بســم اللّـه الرّحمـن الرّحيــم

މި ޢީދުގެ ބަންދުގެ ތެރޭގައި ޓީ.ވީ މެދުވެރިކޮށް ދިވެހި ރައްޔިތުންނާ އެންމެ ފުރަތަމަ ބައްދަލުކުރެވޭ ފަހަރަކަށްވާތީއާއެކީ، ފިޠުރުޢީދުގެ ތަހުނިޔާ، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އަދި ހަމައެއާއެކީ، މި ދެ މަޖައްލާގެ މަސްއޫލުވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. [ރުމާލު 2] ގެ މަސްއޫލުވެރިޔާއަށް އަދި [ތިންހަމަ]އިގެ މަސްއޫލުވެރިޔާއަށް، ދެންމެ ތަޢާރުފްގައި އެދިޔަ ވާހަކައިން އަޅުގަނޑަށް ގަބޫލުކުރެވެނީ، މިއީ އެއް ޓީމެއްގެ ތެރޭގައި ތަފާތު މަޖައްލާތަކެއް، ތަފާތު ރަހަތަފާތުކަމާއެކީ ނެރުއްވާ ދެ މަޖައްލާ ކަމަށް. އެހެންނަމަވެސް، ހަމައެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ހަމަ ޚިދްމަތްތެރި ރަނގަޅު މަސައްކަތްތަކެއް ކޮށްދެއްވާތީ، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ.

ދެން މިއަދު މީޑިއާއަށް އައިއްސަ މިއޮތް ބަދަލު، ނޫނިއްޔާ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރު ފެތުރުމުގައި އައިއްސާ އޮތް ބަދަލަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ޒުވާނުންގެ އެޓެންޝަން މިހާރު ކެޕްޗަރ ކުރަނީ ފޭސްބުކް ޕޭޖްތަކުންނާއި، އަދި ޓްވީޓްތަކުން. ދެން މި ޓްވީޓްތަކާއި ފޭސްބުކް ޕޭޖްތަކަށް ބިނާކޮށް، ނޫސްތަކުން އެއީ އަޅުގަނޑުމެންގެ ހަމަ މި ގަބޫލުކުރާ ކޮންވެންޝަން، ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރު ފަތުރައިދޭއިރު، މީގައި އަޅުގަނޑު މިއަދު ނޫސްވެރިން، ނޫނިއްޔާ މީޑިއާގެ ބޭފުޅުން ތިއްބެވީމާ، ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ، ކޮންމެ ސަރުކާރެއް އޮތަސް، ސަރުކާރުން ކުރާ ކަންތައްތައް، ރައްޔިތުންގެ ފައިދާއަށް ކުރާ ކަންތައްތައް އިންޞާފުވެރިކަމާއެކީ ކިޔުންތެރިންނާ ހަމަޔަށް ގެނެސްދެއްވުމަކީ، ހަމަ ނޫސްވެރިކަން ކުރިއަށްދާނެ ކަމެކޭ. ހަމައެއާއެކީ ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭގައި، ނޫނިއްޔާ މުއައްސަސާތަކުން ހިންގާ ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންނަށް ގެއްލުންވާ ކަމެއް، ނޫނީ އެންމެ ރަނގަޅުގޮތް ނޫން ގޮތަށް ކުރެވޭކަމެއް، ޒިންމާދާރުކަމާއެކީ، ޤާނޫނީ އިމުގެ ތެރެއިން އަނެއްކާވެސް ހަމަ ލީޑަރޝިޕާ ހަމަޔަށް ގެނެސްދިނުން، ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަކީ، ހަމަ ޖަރނަލިސްޓުން، ނޫނިއްޔާ މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރައްވަންޖެހޭ ކަމެއް.

