بســم اللّـه الرّحمـن الرّحيــم

                 اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ އެތުލީޓުން، ޚާއްޞަކޮށް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދަތުރުކުރާ އެތުލީޓުން، އެތުލީޓުންގެ ބެލެނިވެރިން، ކުޅިވަރު ޖަމްޢިއްޔާތަކާއި މުއައްސަސާތަކުގެ އިސްވެރިން، އެންމެހައި ޢިއްޒަތްތެރިން؛

الســّلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މިނިވަން 50ގެ އުފާވެރި ދުވަސްތައް ފާހަގަކުރަމުންދާ ދުވަސްތަކެއްގައި، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލަކަށްވޭ، މިނިވަން 50ގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، އެތުލީޓުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދަތުރުކުރާ ކުރުން. ކުޅިވަރަކީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިން ވަރަށް ސަމާލުކަންދޭ ކަމެއް. ކުޅިވަރުގެ މި ޙަރަކާތުގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، 1979 ގައި އަޅުގަނޑުމެން އެންމެ ފުރަތަމަ ބައިވެރިވެފައި މިވަނީ ވަރަށް އާދައިގެ ގޮތެއްގައި. ބައިވެރިވެގެން އެފަހަރުވެސް ﷲގެ ރަޙްމަތާ އެކީގައި، އެއް ކުޅިވަރުން ނަމަވެސް އަޅުގަނޑުމެން ވަނީ މެޑެއްޔެއް ހޯދާފައި. އެހެން ނަމަވެސް، މިފަހަރު މިދަނީ އޭގެ އެތަކެއް އަހަރު ފަހުން. މިފަހަރު މިދަނީ ވަރަށްބޮޑު ކޮންޓިންޖެންޓެއް. ކޯޗުންނާއި، މެނޭޖަރުންނާއި، އެތުލީޓުން މުޅި ޖުމްލަ ގާތްގަނޑަކަށް 270 ވަރަކަށް، ނޫނީ 271 ކޮންޓިންޖެންޓުންގެ ތެރޭގައި އެބަ ހިމެނޭ. ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ޤައުމަކަށް މިއީ ވަރަށްބޮޑު ކޮންޓިންޖެންޓެއް. 10 ކުޅިވަރަކުން 12 ޓީމު ބައިވެރިވާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި، މި ތަމްރީނުތައް ފުރިހަމަކުރުމުގެ އިތުރަށް އަވަށްޓެރި ޤައުމުތަކުގައި، ޓްރޭނިންގ ކޭމްޕްތަކުގައި ތަމްރީނު ޙާޞިލުކޮށްފައިވާ ކަމަށް. އާދެ، ހުރިހާ ޓީމަކުންވެސް ޙާޞިލުކޮށްފައިވާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބޭ.

ދިވެހިރާއްޖޭގެ ފެންވަރުން މި ކުރެވެނީ ވަރަށްބޮޑު މަސައްކަތްތަކެއް. ކުޅިވަރަކީ އަޅުގަނޑުމެންނަށް އެހާ ބޮޑު އުފާވެރިކަމެއް ގެނެސްދޭ ކަމަކަށްވާއިރު، މިނިވަން 50ގެ އުފާ، އަޅުގަނޑުމެންނަށް މި ކުޅިވަރުތަކުން ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑަށް އެނގޭ، އެތުލީޓުންގެ އަދި ޓީމުތަކުގެ އެކްސްޕެކްޓޭޝަންތަކެއް އެބަހުރިކަން. ކުޅިވަރު ކުޅެނީ ބައިވެރިވާކަށް ނޫން. ކުޅިވަރު ކުޅެނީ ރީތިކޮށް ކުޅޭކަށްވެސް ނޫން. އަޅުގަނޑުގެ ވިސްނުމުގައި ކުޅިވަރު ކުޅެނީ މޮޅުވާން. އަޅުގަނޑުމެން މަސައްކަތް ކުރަނީ، ރަން މެޑެލް ހޯދަން. އެހެން ނަމަވެސް، އަޅުގަނޑު މި ދަންނަވަނީ، މި ބައިވެރިވާ ހުރިހާ ޓީމުތަކުން އަޅުގަނޑުމެންނަށް ހުރިހާ ކުޅިވަރަކުން ރަން މެޑެލް ލިބޭނެ ވާހަކައެއްވެސް ނޫން. އެހެން ނަމަވެސް، ކުޅިވަރު ކުޅޭ ކަމަށްވަންޏާ، ޢަޒުމެއް އޮންނަންވާނެ. ކުރިބޯށްޓާ ހަމަޔަށް ވާސިލުވާން އަޅުގަނޑުމެން މި ކުޅެނީ. އަޅުގަނޑުމެން މިކުޅެނީކީ ދަނޑުގެ ހަވާސާގައި ތިބެގެން ކުޅިބަލާކަށެއް ނޫން. ކުޅިވަރު ކުޅޭނީ މޮޅުވާން.

