بســم اللّـه الرّحمـن الرّحيــم

       އާދެ، މިއަދު އަޅުގަނޑަށް މި ލިބުނީ ވަރަށް ޚާއްޞަ އުފަލެއް. ޤާނޫނުއަސާސީއަށް މި ގެނެވުނު އިޞްލާޙު އަޅުގަނޑު މި ތަޞްދީޤުކުރީ، ކުރިމަގުގައި ދިވެހި ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަސްތަކެއް ފެންނާނެ ކަމުގެ މަތިވެރި އުންމީދުގައި. އާދެ، ޤާނޫނުއަސާސީއަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ގެންނެވި އިޞްލާޙަކީ އަދި މިއަދު މި ތަޞްދީޤު ކުރެވިގެން މިދިޔަ އިޞްލާޙަކީ، އަމިއްލަ ފަރާތްތަކަށް ބިން މިލްކު ކުރުމުގެ އިޞްލާޙު. މިކަން ކުރަން ޖެހުނު ސަބަބު އަޅުގަނޑު ދަންނަވާލާނަން. އަމިއްލަ ފަރާތްތަކަށް ބިން މިލްކު ކުރުމާ ބެހޭގޮތުން ތަފާތު ވަރަށްގިނަ ޝުޢޫރުތައް، ރައްޔިތުންގެ ތެރޭގައި އެނބުރެމުންދާ ވަގުތެއްގައި، ސަރުކާރުގެ ވިސްނުން މިކަމުގައި ހުރިގޮތް އަދި މިކަމުން އަޅުގަނޑުމެންނަށް ޙާޞިލުވާނީ ކޮން ކަމެއްތޯ، އަޅުގަނޑުމެންގެ ވިސްނުމުގައި މިކަން ހުރިގޮތް އަޅުގަނޑުމެން ދަންނަވާލާނަން.

އާދެ، މި ގެނެވުނު އިޞްލާޙަކީ ދިވެހިރާއްޖެއަށް އާ އިޞްލާޙެއް. މި ގެނެވުނު އިޞްލާޙަކީ ދުނިޔޭގެ އެތަން މިތަނުގައި ޢަމަލުކުރަމުންދާ ގޮތް. ބިމަކީ އޭގެ ފުރިހަމަ އަގު، އެއަށް ލިބޭނީ މުދާ ރަހުނުގައި ބެހެއްޓި ކަމުގައިވީނަމަވެސް، ވިއްކާލި ކަމުގައިވީނަމަވެސް، އަދި އެ އިންވެސްޓްމަންޓް، އިންވެސްޓްމަންޓަކަށް ހެދި ނަމަވެސް، ބިމަށް އޮންނަ ހުރިހާ ޤާނޫނީ ޙައްޤުތަކެއް ބިމަށް ލިބިގެން. ބިމަށް އޮންނަ ހުރިހާ ޤާނޫނީ ޙައްޤުތަކެއް ބިމަށް ލިބޭނީ، ބިމަކީ އަމިއްލައަށް މިލްކު ކުރެވޭ ބިމަކަށްވެގެން. ދިވެހިރާއްޖޭގައި މިކަން އޮތީ މިގޮތަށް. ބިން ރަހުނުގެ ގޮތުގައި ބަހައްޓާފައި، ބޭންކުން ލޯނު ނަގާ ފަރާތްތަކަށް މިކަން ވަރަށް ރަނގަޅަށް އިޙްސާސް ވެގެންދާނެ. ދުނިޔޭގެ ހުރިހާ ތަނެއްގައި، 1 ވަނަ ދުނިޔޭގެ ޤައުމުތަކުގައި، އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިޔާއަށް ބެލި ކަމުގައިވީނަމަވެސް، ފްރީ ހޯލްޑް، ނޫނިއްޔާ ބިން އަމިއްލަ ކުރުމަކީ، އެތަންތަނުގައި ހުއްދަކުރާ ކަމެއް.

ބިން އަމިއްލަ ކުރުމުގެ ބޭނުމަކަށް މިވަނީ، އެ ބިމަށް ލިބެންވާ ފުރިހަމަ އަގު ލިބިގެން ދިޔުން. އަދި ބިން އަމިއްލަ ކުރުމުގެ ބޭނުމަކަށް ވެގެންދަނީ، ދިވެހިރާއްޖޭގެ ނަޒަރުން ވިސްނާ ކަމަށްވަންޏާ، ކޮންމެ މީހަކަށް ބިން އަމިއްލަކުރެވޭ ގޮތަށް އޮތް އޮތުމެއް ނޫން. މި ޤާނޫނުއަސާސީގެ ދަށުން މި ގެނެވުނީ އިޚްތިޔާރީ ބަދަލެއް. ދައުލަތަށް ލިބޭ ހުއްދައަކީ، ވަރަށް ބޮޑެތި ބެލުންތަކާއެކީ އަދި ކޮންމެ މައްސަލައެއް، ރައްޔިތުންގެ މަޖިލީހަށް ގޮއްސައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވައިގެން ނޫނިއްޔާ، ކަންކަން ނުކުރެވޭގޮތަށް އޮތް މިދެންނެވި ކަހަލަ ބަދަލެއް. ކޮންމެ މަޝްރޫޢެއް، ސަރުކާރުން އެ މަޝްރޫޢަކަށް ހުއްދަދޭން ބޭނުންވެއްޖެ ކަމަށްވަންޏާ، އެއީ އަދި މި ޤާނޫނުއަސާސީގައި ކަނޑައަޅާފައި، މި އިޞްލާޙުތަކުގައި ކަނޑައަޅާފައި އޮތް ޝަރުޠުތައް ފުރިހަމަވާ ކަމަށްވަންޏާ، އެ ޕްރޮޖެކްޓެއް ނޫނީ އެ މަޝްރޫޢެއް މިދަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން. އެހެންވީމާ، މިއީކީ ސަރުކާރު ހިންގަން ހުންނަ މީހަކު، ގަލަމުން ސޮއިކޮށްލާ ސޮއިކޮށްލުމެއްގެ ތެރޭގައި، ދިވެހިރާއްޖެއިން ބައެއް، ބޭރުގެ ފަރާތްތަކަށް ދާ ދިޔުމެއް ނޫން. މިދެންނެވި ކަހަލަ ވަރަށް ބޮޑެތި ސޭފްގާޑްތަކާއެކީ މިކަން ކުރަންޖެހޭ ސަބަބުވެސް މިދަންނަވާލަނީ.

ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައި ހިމެނޭ ޤައުމުތަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން ކުރިއަށް ދެވެން އޮތް ގޮތްތަކަށް ބަލާކަމަށްވަންޏާ، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެންނަން އެބަޖެހޭ. ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެންނައިރު، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޕަރސްޕެކްޓިވް ދަންނަވާލާނަން. ރާއްޖޭގެ އެންމެ ބޮޑެތި އިންވެސްޓްމަންޓްތައް، ބޭރުގެ އިންވެސްޓްމަންޓްތައް މިވަގުތު ހުރި ދާއިރާއަކީ ޓުއަރިޒަމްގެ ޞިނާޢަތް. ޓުއަރިޒަމްގެ މަސައްކަތްތައް ފެށިފައި އޮތްގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ސަރުކާރުން ފުރަތަމަ ދެއްވަމުން ގެންދެވީ 7 އަހަރުގެ މުއްދަތެއް. އޭގެފަހުން އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ 21 އަހަރުގެ މުއްދަތެއް. އޭގެފަހުން 35 އަހަރުގެ މުއްދަތެއް. އަދި އޭގެފަހުން މިހާރު 50 އަހަރުގެ މުއްދަތެއް. އެކަމަކު މިހާރު އޮތް ޤާނޫނުއަސާސީގެ ދަށުންވެސް 99 އަހަރުގެ މުއްދަތް، މިތަންތަނަށްވެސް އެބަ ލިބޭ. ޓުއަރިޒަމްގައި އިންވެސްޓް ކުރެވިފައ ހުރި ޢަދަދުތަކަށް ބަލާކަމަށްވަންޏާ، ޓުއަރިޒަމްގެ ރިޒޯޓްތަކުގައި އެންމެ އާދައިގެ ފެންވަރުގައި، ނޫނިއްޔާ ފެންވަރުގެ ގޮތުން ތަންކޮޅެއް އާދައިގެ ގޮތުގައ ހުރި ރިޒޯޓްތަކުގައި މިހިރީ ގާތްގަނޑަކަށް ދިހަވަރަކަށް، ފަނަރަވަރަކަށް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް. ބޮޑެތިވެގެން ގޮއްސައި، އެންމެ ބޮޑެތި، އެންމެ ފެންވަރު ރަނގަޅު ތަންތަން، ގާތްގަނޑަކަށް ދުއިސައްތަވަރަކަށް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގައި މިއުޅެނީ.

އަޅުގަނޑުމެން މި ޤާނޫނުއަސާސީއަށް މި ގެނައި ބަދަލުން ސަރުކާރަށް އިޚްތިޔާރު މި ހޯދަނީ، 1000 މިލިއަން ޑޮލަރަށްވުރެން ބޮޑެތި ޢަދަދުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެންނަން. 1000 މިލިއަން ޑޮލަރަށްވުރެން ބޮޑެތި އިންވެސްޓްމަންޓް ރާއްޖެއަށް ގެނެވޭ ޙާލަތްތަކުގައި، މި ޤާނޫނުއަސާސީގެ މި މާއްދާ، ސަރުކާރާއި އަދި ރައްޔިތުންގެ މަޖިލީހުން އެކަމަށް ރުހޭކަމަށްވަންޏާ، މިދެންނެވި އިޚްތިޔާރު ލިބިގެންދަނީ. ފްރީހޯލްޑް ނޫނިއްޔާ ބިން މިލްކު ކުރުން. ބިން މިލްކު މި ކުރެވެނީ، އިޤްތިޞާދީ ބޮޑެތި މަސައްކަތްތައް ކުރަން އެކަނި. ބިން މިލްކު މި ކުރެވެނީކީއެއް، ބޭރު މީހުން އެ ސަރަޙައްދުތަކުގައި ވަޒަންވެރިކުރުވުމުގެ ގޮތަކުންނެއް ނޫން. އެތަންތަނުގައި މަސައްކަތްކުރާ މީހުން އެތަންތަނުގައި އުޅޭނެ. އެހެން ނަމަވެސް، ބިން މި މިލްކު ކުރެވެނީ، ހަމަ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައް ހިންގަން. އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައް ހިންގާއިރު، ބިން މިލްކުވުމަކުންނެއް، އެ ހުއްދަ ދެވުނު މަޝްރޫޢު ފިޔަވައި އެހެން މަސައްކަތްތަކެއް އެއްވެސްއިރެއްގައި އެތާކު ނުކުރެވޭނެ. އަދި އެ މަޝްރޫޢުތަކަށް ހުއްދަ ނަގައިގެން، އެ މަޝްރޫޢުތައް ޑިޒައިންކޮށްފައި، އޭގެފަހުން މިލްކުވެފައި އޮތް ބިމެއްގައި، މިލްކުވެރި ފަރާތުން އެތަންތަން ތަޅާލާފައި، އެމީހުން ބޭނުން މަސައްކަތްތަކެއް ނުކުރެވޭނެ. މިއީ ރާއްޖޭގައި މިހާރު މިކަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން އޮޅޭގޮތަށް ދައްކަވާ ވާހަކަފުޅުތައް. އެތަންތަނުގައި ދެންވެސް ކުރެވޭނީ ހަމަ އޭރު ހުއްދަދީފައި އޮތް ކަންތައްތައް. ނޫނިއްޔާ އަލުން ރައްޔިތުންގެ މަޖިލީހަށް ގޮސްގެން ހުއްދަ ލިބޭ ކަންކަމަށް.

ދިވެހިރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ ފުރިހަމަ ބާރު، މިހުރިހާ ތަނަކަށް ހިނގާނެ. މިއީ ދިވެހިރާއްޖޭގެ ބިމެއް. މި ބިން މިއޮތީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ މި ބުނަނީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ހުރިހާ ހިސާބަކަށްވެސް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށް. އެހެންވީމާ، ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި އޮންނަ ބިމެއް، ބޭރު މީހަކު އަމިއްލަ ކުރުމުން، ބޭރުގެ ކުންފުންޏަކުން އަމިއްލަ ކުރުމުން، ރާއްޖޭގެ، ދައުލަތުގެ ސިޔާދަތީ ބާރު، އެ ބިމުގެ މައްޗަށް ކެނޑިގެންދާނެ ޙާލަތެއް މެދުވެރިއެއްނުވާނެ. އެ ބިމުގެ މައްޗަށް ރާއްޖޭގެ، ދައުލަތުގެ ސިޔާދަތީ ބާރު ކެނޑިގެން ނުދާ ކަމަށްވަންޏާ، އެ ތަންތަނުގައި ފައްޅިއެއް ނޭޅޭނެ. އަދި އެތަންތަނުގައި ޖުވާކުޅޭ ތަންތަނެއް ނުހެދޭނެ. އަދި އެތަންތަނުގައި އަޅުގަނޑުމެން މަނާކުރާ ކަންކަމެއް ނުކުރެވޭނެ.