އެހެން ނަމަވެސް، އެކިފަރާތްތަކުން ކުރާ ޓްވީޓްތަކުގެ މައްޗަށް ބިނާކޮށް، ނޫނީ ފޭސްބުކް ޕޭޖްތަކުގައި ލިޔެފައި ހުންނަ ވާހަކަތަކަށް ބިނާކޮށް، އެންމެ ހިނގާ ނޫސްތަކުގައި ބޮޑެތި އާޓިކަލް ލިޔެފައި ހުންނައިރު، ރެސްޕޮންސިބްލް، ޒިންމާދާރު ނޫސްވެރިކަމުގައި ދެފަރާތުން ބަހެއް ހޯދަން ކުރާ މަސައްކަތް ނުކުރެވި، އެއްދިމާއަކަށް މި މަސައްކަތް ކުރީމަ، މިއިން ނުކުންނަ ނަތީޖާތަކެއްވެސް ހުންނާނެ. ހަމަގައިމުވެސް އެދެވޭ ނަތީޖާއެއް ނޫން. މިއީ، ވަރަށް ސެންސޭޝަނަލް ޖަރނަލިޒަމް. ނޫނިއްޔާ އެ ބައެއް، ކިޔުންތެރިންނަށް އަމާޒުކޮށްގެން ކުރެވޭ ކަމެއް. މީގައި ޙަޤީޤަތެއް އެކުލެވޭ ކަންކަމެއް ނޫން މިއީކީ. މިހާރު ރާއްޖޭގައި ހަމަ އެންމެ ހިނގާ ނޫސްތަކުގައި، މިހާރު މި ހިނގާ ކަންތައްތަކާ ގުޅޭގޮތުން މިކަހަލަ ބައެއް ވާހަކަ އެބަ ލިޔެވޭ. މިގޮތަށް ކަންތައް ކުރެއްވީމާ، މިވާގޮތަކީ ޙަޤީޤަތުގައި އެ ރިޕޯޓެއް ގެނެސްދޭ ފަރާތަކާ ދޭތެރޭގައި، ނޫނިއްޔާ އެ މަޒުމޫނެއް، ނޫނިއްޔާ ރިޕޯޓެއް ޝާއިޢުކުރާ ފަރާތަކާ ދޭތެރޭގައި އިތުބާރު ގެއްލޭގޮތް ދިމާވޭ. އަދި ހަމައެހެންމެ އެވަރު ރިޕޯޓެއް ކެރީ ކުރަނީ ކިތަންމެ ހިނގާ ނޫހެއްގައި ކަމުގައިވީނަމަވެސް، އެ ނޫހާ ދޭތެރޭގައިވެސް ރައްޔިތުންގެ އިތުބާރު، ނޫނިއްޔާ ސުވާލު އުފައްދާނެ ޖާގަ އެބަ ލިބޭ.

އެހެންވީމާ، އަޅުގަނޑު ހަމަ އިލްތިމާސް ކުރަން، މިހެން ނޫސްތަކުގައި، ޓްވީޓްތަކުގެ މައްޗަށް ބިނާކޮށް، ނޫނިއްޔާ ސޯޝަލް މީޑިއާގައި، ދެން އެހެން ވަސީލަތްތަކުގައި ހިނގާ ކަންތައްތަކަށް ބިނާކޮށް ވާހަކަތައް ލިޔާއިރު، މައްސަލަ ރައްދުވަނީ ސަރުކާރަށް ކަމަށްވަންޏާ، ސަރުކާރުގެ ތެރެއިން މަޢުލޫމާތު ސާފުކުރެއްވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެކޭ. އަޅުގަނޑުމެންގެ ސަރުކާރަކީ، ކަންކަމާ ޒިންމާދާރުކަމާއެކީ ކުރިމަތިލާނެ ސަރުކާރެއް. އަޅުގަނޑުމެންގެ ސަރުކާރަކީ، ރައްޔިތުންނަށް ބޭނުންހުރި ކަންތައްތަކެއް ކޮށްދޭން ޢަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާ ސަރުކާރެއް.

