بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

މިނިވަންކަމުގެ މަތިވެރި ނިޢުމަތް، ދިވެހިރާއްޖެއަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިންވަރުކޮށްދެއްވި، އެންމެހައި ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން.

އެންމެހައި ޢިއްޒަތްތެރިން، ބޭރުގެ މެހުމާނުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه؛

އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 50 އަހަރު ފުރޭ ރަންޔޫބީލު ފާހަގަކުރާ މި ތާރީޚީ އަދި އުފާވެރި މުނާސަބަތުގައި، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މި ޖަލްސާގައި މިނިވަންކަމުގެ ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވި ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިން ކަމުގައިވާ، ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށާއި، ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް، ދިވެހި ދައުލަތުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވައި، މިނިވަން ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަން. އަދި މިފުރުޞަތުގައި މަރުޙޫމް އިބްރާހީމް ނާޞިރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ﷲ ޙަޟުރަތުގައި ދުޢާ ދަންނަވަން.

ޝައްކެއްނެތް، މި ރަސްމިއްޔާތުގައި، އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުގެ ފަރާތުން ޢިއްޒަތްތެރި މަންދޫބުން ބައިވެރިވެވަޑައިގެންދެއްވާކަމީ، އެޤައުމުތަކުގެ ވެރިންނާއި ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާމެދު އުފެދިފައިވާ ގާތްކަން ރަމުޒުކޮށްދޭ ޙަޤީޤަތެއް. އަޅުގަނޑުމެންގެ އެންމެ ކައިރީގައި އޮތް އެކުވެރި، އަވަށްޓެރި ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ މައިތްރިޕާލަ ސިރިސެނާ ބައިވެރިވެވަޑައިގަންނަވާތީ، ނުހަނު ޠާޢަޠާއެކު މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަން. އަދި މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ އެންމެހައި ޢިއްޒަތްތެރި މަންދޫބުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިނިވަންކަމުގެ ރަންޔޫބީލުގެ މުނާސަބާ ދިވެހިން ފާހަގަކުރަމުން މިދަނީ، މިނިވަންކަމުގެ ތާރީޚުގައި ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމުގެ ހިތްހަމަޖެހުމާއެކު. އާދެ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށިތާ މިވީ 2500 އަހަރުގެ ތެރޭގައި، އަމިއްލަ ވެރިކަމެއް، މި ރާއްޖޭގައި ކުރަމުން ގެންދާތާ 2300 އަހަރު ވެފައިވާކަމީ، ދިވެހިންނަށް ލިބިފައިވާ ޚާއްޞަ ފަޚުރަކާއި ޝަރަފެއް.

އެއް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިގެން މިއައި ދިގު ތާރީޚުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ކުރިން އޮތް މަލިކުއަތޮޅާއި މިހާރުގެ ބޮޑުތިލަދުންމަތި، ބޭރުގެ ފަރާތްތަކުގެ ބާރުގެ ދަށަށް ގޮސްފައިވާކަން ތާރީޚުގެ ފަތްފުށްތަކުން ހެކިދޭއިރު، އަޅުވެތިކަމާއި، އިސްތިޢުމާރުގެ ހިތި ތަޖުރިބާ، އެކި ދުވަސްވަރު އެކިގޮތަށް ދިވެހިރާއްޖެ ކޮށްފައިވާކަމީ، މިނިވަންކަމުގެ ތާރީޚުގައި ދިވެހިރާއްޖެ ދެކެފައިވާ، އެންމެ ކަޅުދުވަސްތައްކަން މިއަދު އަޅުގަނޑުމެން ދަންނަންޖެހޭ.