އެހެންވީމާ، މިއީ ހަމަ ރައްޔިތުންނަށް އޮޅޭގޮތަށް ދެކެވެމުންދާ ވާހަކަ. މިކަމުގެ އެއްވެސް ނުތަނަވަސްކަމެއް އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްތަކުގައި އުފެދޭކަށް ޖާގައެއް ނެތް. މިއިން އެއްވެސް ކަމަކީ، ބޭރުގެ ދީންތައް ފަތުރަން ރާއްޖޭގައި ލިބޭ ފުރްޞަތެއް ނޫން. މިއިން އެއްވެސް ކަމެއް ނުކުރެވޭނެ. އެކަންކަން ކުރެވޭ ކަމަށްވަންޏާ، މިހާރުވެސް 99 އަހަރަށް ދޭ ތަންތަނުގައިވެސް އެކަންކަން ކުރެވޭނެ. މިކަންކަން ކުރުމަކީ، ބިން ދޫކުރެވިފައި އޮންނަ މުއްދަތަކާ ގުޅޭ ކަމެއް ނޫން. މިކަންކަން ކުރުމަކީ، ރާއްޖޭގެ ސިޔާދަތީ ބާރު އެކްސަރސައިޒް ކުރާނެ ގޮތާ ދޭތެރޭގައި އޮތް ކަމެއް. 99 އަހަރަށް ލިބިފައި އޮތް ތަނެއްގައިވެސް، މިކަހަލަ ކަންތައްތައް ކުރެވޭ ކަމަށްވަންޏާ، އެއަށްވުރެ ދިގު މުއްދަތަށް ދޭ ތަންތަނުގައިވެސް މިކަހަލަ ކަންތައް ކުރެވޭނެ. އެހެންވީމާ، މިއީކީ އެއްގޮތަކަށްވެސް ބިން މިލްކުވުމާ ގުޅުންހުރި މައްސަލައެއް ނޫން.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި، ދިވެހި ދައުލަތާ ކަންބޮޑުވާންޖެހޭނެ މައްސަލައަކަށް އޮންނާނީ، މިކަހަލަ ކަމެއް ކުރީމަ، ދިވެހި ދައުލަތަށް، ނޫނީ ދިވެހިރާއްޖެއަށް ބޭރުގެ އެއްވެސްކަހަލަ ނުރައްކަލެއް އަތުވެދާނެތޯ؟ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް، ބިން ދެނީ ކޮންބަޔަކަށްކަން ދެނެގަތުން. އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް. ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ހިންގާ ބައެއްގެ އަތްމަތީގައި އޮތް ކަމެއް. އަޅުގަނޑުމެން ބޭނުން ނޫން ބަޔަކަށް އަދި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި ޕްރޮޖެކްޓެއް މިތަނަށް އައި ނަމަވެސް، އެއަށް ހުއްދަ ނުދިނުން. ޕްރޮޖެކްޓްތަކަށް ހުއްދަ ދޭނީ ސަރުކާރުން. ޕްރޮޖެކްޓްތަކަށް ހުއްދަ ދޭނީ އެއް ބިލިއަނަށްވުރެ މަތިވެގެން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ޕްރޮޖެކްޓްތަކަށް ރައްޔިތުންގެ މަޖިލީހުން. ސަރުކާރުގެ އިޚްތިޔާރުގައި އޮތް ކަމެއް، އެ މަޝްރޫޢުތައް އަންނަނީ ކޮން ދިމާއަކުންތޯ، ކޮންކަހަލަ ވިސްނުމެއްގެ ތެރެއިން އަންނަ މަޝްރޫޢުތަކެއްތޯ. ކޮންކަހަލަ އަޅުވެތިކަމެއް، އޭގައި ކުރިމަތިކޮށްފާނެ މަޝްރޫޢުތަކެއްތޯ ވިސްނުމާއި، ދެނެގަތުމަކީ ސަރުކާރުގެ އަތްމަތީގައި އޮތް ކަމެއް. އެކަންކަމަކުންނެއް މި ޤާނޫނުއަސާސީއަށް މި ގެނެވުނު އިޞްލާޙަކުންނެއް ޖާގަދޭކަށް އެއްގޮތަކަށްވެސް ނުޖެހޭ.

އެހެންވީމާ، އަޅުގަނޑުމެން ވިސްނާކަށްނުޖެހޭ، މި ދޫކުރެވޭ ހުއްދަތަކުގެ ދަށަކުންނެއް، އަޅުގަނޑުމެން އަޅުވެތިވެދާނެ ކަމަކަށް ވިސްނާކަށްނުޖެހޭ. އަދި އަޅުގަނޑުމެން ބޭނުންނޫން ބަޔަކަށް ބިން ދޫކުރާކަށްވެސް ނުޖެހޭ. އަދި އަވަށްޓެރި ޤައުމުތަކާއި އަޅުގަނޑުމެންނާ ދޭތެރޭގައި މިއޮންނަ ރަޙްމަތްތެރި، އެކުވެރި ގުޅުމަކަށް މިއަކުން ބަދަލު އަންނާކަށް އަމުދުން ޖާގައެއް ނުލިބޭ. އަޅުގަނޑުމެންގެ ސަރުކާރުން ނިންމާފައި އެއޮތީ، އިންޑިއާ ސަރަޙައްދަކީ، މިދެންނެވި ކަހަލަ ނުރައްކާތަކުން ސަލާމަތުން އޮންނާނެ ސަރަޙައްދެއްގެ ގޮތުގައި، ކަނޑެއްގެ ގޮތުގައި ބޭއްވުމަށް. އިންޑިއާ ކަނޑަކީ ޑީމިލިޓިރައިޒް ޒޯނެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުންވަނީ އިންޑިއާ ސަރުކާރަށްވެސް އަދި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށްވެސް ކަށަވަރު ބަސް ދީފައި. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކަށް، ބިން ދިގު މުއްދަތަކަށް ދިނުމަކުންނެއް، ނޫނިއްޔާ ފްރީ ހޯލްޑްގެ ގޮތުގައި ދިނުމަކުންނެއް ޚާރިޖީ ސިޔާސަތަކަށް ބަދަލެއް ނާދެ. ޚާރިޖީ ސިޔާސަތަށް ބަދަލު ނާންނަ ކަމަށްވަންޏާ، މިދެންނެވި ކަހަލަ އެއްވެސް ނުރައްކަލެއް، ދިވެހި ރައްޔިތުންނަކަށްވެސް އަދި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަކަށްވެސް އެއްވެސް ކަހަލަ ނުރައްކަލެއް ނެތް.

