بســم اللّـه الرّحمـن الرّحيــم

             اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وعلى آلـه وَصَحْبِـهِ أجمعـين.

އެންމެހައި ޢިއްޒަތްތެރިން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރާ މުނާސަބަތުގައި، ޤައުމީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި ދިވެހި ޤައުމަށް މިންވަރު ކުރައްވައި، އެ ނިޢުމަތްތަކުގެ މަތީގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. މިއަދު ދިވެހިރާއްޖެ ދެކެމުންމިދާ މިނިވަންކަމުގެ ޙަޤީޤީ ބަޠަލުންގެ ހަނދާންތައް އާކުރަމުން، އެ އަބްޠާލުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

ޤައުމީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ބުރަ މަސައްކަތްތަކުގެ މަތިން މިއަދު އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ. ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައި އެކި ދުވަސްވަރު އެކި ބޭފުޅުން ވެވަޑައިގެންނެވި ޤުރްބާނީއާއި، އެބޭފުޅުން އެކުރެއްވި ބުރަ މަސައްކަތްޕުޅު، މިއަދުގެ ޖީލަށް އަޅުގަނޑުމެން ހަނދާންކޮށްދޭން އެބަޖެހޭ. މިއަދުގެ ޅަކުދިންނާއި ޒުވާނުންނަށް އެވާހަކަތައް އަޅުގަނޑުމެން ކިޔައިދޭން އެބަޖެހޭ. ރާއްޖޭގެ މިނިވަންކަމާ ބޭރުގެ ފަރާތްތަކުން ތޮޅުނު ފަހަރުފަހަރު، އެ މިނިވަންކަން ގެއްލެން ދިމާވި ސަބަބުތައް އޮޅުންފިލުވައިދޭން އެބަޖެހޭ.

ހަމައެއާއެކު، މިނިވަންކަމަކީ ކޮބައިކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭ. އަދި ޤައުމެއް މިނިވަންވުމަށްފަހު، އެ މިނިވަންކަން ދިފާޢުކޮށް ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ވަރުގަދަ ޤައުމީ މަސައްކަތުގެ މަތިންވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. ހަމައެހެންމެ، މިނިވަން ފަރުދަކަށް ދިމާވާ ކަންކަން ނިންމުމުގައި، އެ ފަރުދަކަށް ލިބޭ އިޚްތިޔާރާއި ބާރު އޮޅުންފިލާފަދައިން، ދައުލަތަކަށް މިނިވަންކަން ބޭނުންވަނީ ކީއްވެތޯ، މިއަދުގެ ޅަކުދިންނަށް އަޅުގަނޑުމެން އޮޅުންފިލުވައިދޭންޖެހޭ. އެކުދިންގެ ސިކުނޑިތަކަށް މިކަންކަން ވިސްނައިދޭންޖެހޭ. އަދި މިނިވަންކަމުގެ ފޮނިމީރުކަންވެސް އެކުދިންގެ ހިތްތަކަށް ވައްދައިދޭންޖެހޭ.

ރާއްޖެއަކީ 2500 އަހަރުގެ ދިގު ތާރީޚެއް އޮތް ޤައުމެއް. އަމިއްލަ ވެރިކަމެއް ކުރާތާ 2300 އަހަރު ވެއްޖެ. މީލާދީ ސަނަތުން 1120 އިން 1142 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި ސިރީ މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި، މަލިކުން ފެށިގެން އައްޑުއަތޮޅާ ދެމެދު ނުވަތަ މަލިކައްޑޫ، މި ސަރަޙައްދުގައި ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވިކަން، ތާރީޚުން އެނގޭ. އާދެ، މި ރަދުންނަކީ ޗޯޅާ އެމްޕަޔަރުގެ ވެރިކަމުގައި ހިފާފައިވާ މަލިކުއަތޮޅާއި ބޮޑު ތިލަދުންމަތި އަނބުރައި ރާއްޖެއަށް ހޯއްދަވައިދެއްވި މަހާރަދުން.

މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތުގެ ނޫރުގެ އަލިކަން ލިބުނީއްސުރެ މިވީ 862 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ގެއްލިފައިވަނީ ހަމަ އެންމެ 2 ފަހަރު. އެއީ ޕޯޗްގީޒުން ރާއްޖެ އިސްތިޢުމާރު ކުރި 15 އަހަރާއި، އިންޑިއާގެ ހޮޅީން ނުވަތަ މަލާބާރީން ރާއްޖޭގެ މައްޗަށް އަތްގަދަކުރި 3 މަހާއި ދުވަސްކޮޅެއް. އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެ އޮތް 77 އަހަރު ނިމުމަކަށް ގެނެވިފައިވަނީ، މީގެ 50 އަހަރު ކުރިން، 1965 ވަނަ އަހަރުގެ ޖުލައި މަހުން 26 ވަނަ ދުވަހު.

