މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ރާއްޖެ ވަޑައިގެން އުޅުއްވާ، ވައިސް ޗެއާމަން އޮފް ދަ ސްޓޭންޑިންގް ކޮމިޓީ އޮފް ނެޝަނަލް ޕީޕަލްސް ކޮންގްރެސް، މެޑަމް ޝެން ޔުއޭޔުއޭ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން، ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބު ފާހަގަކުރެއްވިއެވެ. އަދި، ކުރިއަށް އޮތްތާނގައިވެސް ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން އެއްޤައުމު އަނެއްޤައުމަށް އެއްބާރުލުން ދެމުންގެންދާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި ޗައިނާއަކީ ވަރަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާއި ޗައިނާއާ އޮންނަ އެކުވެރިކަމަކީ، އިޚްލާޞްތެރިކަމާއި ތެދުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މާލެއާއި ހުޅުމާލެއާ ދެމެދުގައި ގާއިމްކުރެވޭ ބްރިޖަކީ ދެޤައުމުގެ ރަޙްމަތްތެރިކަމުގެ ރަމްޒަކަށް ވެގެންދާނެ ބިނާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި ޗައިނާގެ ހިއްސާ ފާހަގަ ކުރައްވަމުން، ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު އޮތް ގުޅުން މުސްތަޤްބަލުގައި އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބު މެޑަމް ޝެން ޔުއޭޔުއޭ، ރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް ދެންނެވިއެވެ. އަދި، މި ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު އެރުވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

މެޑަމް ޝެން ޔުއޭޔުއޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދާއި، ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު މުޙަންމަދު ފައިޞަލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ މުޙަންމަދު ޙައްސާން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.