ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ޙަރަކާތްތެރިވަމުންދާ ގޮތާ ބެހޭގޮތުން ވަޒީރުންގެ މަޖުލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ފާއިތުވެގެން މިދާ މުއްދަތުގެ ތެރޭގައި، ޙަރަކާތްތެރިވަމުންދާ ގޮތާއި، މިންވަރު ދެނެގަތުމުގެ ގޮތުން އަލުން މުޠާލިޢާ ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފާފުޅާ ގުޅިގެން، ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޙަރަކާތްތެރިވަމުންދާ ގޮތާއި މިންވަރު ދެނެގަނެ އަލުން މުޠާލިޢާ ކުރުމުގެ މުހިއްމުކަން މެންބަރުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލުތަކަށްޓަކައި ސަރުކާރުގެ އެކި ދާއިރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ. އެގޮތުން، މިމަސައްކަތްތަކުގައި އެއްވެސް ދަތިތަކެއް ހުރިނަމަ، އެކަންކަމުގައި ޢަމަލުކުރައްވާނެ ގޮތްތަކާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.