އެހެންވީމާ، މީގެތެރޭގައި އަޅުގަނޑުމެން ފޮރުވަން ބޭނުންވާ ވާހަކަތަކެއްވެސް ނެތް. ޙަޤީޤަތް އޮތްގޮތަށް އަޅުގަނޑުމެން ކިޔައިދޭންވެސް ބޭނުންވޭ. މިސާލަކަށް މިހާރު، މިހާރު މި ނުކުންނަ މަޖައްލާގައި، ދެންމެގައި އެ ތަޢާރުފްގައި އެ އިވިގެންދިޔަ ގޮތަށް އަޅުގަނޑުމެންނާ ގުޅުންހުރި ކަމަށް މިރޭ ދެންމެ އަޅުގަނޑަށް މި އެނގިގެން މި ދިޔައީ. އެއީ މީގައި ޙައްޖު ދަތުރެއްވެސް އޮތް ވާހަކަ ވިދާޅުވީމާ.

ދެން އެކަމަކު އެންމެ ކޮންޓްރޮވަރޝަލްކޮށް، ނޫނިއްޔާ އެކަމެއް އެންމެ ބޮޑަށް އަޅުގަނޑުގެ ބޮލަށް ފުރޮޅާލަން އުޅޭ މަސައްކަތާ ބެހޭގޮތުން މީގައި ވާހަކަ އެބަހުރި ލިޔެފައި އިނގޭތޯ. އަފްރާޝީމްގެ މަރުގެ ވާހަކަ މީގައި އެބައޮތް ކަވަރ ކޮށްފައި. އަޅުގަނޑުވެސް އިންތިޒާރު މި ކުރަނީ ޙަޤީޤަތުގައި، ފުލުހުންގެ ތަޙުޤީޤު ނިމި، އަފްރާޝީމްގެ މަރުގެ، ޙަޤީޤީ މުޖުރިމުންނަކީ ކޮބައިތޯ، ދިވެހި ރައްޔިތުންނަށް އެނގޭނެ ދުވަހަކަށް. އަދި މިކަމާ ބެހޭގޮތުން އެކި މަރްޙަލާގައި، އެކި ސިޔާސީ ފޯރަމްތައް ބޭނުންކޮށްގެން، ދީނީ ބޭފުޅުން ކަމުގައިވީނަމަވެސް އަދި އެނޫން ފަރާތްތައްވެސް ޒިންމާދާރުކަމާއެކީ، މަސްއޫލިއްޔަތު އަދާކުރާ ފަރާތުން ޣައިރު ޒިންމާދާރު ކަމެއްގައި، މިކަންކަމުގެ ބަދުނާމު، މީހުންގެ ބޮލުގައި އަޅުވަން އުޅުނީމާ، ހަމަ ނުކުންނާނެ މައްސަލަތައްވެސް ކުޑައެއް ނުވާނެ. އެހެންވީމާ، މިކަންކަމަކީ ދިވެހި ރައްޔިތުންނަށް މިހާރު އެނގެންޖެހޭ ކަންކަން.

ދެން މީގައި އެންމެ ދެރަވާންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމަކީ، ދެން މިހާރު އަޅުގަނޑު މިކަމާ ބެހޭގޮތުން ތަޙުޤީޤެއް ކުރަންވެސް ފުލުހުންނަށްވެސް އަންގައިގެން މިއުޅެނީ. މި މަރުގެ މައްސަލައިގައި މަޢުލޫމާތު ހުރި އެކެއް ކަމުގައިވާ އަޒްލީފް ރައޫފް، މި މައްސަލަ ހިނގަ ހިނގާ ހުއްޓައި، ރާއްޖެއިން ބޭރަށް ދަތުރުކުރެވިއްޖެ. އަޅުގަނޑު ސުވާލު އުފައްދަން ބޭނުން، ކީއްވެގެންތޯ އޭނައަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވެންވީ. ހަމަ ޒިންމާދާރުކަމާއެކީ އޭރު އިމިގްރޭޝަންގައި ތިއްބެވި ބޭފުޅުންވެސް، އަދި އޭރު އިމިގްރޭޝަން ބަލަހައްޓަވަމުން ގެންދެވި ޑިފެންސް މިނިސްޓަރުވެސް އެބަޖެހޭ، މިކަހަލަ ކަންކަމަށް ޖަވާބުދާރީވާން.

