ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ، މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

"ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. ހަމައެޔާއެކު، މި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ ރަޙްމަތްތެރި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުގެ ވެރިންނަށް އަރިސްކުރުމަކީވެސް އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެކެވެ.

މިއަހަރުގެ ފިޠުރުޢީދު ދުވަސް، ހުކުރު ދުވަހަކާ ދިމާވިކަމީ، ޢީދުގެ އުފާ އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެކެވެ. ސަބަބަކީ، އީދު ދުވަހަކީ ނުހަނު ބަރަކާތްތެރި ދުވަހަކަށްވާހިނދު، ހުކުރު ދުވަހަކީ، ހަފްތާގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސް ކަމަށްވާކަމެވެ.

ފިޠުރުޢީދު ދުވަހަކީ އުފާފާޅުކުރުމުގެ ދުވަހެކެވެ. ޝުކުރު ކުރުމުގެ ދުވަހެކެވެ. ހަމައެހެންމެ، ޢީދު ދުވަހަކީ ހިތްހެޔޮކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަސްވެސްމެއެވެ. ހަމައެހެންމެ، ޢީދުގެ މުނާސަބަތަކީ، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރޭގައި ތިބޭ އެހީތެރިކަން ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވުމުގެ މުނާސަބަތެކެވެ. އަދި އަޅުގަނޑުމެންގެ ޢާއިލީ ގުޅުންތައް ބަދަހިކޮށް، ޢާއިލާތަކުގެ މެދުގައި ލޯތްބާއި އަޚުވަންތަ ކަމުގެ ގުޅުން ޤާއިމުކުރުމާއި، ރައްޓެހިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީވެސް، މިފަދަ އުފާވެރި މުނާސަބަތުތަކުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ.

މިފުރުޞަތުގައި އަޅުގަނޑުމެން ހަނދާން ކުރަންވީ، ފިޠުރުޢީދަކީ އަޅުގަނޑުމެންގެ އީމާންކަން ގަދަކުރުމާއި، ތަޤުވާވެރިކަން އިތުރުކުރުމާއި، އިޞްލާޙުވުމުގެ މާތް މޫސުމަކާ ގުޅިފައިވާ ޢީދެއްކަމެވެ. އަދި މިއީ އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، މުޅި މުޖްތަމަޢު އިޞްލާޙުވުމަށް ލިބިފައިވާ އަގުހުރި ފުރުޞަތެއްކަމެވެ.

މާތްﷲ، މިޢީދުގެ ދުވަސްތަކަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ލައްވާށިއެވެ! އަޅުގަނޑުމެން މިހިފި ރޯދައިގެ ހެޔޮ ދަރުމައާއި ޘަވާބު، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާށިއެވެ!"

ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެން، އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.