ދެން އަޅުގަނޑު ހަމަ ބަލައިލަން ބޭނުންވާ އަނެއް ކަމަކީ، އަޅުގަނޑުމެން މިކުރާ ކަންކަމުން ކޮންކަމެއްތޯ ފުދިގެންދަނީ. އަޅުގަނޑުމެން މިކުރާ ކަންކަމުން ފުދިގެންދާ ކަންކަމަކީ، އަޅުގަނޑުމެންގެ ތަރައްޤީގެ ތަޞައްވުރު ޙާޞިލު ކުރުން. ގެންދާ ޕޭސް ނޫނީ ޓެމްޕޯ އަވަސްކުރުން. އަޅުގަނޑުމެންގެ ދިވެހި ދައުލަތަށް މިއަދު ދިމާވާ އެންމެބޮޑު ކަމަކީ، 50 އަހަރުގެ މިނިވަންކަން އަޅުގަނޑުމެން އިޙްސާސް ކުރަމުންދާއިރުވެސް އަޅުގަނޑުމެން ޙަޤީޤަތުގައި މިކަންކަމާ ދޭތެރޭގައި ވިސްނާލަންޖެހޭ ޖެހުން. ކަންކަމުގައި ބޭރުގެ ފަރާތްތަކަށް އަޅުގަނޑުމެން ދާންޖެހޭ. މަޝްރޫޢުތަކުގައި ފައިސާ ހޯދަން ބޭރުގެ ފަރާތްތަކަށް ދާންޖެހޭ. ފުރިހަމަ މިނިވަންކަމެއް، އޭގެ އިޙްސާސް އަޅުގަނޑުމެންނަށް ކުރެވޭނީ އަދި ފުރިހަމަ މިނިވަންކަމެއްގެ ބާރު އަޅުގަނޑުމެންނަށް ލިބިގެންދާނީ، އިޤްތިޞާދީ ގޮތުން ފުދުންތެރި ވަރުގަދަ ބަޔަކަށް، ދިވެހި ދައުލަތް ބަދަލުކޮށްލެވިގެން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެންގެ ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށްޓަކައި މިދެންނެވި ގޮތަށް، އިޤްތިޞާދީ ޓްރާންސްފޮމޭޝަން މަސައްކަތްތަކެއް ބިސްމި ކިޔާފައި، މި ސަރުކާރުން ފެށްޓި ފެށްޓުން.

މި ޤާނޫނުއަސާސީއަށް މި ގެނެވޭ އިޞްލާޙަކީ، އެ ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑުމެން ގެނައި އިޞްލާޙެއް. އަޅުގަނޑުމެން މިކަން ކުރަން، ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި މިކަން ވާނެ ކަމަށް އަޅުގަނޑުމެން ތިބޭނީތޯ، ނޫނިއްޔާ މިހާރު މިކުރާ ގޮތަށް ބިޒްނަސް އޭސް ޔޫޝުއަލް މިގޮތަށް ގެންގޮސްގެން އަޅުގަނޑުމެން އާ ތަރައްޤީއެއް ހޯދާނީތޯ. ނޫނީ ވިސްނުމެއް ހުރެގެން، އަމާޒެއް އޮވެގެން، މި އިޤްތިޞާދީ މިނިވަންކަން ކުޑަ ގޮތެއްގައި އޮތް އޮތުން، އަޅުގަނޑުމެން އެއަށްވުރެން ދުރަށް ގެންގޮސް، އަޅުގަނޑުމެން ބޭނުންވާ މަންޒިލަކާ ހަމަޔަށް ދާން، އިސްވެ މަސައްކަތްތަކެއް، ކުރު މުއްދަތެއްގެ ތެރޭގައި ޙާޞިލުކުރަން ކުރާނީތޯ. މިއީ އަޅުގަނޑުމެން އުފައްދާ ސުވާލު.

ދިވެހިރާއްޖޭގެ ޒުވާނުންގެ އުންމީދުތަކާ ގުޅިފައި ހުރީ ޒުވާނުންނަށް ބޭނުންވާ ވަޒީފާ. ޒުވާނުންގެ އުންމީދުތަކާ ގުޅިފައި ހުރީ ގެދޮރުވެރިކަން. ލިބެންވާ އާމްދަނީ. އަޅުގަނޑުގެ ސަރުކާރުން އަޅުގަނޑު ބޭނުންވަނީ، މި އުންމީދުތައް، ވީހާ އަވަސް މުއްދަތެއްގައި ފުރިހަމަކޮށްދޭން. އިޤްތިޞާދީ ބާރުވެރިކަމަކީ، ދައުލަތެއްގެ ނިސްބަތުން މުހިންމު އެއްޗެއް. އިޤްތިޞާދީ ބާރުވެރިކަމަކީ، ފަރުދެއްގެ ނިސްބަތުން ވަރަށް މުހިންމު އެއްޗެއް. އެހެންވީމާ، އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މިކުރާ ކަންކަމުގެ ތެރެއިން އަޅުވެތިކަމުގެ ތެރެއިން ނުކުމެ، އަޅުގަނޑުމެންވެސް 1 ވަނަ ދުނިޔޭގެ ޤައުމުތަކާއެކީ، ބައިނަލްއަޤްވާމީ އެކިއެކި ޖަލްސާތަކުގައި އަޅުގަނޑުމެންގެ ބަސްވިކޭ ބަޔަކަށް ހެދުމަކީ، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ ނަތީޖާއަކަށް ވެގެންދާނެ ކަމެއް.

އެގޮތުން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މި ހިނގާ ދުވެލީގައި އޮވެގެން މިކަން ކޮންމެވެސް ދުވަހަކުން ﷲގެ ރަޙްމަތާއެކީ ވާނީތޯ ބެލުން ނުވަތަ އަޅުގަނޑުމެންގެ ޢަޒުމެއް ހުރެގެން، މިދެންނެވި ހިސާބުން ކަސްތޮޅުން ފިލައިގެން ގޮސް، އަޅުގަނޑުމެން އަމިއްލައަށް ކުރާ މަސައްކަތަކުން އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި، އަޅުގަނޑުމެން ވާސިލުވާން ބޭނުންވާ ހިސާބަށް ވާސިލުވުމަށްޓަކައި މަގު ކޮށާނީތޯ، މިކުރެވޭ ސުވާލު. އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުން ބޭނުންވަނީ، އަޅުގަނޑުމެން މިދެންނެވި ކަންކަމުގައި، އަޅުގަނޑުމެންގެ އަމާޒު އޮވެގެން، އަޅުގަނޑުމެން ދަތުރުކުރަން ބޭނުންވާ މިޞްރާބެއްގައި، އަޅުގަނޑުމެންގެ ދުވެލީގައި ދަތުރުކުރުމުގެ ފުރިހަމަ ބާރުވެރިކަން އަޅުގަނޑުގެ ސަރުކާރުގައި އޮތުން. މިކަން ކުރުމުގެ ބޭނުމަކީ މިދެންނެވި ގޮތަށް، ދިވެހިރާއްޖެއަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ކުރުމަށް، އަޅުގަނޑުމެންނަށް ލިބޭ ވަރުގަދަ ހިތްވަރު.