އެހެންވީމާ، މިއަދު ޕޮލިސް އިންވެސްޓިގޭޝަން އެބަ ލޯންޗް ކުރޭ، ކީއްވެގެންތޯ މީނައަށް މިކަހަލަ މައްސަލައެއްގައި ތުހުމަތުގައި އުޅޭ މީހަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވުނީ. ދެން ކިތަންމެ ގޮތަކަށް މި ވާހަކަ އަނބުރާފައި، މި ވާހަކަ ގޮތްގޮތަށް ލިޔަން އުޅުނަސް، މީގެ ޙަޤީޤަތްތަކެއް އެބަ އެނގޭ. އެކަމަކު އަޅުގަނޑުމެންނަކީ މިވަގުތު ސަރުކާރު ހިންގަން ތިބި މީހުންނަށްވާތީ، އަޅުގަނޑުމެންނަކަށް ހީގެ މައްޗަށް، ނޫނިއްޔާ ޝައްކުގެ މައްޗަށް، ތުހުމަތުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަކަށް ވާހަކައެއް ނުދެއްކޭނެ. މިއީ އޮންގޮއިންގ ތަޙުޤީޤެއް. މި ތަޙުޤީޤުގެ ނަތީޖާ ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް މިކަންކަން ސާފުވެގެންދާނީ.

މިހާރު ހިނގާ ބައެއް ކަރަންޓް ކަންތައްތައް، ނޫނިއްޔާ މިވަގުތުގެ ހިނގާ ކަންތައްތަކަށް ބަލާއިރު، ބައެއް ކަހަލަ ޖަރނަލިސްޓުން ނޫނީ ބައެއް ކަހަލަ މަޒުމޫނުތައް، ބައެއް ޖަރނަލިސްޓުން ލިޔުއްވާފައި އެބަހުރޭ. މީގައި ހަމަ މި ފެނިގެން މިދަނީ ހަމަ މުޅިންވެސް މައްސަލައިގެ އެއްފަރާތް. މައްސަލަ ރައްދުވާ ފަރާތް އެއީ ސަރުކާރު ކަމުގައިވަންޏާ، ނޫނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވަންޏާ، ރައީސުލްޖުމްހޫރިއްޔާއަކީ ހަމަގައިމުވެސް ރައީސުލްޖުމްހޫރިއްޔާއަށް ސީދާ ނުގުޅޭ ކަމަށްވަންޏާ، ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްމަންގެ ތެރެއިން މިކަންކަން އޮޅުންފިލުވައިދޭ ފަރާތާ އެބަޖެހޭ އަޅުގަނޑުމެންނާ ގުޅާލަން. އަޅުގަނޑުމެންނާ ގުޅުއްވާފައި، އެ ކަންކަމާބެހޭ މަޢުލޫމާތު ސާފުކުރައްވައިފި ކަމަށްވަންޏާ، އެ ލިޔުއްވާ އާޓިކަލެއް، ހަމަގައިމުވެސް ރައްޔިތުންނަށް ބޭނުން ހިފޭ ގޮތަކަށް އިންޞާފު، ނޫނިއްޔާ ދެފަރާތް ހަމަވާގޮތަށް، ތިލަފަތަށް މި މައްސަލަ ކިރާލަން ލައިދެވޭނެ. މިނޫން ގޮތަކަށް ކުރައްވާ ކަމަށްވަންޏާ، ޙަޤީޤަތުގައި މީގެ ޙަޤީޤަތްތައް ރައްޔިތުންނަށް ހާމަވެގެންދާ ދުވަހެއްގައި، އެ މަޒުމޫނެއް ލިޔާ، ނޫނިއްޔާ އެ ރިޕޯޓެއް ގެނެސްދޭ ޖަރނަލިސްޓާ ދޭތެރޭގައިވެސް އަނެއް ޕްރިޖުޑީސް އުފެދެނީ. މީހުންގެ ހިތް ނުތަނަވަސްކަން، ނޫނިއްޔާ މި އިތުބާރު ކުރުން ކުޑަވެގެންދަނީ. އަދި އެ ރިޕޯޓެއް ކެރީކުރާ ކިތަންމެ ހިނގާ ނޫހެއް ކަމަށްވިނަމަވެސް، އެ ނޫހުގައިވެސް ހަމަ މި މައްސަލަ އެބަ ދިމާވޭ.