އާދެ، ޖިއޮގްރަފީ ގޮތުން މުހިންމު ސަރަޙައްދެއްގައި، ވަކި ޤައުމެއްގެ ގޮތުގައި އަމިއްލަ ވެރިކަމެއް ދިވެހިރާއްޖޭގައި ހިނގަމުންދިޔަ މި ދިގު ޒަމާންތަކުގައި، ދުނިޔޭގެ އިރުމައްޗާއި، ހުޅަނގާއި އަދި ޢަރަބިކަރައިގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް ހިންގައި، ގުޅުންތައް ބަދަހިވެގެންދިޔަ ޒަމާނުގައިވެސް، ދިވެހިރާއްޖެއަށް ދަހިވެތިވެގެން ބޭރުގެ އެއްވެސް ޤައުމަކުން އަމިއްލައަށް ރާއްޖެއާ ދިމާކޮށް ހަނގުރާމަކޮށްފައި ނުވާކަމީ، އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމެއް. ބޭރުގެ ބައެއްގެ ދަށަށް ދިވެހިރާއްޖެ ދިޔަ ކޮންމެ ފަހަރަކުވެސް، ގޮސްފައިވަނީ ދިވެހި ޚާއިނުންގެ ބައެއްގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް، އެ ފަރާތްތަކުގެ އިސްނެގުމުގެ މަތިންކަން ހިތާމަޔާއެކު ފާހަގަކުރަންޖެހޭ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގައި، އެއް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް ކުރިމަތިވި ދާޚީލީ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްތިޢުމާރީ ވަރުގަދަ ބާރެއްގެ ނުފޫޒުގައި ތިބެ، ރާއްޖޭގެ ދެކުނުގެ ތިން އަތޮޅު ގުޅިގެން ވަކި ދައުލަތެއް އުފައްދަން ކުރި ބަޣާވާތް. އާދެ، މިކަމަކީވެސް، ދިވެހީންގެ ވަކިބައެއްގެ އިސްނެގުމުގެ ދަށުން ހިނގައިދިޔަ، ނުރައްކާތެރި ޙާދިޘާއެއް.

ދިވެހި ތާރީޚުން ހެކިދޭގޮތުގައި، ރާއްޖޭގެ މިނިވަންކަމަށް ގުޑުންއެރި ކޮންމެ ފަހަރަކުމެ، އެކަމެއް ކުރިމަތިވެފައިވަނީ، ހަމައެކަނި ސިޔާސީ މަންފާއެއް ލިބިގަތުމަށް ސިޔާސީ ފިކުރެއްގެ ތެރެއިން އުފެދިގެން އައި ކަންތައްތަކަކުން ނޫންކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭ. ދާޚިލީ މައްސަލަތައް ވަކިގޮތަކަށް ޙައްލުކުރުމަށް ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމުގައި، އޭރުގެ ބޮޑުން ޢަމަލުކޮށްފައިވާ ގޮތްތަކުން ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ލޮޅުންއަރާފައިވާކަން ތާރީޚު ހެކިދޭ.

ޤައުމަކަށް ލިބިފައިވާ މިނިވަންކަމުގެ އަގު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ، އެޤައުމެއްގައި އިޤްތިޞާދީ ފުދުންތެރިކަން ޤާއިމުކުރެވި، އެކަމުގެ މަންފާ، ޤައުމުގެ އެންމެހައި ރައްޔިތުންނަށް ލިއްބައިދެވިގެން. ޝައްކެއްނެތްގޮތުގައި، ޤައުމެއްގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކޮށް، އިޖުތިމާޢީ ގޮތުން ރައްޔިތުން ބާރުވެރިކޮށް، އުފާފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނީ އިޤްތިޞާދީ ފުދުންތެރިކަން ރައްޔިތުންނަށް ހޯދައިދެވިގެން.

މިއަދު ދިވެހިރާއްޖެއަކީ، ދުނިޔޭގެ އިޤްތިޞާދީ އަދި މާލީ އެތަކެއް ޖަމްޢިއްޔާއެއްގެ މެމްބަރު ޤައުމަކަށްވާއިރު، އިޤްތިޞާދީ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ ޙަރަކާތްތައް ހިންގަމުންގެންދާކަމީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އެހެންކަމުން، އިޤްތިޞާދީގޮތުން ބަރޯސާވުމުގެ ނާޖާއިޒު ފައިދާ، ބާރުގަދަ ނުފޫޒުހުރި ޤައުމުތަކުން ނެގުން ކުޑަކުރުމަށްޓަކައި، އިޤްތިޞާދީ ލާމެހުން އިތުރުކުރަންޖެހޭ. އަދި ކުރިއަރާފައިވާ ޤައުމުތަކުގެ ބޮޑެތި ކުންފުނިތައް ރާއްޖެއަށް ގެނެވޭނެ ގޮތްތައް ހޯދައި، ވިޔަފާރީގެ ސްޓްރެޓީޖިކް އެލަޔަންސްތަކެއް ޤާއިމުކުރުން މުހިންމު. ތަފާތު ގިނަ ޤައުމުތަކުގެ މަލްޓި-ނެޝަނަލް ކުންފުނިތައް ރާއްޖޭގައި ގިނަވުމަކީ، ޤައުމުގެ މިނިވަންކަމަށް އަންނަ ނުރައްކާ އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމެއް.