އަޅުގަނޑުމެން އުފައްދާ އަނެއް ސުވާލަކީ، ދިވެހިރާއްޖެއިން މިގޮތަށް ބިން ދޫކުރެވޭނީ ކިހިނެއްތޯ؟ ދިވެހިރާއްޖެއިން ބިން ދޫކުރެވެނީކީ ނޫން. ދިވެހިރާއްޖޭގެ ކަނޑުތައް ހިއްކައިގެން، ބޮޑެތި ފަޅުތައް ހިއްކައިގެން ބިން ދޫކުރާ ވާހަކަ މި ދައްކަނީ. ބޮޑުވަރަކަށް މަޝްރޫޢަކަށް، އެއް ބިލިއަނަށްވުރެ ބޮޑު މަޝްރޫޢަކަށް، މުޅި މަޝްރޫޢަށް ބޭނުންވާ ބިމުގެ 30 ޕަސެންޓަށްވުރެ ބޮޑު ބައެއް، ހިކިފައި އޮތް ބިމަކުންނެއް ލިބޭނެ ގޮތެއް ނެތް. 70 ޕަސެންޓް، ނޫނިއްޔާ އެއަށްވުރެ ބޮޑު ޕަސެންޓަކީ ހިއްކަންޖެހޭ ބިން. ބިން ހިއްކުމެއްވެސް ނޫން އަގުބޮޑީ. ބިން ހިއްކައިގެން އެތާ ހަދާ އިންފްރާސްޓްރަކްޗަރުގެ ބޮޑެތި މަޝްރޫޢުތައް އަގުބޮޑީ. އެހެންވެގެން އެއް ބިލިއަން ޑޮލަރު ދަނީ. ބިން ހިއްކާކަށް ނޫން، އެއް ބިލިއަން ޑޮލަރު ދަނީ. މިކްސްޑް ޑިވެލޮޕްމަންޓަށް ދާ ކަމަށްވަންޏާ، އެތަނުގައި ޑިވެލޮޕް ކުރެވޭ ޓައުންޝިޕާއި، އިޤްތިޞާދީ މަސައްކަތްތަކާއި، އެއަރޕޯޓާއި، މެރީނާތަކާއި، މި ހަދާ ބަނދަރުތަކާ، މިހުރިހާ އެއްޗަކީ މީގެ އަގުގެ ބޮޑުބައި ހިފާ ކަންތައް.

ބިން ހިއްކުމަށް އެކަނި ބަލައިލާ ކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ ސުވާލަކީ، މިގޮތަށް އެއް ޕާޓީއަކަށް، ދެ ޕާޓީއަކަށް ބިން ދިނުމުން، ދިވެހި ރައްޔިތުން، ކުރިއަށް އޮތް 50 އަހަރުގައި، 100 އަހަރުގައި އުޅޭނެ ބިން، ދިވެހިރާއްޖެއިން މުޅިން ހުސްވެގެންދާނީތޯ؟ އަޅުގަނޑުމެން މިގޮތަށް ބޮޑެތި މަޝްރޫޢުތަކަށް ބިން ދޫކުރަން ނިންމާފައި މިއޮތީކީ، ބޮޑު ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅާ ދިމާލުގައި ހުރި ހުރިހާ ބިންތައް ދޫކުރާގޮތަކަށެއް ނޫން. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންނަށް ބޭނުންތެރި، އަޅުގަނޑުމެން ހޮވާލާ މަދު މަޝްރޫޢުތަކަކަށް. އެހެންވީމާ، މިކަމުން ދިވެހި ރައްޔިތުންނަށް، ކުރިއަށް އޮތް ޖީލުތަކަށް ބިން ހުސްވެދާނެ ކަމުގެ ބިރު، މި ސުވާލު އުފައްދައި، މި ވަހުމް އުފައްދާތީ، އޭގެ ޖަވާބުވެސް، ތިޔަބޭފުޅުންނަށް އަރުވާނަން.

އަޅުގަނޑު މިދެންނެވި ގޮތަށް ރާއްޖޭގެ ހުރި ހުރިހާ ބިންތައް، ފަޅުތައް މިގޮތަށް ދޫކުރުމެއް ނޫން، އަޅުގަނޑުމެންގެ ޚިޔާލަކީ. އަޅުގަނޑުމެން ބޭނުންވާ ބޮޑެތި މަސައްކަތްތަކަށް އަދި އަޅުގަނޑުމެން ބޭނުންވާ ޢަދަދުގެ ވަޒީފާ އުފެއްދުމަށް ނެޝަނަލް ވެލްތް، ނޫނިއްޔާ ޤައުމީ މުއްސަނދިކަން އުފެއްދޭވަރުގެ ބޮޑެތި މަޝްރޫޢުތަކަށް ނޫނިއްޔާ، މި ބިންތަކެއް ނުލިބޭނެ. ޤާނޫނުއަސާސީގައި މި ޖާގަ ލިބުނަސް، ސަރުކާރުން އެ ޖާގަ ކޮންމެހެން ބޭރު ފަރާތްތަކަށް ދޭކަށްނުޖެހޭ. އަޅުގަނޑުމެން ދިވެހިން އުޅޭނެ ބިން ނެތިގެން، މިކަންކަމުގެ ވާހަކަ ދައްކަންޏާ، ނޫނިއްޔާ ބިރުވެރިކަން އުފައްދާ ކަމަށްވަންޏާ، އެ ސުވާލުގެ ޖަވާބު އަޅުގަނޑު ދަންނަވާނަން.

