ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މޯލްޓާގެ ރައީސާ މެރީ ލުއީސް ކޮލެއިރޯ ޕުރެކާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު، އެކަމަނާގެ ރަސްމީ ގެކޮޅުގައެވެ.

މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ ސިޓީފުޅެއް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މޯލްޓާގެ ރައީސާއަށް އެރުވިއެވެ. އަދި މޯލްޓާއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ދެންނެވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި އެމަނިކުފާނު މޯލްޓާގެ ރައީސާއަށް ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ފާހަގަކޮށްލެވޭ އަންހެން ލީޑަރެއްގެ ގޮތުން މޯލްޓާގެ ރައީސާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޯލްޓާއާ ދެޤައުމުގެ ހުރި އެއްގޮތްކަން ފާހަގަ ކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، މޯލްޓާގެ ރައީސާ މަޝްވަރާކުރެއްވިއެވެ. އަދި، މޯލްޓާގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް މޯލްޓާގެ ރައީސާ މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލު ކުރެއްވިއެވެ.