ދެން ރާއްޖޭގައި ހުރި ނޫސްތަކަށް ބަލާކަމަށްވަންޏާ، ރާއްޖޭގައި ހުރި މީޑިއާގެ ވަސީލަތްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ހަމަ ބާރުގަދަ، ނުފޫޒުގަދަ، އެކިއެކި ފަރާތްތަކުގެ ދަށުގައި، އެކިއެކި މީޑިއާތައް މިއޮތީ. އެހެންވީމާ، އެފަރާތަކުން ވާހަކަ ޓްވިސްޓް ކުރަން ބޭނުންވާ ގޮތަކަށް ވާހަކަ ޓްވިސްޓް ކުރި ނަމަވެސް، ކޮންމެވެސް ބަޔަކު އެބަޖެހޭ، ޙަޤީޤަތް އޮތްގޮތަށް ރައްޔިތުންނާ ހަމަޔަށް ގެނެސްދޭން. އަޅުގަނޑުމެން ގަދައަޅައި މި މަސައްކަތް ކުރަނީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ރައްޔިތުންނަށް ޕްލެޖް ކޮށްފައި، ނޫނީ ރައްޔިތުންނަށް ކޮށްދެވޭތޯ އަޅުގަނޑުމެން ވަޢުދުތަކެއް ހިފައިގެން އައީ. އެކަންކަން ފޫބެއްދޭތޯ. ދެން ރައްޔިތުންގެ ހިތުގައި މިކަންކަމާ ދޭތެރޭގައި ޝައްކު އުފައްދަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް، އަޅުގަނޑު ހަމަ ފަހު ވާހަކައަކަށް ދަންނަވާނީ، އަޅުގަނޑުގެ ވާހަކަ، ނޫނިއްޔާ މި ސަރުކާރުން ކޮށްދޭ ކަންތައްތަކުގެ ވާހަކަ ފެނިވަޑައިގަންނަވާނީ ތަޞްވީރުންނޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ގޮތަށް ހުރިހާ އެއްޗެއް ނުލިޔެވިދާނެކަންނޭނގެ. އެކަމަކު ބްރިޖް އަޅާ ނިމުނީމާ، ނޫނީ ބްރިޖްގެ ތަޞައްވުރު ފެނުނީމާ، އެއޮތީ ބްރިޖް އެޅިފައިކަން ގަބޫލުކުރެވޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ސްޓޯރީ، އަޅުގަނޑުމެން ދެން ކިޔައިދޭނީ ތަޞްވީރުން. އެއީ ކަންނޭނގެ އެންމެ ރަނގަޅަށް މިކަން ކުރެވޭނެ ގޮތަކީ. ޓްވީޓްގައި، ސޯޝަލް މީޑިއާގައި އެކިގޮތްގޮތަށް އެކިބޭފުޅުން، އެބޭފުޅުންގެ ދިފާޢުގައި މި ދައްކަވާ ވާހަކަ، ނޫނިއްޔާ އެބޭފުޅުންގެ ނަޒަރިއްޔާއިން ލިޔުއްވާ ވާހަކަ، އެބޭފުޅުންނަށް ލިޔުއްވިދާނެ. އެކަމަކު ޒިންމާދާރުކަމާއެކީ ރައްޔިތުންނާ ހަމައަށް މަޢުލޫމާތު ގެނެސްދޭން ތިބި ބައެއް މީޑިއާއަކީ. އެހެންވެގެން މީޑިއާއަކީ ހަތަރުވަނަ ބާރު ކަމަށް މި ކިޔެނީ. އެއްވެސް ބާރަކީ، ދައުލަތުގެ އެއްވެސް ބާރަކީ، ޙަޤީޤަތުގައި ހައްދުން ބޭރުން ނޫނީ ޤާނޫނުތަކުގެ ބޭރުން، ނޫނިއްޔާ އެބަޔަކު އަމާނާތްތެރިކަމާއެކީ އަދާކުރަން އޮތް ޒިންމާގެ ބޭރުން ކަންތައްތައް ކުރާ ކަމަށްވަންޏާ، އެ ޒިންމާ ނުއުފުލޭ ކަމަށް ރައްޔިތުން ޖަޖް ކުރާނެ.