އަޅުގަނޑު މިކުރާ މަސައްކަތަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ އެތަން މިތަނުގައި އެހެރީ ތިލަފަޅުތައް. މި ފަޅުތަކަކީ ހިއްކައިގެން ބިން ބޮޑުކުރެވޭނެ ތަންތަން. އަޅުގަނޑުމެންގެ އަތުގައި އޮތް ސުވާލަކީ، އަޅުގަނޑު މިދެންނެވި ގޮތަށް، އިޤްތިޞާދީ ދުވެލި، މިހާރު ހުރި ދުވެލީގައި ގޮސްގެން އަޅުގަނޑުމެން މިކަން ޙާޞިލުކުރާނީތޯ؟ ނޫނިއްޔާ އަޅުގަނޑުމެން ޢަޒުމްކޮށްގެން، އަޅުގަނޑުމެން މި ކަނޑައަޅާ ކުރު މުއްދަތެއްގެ ތެރޭގައި މިކަން ޙާޞިލު ކުރުމަށް މަސައްކަތް ކުރާނީތޯ؟ މިސާލު، ހުޅުމާލެ ފޭސް 1، އޭރު އަޅުގަނޑުމެންގެ ދުވެލީގައި އެކަން ކުރަމުން ގޮސް، އަޅުގަނޑުމެންނަށް ނެގި 7 އަހަރާއި މުއްދަތުތަކެއް، ހުޅުމާލޭގެ ފޭސް 1 ހިއްކައި ނިންމަން އެކަނި. ހުޅުމާލެ ފޭސް 2، ހުޅުމާލެ ފޭސް 1 އަށްވުރެ ބޮޑު. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑު މިދެންނެވި މިޞްރާބަށް، އަޅުގަނޑުމެންގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރުވެރިކަމާއި އަދި އެ ކެރުންތެރިކަން ހުރީމާ، 9 ހަފްތާގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އެއޮތީ ހިއްކައި ނިންމާފައި. އަޅުގަނޑުމެން ކުރީގައި ކުރާގޮތަށް، މިކަން ކުރަން ތިބިނަމަ، އެއީ 7 އަހަރު އަނެއްކާ ތިބެންޖެހޭ ކަމެއް. ޒުވާނުންގެ އުންމީދުތައް ގުޅިފައި އޮތީ، މި ސަރަޙައްދުން ޒުވާނުންނަށް ވަޒީފާ ލިބުމާއި، ޒުވާނުންނަށް ގެދޮރުވެރިކަން ލިބުމުގެ ޖާގަ އިތުރުވެގެން ދިޔުމާ. މިހާރު މި ކުރެވޭ މަސައްކަތުން ހިކޭ ބިންތައް، ނޫނިއްޔާ ހުރި ތިލަފަޅުތަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެއަކަށް ބިން މަދެއް ނޫން. އަޅުގަނޑުމެންގެ އާޗިޕެލާގޯގެ ބިމުގެ މުއްސަނދި ކަމަށް ބަލާކަމަށްވަންޏާ، މިތާ ކައިރީގައި ހުރި ބައެއް ޤައުމުތަކަށްވުރެން އަޅުގަނޑުމެން ބިން އުފައްދައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ބޮޑެތި.

އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން ހުރީ ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަން. މިހާރު އެވަނީ އިކޮނޮމިކް ކައުންސިލުން ހުއްދަ ދެއްވައިގެން، އަޅުގަނޑުމެންގެ ރާއްޖޭގައި ބޭރު ފަރާތްތަކުން ގެނެސްގެން މި ގެންގުޅޭ ކަހަލަ ޑްރެޖަރު ގެންނަން ހުއްދަދީފައި. އެމް.ޓީ.ސީ.ސީ އަށް އެ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢަށް ފައިސާ، އަޅުގަނޑުމެން ވަނީ ދީފައި. މިހާރު އެވަނީ ޕާޓް ޕޭމަންޓް ހަދާފައި. މިއަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އެމް.ޓީ.ސީ.ސީ އަށް ކަޓަރ ޑްރެޖަރު ގެންނާނެ. އެހެން ކަމަށްވަންޏާ ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތައް ހިންގާނީ އަޅުގަނޑުމެން އަމިއްލައަށް. މިއީ ސަރުކާރުގެ ވިސްނުން ހުރިގޮތް. ބިމުގެ މުއްސަނދިކަން އިތުރުކުރުމަކީ، ސަރުކާރުން ބޭނުންވާ ކަންތައް.

ދިވެހިން އުޅޭނެ ބިން ނެތް ކަމަށް، މި ސުވާލު އުފައްދާ ބޭފުޅުންގެ ޖަވާބުގައި އަޅުގަނޑު ހަމަ ތިން މިސާލެއް ދަންނަވާނަން. ބިން ހިއްކުމުގެ ކެޕޭސިޓީ އިތުރުކުރަން ކުރާ މަސައްކަތް އަޅުގަނޑު މި ދަންނަވާލީ. އަޅުގަނޑު ހަމަ ތިން މިސާލެއް ދަންނަވާފައި، އަޅުގަނޑާއެކީ މި ތިއްބެވި އަޅުގަނޑުގެ ނައިބު ރައީސް އަދި އަޅުގަނޑުގެ ބަންޑާރަ ނައިބު، ދިވެހި ދައުލަތުގެ ބަންޑާރަ ނައިބު، މިބޭފުޅުން ތިޔަބޭފުޅުންނަށް އިތުރަށް މި މަޝްރޫޢުގެ މަޢުލޫމާތު ދެއްވާނެ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދިވެހިރާއްޖެއިން ބިން ހުސްވެދާނެތީ އުޅޭކަށް ނުޖެހެޔޭ. އަޅުގަނޑު ހަމަ ދެތިން މިސާލު ދަންނަވާލާނަން. ޚަރަދުގެ ގޮތުން އަޅުގަނޑުމެންނަށް އަތްފޯރާ ހިސާބަށް، މިދެންނެވި ގޮތަށް ކަޓަރ ޑްރެޖަރ އަޅުގަނޑުމެން ހޯދައިފި ކަމަށްވަންޏާ، ބިން ހިއްކުމުގެ ޚަރަދުތައް އެބަ ގެނެވޭ. ލ. އަތޮޅު މާވަށު ފަޅުތެރެ. ލ. އަތޮޅު މާވަށު ފަޅުތެރެ ހިއްކައިފި ކަމަށްވަންޏާ، އަޅުގަނޑުމެން މި އުފައްދަނީ 26 މިލިއަން އަކަމީޓަރުގެ ބިން. 26 މިލިއަން އަކަމީޓަރުގެ ބިން އުފައްދަން އަޅުގަނޑުމެންނަށް މިދަނީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު. މިއީ އަޅުގަނޑުމެން ކަޓަރ ޑްރެޖަރު ގެނެއްސިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. މިއީ އަޅުގަނޑުމެންނަށް އަތްފޯރާ ހިސާބުގައި އޮތް ކަމެއް.