އިސްލާމީ ދައުލަތެއްގެ ގޮތުގައި، ރާއްޖެ މިއޮތް 862 އަހަރުގެ ތެރޭގަޔާއި، މިނޫން ހުރިހާ ޒަމާންތަކެއްގައި، ދިވެހިރާއްޖެ އޮތީ މިނިވަން ޤައުމެއްގެ ގޮތުގައި ކަމީ، ދިވެހިންނަށް ލިބިފައިވާ ވަރަށްބޮޑު ނިޢުމަތެއް. މަތިވެރި ފަޚްރެއް، ޝަރަފެއް. މިއަދު ދުނިޔޭގައި މިއޮތް 200 ވަރަކަށް ޤައުމަށް ބަލާއިރު، މިފަދަ ފަޚުރުވެރި މިނިވަންކަމުގެ ތާރީޚެއް އޮތް ޤައުމުތައް މަދު ކަމުގައި ދަންނަވަންޖެހޭ.

ދިވެހި ޤައުމުގެ މިނިވަންކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ މަތިވެރި ނިޢުމަތެއް. އަދި ހަމަ އެހާމެ ބޮޑު ފަޚުރަކާއި ޝަރަފެއް. އެއީ، ދިވެހި ޤައުމަށްޓަކައި ދިވެހި ކާބަފައިން ވެވަޑައިގެންފައިވާ ޤުރްބާނީތަކުގެ އަގުނުކުރެވޭފަދަ ހަދިޔާ. އެ ޤުރްބާނީތަކުގެ އަގުބޮޑު ނަތީޖާ. އެހެންކަމުން، މިއަދު ރާއްޖޭގެ މިނިވަންދުވަހު، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެބޮޑު ޤައުމީ މަސްއޫލިއްޔަތަކީ، އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުން. ހަމައެޔާއެކު، އަންނަން އޮތް ޖީލުތަކަށް، އެ މިނިވަންކަން ރައްކާތެރިކޮށްދިނުމާއި، އަޅުގަނޑުމެންގެ ޒުވާން ޖީލަށް އެކަމުން ފިލާވަޅުތަކެއް، ޢިބްރަތްތަކެއް ޙާޞިލުކޮށްދިނުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ޤައުމީ މިނިވަންކަން ރައްކާތެރިކުރުމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އެ މިނިވަންކަން ޙާޞިލުކުރުމަށްވުރެ ބޮޑު މަސައްކަތެއް. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިއަދާ ހަމަޔަށްވެސް ޙިމާޔަތް ކުރެވިފައި މިވަނީ، އިސްލާމީ ޢަޤީދާއާއި، އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތުގެ ސަބަބުން. މިކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ. ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް، މަސްއޫލިއްޔަތެއް. އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެވޭނީ، އަޅުގަނޑުމެންނަކީ އިޚްލާޞްތެރި ބަޔަކަށްވެގެން. ތެދުވެރި ބަޔަކަށްވެގެން.

މިނިވަން ޙަޔާތުގެ އާ އަހަރުތަކަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، އަޅުގަނޑުމެންނާ ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަށް ކެތްތެރިކަމާއި ހިތްވަރާއެކު ކުރިމަތިލެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑުމެންގެ މިނިވަންކަމަށް ކިތަންމެ ކުޑަ ނަމަވެސް ބުރުލެއްއަރާފަދަ ކަމަކަށް އެއްވެސް ބަޔަކަށް ފުރްޞަތު ނުދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

މިނިވަންދުވަހުގެ އުފާވެރި ޝުޢޫރުތައް ޙިއްޞާ ކުރަމުން ގެންދާއިރު، އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީ، އަޅުގަނޑުގެ ހަނދާނަށް ގެންނަން. އެ މަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

މި ފުރުޞަތުގައި، ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރައްވައި، ޙިމާޔަތް ކުރައްވައި ދެމެހެއްޓެވުމަށް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ކޮށްދެއްވި މަސައްކަތްޕުޅުގެ މަތިން ހަނދާންކުރަމުން، އެމަނިކުފާނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން އަޅުގަނޑު ހަނދާންކުރަން. އަދި ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، އެދުވަހު ޝަހީދުވެގެންދިޔަ މަތިވެރި އަބްޠާލުންގެ ޒިކުރާ އާކުރަމުން، އެބޭފުޅުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މާތްﷲ އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު އަބަދަށްޓަކައި މިނިވަންކަންމަތީ ލަހައްޓަވާށި! ދިވެހި އުންމަތަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކާމިޔާބީއާއި ނަޞީބު މިންވަރު ކުރައްވާށި! ދިވެހިވަންތަ ކަމަށްޓަކައި ފަޚްރުވެރިވާ، ރާއްޖޭގެ ޤައުމީ މިނިވަންކަން ދިފާޢުކޮށް ދަމަހައްޓާ ބައެއް ކަމުގައި އަޅަމެން ލައްވާށި! ދިވެހިން ދިވެހީންގެ ގޮތުގައި މިނިވަންކަންމަތީ އަބަދަށްމެ ލަހައްޓަވާށި! އާމީން.

_______________________________