އެހެންވީމާ، ރާއްޖޭގައި ރަސްމީކޮށް މި އޮންނަ ތިންބާރުގެ އިތުރަށް، ނޫސްވެރިކަމަކީ، ނޫނިއްޔާ ޚަބަރުފަތުރާ ވަސީލަތަކީ ވަރަށް ބާރުގަދަ ވަސީލަތެއް. އެހެންވީމާ، އެ ވަސީލަތުގައި މަޢުލޫމާތު ރައްޔިތުންނާ ހަމަޔަށް ގެނެސްދެއްވަންވާނީ، އިންޞާފުވެރިކަމާއެކީ، ތެދުބަހުން މަޢުލޫމާތު ގެނެސްދެއްވަންވާނީ. އެހެންވީމާ، މިރޭ މި ދެ މަޖައްލާ ނުކުންނައިރުވެސް އަޅުގަނޑު ހަމަ މި ދެ މަޖައްލާގެ މުއައްސިސުންނަށްވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އިންޞާފުވެރިކަމާއެކީ މައްސަލަ ހަމަހަމަކޮށް ގެނެސްދެއްވާށޭ! ސަރުކާރަށް ނުކުރެވި ހުރި ކަންތައްތައް ހުރި ކަމަށްވަންޏާ، އެކަންކަންވެސް ހާމަކޮށްދެއްވާށޭ! ހަމައެއާއެކީ، ސަރުކާރުން ކަންތައްތައް ކުރެވޭ ކަމަށްވަންޏާ، ހަމަ ވީހާގިނަ މަޖައްލާތަކުގެ ވަސީލަތުން އަދި ވީހާގިނަ ނޫސްތަކުގެ ވަސީލަތުން އަދި މިނޫން ގޮތްގޮތަށްވެސް ދެންމެ ނަޝީދުގެ ވާހަކައިގައި ވިދާޅުވިގޮތަށް، ހޮޅުއަށިތަކުގައި ދައްކާ ވާހަކައިގެ ތެރެއިން ނަމަވެސް، ހިނގާ ކަންތައްތައް ރައްޔިތުންނަށް ތެދުބަހުން ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ދޮގެއްތޯ.

އާސަންދައިގެ ވާހަކަ، ކިތަންމެ ސިނިކަލްކޮށް، ނޫނިއްޔާ ކިތަންމެ ރައްޔިތުންނަށް ސުވާލު އުފައްދާ ގޮތަށް، ނޭދެވޭގޮތަށް، ނޭއްގާނިގޮތަށް އެ ވާހަކަ ދެއްކި ނަމަވެސް، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ނިކަމެތިންނަށް، ނުފޯރާ މީހުންނަށް، ކިޑްނީ ބަދަލުކުރުން ކަހަލަ ކަންތައްތައް، ހަމަ އާސަންދައިގެ ތެރެއިން އިރާދަކުރެއްވިއްޔާ އެ ވެގެންދަނީ. އާސަންދައިގެ ޚިދްމަތް ލިބޭ ފަރާތްތަކުން މި ނިޢުމަތަށް ޝުކުރު އަދާކުރާނެ. އެހެންވީމާ، ސަރުކާރެއް އޮވެގެން، އެ ސަރުކާރުގެ މާލީ ތަނަވަސްކަން އިތުރުކުރެވިގެން، [އާސަންދަ] އެއްދުވަހުން އަނެއް ދުވަހަށް ފުޅާކުރެވިގެން ގޮސް، ގިނަ ބަޔަކަށް ޚިދްމަތް ލިބުމަކީ، އަޅުގަނޑު ހިތުން އާސަންދައިގެ ކާމިޔާބު، ރައްޔިތުންނަށް ލިބޭ ފައިދާއެއް.