އެހެންވީމާ، އަޅުގަނޑު އެތުލީޓުންނަށް ދަންނަވާލަން ބޭނުންވަނީ އަދި ކޯޗުންނަށް، މެނޭޖަރުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ފެނިފައި ހުރީ ކުޅިވަރުތަކުގައި، ދިވެހިރާއްޖޭގެ ޓީމް، ސްކިލްސްގެ ގޮތުން، ފަންވަރުގެ ގޮތުން މޮޅުކަން. އެހެން ނަމަވެސް، ކުޅިވަރު ކުޅޭއިރު، 5 ސެޓް ކުޅޭއިރު، 2 ސެޓުން އަޅުގަނޑުމެން މޮޅުވެފައިވެސް، 3 ވަނަ ސެޓް، 4 ވަނަ ސެޓް، 5 ވަނަ ސެޓް ގެއްލޭތަން އެބަ ދިމާވޭ. މިއީކީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ކުޅިވަރު ކުޅޭ އެއްވެސް ޓީމަކުން ގަބޫލުކުރާނެ ކަމެއް ކަމަކަށް.

އަޅުގަނޑު ކޯޗުންނަށް، މެނޭޖަރުންނަށް ދަންނަވާލަން ބޭނުންވަނީ، އެތުލީޓުންނަށް ދަންނަވާލަން ބޭނުންވަނީ، ސްކިލް ލެވެލްއާއި، އެންޑިއުރަންސާ، މިކަންކަމުގައި އަޅުގަނޑުމެންނަށް 5 ސެޓް ކުޅޭއިރު، ކުރީ 2 ސެޓް ލިބިއްޖެ ކަމަށްވަންޏާ، ގަބޫލެއް ނުކުރެވޭނެ 3 ވަނަ ސެޓުން ފެށިގެން މުޅި މެޗް ގެއްލޭކަށެއް. މިކަމަށް މިފަހަރު ވިސްނާވަޑައިގަންނަވައްޗޭ. ތަމްރީނު، ބޭރުގައި ހޯއްދަވައިފި. ރާއްޖޭގެ ކުޅުންތެރިންގެ ފަންނުވެރިކަން އެބަހުރި، ހުނަރުވެރިކަން އެބަހުރި، މޮޅުކަން ދައްކައިދޭން. އެހެން ކަމަށްވަންޏާ، ދެޔަރ އިޒް ނޯ ރީޒަން، ވައި ވީ ކާންޓް ބީޓް އެނީ އަދަރ ޓީމް. ބީޓް ކުރެވެންޖެހޭނެ.