އާދެ! ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒުވާން އާބާދީގެ ބޭނުން ޤައުމަށް އެންމެ ފައިދާހުރި ގޮތުގައި ހިފޭނެ ގޮތްތަކެއް ފަހިކޮށްދިނުން މުހިންމު. ތަޢުލީމާއި، ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުޞަތުތައް، އެފަރާތްތަކަށް ތަނަވަސްކޮށްދީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ވިސްނުމުން އާބާދީގެ މަރުކަޒުތަކެއް އާރާސްތު ކުރަންޖެހޭ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން، އެންމެހާ ޢިއްޒަތްތެރިން.

އިޖުތިމާޢީ ތަރައްޤީއާއި، މުޖުތަމަޢުގެ ހަމަޖެހުމަކީ، ޤައުމެއް ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ އޮތުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން. ބަވަނަވެފައިމިވާ ދުނިޔޭގައި، ޒަމާނަށް އައިސްފައިވާ ބަދަލުތަކުގެ ނުރަނގަޅު އަސަރުތަކުގެ ސަބަބުން، ރާއްޖޭގެ މިއަދުގެ އިޖުތިމާޢީ ފޭރާމުގައި ވަނީ ބޮޑެތި ބާގަނޑުތަކެއް އުފެދިފައި. ފަރުދީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި ގޮވައިލެވޭ ގޮވައިލުންތަކުން އުފެދުނު އޮއިވަރުގައި ޤައުމުގެ ގިނަބަޔަކު ޖެހި، މީގެކުރިން މިޤައުމު ދެކެފައިނުވާވަރުގެ އަޚުލާޤީ ބަލިމަޑުކަމެއް ވަނީ ފެތުރިފައި. މި ކަމަކީ، ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ހުރި ވަރަށްބޮޑު ބިރެއް. ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަމާއި ފުދުންތެރިކަން އިތުރުކުރުމަށް ހުރި ގޮންޖެހުންތަކެއް.

އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައި އަންހެނުންގެ ދައުރު މުހިންމު. ދިވެހިރާއްޖޭގެ އާބާދީގެ 50 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، އަންހެނުން ބާރުވެރިކޮށް، ވަޒީފާގެ މާޙައުލުގައި ރައްކާތެރިކަން ހޯދައިދީ، އަންހެނުންނަށް ދިމާވާ ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތު ކުރުމުގެ ބާރުވެރިކަން އެފަރާތްތަކަށް ހޯދައިދޭންޖެހޭ. މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، މިނޫނަސް އެހެން މީހުންގެ އަޅާލުން ބޭނުންވާ ފަރާތްތަކަށް، މުޖުތަމަޢުގެ އެހެން އަފްރާދުންނާ އެއްހަމައެއްގައި ޢަމަލީ މައިދާނުގައި ބައިވެރިވުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް، ރައްކާތެރި މާޙައުލެއް އެފަރާތްތަކަށް ހޯދައިދިނުމަކީ، އިޖުތިމާޢީ ހަމަޖެހުން ގެނެސް، އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް.

ޤައުމަށް ހަމަޖެހުމާއި އުފާފާގަތިކަން ގެނައުމަށްޓަކައި، ޤައުމުގެ ހުރިހާ ރައްޔިތުންނަކީވެސް، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓާ، ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކަށްވާންޖެހޭ.

ޤައުމުގެ އެތެރެއިން ދިމާވާ ގޮންޖެހުންތަކަށްވުރެ، ޤައުމުން ބޭރުން އަންނަ ޙަމަލާތަކަކީ، މިއަދު އަޅުގަނޑުމެން އެކަމަކަށް ވަރަށް ބޮޑަށް ފާރަލައި ސަމާލުކަން ދޭންޖެހިފައިވާ ކަމެއް. އިޤްތިޞާދީ ގޮތުން މުއްސަނދި ޤައުމުތަކުން އެކިއެކި އައިޑިއޮލޮޖީތަކާއި ޘަޤާފަތްތައް ފެތުރުމުގެ ޒަރީޢާ ބޭނުންކޮށްގެން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދާޚިލީ އިޚްތިޞާޞްގެ ތެރެއަށް ވަނުމާއި، ޤައުމީ ސިޔާދަތަށް އުނިކަން އަންނަ އުޞޫލުތަކާއި ގޮތްތައް ތަޢާރުފުކުރަން އުޅުމަކީ، ބައިނަލްއަޤްވާމީ ޞުލްޙައިގެ ނަޒަރުން ބަލާއިރު، ކަންބޮޑުވާންޖެހޭ ކަންތައްތަކެއް.