އަޅުގަނޑަށް މިހެން މި ބަލައިނުލާ ވާހަކަ ދައްކާއިރު، ބައެއްފަހަރު ތަފާސް ހިސާބުގެ މައްސަލަޖެހޭ. އެހެން ނަމަވެސް، އަޅުގަނޑު މޭޒަށް ވަރަށްފަހުން އައި ރިޕޯޓެއްގައި، އާސަންދައާ ބެހޭ ރިޕޯޓެއްގައި، އަޅުގަނޑު ހަނދާންވާ ގޮތުގައި ވެއްޖިއްޔާ، ރާއްޖޭގެ އާބާދީގެ ބޮޑު ނިސްބަތެއް، މިދިޔަ އަހަރުވެސް އާސަންދައިގެ ބޭނުން ހިއްޕަވާފައި އެބަވޭ. ބޮޑު ނިސްބަތެއް. މިތަނުގައި އާސަންދައިގެ ޗީފް އެގްޒެކެޓިވްވެސް އެބަ ހުންނެވިކަންނޭނގެ. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އޭގައި އޮތީ 80 ޕަސެންޓަށްވުރެ މަތީ ޢަދަދެއް.

އެހެންވީމާ، ކިތަންމެ ނޭއްގާނިކޮށް އާސަންދައިގެ ޚިދްމަތެއް ނުދެވޭ ކަމަށް ވާހަކަ ދެއްކި ނަމަވެސް، މިއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތް. އަދި އާސަންދައިން އެކި ފަރާތްތައް ބޭހުގެ އެހީތެރިކަން ބޭނުންކުރާއިރު، މިދެންނެވި ގޮތަށް ކިޑްނީ ޓްރާންސްޕްލާންޓުން ފެށިގެން ހަމަ ބޮޑެތި ބަލިތައް އަދި ކުޅިވަރު ކުޅުންތެރިންނަށް ކަމަށްވަންޏާ، ހުޅު ބަދަލުކުރުން ކަހަލަ، މިކަހަލަ ތަފާތު އެތައް ކަމެއް، އެބަ މީގެ ކަވަރޭޖް ތެރޭގައި އެބަ ހިމަނައިދޭ.

އެހެންވީމާ، އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ ކަންތައް. ވަކި ސަރުކާރަކުން އެކަން ކުރާތީކީ ނޫން. ކޮންމެ ސަރުކާރަކުން ކުރިޔަސް، ރައްޔިތުންނަށް ފައިދާހުރި މިކަހަލަ ކަންތައްތައް ރައްޔިތުންނަށް ލިބޭ ކަމަށްވަންޏާ، ސަރުކާރެއްގެ ފަރާތުން ލިބޭ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ އެވާހަކަތައް ނޭއްގާނިކޮށް ދެއްކުމުގެ ބަދަލުގައި، އޭގެ ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދައްކާފައި، ހަމަ ޝުކުރުވެރިވުމަކީ އަޅުގަނޑުމެން އެކަން ކުރަން އަޅުގަނޑުމެންނަށް ﷲގެ ޙަޟުރަތުންވެސް އަންގަވާފައި އޮންނަގޮތް ދޮގެއްތޯ.

ދެބޭފުޅުންނަށް ނޫނިއްޔާ ދެ މަޖައްލާގެ މުއައްސިސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ތިޔަ ކުރައްވާ މަސައްކަތުގައި، ވީހާ އަމާނާތްތެރިކަމާއެކީ ރައްޔިތުންނާ ހަމަޔަށް ތެދުބަހުން ކަންތައްތައް ގެނެސްދެއްވުމަކީ، އަޅުގަނޑު ހަމަ ކޮށްލާ އިލްތިމާސެއް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!