އަޅުގަނޑުމެން މެޑެލްތަކާ ހަމަޔަށްދާން ބޭނުންވާ ކަމަށްވަންޏާ، މިދެންނެވި ކަމާ ދޭތެރޭގައި ސަމާލުކަން ދެއްވުމަކީ، އޯގަނައިޒަރުންނަށް، އެތުލީޓުންނަށް އަޅުގަނޑު ދަންނަވާލާ ވާހަކައެއް. އަޅުގަނޑުމެން ހިތްވަރުކޮށްލައިގެން، ހަމަ ފުރަތަމަ ޕޮއިންޓާއެކީ، ސެޓް ނިމެންދެން، މެޗް ނިމެންދެން ކުޅެންވާނީ އެއްވެސް ޕޮއިންޓެއް ނުގެއްލޭ ގޮތަށް. ގަބޫލެއްނުކުރެވޭ، އެއްވެސް ސެޓަކުން ދަށްވެގެން ވެދާނެ ކަމަކަށް. އެއީ ކުޅިވަރުގައި، އަޅުގަނޑުމެން މޮޅު ކުޅިވަރެއް ކަމަށްވަންޏާ.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އެތަކެއް އަހަރު ފަހުން އަނެއްކާވެސް އިންޑިއަން އޯޝަންގައި އަޅުގަނޑުމެން ބައިވެރިވާއިރު، އަޅުގަނޑުމެން މިދަނީ ވަރަށް މަތިވެރި އުންމީދުތަކަކާއެކީއޭ. މި އުންމީދުތައް ޙާޞިލު ކުރުމަކީ، މިއަދު ސަރުކާރުން އެތުލީޓުންނާއެކީ، އަދި ދިވެހި ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދޭން، އަޅުގަނޑުމެންގެ ވަރަށް މަތިވެރި ޢަޒުމެއް. އެހެންކަމާއެކީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް މިދާ ކޮންޓިންޖެންޓާ ބައްދަލުކޮށް، ތިޔަ ކުދިންނަށް ހިތްވަރުގެ ބަސްކޮޅެއް އިއްވައިދީ، އަދި ކޮންމެވެސްވަރަކަށް މި އުފަލުގައި އަޅުގަނޑުމެންނަށް ބައިވެރިވުމުގެ ފުރްޞަތު ލިބޭތީ، ހަމަ އިންތިޒާމު ކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރުވެސް ދަންނަވަން.

އަދި އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ވިސްނުމުގައި ކުޅިވަރު ކުޅެނީ ހަމަ މޮޅުވާން. ކުޅިވަރު ކުޅެނީ ރީތި ކުޅުމެއް ދައްކާކަށްވެސް ނޫން. ބައިވެރިވާކަށްވެސް ނޫން. ތަކުރާރުކޮށް މި ދަންނަވަނީ، އަޅުގަނޑުމެންގެ ޢަޒުމު، މިކަމުގައި ގެންގުޅެންވީ ގޮތް. އަޅުގަނޑަށް ކުޅިވަރުގެ ލިޓްރެޗަރ އިން، ޚާއްޞަކޮށް، ދިވެހި ކުޅިވަރުގެ ލިޓްރެޗަރ އިން އަޅުގަނޑަށް ފެނޭ، ބައިވެރިވެގެން، ތަމްރީނުތަކެއް ލިބުނީމާ، އަޅުގަނޑުމެން އުފާ ޙާޞިލުކުރާ ތަން. ބައިވެރިވެގެން ތަމްރީނުތަކެއް ހޯދާނީކީ ޓޯނަމަންޓަކު ނޫން. ބައިވެރިވެގެން ތަމްރީނުތަކެއް ހޯދާނީ، ކޯޗިންގ ކޭމްޕްތަކުގައި. ކުޅިވަރު ދަނޑަށް އަރައި، ގޭމްސްގައި ކޮމްޕެޓިޓިވްކޮށް ކުޅެން މިދަނީ މޮޅުވާން. އެހެންވީމާ، އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ މުބާރާތެއްގައި، ހަވާސާގެ ތެރެއިން ނަމަވެސް، ޓީމެއް ބައިވެރިވެވޭ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން ކޮންމެހެން އެހާ އުފާކުރަންވީ ކަމެއް ނޫން. އަޅުގަނޑުމެން ކުޅެންޖެހޭނީ، އެ މެޗުން މޮޅުވާން. އަޅުގަނޑުމެންގެ ތެރޭގައި، ކުޅިވަރު ކުޅޭތާ އެތަކެއް ޒަމާންވެއްޖެ. ބޭރު ދުނިޔޭގައި ކުޅިވަރު ކުޅޭގޮތް ދަސްކޮށްގެން، ކުޅިވަރު ކުޅޭތާ އެތަކެއް ދުވަސްވެއްޖެ. އަދި މި މުބާރާތަށް ނޫނީ މި މުބާރާތްތަކަށް ތައްޔާރުވުމަށް އެކިއެކި ކޯޗިންގ ކޭމްޕްތަކަށް ރާއްޖެއިން ބޭރަށް ހަމަ ހުރިހާ ޓީމްތަކެއް ގޮސް، ޓްރޭނިންގ ހެދިކަން އަޅުގަނޑަށް އެބަ އެނގޭ. އެހެންވީމާ، އަޅުގަނޑުމެން ކުޅެންވާނީ، ހަމަ ކޮންމެ ގޭމަކުންވެސް މޮޅުވާން. އަޅުގަނޑުމެންގެ ޢަޒުމުގައި، އެންމެ މަދުވެގެންވެސް ފަނަރަވަރަކަށް، ވިއްސަކަށް މެޑެލް އަޅުގަނޑުމެން ޚިޔާލުކުރަންވާނެ.

އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، އުފާވެރިކަމާއެކީ މިކަން ކޮށްދެއްވައިފި ކަމަށްވަންޏާ، ދިވެހި ސަރުކާރުންވެސް ހަމަ ތިޔަބޭފުޅުންނާ ދޭތެރޭގައި ވަރަށް އުފަލާއެކީ ތިޔަބޭފުޅުންނަށްވެސް ހަދިޔާތަކެއް އަރުވާނަމޭ. ބޯނަސްތަކެއް ލިބޭނެ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން. ގަބޫލުކުރައްވާ! ދިވެހި ސަރުކާރުން ޒުވާނުންގެ ތަރުބިއްޔަތަށް، ކުޅިވަރަށް މިހާރުދޭ ސަމާލުކަން. ކުޅިވަރަށް، ޚާއްޞަކޮށް މިފަހަރު އެކަނި، މިފަހަރު މި އިންޑިއަން އޯޝަން ގޭމްސްއަށް ތައްޔާރުވިއިރުވެސް އަޅުގަނޑު ޓީމްތަކާ ބައްދަލުކުރީމު، އުފާވެރި ޙަފްލާއެއްގެ ތެރެއިން، ރަމަޟާން މަހުގެ ތެރޭގައި. ޓީމްތަކަށް ދަތިވެފައި ހުރި ކަންތައްތައް އަޅުގަނޑު އޮޅުންފިލުވީމު. ގާތްގަނޑަކަށް ހަމަ ހުރިހާ ކުޅުންތެރިންވެސް ހަމަ ވަރަށް ކޮންޓެންޓް. ވަރަށް ރަނގަޅަށް ކުޅިވަރުތަކަށް ތައްޔާރުވެފައި ތިބިކަންވެސް އެނގޭ. އެހެންނަމަވެސް، ދިމާވެފައި ހުރި ދަތިތަކެއްގެ ވާހަކަވެސް ދެއްކެވި. ހަމަ ދެ ދުވަހެއްގެ ތެރޭގައި، އަޅުގަނޑުމެންނާ ހަމަޔަށް ހުށަހެޅުނު ހަމަ ހުރިހާ ކަމެއް އަޅުގަނޑު އެންހޭންސް ކޮށްދިނިން. އަޅުގަނޑުމެންނަށް އެނގުނު ހިސާބުން މި ކުޅިވަރު ފުރިހަމަކުރުމަށްޓަކައި އަދި ތިޔަބޭފުޅުންގެ އުންމީދުތަކާ ހަމަޔަށް، އަޅުގަނޑުމެންގެ އުންމީދުތަކާ ހަމަޔަށް ވާސިލުވުމަށްޓަކައި ކޮށްދޭން ޖެހުނު ހުރިހާ ކަމެއް ސަރުކާރުން ކޮށްދިނިން. އެތްލީޓުންގެ އަތްމަތީގައި އޮތް ކަމެއް، ސްޕޯޓްސްމަނުންގެ އަތްމަތީގައި އޮތް ކަމެއް ކުޅިވަރުން މޮޅުވުން އެއީ. ކޯޗުންގެ އަތްމަތީގައި އޮތް ކަމެއް، މެނޭޖަރުންގެ އަތްމަތީގައި އޮތް ކަމެއް، ކުދިންނަށް އެހީތެރިވެގެން އަޅުގަނޑުމެން ބޭނުންވާ ހިސާބަށް ދިޔުން. ސަރުކާރަށް ކޮށްދެވޭނީ، ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދެވޭނީ. މި ސަރުކާރަކީ ޔޫތު ޑިވެލޮޕްމަންޓަށް، ޒުވާނުންގެ ތަރުބިއްޔަތަށް އަދި ޒުވާނުންގެ ކުރިއެރުމަށް ވަރަށް ކޮމިޓަޑް ސަރުކާރެއް.