ދެން އޮތީ ވ. އަތޮޅު ބޮޑުމޮހޮރާ ފަޅު. ވ. އަތޮޅު ބޮޑުމޮހޮރާ ފަޅަށް އެކަނި ބަލައިލި ކަމަށްވިނަމަވެސް، އަޅުގަނޑުމެން އަތްފޯރާ ހިސާބުގައި ކޮސްޓް އޮތީ. އިންވެސްޓްމަންޓް އޮތީ. 160 އަކަށް މިލިއަން އަޅުގަނޑުމެން މި އުފައްދަނީ، 45 މިލިއަން އަކަމީޓަރުގެ ބިން. މިއީ ދިވެހިރާއްޖެއަށް ކުރެވެން އޮތް ކަމެއް. ތ. އަތޮޅު ހިރިލަންދޫ ފަޅު. ތ. އަތޮޅު ހިރިލަންދޫ ފަޅަކީ ގާތްގަނޑަކަށް 50 ހަކަށް މިލިއަން އެމެރިކާ ޑޮލަރުން ކުރެވެން އޮތް ކަމެއް. އަޅުގަނޑުމެންނަށް އިތުރުކުރެވެން އެބައޮތް، ގާތްގަނޑަކަށް 16 މިލިއަން އަކަމީޓަރުގެ ބިން. އެހެންވީމާ، ބިން އިތުރުކުރުމަކީ މިއަދުގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ، އިޤްތިޞާދީ ހަކަތައާއި ފުދުންތެރިކަން ހުރި ކަމެއް. އެހެންވީމާ، ދިވެހި ރައްޔިތުން މިހާރު އަޅުގަނޑުމެންގެ ބަރތްރޭޓް އިންކްރީޒްވަމުންދާ ވަރަށް ބަލައިފި ކަމަށްވަންޏާ، ކުރިއަށް އޮތް 50 އަހަރު ކީއްކުރަންތޯ، 100 އަހަރަށް ބެލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަކަށް ބިން އުފައްދައިގެން، ދިވެހިރާއްޖެއަކުން ބިން ހުސްވުމުގެ ބިރުވެރިކަމެއް ނެތް. މިއީ ދެކެވޭ ހަމަ ވިޔާނުދާ ވާހަކަ.

ސަރުކާރުގެ ސިޔާސަތަކަށް، މިދިޔަ ސަރުކާރުތަކުގެވެސް އަދި މި ސަރުކާރުގެ ސިޔާސަތަށްވެސް ވެފައި މިއޮތީ، ޙަޤީޤަތަކީ އަޞްލުގައި ޕޮޕިއުލޭޝަން ކޮންސޮލިޑޭޓް ކުރުން. އިޤްތިޞާދީ ބޮޑެތި ވިޔަފާރީގެ ފުރްޞަތު ހުރި ތަންތަނަށާއި، ބިން ބޮޑެތި ތަންތަނަށް މީހުން އެބަ ހިޖުރަ ކުރަންޖެހޭ. ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ހުޅުމާލެސިޓީ ހެދުމަށްޓަކައި ހުޅުމާލޭގެ ފޭސް 2 ހަދާފައި އެއޮތީ. އަޅުގަނޑުމެން އުންމީދު ކުރަނީ، އަޅުގަނޑުމެން މިތަން ގެދޮރުވެރިކުރުވުމަށް މިކުރާ މަސައްކަތުގައި އަދި ޢިމްރާނީ ތަރައްޤީއަށް މިކުރާ މަސައްކަތުގައި، ވަޒީފާ ހޯދައިދިނުމުގެ ފުރްޞަތު، މިތަންތަނުގައި ޤާއިމުވެގެން ދިޔައީމާ، ކުދިކުދި ރަށްރަށުގައި ތިބި ޒުވާނުން، ފުރިހަމައަށް މިކަންކަމުގެ ޚިދްމަތް ބޭނުންވެގެން، އެމީހުން އަމިއްލައަށް މިތަންތަނަށް ހިޖުރަކުރާނެކަމަށް. އެހެންވީމާ، ބޮޑު އާބާދީއެއް، މިހާރު މި އުފެދިފައި އޮތް ހުޅުމާލެ 2 އާއި، އަދި މާލެއާއި ހުޅުމާލޭގައި ޢިމާރާތް ކުރުމުގެ އުސްމިންތައް، 20 ބުރިއަށް ނޫނީ 25 ބުރިއަށް ނެގުމުގެ ޖާގަޔާއެކީ އަޅުގަނޑުމެން އިންތިޒާރު ކުރަނީ، ގާތްގަނޑަކަށް މުޅި ދިވެހިރާއްޖޭގެ އާބާދީގެ 60 ޕަސެންޓާއި 70 ޕަސެންޓާ ދޭތެރޭގެ ޢަދަދެއް، މާލެ ހުޅުމާލެ، މި ސަރަޙައްދުގައި ވަޒަންވެރިވާނެކަމަށް.

މިދެންނެވި އާބާދީގެ އިތުރަށް، އަޅުގަނޑުމެން މި އުފައްދާ ބިންތަކަށް ބަލައިފި ކަމަށްވަންޏާ، ތިޔަބޭފުޅުން ކޮންމެ ހިސާބެއް ކުރެއްވި ނަމަވެސް، ކުރިއަށް އޮތް 50 އަހަރު ކީއްކުރަންތޯ، ކުރިއަށް އޮތް 100 އަހަރަށްވެސް ދިވެހިރާއްޖޭގެ މީހުން ވަޒަންވެރިވާނެ، ދިވެހިން ވަޒަންވެރިވާނެ ބިން ނެތިގެން އެކަމާ ވިސްނާކަށް ޖާގައެއް ނެތް، އެއްގޮތަކަށްވެސް.