ދުނިޔޭގެ ބާރުގަދަ ޤައުމުތަކުންނާއި، އެޤައުމުތަކާ ގުޅިފައިވާ ބައެއް ޤައުމުތަކުން އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމީ މަތިވެރި އުސޫލުތަކާއި ޢަޤީދާއާ ޚިލާފު ކަންކަން ފެތުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތައް އުފައްދައި، އެ ފިކުރުތަކާއި ޘަޤާފަތް ފެތުރުމަށް ދަނީ މަސައްކަތް ކުރަމުން. މިފަދަ ޙަރަކާތްތަކަށް ޤައުމުތަކުން ފުރުޞަތު ނުދިނުމުން، އިޤްތިޞާދީ ގޮތުންނާއި ސިޔާސީގޮތުން އެ ޤައުމުތަކަށް ދަނީ ފިއްތުންތައް ކުރިމަތިކުރަމުން.

އަޅުގަނޑުމެންނަކީ، މުސްތަޤުބަލުދެކެ ބިރުގަންނަ ބަޔަކަށް ވެގެންނުވާނެ. އަޅުގަނޑުމެން ވާންޖެހޭނީ މުސްތަޤުބަލަށް މަގުކޮށައިދޭ، ކުރިއަށް އަންނަން އޮތް ޖީލުތަކަށް، އެ މަގު ތަނަވަސްކޮށްދީ، ޤައުމުގެ މުއްސަނދިކަން އެފަރާތްތަކަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދައިދޭން ތިބި ބަޔަކަށް. ދިވެހިރާއްޖެއަށް ތަރައްޤީ ގެނެވޭނީ، ދިވެހިން ބޭނުންވާ ގޮތެއްގެ މަތިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުމުގެ ފުރިހަމަ މިނިވަންކަން ދިވެހިންނަށް ލިބިގެން.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ، ބޭރުގެ ޤައުމުތަކުގެ ޤާނޫނުތަކާއި އުޞޫލުތަކާއި، އެ ޤައުމުތަކުގެ އިސްތިޤްލާލު ރަނގަޅަށް ދެނެތިބެ، އެ ޤައުމުތަކާއެކު އެކުވެރިކަން ޤާއިމުކޮށް، ގުޅުން ބަދަހިކުރެވޭނެ ގޮތުގެ މައްޗަށް. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާއެކު ރާއްޖެއިން އިސްނަގައިގެން، އެ ޤައުމުތަކާއެކު އެކުވެރިކަން އުފެއްދުމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި މި ޤައުމުތަކާއެކު އެގުޅުން ދެމެހެއްޓުމުގެ މައްޗަށް. ހަމަ މި ބީދައިން، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާއެކު ރާއްޖެއިން އެކުވެރިކަން އުފެއްދުމުގެ އަސާސް ބިނާވެފައި އޮންނަނީ، އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތާ ބައެއް ކަމުގައިވުމުގެ މައްޗަށް. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި، ދުނިޔޭގެ ބާރުތަކުގެ މެދުގައި ހިނގާ ޢަސްކަރީ، ސިޔާސީ އަދި ޖިއޯ ޕޮލިޓިކްސް ވާދަވެރިކަމުގެ ތެރެއަށް ނުވަނުމާއި، ބައިނަލްއަޤްވާމީ ދާއިރާގައި ޙައްޤާއި އިންޞާފުގެ އަޑު އުފުލުމާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނޭ.

