ ޙަޤީޤަތުގައި ލިބޭނީ ޕްރައިވެޓް ސެކްޓަރަށް.

އެހެންވީމާ، މިއީ ބިޒްނަސް އޭޒް ޔޫޝުއަލް ކަންކަން ހިނގާގޮތަށް އޮވެގެން، އެ ދުވެލީގައި އާޚިރުގައި ގޮއްސަ 30 އަހަރުންތޯ، 20 އަހަރުންތޯ، 15 އަހަރުންތޯ ކަމެއް ޙާޞިލުވާނީ، އެއީ އެއް ސިނޭރިއޯ. އަނެއް ސިނޭރިއޯއަކީ އަޅުގަނޑުމެން ޓާގެޓްތަކެއް ކަނޑައަޅާފައި، އެ ޓާގެޓްތަކަށް ދިޔުމަށްޓަކައި ހަމަ ބްރޭވް ކެރިގެން ނަގާ މިކަހަލަ ޝޯޓްކަޓް އެޕްރޯޗް. އަޅުގަނޑަކަށް ނުވިސްނޭ، މިހެންހުރި މައްސަލަތައް ފަނޑިޔާރުންނަށް ނިންމެވޭނެ ކަމުގެ އިތުބާރު، އެބޭފުޅުން ދެއްވާ ކަމަށްވަންޏާ، 6 މަސްދުވަހަށްވުރެ ގިނަ މުއްދަތު ނަގަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ހަމަ ނުވިސްނޭ. ނިންމެންވާނެ. މިހާރު އެއޮތީ އެގޮތަށް ނިންމަވައިދެއްވާފައި. މިއީ ކޯޕަރޭޓް ސެކްޓަރަށް ލިބޭ ބޮޑެތި ހިތްވަރު.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގެ ދާއިރާގައި، ވިޔަފާރިވެރިންނަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް ކޮށްދޭން ބޭނުންވާ ސަރުކާރެކޭ. އަދި މި ހުޅުވައިމިލަނީ ބޮޑެތި އިންވެސްޓަރުންނަށް، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައްވެސް ގެންނަން. ދެން މީގެތެރޭގައި މިކަހަލަ ކޮންމެ ބޮޑު ޕޮލިސީ އިނިޝިއެޓިވެއް ނޫނީ ޑިރެކްޝަނެއް ނަގާއިރު، އަބަދުވެސް އުޅޭނެ ޚިޔާލުތަފާތުވާ މީހުން. އެކަމަކު ޚިޔާލުތަފާތުވުމާއެކީވެސް އަޅުގަނޑުމެންނަށް ކުރިއަށް ދެވެންވާނެ. ރާއްޖޭގެ ކުރިއެރުމަށް، ނޫނިއްޔާ ރާއްޖޭގެ ދިރުން، މިއަށް ހުރަސްއެޅޭގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ މި މަސައްކަތުގައި އިސްނެންގެވީތީ، މި ސިންޑިކޭޓްގައި މި އުޅުއްވާ ހުރިހާ އިސް ވިޔަފާރިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ ތިޔަބޭފުޅުން ތިކުރައްވާ މަސައްކަތަކީ އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއި ބަރަކާތް މިންވަރު ކުރައްވާ މަސައްކަތަކަށްވެގެން، މީގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔުން. އަދި މިކަހަލަ އިތުރު އިނީޝިއޭޓިވްސް ތިބޭފުޅުން ނަންގަވައިގެން ދިވެހި މުޖްތަމަޢަށް މިއަދު ބޭނުންވެފައި ހުރި މިކަހަލަ ކަންކަމުގައި ތިޔަބޭފުޅުންނަށް ކުރިއަށް ވަޑައިގަތުމުގެ ހެޔޮ ވިސްނުން ލެއްވުން އެއީ އަޅުގަނޑު މިއަދު ކުރާ ދުޢާ. އަޅުގަނޑު އެދެނީ ތިކުރައްވާ މަސައްކަތުގައި ﷲގެ ބަރަކާތާއި ރަޙްމަތް. އަދި ތިކުރައްވާ މަސައްކަތްޕުޅުގައި ކުރިއަށް ވަޑައިގަތުން. އަޅުގަނޑުމެން އިޤްތިޞާދީ ގޮތުން ދިވެހި ވިޔަފާރިވެރިންނާއި ދިވެހި އިންޑަސްޓްރިއަލިސްޓުންނާ ގުޅިގެން މިކުރާ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާ މަސައްކަތެއްގެ ގޮތުގައި ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.

_______________________________