އެހެންވީމާ، މިދެންނެވި ގޮތަށް މިފަހަރުގެ މި ކުޅިވަރަށް ދާންވެސް، އަޅުގަނޑުމެންނަށް އެނގުނު ހިސާބުން އަޅުގަނޑުމެންނަށް ހަމަޖައްސައިދޭން ތިޔަބޭފުޅުން އެދިވަޑައިގެންނެވި ހުރިހާ ކަމެއް ހަމަޖައްސައިދިނިން. އަދި ކުރިއަށް އޮތް އަހަރުތަކަކީވެސް އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ ޒަޢާމަތުގައި، އަޅުގަނޑުމެންގެ ޒަޢާމަތުގައި ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް އެތަކެއް ކަންތައްތަކެއް ކޮށްދޭނެ ސަރުކާރެއް. މި ކޮމިޓްމަންޓްތަކަކީ އަޅުގަނޑުމެން އަންޑަރޓޭކް ކުރަމުން ގެންދާ ކޮމިޓްމަންޓްތަކެއް.

އެހެންވީމާ، މި ދަންނަވާލީ މިފަހަރު މި ކުޅިވަރުތަކުން ރަން ވަނަތަކެއް، ރިހި ވަނަތަކެއް ގެންނަވާ ފަރާތްތަކަށް، އަޅުގަނޑުމެން ބޯނަސްތަކެއްވެސް ހުށަހަޅާނެ ވާހަކަ. އެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ވާހަކަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އުފާވެރި ދަތުރެކޭ ތިޔަ ކުރައްވަނީ. މިނިވަން 50ގެ އުފާވެރި ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެން މިއުޅެނީ. އަދި ޖުލައި މަހުގެ ތެރޭގައި މިއުޅެނީ. މި ޙަފްލާގައި، މި އިޙްތިފާލުތަކުގެ މިނިވަން 50ގެ އިޙްތިފާލުތަކުގެ އައިޓަމްތަކެއް ނުވެސް ނިމޭ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަން ބޭނުންވަނީ، ދިވެހިންނަށް އެންމެ އުފާވެރި ކަމެއް ގެނެސްދޭނީ، އަޅުގަނޑުމެން 50ގެ އުފާ ޙާޞިލު ކުރަމުންދާއިރު، ނޫނީ މިނިވަންކަމުގެ އުފާ ޙާޞިލު ކުރަމުންދާއިރު، ދެން އެންމެބޮޑު އުފާވެރިކަމެއް ގެނެސްދޭނީ، އަޅުގަނޑުމެން އެންމެންގެ އެންމެ ޝައުޤުވެރިކަމެއް އޮތް ކަމަކީ ކުޅިވަރު ކަމަށްވާތީ، ތިޔަ ކޮންޓިންޖެންޓުން އެނބުރި އަންނައިރު، އަޅުގަނޑުމެންނަށް ފުރްޞަތު ދެއްވާ، ހީރޯޒް ވެލްކަމަކަށް. ހީރޯޒް ވެލްކަމަށް ފުރްޞަތު ދެއްވައިފި ކަމަށްވަންޏާ، އެއަށްވުރެ ބޮޑު އުފަލެއް، އެއަށްވުރެ ބޮޑު ޝަރަފެއް އަޅުގަނޑަކަށް އަދި ދިވެހި ރައްޔިތުންނަކަށް އިތުރަކަށް ނުލިބޭނެ. 50ގެ މިނިވަން އަހަރުތަކުގެ ތެރޭގައި އަޅުގަނޑުމެން ހޭދަކުރާއިރު، މިއީ ފަރުދީ ގޮތުން އަދި އަޅުގަނޑުމެން މުޅި ޤައުމެއްގެ ގޮތުން އަޅުގަނޑުމެން އުފާކުރާ ކަމެއް. އެކަމަކު އެއާއެކީ މި އުފާ އަޅުގަނޑުމެންނަށް ޙާޞިލު ކުރުމުގެ ބޮޑު ފުރްޞަތުތަކެއް، ބޮޑު އުންމީދުތަކެއް ގުޅިފައި މިވަނީ މިއަދު އަޅުގަނޑުމެންނާ ވަކިން ދަތުރު ހައްދަވައިގެން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދަތުރުކުރައްވާ ތިޔަ ކޮންޓިންޖެންޓުންގެ އަތްމަތީގައި. އެހެންވީމާ، މިކަން ކޮށްދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑަށް ޝައްކެއްވެސް ނެތް، މިނިވަން 50ގެ އެކިއެކި ބޭބޭފުޅުންގެ ނަންފުޅުތައް ތާރީޚުގެ ތެރެއަށް ދާއިރު، ހަމަ ތިޔަބޭފުޅުންގެ ނަންފުޅުތައް މި ތާރީޚުގެ ތެރޭގައި ލިޔެވިގެންދާނެ.