އަޅުގަނޑުމެން މިކުރި މަސައްކަތަކީ، އަޅުގަނޑުމެންނަށް ހުވަފެނެއް ފެނިގެން ކުރި މަސައްކަތެއް ނޫން. އަޅުގަނޑުމެން މިކުރި މަސައްކަތަކީ، އެތައް ދުވަހެއްގެ ޑެލިބަރޭޝަނާއެކީ، އެތައް ދުވަހެއްގެ ރިސަރޗާއެކީ ކުރި މަސައްކަތެއް. އަޅުގަނޑުމެން މިކުރި މަސައްކަތަކީ، މިކަމުގެ ޝައުޤުވެރިކަން ހުރީމާ، ބޭރުގެ ބައިނަލްއަޤްވާމީ ފަރާތްތަކާ ވާހަކަ ދެއްކުމާއި، އަދި ޤާނޫނީގޮތުން އަޅުގަނޑުމެން ކުރަންޖެހޭ ގިނަ ދިރާސާތަކެއް ކުރުމަށްފަހު، ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވި އިޞްލާޙެއް ގެނައީ. މި އިޞްލާޙު ގެނައުމާއެކީ، ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތޭ ދަންނަވާލަން އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކުރީ. ސަބަބު ނެތް ސަބަބުތައް އަޅުގަނޑު މިދަންނަވާލީ ތަފާތު އެކި މައުޟޫޢުގެ ދަށުން. ރާއްޖެއިން ބިން ހުސްވާނެތޯ؟ ބޭރު މީހުން ވަޒަންވެރިވުމުގެ ޖާގަ އެބައޮތްތޯ، ބޭރު ދީންތަކަށް އެ ތަންތަނުގައި ފައްޅިއާއި، ސިނަގޮގްތަކާ ހެދުމުގެ ޖާގަ އޮތްތޯ؟ ނޫނީ ކެސީނޯ ހެދުމުގެ ޖާގަ އޮތްތޯ؟ ނޫނިއްޔާ ދައުލަތުން ހުއްދަނުކުރާ ކަމެއް ކުރުމުގެ ޖާގަ އެބައޮތްތޯ، ނޫނީ ބޭނުންކަމެއް ކުރުމުގެ އިޚްތިޔާރު އެބައޮތްތޯ؟ ދިވެހިރާއްޖޭގެ ބާރު ނުހިނގާ ތަނެއްތޯ؟ ސިޔާދަތީ ޙައްޤުން މަޙްރޫމްވާ، ނޫނީ އަޅުގަނޑުމެންގެ ސިޔާދަތީ ޙައްޤުގައި އަތްނުފޯރާ ހިސާބުގައި އޮތް ތަނެއްތޯ؟ މި ސުވާލުތަކުގައި އަޅުގަނޑު ޖަވާބު މި އެރުވީ. ހަމައެޔާއެކީ މި ދެންނެވީ، ކީއްވެގެންތޯ މިކަހަލަ ބޮޑެތި އިންވެސްޓްމަންޓް ރާއްޖެއަށް ގެންނަން މި ޖެހުނީ. އަދި އެޔާއެކީ ފަހު ޖަވާބެއްގެ ގޮތުގައި މިދެންނެވީ. ދިވެހި ރައްޔިތުން އުޅޭކަށެއް، ކުރިއަށް އޮތް 100 އަހަރަށް ބެލިކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާ ގޮތުން ވެއްޖިއްޔާ، ރާއްޖެއިން ބިން ހުސްވެގެނެއްނުދޭ، މިދެންނެވި ކަހަލަ އެއް މަޝްރޫޢު، ދެ މަޝްރޫޢަށް އަޅުގަނޑުމެން ހުއްދަދީގެނެއް.

މީގެ ޕޮޒިޓިވް ސައިޑް، މީގެ ޕޮޒިޓިވް ސައިޑަކީ، އަޅުގަނޑުމެން މިކަން ކުރީމާ، އަޅުގަނޑުމެން މިދެންނެވި ގޮތަށް، 50 އަހަރުގެ ފަހުން އަންނަ ތަރައްޤީ، އަޅުގަނޑުމެންނަށް ފާސްޓްފޯވަރޑް ކުރުމުގެ ޖާގަ އަޅުގަނޑުމެންނަށް ލިބިގެންދަނީ. 5 އަހަރުގެ ތެރޭގައި، 10 އަހަރުގެ ތެރޭގައި، މިކަންކަން ހާސިލުކުރުމުގެ ޖާގަ އަޅުގަނޑުމެންނަށް ލިބިގެންދަނީ. އުފެދެނީ ނެޝަނަލް ވެލްތް، އުފެދެނީ ވަޒީފާގެ ފުރްޞަތު، އުފެދެނީ އަތޮޅުތެރޭގައި ރަށްރަށް، ނޫނީ އަތޮޅުތެރޭގައި ސަރަޙައްދުތައް ތަރައްޤީ ކުރުމުގެ ބޮޑެތި ފުރްޞަތުތައް އުފެދިގެންދަނީ. އަދި އެޔާއެކީ މި އަންނަ މިކްސް ޑިވެލޮޕްމަންޓަކީ ވަޒީފާގެ އެތައްހާސް ފުރްޞަތެއް އުފެދިގެންދާނެ ކަންކަން. އެހެންވީމާ، މި ތަރައްޤީ ހޯދަން މި ސަރުކާރުން މަސައްކަތް ކުރާނީ.

ހަމަ ކުރުގޮތަކަށް މި ދަންނަވާލީ، އަޅުގަނޑުމެން ޤާނޫނުއަސާސީއަށް މި ގެނައި އިޞްލާޙަކީ، މިވަގުތު ދިވެހިރާއްޖެއަށް އިޤްތިޞާދީ ޓްރާންސްފޮމޭޝަނަކަށް ކޮންމެހެން ބޭނުންވާނެ އިޞްލާޙެކޭ. މިއީ އިޚްތިޔާރީ ގޮތުން އަޅުގަނޑުމެން ހޯދި ބާރެއް. މީގެ ހުރިހާ ކަންކަމެއް ނިމިގެން ދާނީ، ސަރުކާރުގެ ވިސްނުމާއި، ރައްޔިތުންގެ މަޖިލީހުން ދޭ ހުއްދަތަކަކާއެކީ. ހަނިކުރުމުގެ ގޮތުން، ބާރުތައް ހަނިކުރުމާއި، ސޭފްގާޑްގެ ގޮތުން މިހާރުވެސް ޤާނޫނުއަސާސީއަށް މި ގެނެވުނު އިޞްލާޙަށް އެހެރީ އެތަކެއް ބަދަލުތައް ގެނެސްދީފައި. އެހެންވީމާ، މީގެ ދަށަކުން ބިން ނަގައިގެން، ބިން މިލްކުކޮށްގެން އަންނަ ކޮންމެ މީހަކު، އެކުރާ ވިޔަފާރިއަކީ އެއްގޮތަކަށްވެސް ޙުދޫދެއްނެތި، މިނިވަންކަމާއެކީ ކުރަން ބޭނުން ކޮންމެ ކަމެއް ކުރެވޭނެ ޖާގަ އޮތް އިންވެސްޓްމަންޓަކަށް ވެގެނެއް ނުދާނެ. އެކަމެއް ނުވާނެ. ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ފުރިހަމައަށް، އެތަނުގެ މައްޗަށް، އެ ހިނގާ މަޝްރޫޢެއްގެ މައްޗަށް، އެތަނުގައި މަސައްކަތްކުރާ ބައެއްގެ އަޚުލާޤުގެ މައްޗަށް ނުހިނގާނެ ގޮތަކީ ނެތް ގޮތެއް. އެހެންވީމާ، މި ކަށަވަރުކަން ދިވެހި ރައްޔިތުންނަށް މީޑިއާ މެދުވެރިކޮށް އެރުވުމަށް، މި ބިލު ތަޞްދީޤުކުރި ފުރުޞަތުގެ ބޭނުން އަޅުގަނޑު މި ހިފީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!