ކޮންމެ މިނިވަން ޤައުމަކަށްވެސް، އެޤައުމެއްގެ ކަންކަން ހިންގުމުގައި ފުރިހަމަ ސިޔާދަތު އޮތުމުގެ ޙައްޤަކީ، މިނިވަން ޤައުމުތަކުގެ މެދުގައި ޞުލްޙަމަސަލަސްކަން ޤާއިމްވެ އޮތުމުގެ އެންމެ މައި އަސާސް. ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ރައްޔިތުންނަށް ހެވާއި ލާބަ ހުރިގޮތް ކަނޑައެޅުމާއި އަދި އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، ސިޔާސީގޮތުން ތަރައްޤީ ކުރުމާއި، އިންސާނީ ޙައްޤު ކުރިއެރުވުމުގެ ޙައްޤު ލިބިގެންވޭ. ނަމަވެސް، މިކަންތައްތަކަށް ބެލުމެއްނެތި ރާއްޖެއަކީ، ބައެއް ކަހަލަ ފިކުރުތަކަށް ތާއީދުނުކުރާ ބައެއްކަމަށް ބުނެ، ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ހިނގާ ކަންކަމާމެދު، ބައެއް ޤައުމުތަކުންނާއި، ނަން މަޝްހޫރު ޖަމާޢަތްތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާމެދު ސުވާލު އުފައްދައި، ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުވުމަކީ، ރާއްޖެއިން ހިތާމަކުރާ ކަމެއް. އަދި މިފަދަ ޢަމަލުތަކަކީ، މިނިވަންކަމާއި ޞުލްޙަމަސަލަސްކަމަށް ލޯބިކުރާ، ޤައުމުތަކުގެ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްކުރާ އެއްވެސް ފަރާތަކުން އަދި ޤައުމަކުންވެސް ތާއީދުކުރާނެ ކަމެއް ނޫން.

ކޮން ޤައުމެއްތޯ، އެ ޤައުމެއްގައި ހިނގާ ވެރިކަމަކީ ޤާނޫނީ ގޮތުން ޞައްޙަ ވެރިކަމެއްތޯ އެހެން ޤައުމަކުން ކަނޑައެޅުމަށް ބޭނުންވާނީ؟ ކޮން ޤައުމަކުންތޯ އެ ޤައުމެއްގެ ޝަރުޢީ ދާއިރާގެ ހުރިހާ މަރުޙަލާތަކެއް ފެއަށް ޖައްސާލާފައި، އެ ޤައުމެއްގައި ހިނގާ މައްސަލަތަކަށް، އެހެން ޤައުމަކުން ޙުކުމް ކަނޑައެޅުމަށް ޖާގަދޭން ބޭނުންވާނީ؟ ޤާނޫނީގޮތުން ޤާއިމުވެފައިވާ ސަރުކާރުގެ ހަމަޖެހުމާއި އިސްތިޤްރާރު ގެއްލުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތާ ބައެއް ކަމުގައި ގަބޫލެއް ނުކުރެވޭނެ.

ތަރައްޤީވެފައިވާ ޤައުމުތަކުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އޯގާތެރިކަމުގެ ނަޒަރަކުން ބަލައި، އެ ޤައުމުތަކަށް ފުރުޞަތުތައް ފަހިކޮށްދޭންޖެހޭ ކަމުގައި ޤަބޫލުކުރަން. އަދި އިޤްތިޞާދީގޮތުން މުއްސަނދި ޤައުމުތަކުގެ މަޞްލަޙަތަށް ބުރަވާގޮތަށް ކަންކަން ނިންމުމުގެ މައްޗަށް އިސްކަންދިނުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހިމެނޭ ތަފާތު ޤައުމުތަކާއި، ތަފާތު ގްރޫޕްތަކުގައި ހިމެނޭ ޤައުމުތަކުގެ ރަޢުޔުތަކަށް ޖާގަދީގެން، ބައިނަލްއަޤްވާމީ ކަންތައްތަކާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް އެކަށައަޅައި ކުރިއެރުވުމަކީ، ބައިނަލްއަޤްވާމީ ޞުލްޙަމަސަލަސްކަމަށް އެންމެ ފައިދާހުރި ގޮތް. މިއީ، ޙަޤީޤީ މާނައިގައި އިންޓަރނޭޝަނަލް ޑިޕްލޮމަސީ.

އާދެ، ކުރިޔަށް އޮތް ފާގަތި ދިގު ޒަމާންތަކަށް އަޅުގަނޑުމެން އިންތިޒާރު ކުރާއިރު، އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށްވާންވީ، ފުރިހަމަ މިނިވަންކަމާއެކު ބޭރުގެ އެންމެހައި އިސްތިޢުމާރީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދީމިޤްރާތީ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ޤައުމު ވާޞިލުކޮށްދިނުން.

މާތް ﷲ، މި ލޮބުވެތި ދިވެހިރާއްޖެ މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށި! ރާއްޖެއަށް ހަމަޖެހުމާއި އަމަންއަމާންކަން މިންވަރުކުރައްވާށި! ދިވެހި ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެއްވާށި! ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމަށް ސަރުކާރާއި ރައްޔިތުން ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި!

وما توفيقى إلاّباللَّـه ، عليه توكّلت ، وإليه أنيب .