އެހެންވީމާ، މި އުފާ ދިވެހި ރައްޔިތުންނަށް، ސަރުކާރަށް، އަޅުގަނޑަށް ޙާޞިލުކޮށްދިނުމަކީ ހަމަ ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑު ހަމަ އިލްތިމާސްކޮށް އެދި ދަންނަވާ ވާހަކައެއް. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ އުންމީދުތައް އެކުލެވިގެންވަނީ ތިޔަބޭފުޅުންގެ ޙަރަކާތްތަކުގެ މައްޗަށް. ތިޔަބޭފުޅުންގެ ޕަރފޯމަންސްގެ މައްޗަށް. އަޅުގަނޑު އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ މި ދިވެހި ކޮންޓިންޖެންޓް މިފަހަރު މި ބައިވެރިވާ ހަމަ ހުރިހާ ކުޅިވަރުތަކުގެވެސް ރަން ރިހި ވަނަތަކެއް އަޅުގަނޑުމެން ހޯދާނެ ކަމަށް.

ދެން ހަމަ ސަމާސައަށްވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ބްރޯންޒްއަކީ މެޑެއްޔެއް ނޫން ދޮގެއްތޯ. ބްރޯންޒްއަކީ މެޑެއްޔެއް ނޫން. އެހެންވީމާ ރަނާއި ރިހިން އަޅުގަނޑުމެންގެ ރަން ޔޫބީލް ގިރިޓީ ކުރާއިރު، ކުޅިވަރުތަކުންވެސް އަޅުގަނޑުމެންނަށް މިކަން ކޮށްދެއްވުމަކީ، ދިވެހި ރައްޔިތުންގެ ހިނިތުންވުމަށް އެންމެ ބޮޑު ކަމެއް މިފަހަރު ކޮންޓިންޖެންޓުން ކޮށްދެއްވާނެ ކަމެއް. ވަރަށް އުފާވޭ، ޙަޤީޤަތުގައި 50ގެ މި ރަސްމިއްޔާތުގެ ތެރޭގައި، މިފަހަރު މި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިންތިޒާމުވެގެން ގޮއްސައި، މިވަރުގެ ބޮޑު ދިވެހި ކޮންޓިންޖެންޓެއް ބައިވެރިވުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބުނީތީވެސް. އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތުން މިވެސް ވާނީ ހަމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންނަށް ޕޮޒިޓިވް އިއްތިފާޤެއް ގޮތުގައި ވެގެންދާނީ.

އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ވަޑައިގަންނަވާއިރު، މިއަށްވުރެ ފުރިހަމަ ރަސްމިއްޔާތަކާއެކީ، ހަމަ ހީރޯޒް ވެލްކަމެއް ތިޔަބޭފުޅުންނަށް ލިބޭނެ ފުރްޞަތު އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވުން. އަޅުގަނޑު އެދެނީ ދިވެހި ކޮންޓިންޖެންޓަށް ހަމަ ވަރަށް ކާމިޔާބު ދުވަސްތަކެއް ކުރިއަށް. އަޅުގަނޑު މިހާރު ކަބަޑްވެސް މިތާ ޖަހަން ފަށައިފީމު، ހަމަ މެޑެލްތަކަކުން ފުރޭ. އަޅުގަނޑުމެންނަށް ބޭނުންވޭ ޝެލްފްތައް، ހަމަ ޑެކަރޭޓް ކޮށްލަދެއްވަން ގެންނަވާ މެޑެލްތަކުން.

އަޅުގަނޑުގެ އުންމީދަކީ، އަބަދުވެސް މި ކުޅިވަރު ކުޅޭނީ ހަމަ މޮޅުވާން. ކުޅިވަރު ކުޅޭނީ ހަމަ ކުޅިވަރުގައި ހަމަ އައުޓްސްޓޭންޑިންގ ޕަރފޯމަންސް. އެކްސެލަންސް. ނަތިންގ ބިލޯވް ދެޓް، ނޯ ކޮމްޕްރޮމައިސް. އެކްސެލަންސް އެޗީވްކުރަން ކުޅިވަރު ކުޅެނީ. ކޮންމެ ކަމެއްގައިވެސް ކުޅޭނީ މޮޅުވާން. ބައިވެރިވާކަށެއް ނޫން، ތަޖުރިބާ ހޯދާކަށެއް ނޫން. މޮޅުވާން ކުޅޭނީ.

އެހެންވީމާ، މި ޢަޒުމާއެކީ ވަޑައިގެން ދެއްވުން އަޅުގަނޑު އެދެން. މި ޢަޒުމާއެކީ އަޅުގަނޑުމެންގެ ސްކިލްސްފުލް ކުޅުންތެރިންނަށް ވޮލީކަހަލަ އެއްޗަކުން 1 ސެޓް، 2 ސެޓް ހޯދައިދީފި ކަމަށްވަންޏާ، ތަކުރާރުކޮށް ކޯޗުން މެނޭޖަރުން ހަނދާންކޮށްދެއްވަނީ، ދެން އެހިސާބުން ސްލެކްނަސް ޝުޑް ނޮޓް ސެޓް އިން. 3 ވަނަ މެޗް ދޫކޮށްލައިގެން ނުވާނެ، ފޫހިވެގެނެއް ނުވާނެ، ވަރުބަލިވެގެން ނުވާނެ. 3 ވަނަ މެޗް ގެއްލުނަސް އަދި 3 ވަނަ ސެޓް ގެއްލުނަސް، 4 ވަނަ ސެޓް ހޯދިދާނެ ކަމަށް އިންތިޒާރުކޮށްގެން ނުވާނެ. 2 ސެޓް ހޯދައިފި ކަމަށްވަންޏާ، އެއްވެސް އެކްސްކިއުޒެއް ނެތް، ކޮންސެކެޓިވްލީ 3 ވަނަ ސެޓް ނުހޯދާ ދޫކޮށްލާކަށް. މި ޢަޒުމުގައި ކުޅުއްވައިފި ކަމަށްވަންޏާ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑު މިދެންނެވި ޝެލްފްތައް ފުރާލާވަރުގެ މެޑެލްތަކެއް ތިޔަބޭފުޅުން ގެނެސްދެއްވާނެ.

އަޅުގަނޑު އެދެނީ ތިޔަބޭފުޅުންނަށް ހަމަ ބާއްޖަވެރި، އުފާވެރި މުބާރާތެއް. އަޅުގަނޑު އެދެނީ ދިވެހި ކުޅިވަރަށާއި، ދިވެހި ޒުވާނުންނަށް އުފާފާގަތި މުސްތަޤްބަލެއް. އަދި ކުޅިވަރަކީ އަޅުގަނޑުމެންގެ ތެރޭގައި ބަދަހިކަން ހޯދައިދޭ ކަމެއް. ކުޅިވަރަކީ އަޅުގަނޑުމެންގެ ތެރޭގައި އައިޑޮލުންތަކެއް ޑިވެލޮޕްކުރާ ކަމެއް. ކުޅިވަރަކީ އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ މުޖްތަމަޢުން ބީވެގެން މިދާ އެތަކެއް ކަންތައްތަކަށް ރަނގަޅު އަސަރުތަކެއް ކޮށްދޭނެ ކަންތައްތަކެއް ކުޅިވަރަކީ. އެހެންވެގެން ސަރުކާރުން ކުޅިވަރަށް އެހާބޮޑު ސަމާލުކަމެއް މި ދެނީ. އަދި މިއަދު ދިވެހި ދައުލަތް ހިމެނިފައި އޮތް ގޮތުން ވެއްޖިއްޔާ، ޒުވާނުންނަކީ އަޅުގަނޑުމެންގެ ދައުލަތުގެ ބޮޑު އާބާދީ.

އެހެންވީމާ، ކުޅިވަރާއެކީ އެކްސްޕެކްޓޭޝަންތަކެއް އެބަހުރޭ ރައްޔިތުންގެ. ކުޅިވަރާއެކީ ސަރުކާރުގެ އެކްސްޕެކްޓޭޝަންތަކެއް އެބަހުރޭ. އެހެންވީމާ، އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަނާއެކީ ޙާޞިލުކުރުމަށް ތިޔަ ހުރިހާ އެތްލީޓުން މަސައްކަތް ކޮށްދޭނެ ކަމަށް. ގުޑްލަކް އޯލް އެތްލީޓްސް.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

_______________________________